މަސްެވެރިިންނަށް ދިމާވާ މައްސަލަތައް ހައްލުުކުރުމަށް ގޮވާލައި ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދާމް ޝަރީފް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އިގްތިސާދީ ކޮމެޓީއަށް ފޮނުވައިފިއެވެ. ޤަރާރު މަޖިލީހުން ބަލައިގަތީ 60 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅި ގަރާރު ހުށަހަޅައިފައި ވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމުން ބޭކާރު ގިނަ ހަރަދުތަކެއް ހިނގައި ތަކުލީފް ތަކެއް އުފުލަން ޖެހޭތީކަމަށް ވިދާޅުވެއެވެ. އަދި ކިރާމަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ޤަރާރުގައި ވަނީ ގޮވާލައިފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކުރިގެން މަހަށް ނުފުރި ގިނަ ދުވަސް ތަކެއް އާއިލާއާއި ދުރުަގައި ތިބެން ޖެހޭކަން ވަނީ ފާހަގަ ކުރައްވައިފައެވެ. ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަމަހުގެ އަގު ދަށަށް ގޮސްފައިވާކަން ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަށީގެންވާ ޢަދަދަކަށް ބޮޑު ކަންނެލި ބޭނިއްޖެނަމަ.، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތަކަށް ގެއްލުން ލިބި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ވަނީ ފާހަގަ ކޮށްފައެވެ.