މީހުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވުމާއި ވައްކަންކުރުމަކީ ، އަދި އެއްބަޔަކު އަނެއްބަޔެއްގެ މުދާ ޙަރާމްގޮތުގައި ކެއުމަކީ ، ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މިއީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްވަނީ ދިވެހިންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. ޙައްޤުގެ މަގުން އެއްކިބާވެގެންވާ ބޮޑެތި ފާފަތަކެވެ. އަނެއް އިންސާނާގެ ޙައްޤުތަކެއް އެކުލެވިގެންވާ ބޮޑުވެގެންވާ ޖަރީމާއެކެވެ. ވަގުންނަކީ ޢިއްޒަތްތެރި ބަޔަކަށްވެ ، މަގުއޮޅި ، އެފަދަ މީސްމީހުންނާއެކު އުޅޭ މީހުން ވަރަށް ގިނައެވެ. ބޮޑެތިވެގެންވާ ވަގުންނަށް އަތްގާތްކޮށްދޭން ، ވަގުން ޙިމާޔަތް ކޮށްދޭން އަދި ވަގުންގެ ވިޔަފާރި ކުރިއަރުވައިދޭން އެތައް ބަޔަކު އަތުކުރި އޮޅާލާފައި މިމުޖްތަމަޢުގައި އެބަ އުޅެއެވެ. ޚިޔާނާތްތެރިވުމާއި ވައްކަން ކުރުމަކީ ، ފެޝަނަކަށްވެ ، ޢާންމުކަމެއްގެ ގޮތުގައި މުޖުތަމަޢުން ބަލައިގަންނަމުން އެބަގެންދެއެވެ. ވެރިކަމުގެ ނިޒާމާއި ޝަރުޢީ ނިޒާމުން ފެށިގެން ޤާނޫނުހަދާ މީހުންގެ ތެރެއިން ބައެއްއމީހުންނާ ދިމާއަށް އެއީ ވަގެކޭ ބުނެވުނު ނަމަވެސް ، އެފަދަ މީސްމީހުންގެ ވަގުފައިސާ ޢާންމު އުޞޫލުން މުޖުތަމަޢުގައި ދައުރުވަމުން އެބަދެއެވެ. މުޅި މުޖުތަމަޢު މިވަނީ ވަގުފައިސާއިން ފަސާދަވެގެން ގޮސް ބިރުގަންނަ ހިސާބެއްގައެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެންމެ ބާރަށް ، ކަރަށް ނާރުއަރުވާފައި ދެއްކީ ކުރީ ސަރުކާރުގެ ޚިޔާނާތުގެ ވާހަކައެވެ. ބޮޑެތި ޢަދަދުތަކުން ވައްކަން ކޮށްފައިވާ ވާހަކައެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް ، އެމްޑީޕީން ރައްޔިތުންނަށް ވިއްކީ ހަމަ އެވާހަކައެވެ. ޝަރުޢީ ނިޒާމު އިޞްލާޙުކޮށް ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ރައްޔިތުން ނަށް ހޯދައިދޭނެ ވާހަކައެވެ. އެވާހަކަ ވަރަށް ރަނގަޅަށް އެމްޑީޕީން ވިއްކައިފިއެވެ. ރައްޔިތުން ނުކުމެ ވެރިކަމާއި މަޖިލިސް އެމްޑީޕީއަށް ހިތަކަށް ދީފިއެވެ.
