ކޮންކޯޑު އަދިވެސް މަސްވެރިކަމުގައި، އެންމެންގެ ހާލުވެސް ރަނގަޅު:ތައްޔިބު

ގެއްލިގެން ޚަބަރެއް ނުވެފައިވާ ކަމަށް ބުނި މަރަދޫ ކޮންކޯޑު ދޯނި މިހާރުވީ އައްޑުއާ 50 މޭލު ބޭރު ދުރުގައި މަސްވެރިކަން ކުރުމުގައި ކަމަށާއި އެއިން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅު ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

ދޯނީގެ ވެރިޔާ އަހުމަދު ސައީދުގެ ކޮއްކޮ އަދި އައްޑޫސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަބްދުﷲ ތައްޔިބު (ޓޮމް) ވިދާޅުވީ ދޯނި ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނުގައި ކަމަށެވެ. އެރިޕޯޓާ ގުޅިގެން އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރު ދޯނި ހޯދުމުގެ މަސައްކަތަށް ނުކުތެވެ.

ހެލިކޮޕްޓަރަށް ދޯނި ފެނުނީ އައްޑޫސިޓީގެ ހުޅަނގު ދެކުނުން 32 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އައްޑުއާ ދިމާއަށް ދޯނި ދަތުރު ކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައި ވެއެވެ. ދޯނި އަންނަންވާ އިރަށް މަރަދޫ ބަނދަރަށް ދިޔުމަށް ބައެއް މީހުން ތައްޔާރުވެސް ވިއެވެ. އެހެންނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި މިއަދަކު ދޯނި ނާންނާނެއެވެ.

ދޯނި ގެއްލުމުގެ ހާދިސާގައި އޮޅުންތަކެއް

ޓޮމް ވިދާޅުވީ އެދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންނެވީ އިއްޔެ 18:10 އެހައިކަންހާއިރު ކަމަށެވެ. އެހިސާބުން ދޯންޏަށް ގުޅަން މަސައްކަތް ފެށީ ކަމަށްވެސް ވިދާޅުވިއެވެ. ދޯންޏަށް ގުޅަން މަސައްކަތްކުރީ ސެޓްލައިޓް ފޯނު މެދުވެރި ކޮށެވެ. "ގުޅަން އުޅެނިކޮށް އެމީހުންނާ ގުޅިފައިވަނީ ރޭ އަށްގަޑި ސައުވީހުގައި. އޭރު ދޯނިވީ އައްޑުއާ އަށްޑިހަ މޭލު ދުރުގައި. އެމީހުންބުނި އިންޖީން އިސްޓާޓު ކުރުމަށް މައްސަލަ ދިމާވެފައިވާ ކަމަށް. އެހިސާބުން ދެ އިންޖީނިއަރަކާ ދޯނީގެ ކެޔޮޅާ ވާހަކަ ދައްކުވައިދީގެން އެ މައްސަލަ ހައްލު ކުރެވުނު. އަދި އެހިސާބުން ދަތުރު ފެށި،" ޓޮމް ވިދާޅުވިއެވެ.

