ފެންފޮދަކާނުލައި ޤައުމު ދިރުވައިލައިފި

އެމީހެއްގެ ރޮޑުގެ ހަންދަމާނީ އެމީހަކު ދަމާނެ ގޮތަކަށެވެ. އިދިކޮޅަށްވެސް ދެމިދާނެއެވެ. އެއްކޮޅަށްވެސް ދެމިދާނެއެވެ.

"އެއްވެސް މީހަކަށް ބަދުބަހެއް ނުބުނާށެވެ. އެއްވެސް މީހަކު ބޭޒާރު ނުކުރާށެވެ. ހެޔޮބަސް އަހައި ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ވާށެވެ! މިދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ކަމެކެވެ. ދާއިމީ ހެޔޮކަމާއި އުފާވެރިކަން އޮތީ އާޚިރަތުގައެވެ. ބޭކާރުވާހަކަ ދެއްކުމުން ދުރުހެލިވެ، ބަސްމަދުކުރުމަކީ، ބުއްދިވެރިންގެ ސިފައެކެވެ. ބަސްމަދުކޮށްގެން އެކަމާ ހިތާމަކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ބޭކާރު ވާހަކަ ދެއްކުމަކީ އެކަމާ ހިތާމަކުރަން ޖެހޭނެ ކަމެކެވެ. ހުވައެއްކޮށްފިނަމަ، އެހުވަޔަކާ ޚިލާފު ނުވާށެވެ. އަމާނާތެއް ޙަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރި ނުވާށެވެ. ކެރިހުރެ، ވެރިން ކުރިމަތީ ހައްޤުބަހުގެ އަޑު އުފުލާށެވެ. އިންސާފުލިބުން އޮތީ އެގޮތުގައެވެ. ތިބާގެ ޙަޔާތުން އަލިކަން ނިވި، ކަށްވަޅުގެ އެކަނިވެރިކަމަށްފަހު، މަޙުޝަރުގެ މައިދާނަށްދާއިރު، މަންފާކުރާނީ ހަމައެކަނި، ކޮށްފައިވާ ހެޔޮ ޢަމަލަކުން ނެވެ."

މިއީ، އަޅުގަނޑުމެންނަށް، ރަނގަޅާއި ނުބައި ވަކިކޮށްދެއްވަން ތިއްބަވާ ދީނީ ޢިލްމުވެރިން، އަޅުގަނޑުމެން ގާތު ވިދާޅުވާ ނަޞޭޙަތުގެ ބަސްތަކެވެ. އެއަށް ޢަމަލުކޮށްގެން ދެރައެއް، ހިތާމައެއް ނުލިބޭނެކަމަށް ވިދާޅުވެ، ދެއްވާ އަގުހުރި ފިލާވަޅެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިވާ އެކި ކަންކަމުގައި، އިންސާނާ މަގުއޮޅި، ކުރަންވީ ކަމެއް ނުވަތަ ހަދަންވީގޮތެއް އޮޅިދާހިނދު، ޢަމަލުކުރުމަށް، ޢިލްމުވެރިން ދެއްވާ އިރުޝާދެވެ. އެހެންނަމަވެސް، ކުރިމަތިވާ އެކި ކަހަލަ ކަންކަމުގައި ލޭނުކެކި، ގަމާރުކަންމަތީ އަބަދު މިހެން ތިބެންވެއްޖެނަމަ، ހަލާކުވެ ފަނާވެދާނީ، އަޅުގަނޑުމެން އެންމެންގެ ޤައުމެވެ. ޤައުމު ހަލާކުކުރާ ޚިޔާނާތްތެރިންނަށް، ހުޅުވިގެންދާނީ އިތުރު ފުރުޞަތެވެ. ލިބޭތާ ލިބިގަނެ،  "ދެއްވި އެއްޗަކާ ހަކުރާކެއުން" ނޫންކަމެއް ނޯންނާނެއެވެ. ޙަރާމެއް ޙަލާލެއް ނުބަލައި ގެޔަށްވައްދާ ވަގު ފައިސާއިން، ދަރިންނަށް ކާންދީ، އެކުދިންގެ ބަނޑުގައި ޖަހާމަހަކީ، ޤިޔާމަތްދުވަހު އަލިފާން ހިފާނެ އެއްޗެއްކަމަށް ވިދާޅުވަނީވެސް، ހަމަ އެޢިލްމުވެރިންނެވެ. ޙަރާންފައިސާ، އަނބިދަރިންނަށް ކާންދިނުމަކީ، އަލިފާން ކާންދިނުންކަހަލަ ކަމެއްކަމަށްވެސް ވިދާޅުވަނީ އަޅުގަނޑުމެންނަށް ދީނީ ނަޞޭޙަތްދެއްވާ ޢިލްމުވެރިންނެވެ.

