ފުލުހުން ތަހުޤީޤު ކުރަމުންދާ ބޮޑެތި ޚިޔާނާތާއި މަރުތަކުގެ ފަހަތުގައި ތުހުމަތު ކުރެވޭ ފުލުހުން އެބަތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ގެންދެވި ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ތުހުމަތު ކުރެއްވި ގޮތުގައި އެފަދަ ފުލުހުން އަޑީގައި ތިބެގެން އެ ތަހުޤީގުތައް ދަނީ އަނބުރާލަމުންނެވެ. އެފަދަ ފުލުހުންގެ ޢަމަލުތަކަކީ "އަޑީ ދައުލަތެއް"ގެ ގޮތުގައި މަޖިލީހުގެ ރައީސް ސިފަކުރެއްވިއެވެ.
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ދަނީ ފުލުހުންގެ ބައެއް ތަޙްޤީޤްތައް ބަލަމުންކަން ފާހަގަ ކުރައްވައި އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ވައްކަމުގެ ތަޙްޤީޤް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމައްސަލަ ހިނގަމުންދާ ގޮތް ބަލަމުންދިއުމުން ދިމާވާ އެއްކަމަކީ ފުލުސްއޮފީހުގައި އެ ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން ތިބުމެވެ. އެފަދަ ތުހުމަތު ކުރެވޭ ފުލުހުން ތިބެމެ އެފުލުހުން މެދުވެރިކޮށްގެން ތަޙްޤީޤެއްކޮށް، ކަންތައްތައް ނިންމުމަކީ ވަރަށް އުދަނގޫ ކަމަކަށްވާނެކަމަށް ވިދާޅުވިއެވެ.
"ވަރަށް ބޭނުންތެރި ފުލުސް އޮފީހުގައި ވައްކަމަށް ތުހުމަތު ކުރެވިފައިވާ ކުދިން މިހާރުން މިހާރަށް ވެސް ސަސްޕެންޑް ކުރުން. އެހެންނޫނީ ފުލުހުންގެ ތެރޭގައި ރަނގަޅަށް ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ވަރަށް އުދަނގޫވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ފުޅާދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ފަރާތްތަކާއި ފުލުހުންނާ އޮތް ގުޅުން މެމްބަރުން ބެއްލެވުމަކީވެސް ވަރަށް ބޭނުންތެރިކަމެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ސްޓާރފޯސް އާއި ގޭންގްތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުންވެސް އެއީ ވަރަށް ބޭނުންތެރިކަމެއްކަމަށް ވިދާޅުވިއެވެ.
"ހަމައެއާއެކު އަޑީ ދައުލަތެއް އޮތް ކަމަށް އެތައް ބަޔަކަށް އެބަ ޝަކުކުރެވޭ. އެކިއެކި ތަޙްޤީޤު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ހަމަ އެއްގޮތަކަށް ނޭނގި." ރައީސް ނަޝީދު ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި އޭނާއަށް ފާރަލީ ފުލުހެއްކަމަށެވެ. ހަމައެއާއެކު ޑޮކްޓަރ އަފްރާޝީމްގެ ޤާތިލްވެސް އަދި ފަހަކަށް އައިސް ފެނުނު ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާ އެމައްސަލަތަކުގެ ދެފަރާތުގައި ހިމެނޭ މިންވަރާ މެދު ޝައުޤުވެރިކަން ބަހައްޓަވާ ޢިލްމީ ނަޒަރަކުން ބަލަންޖެހޭ ކަމަށް މަޖިލިހުގެ ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ސުޕަރ މެޖޯރިޓީއަކީ ފުލުހުންގެ މުއައްސަސާގައި ފާހަގަ ކުރެވޭ މިފަދަ ގޯސްތައް އިސްލާހު ކުރުމަށް ދީފައިވާ ފުރުސަތެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން (އެމްޑިޕީ) އަށް ވުރެ ރަނގަޅަށް ފުލުހުންގެ މުއްއްސަސާ ދެފާރަތުން އެނގޭނެބަޔަކު ނުވާނެ. އަޅުގަނޑު އެމޭޒުގެ ދެފަރާތުގައި އިނދެއްޖައިން. އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން މިވަގުތު ދީފައިމިވާ ފުރުޞަތަކީ މިކަންކަން ރަނގަޅުކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.