އުމުރުން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ފުލުހަށް ހުށަހެޅުނެވެ. މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިންނެވެ. މި ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރުއެވެ. އަދި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އިސްވެދެންނެވުނު އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނިކަމަށް ފުލުުހުން ބުނެއެވެ. އަދި އެ އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހަކު ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހްޤީޤް ކުރަމުންނެވެ.