އެސްޑީއެފްސީއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭފަދަ ވާހަކަ ތަކެއް ބަޖެޓް ރިޕޯޓުގެ ބަހުސް ގައި ވިލުފުށީީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ހާމަކުރައްވައިފިއެވެ.
މެމްބަރު ޢަފީފު ވިދާޅުވީ އެޗްޑީއެފްސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި ޕްރަޕޯޒަލެއް ފީޒިބަލް ނުވާކަމަށް ވިދާޅުވެ އެ ޕްރަޕޯޒަލް ގަބޫލުނުކޮށް އެހެން މީހަކު ހަމަ އެ ޕްރަޕޯޒަލް ހުށަހެޅުމުން ގަބޫލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޕްރަޕޯޒަލް ގަބޫލުކޮށްފައި ވަނީ 90 ހާސް ރުފިޔާ އެތަނުގައި ތިބި ބަޔަކަށް ދިނުމުންކަމަށެވެ. އެފަދަ ކަންކަން ސަރުކާރުގެ ކުންފުނުތަކުގައި ހިންގަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މެމްބަރު ޢަފީފު ވިދާޅުވިއެވެ.
"މިފަދަ ކަންތައް ސަރުކާރުން ވަރަށް ފަރުވާ ތެރިކަމާއެކު ބަލަން އެބަޖެހޭ. ޚާއްސަ ގޮތެއްގައި އޮޑިޓަރ ޖެނެރަލަށް އަޅުގަނޑު ގޮވާލަން މިފަދަ ކުންފުނިތަކުގެ އޮޑިޓްތައް ހައްދަވައި މިހެން ހުންނަ ކަންތައްތައް ބަލާ އެކަންތައްތައް ހުއްޓުވުމަށް." މެމްބަރު ޢަފީފު ވިދާޅުވިއެވެ.
ބަޖެޓުން ދާއިރާތަކަށް ކަންތައްތަކެއް ވާން ބޭނުންވާއިރު ދައުލަތަށް އާމްދަނީ ލިބެން އޮންނަ ގޮތްތަކާމެދުގައި މެމްބަރުންވެސް ވިސްނަންޖެހޭ ކަމަށް ބަޖެޓް ރިޕޯޓަށް ވާހަކަ ދައްކަވަމުން މެމްބަރު ޢަފީފު ވިދާޅުވިއެވެ. ދައުލަތަށް ލިބެން އޮންނަ އާމްދަނީ ކުޑަވާ ގޮތަށް ވާހަކަ ދައްކާފައި ޚަރަދު ބޮޑުވާ ގޮތަށް މަޝްރޫއުތައް ހިންގަން ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓްގައި ކަންތައްތަކެއް ޖަހާފައި ހުރި ނަމަވެސް އާމްދަނީ ނުލިބި އެކަންކަން ނުކުރެވޭނެކަމަށް މެމްބަރު ޢަފީފު ފާހަގަ ކުރެއްވިއެވެ. އާމްދަނީ ލިބެން އޮތް މަދު ވަސީލަތްތަކުން ދައުލަތުން ކަންތައް ކުރުމަށް ސަރުކާރަށް މެމްބަރުން އެއްބާރުލުން ދޭން ޖެހޭކަމަށްވެސް މެމްބަރު ޢަފީފު ވިދާޅުވިއެވެ.
އާމްދަނީ ލިބޭނެކަމަށް އުއްމީދީ ވާހަކަތަކެއް ބަޖެޓްގައި އެބަހުރި ކަމަށް މެމްބަރު ޢަފީފު ފާހަގަ ކުރެއްވިއެވެ. އުއްމީދުތަކެއް ދީފައި އުއްމީދުތަކާ އެއް ގޮތަށް ކަންކަން ނުދަންޏާ ދެން ރައްޔިތުންނަށް ލިބޭ މާޔޫސްކަން މާބޮޑު ވާނެކަމަށް ވިދާޅުވިއެވެ.
އާމްދަނީ ލިބޭނޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވަނީ ބޮންޑް ސުކޫކު ފަދަ ކަންކަމުންކަމަށް ވިދާޅުވާއިރު މިއަހަރު މިހާތަނަށް އެފަދަ ކަންކަން ހާސިލު ވެފައި ނުވާކަން ފާހަގަ ކުރެއްްވިއެވެ.