ވެރިކަމުގައި ، ގޮނޑިތަކުގައި މީސްމީހުން އިށީން ހިސާބުން ، ދެން އަޑުއިވެން ފެށީ އެމްޑީޕީގެ ނުވަތަ މިހާރު ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައިވެސް ވަގުންތިބި ވާހަކައެވެ. ބޮޑުންނާ ރައްޓެހި ބައެއް ކުންފުނިތަކަށާއި މީހުންނަށް ދައުލަތުގެ މާލިއްޔަތުން ބަދަލުދީ ، ބަޖެޓް އަގަޑަ ބަގަޑަ ކޮށްލާ ވާހަކައެވެ. ކޯޓުގެ ޙުކުމްތަކުގެ ތެރެއިންނާއި ކޯޓުން ބޭރުގައި ކުރެވުނު މުޢާމަލާތު ތަކަކާ އެކުގައެވެ. ކުރީ ސަރުކާރުން ބާތިލުކުރި އެގްރީމެންޓް ތަކެއްގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތުން ބަދަލު ދޭން ޖެހުނު ވާހަކަ ދައްކާނެއެވެ. ކުރީ ސަރުކާރުން ކަނޑާލި މުއައްޒަފަކަށް ވަޒީފާދީ ބަދަލު ދޭންޖެހުނު ވާހަކަ އަތުވެދާނެއެވެ. މިއީ ޙައްޤު ގެއްލިފައިވާ ބަޔަކަށް އިންސާފު ލިބުނީ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެފަރާތްތަކަށް ދޭބަދަލަކީ ރައްޔިތުންގެ މާލިއްޔާއިން ދޭންޖެހޭ އެއްޗަކަށް ވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެ ފަރާތްތަކުގެ ޙައްޤު ގެއްލުމުގައި ކުރީސަރުކާރަކުން ކަމަށްވިޔަސް އިހުމާލުވާ ބަޔަކު ތިބޭނެއެވެ. އެފަދަ މީހުން ފިޔަވާ މުޅި ސަރުކާރު އެ ފަރާތްތަކުގެ ޢަމަލުތަކަށް ޒިންމާވުން އެއީ އަދި ރައްޔިތުންނަށް ޤަބޫލުކުރެވޭ އިންސާފުކަމަށް ނުވެ ހިނގައިދާނެއެވެ.
ޙައްޤު ގެއްލިފައިވާ ފަރާތްތަކަށް އަލުން ވަޒީފާ ހަމަޖެއްސިޔަސް ، އަދި އެގްރީމެންޓް ބާތިލުވުމުން ބަދަލުދޭން ނިންމިޔަސް އެކަމުގައި ހިމެނޭ ފައިސާ ދެވެން ޖެހޭނީ ، އެޙައްޤެއް ގެއްލުވާލުމުގައި ޒިންމާ ނަގަންޖެހޭ ފަރާތުންނެވެ. ސަރުކާރަކުން ، ރައްޔިތުންގެ ފައިސާއަކުން ނޫނެވެ. އަލުން ވަޒީފާދީ ، ބަދަލުދީ ހެދުމަށް ނިންމާ ނިންމުންތަކުގައި ޒިންމާވެ އިހުމާލުވި ފަރާތްތަކަށް ލިބޭ އަދަބެއް ނެތެވެ. އެޢަމަލެއްގައި އިހުމާލުވި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ނުވަތަ ހަދިޔާގެ ގޮތުގައި ފައިސާއާއި ތަކެތި ލިބިފައި ހުރެދާނެއެވެ. މަޤާމު މަތިކޮށްދީފައި ހުރެދާނެއެވެ. މިހެން ދިމާވާނީ ބޮޑަށް ސިޔާސީ ނިންމުންތަކަކާ ގުޅިގެންނެވެ. އެފަދަ ކަންކަމުގައި ސަރުކާރުން ޒިންމާވާން ޖެހޭނަމަ ، އަބަދުވެސް އެކަން ހިނގާނެއެވެ. ސިޔާސީ ފައިދާއަށް އަދި ޒާތީ ފިޔަވަޅަކަށްވެ ، އެކަމުގެ ޝިކާރައަކަށް ވާމީހުން ގިނަވާނެއެވެ. އެހެން ނަމަވެސް ، އެފިޔަވަޅު އެޅުމުގައި ޒިންމާވާ ފަރާތަށް ޙައްޤު އަދަބެއް ލިބޭނެކަން އެނގޭނަމަ އެކަމެއްކުރަން ޖެހިލުން ވާނެއެވެ. އެފަދަ ފަރާތްތަކަށް އަދަބެއް ނުލިބޭނަމަ ، ކުރީ ސަރުކާރުތަކުގެވެސް އަދި މިހާރުގެ ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގައި އަދި ކޮންމެ ކުންފުންޏެއްގައިވެސް ޚިޔާނާތާއި ވަށްކަމުގެ އަސަރު ނުފިލާ ދާއިމަށް ހުރެދާނެއެވެ.
