ކޮންކޯޑުގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

އައްޑޫ ސިޓީ މަރަދޫ ކޮންކޯޑު ދޯނި މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވަނީ މއަދު ހެނދުނު 9:20 އެހައިކަންހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެދޯނި މަހަށް ފުރައިފައިވަނީ މިދިޔަ ހުކުރުދުވަހު 18:00 ގައެވެ. އެންމެ ފަހުން އެދޯންޏާ ގުޅިފައި ވަނީ ސެޓްލައިޓް ފޯނުން ރޭ 18:10 އެހައިކަންހާއިރު ކަމަށް ދޯންޏާ ގުޅުންހުރި މީހެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑިއެފުން ވިދާޅުވިއެވެ.

އެދޯނީގެ ޚަބަރެއް ނުވެދިޔައީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެމައްސަލަ ހައްލުކޮށް ދަތުރު ކުރަމުން ދާކަމަށްވެސް ދޯންޏާ ގުޅުންހުރި ފަރާތުން އެމްއެންޑީއެފަށް މައުލޫމާތު ދެއްވި ކަމަށް އެމްއެންޑީއެފް ވިދާޅުވިއެވެ.
ސަތޭކަ އަށް ފޫޓޫގެ އެދޯނިން 25 ދިވެހިން ދަތުރުކުރާ ކަމަށްވެސް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތުލިބިފައި ކަމަށްއެތަނުން ވިދާޅުވިއެވެ.

އެ ދޯންޏަކީ ބޭރުގައި ނޫ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ދަވާދު ލާފައިވާ ދޯންޏެކެވެ.

އެ އުޅަނދާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.