ފުލުހުންގެ ބިލް ތަސްދީގުކުރާތާ ދެހަފްތާތެރޭގައި ޕޮލިސް ބޯޑު އެކުލަވާލަންޖެހޭ ގޮތަށް ބިލް ފާސްކޮށްފިއެވެ.
ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ބިލް ފާސްކުރެއްވީ 59 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސްކުރީ ކޮމެޓީން ނިންމި ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހެޅުނު ބައެއް އިސްލާހު ތަކާއެކުގައެވެ.
މަޖިލީހުގެ ތަޅުމުގައި ފާސްކުރި އިޞްލާހު ތަކުގެ ތެރޭގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން، ފުލުހަކަށް ވީތީ ލިބިފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯރޓްކުރެވިފައިވާ އޮފިސަރުންނަކީ އެމަޤާމުތަކަށް އެކަށީގެންވާ ނަޒާހަތްތެރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަންވާނެކަމަށެވެ. އެ ފަދަ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ އޮފިސަރުން މަގާމުގައި ދެމި ތިބޭނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައްވެސް މެންބަރު އީވާ ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
ފުލުހުންގެ ބިލްގައި ވާގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑެއް އޮންނަން ޖެހޭނެއެވެ. މީގެ އިތުރުން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފް ކޮމެޓީއެއް ވެސް އޮންނަން ޖެހެއެވެ.
ބިލް ކޮމެޓިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅަމުން ސަލާމަތީ ޚިދުމަތްތަކާ ބެޖޭ ކޮމެޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ބިލުގައި ހިމެނޭ ޖިނާއީ އިޖްރާތުގެ ބައިތައް ބިލުން ދޫކޮށްލައިފާ ކާމަށެވެ.
"ބަޣާވާތް" ކޮށްފިނަމަ ޢަމަލުރާނެ ގޮތް ވެސް ބިލުގައި ކަނޑަ އަޅައިފައި ވެއެވެއެވެ.