އެމްއެމްޕީއާރސީގެ ބޮޑު ވައްކަމުގެ ވާހަކަޔަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. މެދު އުޑުގައި ގުގުމަމުން ދިޔަ މިއަޑު އިދިކޮޅު ފަރާތްތަކަށް ކަނޑުވައެއް ނުލެވުނެވެ. އެތައް މަސައްކަތެއް ކޮށްގެންވެސް ، އަޑު ކަނޑުވާލެވޭވަރަށްވުރެ ބިޔަ ވަށްކަމަކަށް ވާތީއެވެ. މިވަށްކަމުގައި ޝާމިލުވާ ވަގުން ދެސަރުކާރުގައިވެސް އެބަތިބިކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. މީގެ އިތުރަށް ، އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންގެ ތެރޭގައިވެސް "ޢިއްޒަތްތެރި" ވަގުން އެބަތިބި ކަމަށްވެސް ގިނަބަޔަކު ޤަބޫލު ކުރެއެވެ.
ވަށްކަމާ ގުޅިފައި ހުންނަ މައްސަލަތައް ނިމުން ލަސްވުމަކީ ، ޢަދްލު އިންސާފަށް ހުރަސް އެޅި މުޅި މައްސަލަ އޮޅުންބޮޅުންވެ ކުރިޔަށް ގެންދަން އުނދަގޫވާނެ ކަމެކެވެ. އެކަން މިހާރުވެސް އެބަ އެނގެއެވެ. ކުރީ ސަރުކާރުން ވައްކަންކުރި ގިނަބަޔަކު ، ފުރުޞަތުގެ ބޭނުން ހިފައިގެން މިހާރުވެސް ފިލައިގެން ގޮސް ބޭރުގެ އެކި ޤައުމުތަކުގައި އެބަތިއްބެވެ. ވަގުންގެ ފަރާތުން އެއްބާރުން ހޯދަންޖެހޭނީ ގަދަކަމުންނެވެ. އަދި އެވަށްކަމާ ގުޅިފައިތިބި އެކިއެކި މީސްމީހުން މާލޭގައިވެސް މިނިވަންކަމާއެކު ދިރިއުޅެމުން އެބަ ގެންދެއެވެ. މަޖިލިސް މެންބަރުން އެބަތިއްބެވެ. ޤާޒީން އެބަ އުޅެއެވެ. މިސަރުކާރުގެ ބޮޑުންވެސް ހިމެނެއެވެ.
އެމްއެމްޕީއާރސީގެ ބޮޑުވަށްކަމަށް ބަލާއިރު ، މިހާތަނަށް ޙުކުމެއް ކުރެވިފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އެ ވަށްކަމުގެ ބޮޑުންކަމަށް ވެދާނެއެވެ. މުލުވަގަކީ ކޮބައިކަމެއް އަދިވެސް ނޭނގެއެވެ. ދަޢުވާކުރަން ، އެންމެފަހުން ފޮނުވިފައިވަނީ ކުރީގެ މަޖިލިސް މެންބަރެއްގެ މައްޗަށެވެ. އެއީ އަނގަޔަށް ފެން އަޅައި ، ކޯދޮވެ ، އެފެނުން އަންހެން މެންބަރެއްގެ މޫނަށް ކުޅުޖެހި މީހެކެވެ. ޕީޖީ ގްރޫޕްގެ ލީޑަރެކެވެ. މަޖިލީހުގެ ރައީސެއްގެ މަންމާފުޅާ ބެހި ، އަވަގުރާނަ ގޮވި " ޢިއްޒަތްތެރި މެންބަރު " ވެސް މި ގްރޫޕްގައި ހިމެނެއެވެ.