ދޯނި ނުފެނިގެން ކަންބޮޑުވާ ހިސާބަށް

ޓޮމް ވިދާޅުވީ އެފަހުން އެއްގޮތަކަށްވެސް ދޯނީގެ ޚަބަރެއް ނުވާކަމަށެވެ. ސެޓްލައިޓް ފޯނަށްވެސް ނުގުޅޭ ކަމަށެވެ. "ދޯނީގައި އޮންނާނީ އައު ސެޓްލައިޓް ފޯނެއް. އޭގައި ބެލެންސް ވެސް ހުންނާނެ. ދޯންޏަށް ނުގުޅިގެން އުރީދޫއަށްވެސް ގުޅިން. އެތަނުން ބުނީ ގެޅެންވާނެޔޭ. ކޮންމެ ގޮތެއްވިޔަސް ރޭ ގުޅުނު ފަހުން ޚަބަރެއްނުވޭ. އަސްލު ބޮޑަށްވީ ގޮތަކީ ބައެއް މީޑިއާގައި އެ ޚަބަރު ގެނައި ގޮތުން އޮޅުންބޮޅުންވީ. އާއިލާތައް ސީރިއަސްވީ. އެހީސާބުން އަޅުގަނޑުވެސް އެމްއެންޑީއެފްއަށް ހެނދުނު ގުޅާފައި މައުލޫމާތު ފޯރުކޮށްދިނީ. އޭރު މައުލޫމާތު ލިބިފައިވަނީ ދޯނީގެ މީހުން ރެސްކިއު ކޮށްގެން އެމްއެންޑީއެފުން ގެންނަކަމަށް. އެހިސާބުން ހާސްވާނެތާ،" ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރަށް ދޯނި ފެނުނުއިރު އޮތީ މަސްއައިނެއްގައި ކަމަށް ކެޔޮޅު ނުވަތަ ކެޕްޓަން ފަހުން ބުނި ކަމަށެވެ. އަދި ހެލިކޮޕްޓަރުގެ އަޑަށް މަސްއައިން އަޑިއަށްދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންކޯޑުގެ ކެޕްޓަނަކީ އިރާދަ ކުރެއްވިއްޔާ ވަރަށް ވަރުގަދަ ކެޕްޓަނެއް. ހެލިކޮޕްޓަރު ދިޔުމުން އެމީހުން އަޅުގަނޑަށް ގުޅާފައި ބުނީ ކީއްކުރަންހޭ ހެލިކޮޕްޓަރު ފޮނުވީ. އިންޖީން ރޭ ރަނގަޅުވި ގޮތަށް ބަރާބަރޭ. ތިމަންނަމެންގެ އެންމެވެސް ގަދަވެ ސަލާމަތުންނޭތިބީ. އަސްލު ދޯނީގެ މީހުންނަކަށް ނޭނގޭ ރަށުގައި ތިބި މީހުން ހާސްވެގެން އުޅުނު ވަރެއް. އެހެންތާވާނީ އެމީހުން (ދޯނީގެ މީހުން) ގަބޫލުކުރާ ގޮތުގައި އެމީހުންނަށް އެއްވެސް ކަމެއް ދިމާނުވޭ ވިއްޔާ. މައްސަލައަކަށް ދީމާވީ ރޭ އެމީހުންނަށް ގުޅުނު ފަހުން ނުގުޅުމާއި ބައެއް މީޑިއާތަކުގައި ހަގީގަތް ނުބަލައި މިކަމުގެ ޚަބަރުތައް ފެތުރުން،" ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދޯނީގައި ދެ ހަފްތާގެ ކޮއްތާއި ބޯފެނާއި އެހެން ސާމާނުވެސް ހުންނާނެ ކަމަށެވެ. އަދި ދިޔަ ހިއްކާ ސާމާނާއި މުޅިން އައު ސެޓްލައިޓް ފޯނެއްވެސް އޮންނާނެ ކަމަށެވެ. މި ސާމާނާއި ކެޕްޓަންގެ ހުޝިޔާރު ކަމަށް ބަލާއިރު ދޯންޏަށް ދިމާވީ މާބޮޑު ކަމެއް ކަމަށް ދޯނީގެ މީހުންވެސް ނުދެކެއެވެ.

ދޯނި ރަށަށް އަންނާނެ ދުވަހެއް ވަގުތެއް ޓޮމްއަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. "އަޅުގަނޑުމެންނަށް ފަންސާސް މޭލު އެއީ ވަރަށް ދުރުކަމަށްވިޔަސް އެމީހުންނަށް އެއީ ދުރެއްނޫން. އެމީހުންނަކީ އަށްޑިހަ މޭލުން މަސްބާނާ މީހުން. މަސްވެރިކަން ކޮށްފައި އެމީހުން އަންނަން ބޭނުންވީމާ ދެން އަންނާނީ،" ޓޮމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.