އިންސާނީ މުޖުތަމައަކަށް ލިބެންޖެހޭ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަން: ހޯމް މިނިސްޓަރ

އިންސާނީ މުޖުތަމައަކަށް ލިބެންޖެހޭ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރި ފުލުހުންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަމާންކަމާއި ރައްކާތެރިކަމުގެ އިތުރުން ފުދުންތެރިކަމާއި ތަނަވަސް ކަމަކީ ވެސް މުޖުތަމައަށް ލިބެން ޖެހޭ މުހިންމު ބަހާއެއްކަން ހޯމްމިނިސްޓަރ ފާހަގަ ކުރެވިއެވެ. މިއަދުގެ ދުނިޔޭގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެން އަންނަނީ ފުލުހުން ކުރާ މަސައްކަތުންކަންވެސް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ބޮލުގައި އެޅިފައިވަނީ މުހިންމު ޒިންމާއެއްކަން ހަނދާންކޮށްދެވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ފުލުހުންނާ ދޭތެރޭގައި ވަރަށް މަތީ އުއްމީދުތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން  ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ފުލުހުންނަށް ޤާއިމްކޮށް ދޭން ޖެހޭ ވަޞީލަތްތައް ޤާއިމްކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

ފުލުހުންނަކީ  ރައްޔިތުން އެދޭ ފަދަ ޚިދުމަތެއްދޭ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯބި ލިބިގެންވާ ބަޔަކަށް ވުން މުހިންމުކަން ފާހަގަ ކުރައްވައި މިސިފަ ފުރިހަމަކުރުމަށް ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާތަޔްކުރުމަކީ ކޮންމެ ފުލުހެއްގެވެސް ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަން ވެސް ހޯމް މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ. ފުލުހުންގެ ފަރުދަކު ނުވަތަ މަދު ޢަދަދެއްގެ ފުލުހުން ކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދުމަކީ ހިތާމަފުޅު ކުރައްވާ ކަމެއްކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.  

ފުލުހުންގެ މުއައްސަސާއަކީ ހަރުދަނާ އުޞޫލުތަކެއް ޤާއިމްކޮށްފައިވާ ޤާބިލް ފުލުހުން ތަކެއް ތިބި މުޢައްސަސާއެއްކަމަށް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިސަރުކާރުގެ 17 ވަރަކަށް މަސް ދުވަހު އަމާންކަން ބަލަހަށްޓަން ފުލުހުން ކުރިމަސައްކަތުން ލޭ އެހޮރުވުންފަދަ ކުށްތައް މަދުވެގެން ގޮސްފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

ހުޅުމާލޭގައި ފުލުހުންގެ ފުރިހަމަ ސްޓޭޝަނެއް ޤާއިމުކުރެވުމަކީ ފުލުހުންގެ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރ ފާހަގަ ކުރެވިއެވެ. ހުޅުމާލޭގައި އާބާދީ އިތުރުވެ، ޚިދުމަތްތައް ގިނަވެ، ރައްޔިތުންގެ ޙަރާކާތްތައް ފުޅާވެ، މުޅި ވެށްޓަށް އަންނަ ބަދަލުތަކާއެކުގައި ހުޅުމާލޭގައި ފުލުހުން ދޭންޖެހޭ ޚިދުމަތްތައްވެސް ފުޅާ ކުރަން ޖެހޭކަން ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި ފުލުހުންގެ އާ ޢިމާރާތަކީ 2017 ގައި މަސައްކަތް ފެށި 27.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ޢިމާރާތްކޮށްފައިވާ ތަނެކެވެ. މިއަދު އެ އިމާރާތް ހުޅުވިގެން ދިޔައިރު މިއަދަކީ ދިވެހި ފުލުހުން މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަތާ 16 އަހަރު ފުރުނު ދުވަހެވެ. ދިވެހި ފުލުހުން މަދަނީ ބަޔަކަށް ބަދަލުވެފައި ވަނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހުއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.