އެންމެ ފަހުން ފޮނުވުނު ދަޢުވާ ބިނާވެފައިވަނީ އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށެވެ. އެމްއެމްޕީއާރސީގެ ވަށްކަމާގުޅިފައިވާ ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދެން ޖެހޭނެއެވެ. ދަރިންނާއި ތިމާގެ އެހެން މީސްމީހުންގެ ނަންމައްޗަށް ސޮހިގެންގޮސްފައި ހުރި މުދަލާއި ފައިސާވެސް މި އުޞޫލުން ނެގެން ޖެހޭނެއެވެ. އެހެނީ ، ކުށްކޮށްގެން ހޯދާފައިވާ ފައިސާއަކީ ބެންކުގައި ބަހައްޓަން ހޯދާނެ އެއްޗަކަށް ނުވާނެތީއެވެ. އެފައިސާ އަށް މާލެއިން ބިންގަނެ ، ގެދޮރު އަޅައި ކަންނެލި އޮޑި ގަނެ ، އެޕާރޓްމަންޓް ގަނެ ، ރެސްޓޯރަންޓާއި ފިހާރަ ހުޅުވައި ކާރުގަނެ ، ކުއްލި އަދި ނުޙައްޤު މުއްސަނދިކަން ހޯދާފައިވާ އެތައްބަޔަކު އޭގެތެރޭގައި އެބަ ހިމެނެއެވެ. އަދި ރޯލުވާގޮތަށް ވިޔަފާރީގެ ނަފާހޯދަން އިންވެސްޓްކޮށްގެން އުޅޭބަޔަކުވެސް އެބަ އުޅެއެވެ. ރައްޔިތުންގެ މާލިއްޔާއިން ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގައި އިންސާފަކަށް ވާނީ ، އެކަމުގައި ޝާމިލްވާ އެންމެންނަށް ދަޢުވާ ކުރެވިގެންނެވެ. އޭގެ ތެރޭގައި ވަގުންނާއި ވަގުންގެ އަނބިދަރިން އަދި ތިމާގެ މީހުން ހިމެނިދާނެއެވެ. ސަރުކާރާ ދެކޮޅަށް އަނގަފުޅާކޮށް ބާރަށް ހަޅޭއްލަވާ މީހުންވެސް މީގެތެރޭގައި ހިމެނިދާނެއެވެ. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ބައެއް ވެރިންވެސް މީގެ ތެރޭގައި އެބަ ހިމެނެއެވެ. ރަނގަޅަށް ، ހުނަރުވެރިކަމާއެކު ވަށްކަންކުރަން އެނގެންޏާ ވަށްކަންކުރާ މީހާގެ އަމިއްލަ އެކައުންޓްގައި އަދި އަމިއްލަ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނުބަހައްޓާނެއެވެ. ނުވަތަ ނުހުންނާނެއެވެ. ރަނގަޅަށް ވިއްޔާ ދުއްވާ އަގުބޮޑުކާރާއި އިނގިލީގައި އަޅާ އަގުބޮޑު އަނގޮޓި އަދި އަތުކުރީ އަޅާ ރޮލެކްސް ގަޑިފަދަ ތަކެތިވެސް ހުންނާނީ އެހެން މީހެއްގެ މިލްކިއްޔާތުގެ ތެރޭގައި ކަންނޭނގެއެވެ.
ކުރިންވެސް ދެންނެވިފަދައިން ، އެއްބަޔަކު އަނެއްބަޔެއްގެ މުދާ ބާތިލްގޮތުގައި ކެއުމަކީ ، ﷲ ނަހީކުރައްވާފައިވާ ކަމެކެވެ. ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. " އަދި ތިޔަބައިމީހުންގެ މުދާތައް ، ތިޔަބައިމީހުންގެ މެދުގައި ބާތިލްގޮތުގައި ނުކާށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ ، މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ، ފާފަވެރިގޮތުގައި ، ކެއުމަށްޓަކައި އެމުދާތައް ( އެބަހީ އެމުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ."
އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ގިނައިން ވަގަށް ކެވިފައިތިބީ ، ސިޔާސީ ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ބާރު ލިބިގެންތިބި އެކިވަރުގެ ޙާކިމުން ނަށެވެ. ޙައްޤުތަކެއް ބާތިލްމަގަށް އަނބުރާލުމަށް ބާރުގެ ބޭނުންކުރެވޭ އެކިވަރުގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުއްލާ މީހުންނަށެވެ. އެހެންކަމުން އެފައިސާ ދިނުމުގައްޔާއި ލިބިގަތުމުގައި ، ކެއުމުގައި އަދި ބެހުމާއި ހަދިޔާކުރުމުގައި ، އަދި ހަމައެފަދައިން އުފުލުމާއި މެދުވެރިވުމުގައި އަދި މިއިންކަމެއް ދެނަހުރެގެން ޝާމިލުވާ އެންމެންނަކީވެސް އެކިވަރުގެ ކުށްވެރިންނެވެ. އަދަބު ލިބެންޖެހޭ މީހުންނެވެ.
މާއިދަތު ސޫރަތުގެ 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. " ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. ޙަރާމް މުދާ ގިނައިންކާ މީހުންނެވެ. ފަހެ ، އެއުރެން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ ، އެއުރެންގެ މެދުގައި ޙުކުމް ކުރައްވާށެވެ. ނުވަތަ އެއުރެންގެ ކިބައިން އެނބުރި ވަޑައިގަންނަވާށެވެ. އެއުރެންގެ ކިބައިން ކަލޭގެފާނު އެނބުރި ވަޑައިގަތަސް ، އެއުރެންނަކަށް ކަލޭގެފާނަށް އެއްވެސް ކަމަކުން ގެއްލުމެއް ނުދެވޭނެތެވެ. އަދި ކަލޭގެފާނު ޙުކުމް ކުރައްވާނަމަ ، އެއުރެންގެ މެދުގައި ޢަދުލަށް ޙުކުމް ކުރައްވާށެވެ. ހަމަކަށަވަރުން ، ޢަދުލަށް ޙުކުމް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ވެތެވެ. "
ކުރާނީ ކީއްތޯއެވެ ؟ ވަގެއް ، ވެރިޔެއް ވަކިނުވާ ހިސާބަށް ، މުޖުތަމަޢުގައި ޚިޔާނާތާއި ވަށްކަމާއި ފަސާދަ މިވަނީ ޢާންމު ވެފައެވެ. ވަގަކަށް ހާސްދުވަސް ލިބޭއިރު ، މިހާރަކު ވެރިޔަކަށް އެއްދުވަހެއް ނުލިބެއެވެ. ވަގަކަށް އެލިބޭ ހާސްދުވަހު ، ވަގަށް ނަގާ ފައިސާ އެއްހާސް ފަހަރު ބުރުއަޅާ ، ނަފާ ހޯދާނެއެވެ. ވަގުންނަށް ޙުކުމެއް މިއަންނަނީ ، ވަގަށް ނަގާ ފައިސާ އެތައް ފަހަރަކު ރޯލުކޮށް ، މުޅި ޢުމުރަށް ކަމެއްނުކޮށް ، މަޑުތަންމަތީ ނިދާފަ އޮވެވޭ ވަރަށް އެފައިސާއެއްގެ ނަފާ ހޯދާ ފަހުންނެވެ. އެފައިސާއިން ބިމާއި ގޯތިގަނެ ، 15 ބުރިޔަށް ގެއަޅައި ، އެޕާރޓްމަންޓްތައް ކުއްޔަށް ދޭ ފަހުންނެވެ. ޙުކުމް ތަންފީޒު ކޮށްލަން ހައެއްކަ އަހަރު ޖަލުގަ އޮވެފަ ، ގެޔަށް އައިސް އެތުދަތުން ފުޅަށް އަޅައިގެން ދުނިޔެ އާރާސްތު ކުރަންވީއެވެ. ޙަލާލެއް ޙަރާމެއް ނޯވެއެވެ. (ނިމުނީ)
މީ އެމްޑީޕީ އަށް ލޮނު ހެޔޮވަރުކޮށް ކައްކައިދީފައިވާ ރިހަގަނޑެއް! ޔާމީނު ފައިސާ ހޯދީ ކުށް ކޮށްގެން ކަމާއި އަދި އެ މުދަލުގެ ތެރެއަށް އެ ފައިސާ އެއްކޮށްފައިވާކަން މި ނޫހަށް އެނގިފައިވައި އެބަވޭ