މިދުވަސްކޮޅު މިއިވެނީ ކޮންފަދަ، ގަދަފަދަ އަޑުފައްގަނޑެއްތޯއެވެ. ދުނިޔެމަތީގެ ސުވަރުގެޔެއްފަދަ، ރިވެތި، އަމާން މިޤައުމަށް ވަގުފުރޭތަ އަރައި، ދޮންވެލި ގޮނޑުދޮށްތަކާއި ފިނޮޅާ އަދި ފަޅުތަކަށް ވެރިވެގަނެ، ނުއަގުގައި އެތަންތަން ވިއްކި ބީދައިން، ޤައުމުހިންގަންތިބި މީހުންނާއި މަޖިލީހާ ޤާނޫނީ ނިޒާމު، ނުއަގުގައި ގަނެލައިފިއެވެ. ނާހަމަ ތެދެއްތޯއެވެ؟ ވަގުގައި ވަގުހިފައި، އެއްބަޔެއްގެ އަޑިކޮނެ އަނެއްބަޔަކަށް ގެންގޮސްދީ، އަމިއްލަ ނަފްސު ވިއްކައި، ދެބައިވަގުންނަށްވެ، މި ޤައުމުގެ ހުރިހައި ބާރުތަކެއްގައި ވަގުހިފައި، ވަގުލޮލަށް މަސްބަހާ ބީދައިން، ޤައުމުގެ މާލިއްޔަތު ފެންފޮދަކައިނުލައި ދިރުވައިލި ވާހަކަ އެވެ. މިވާހަކަވެސް ނުދައްކަންވީތޯއެވެ؟ ވަގުރޫ ކުރަހައިގެން މައްސަލަ ތަޙުޤީޤުކޮށް، ވަގުކަން ދައްކަން ވަގުންނަށް އެތައް ދުވަހެއްދީ، ގުރުސް ފެންމަތިވާ ވަގުތަށް މަޑުކޮށް، ހެކިނައްތާލަން ވަގުންނަށް ފުރުޞަތުދީ، ވަގުދޮސް ގަންނަންދެން،  މަޑުކޮށްގެން ތިބެންވީތޯއެވެ؟ ވަގުނަމުއެޅިގެން ތިބެ، ޤައުމުގެ ތިންބާރުން، ޤައުމު ހިންގައި، ޤާނޫނު ހަދައި ޙުކުމް ކުރަން ދޫކޮށްލައިގެން ތިބެންވެއްޖެނަމަ، ދިވެހިން ހަމަ ހާދަހާ ގަމާރީއެވެ. ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ވެރިންގެ ކިބަޔަކުންނެއް ނޫނެވެ. ވެރިން ވަގުންނަށް ވީމަ، ރައްޔިތުންނަށް ޚިޔާނާތްތެރިވީމަ، ޙައްޤުގެމަތިން ހަނދާންނުކޮށް، ލޭނުކެކޭ ރައްޔިތަކީ، ޤައުމެއްގެ މުސްތަޤްބަލް އުޖާލާކޮށްދޭނެ ބައެއްނޫނެވެ.

30 އަހަރުވަންދެން އެކަކު ޚުދުމުޚުތާރުވެރިކަމެއް ކޮށްފިއޭ ކިޔައި ލޭކެކިގެން މަގުމައްޗަށް ނުކުމެ، ޤާނޫނީ ހަމަތަކުން އެވެރިކަމުން ސަލާމަތްވެގަތްފަދައިން، ސަރުކާރު ހިންގަން އިސްވެތިބި އަމުރުވެރިން، ހަރާންގޮތުގައި ރައްޔިތުންގެ ފައިސާ ވަގަށް ނަގައި އެފައިސާ ކައިގެންތިބެ ރައްޔިތުންގެ މައްޗަށް އަމުރުކުރާއިރު ލޭނުކެކެންވީ ކީއްވެތޯއެވެ؟ އެތައްމިލިޔަނަކުން، ރައްޔިތުންގެ ފައިސާ ހަރާން ގޮތުގައި ކައިގެންތިބެ، ރައްޔިތުން ޢަމަލުކުރަން ޤާނޫނުހަދައިދޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެއީ ހަމަ ނިޔަތް ޚާލިޞްބަޔެއްތޯ ވިސްނާލާނެ ބުއްދި ރައްޔިތެއްގައި ނެތްނަމަ، ޤައުމުގެ އަމާޒު ވަކިމިސްރާބަކަށް ހިފަން އުޅޭނެކަމެއްނެތެވެ. ޢަދްލު އިންސާފުގެ މަގުން، އިސްލާމީ ޝަރީޢަތުގެ ޙުކޫމަތު ޤާއިމްކުރަންތިބޭ ފަނޑިޔާރުން، ރައްޔިތުންގެ ފައިސާ ވަގަށް ކައިގެންތިބެ، ރައްޔިތުންގެ މައްޗަށް ޙުކުމް އިއްވާއިރު، އެއީ ނަރަކަވެރިންކަމަށް ނުބެލޭނެ ގޮތެއް އެބައޮތްތޯއެވެ؟ ޤާނޫނާއި ޤަވާޢިދު ތަންފީޒުކޮށް، ޢާންމު މަޞްލަޙަތު ދަމަހައްޓައި، ރައްޔިތުންގެ މުދަލާއި ފައިސާ އަދި މިލްކިއްޔާތު، ސަލާމަތޮކޮށް ރައްކައުތެރިކޮށްދިނުމާ މަތިކޮށް، އެޒިންމާ އުފުލަން ކަމަރުބަނދެތިބި ފުލުހުންނާއި ސިފައިންނަށް، ރައްޔިތުންގެ ފައިސާ ވަގަށް ކައިގެންތިބެ، ރައްޔިތުންގެ ކަމެއް ހެޔޮހިތުން ބެލެހެއްޓޭނެކަމަށް ޤަބޫލުކުރާނީ ކޮން ސިކުނޑިއަކުންތޯއެވެ؟  ޟަރޫރީ ބޭނުންތަކާއި ޢާންމުބޭނުންތަކަށް، އަދި ގެދޮރު ބިނާކުރުމާއި ދިރިއުޅުން އާރާސްތުކުރުމަށް ބޭނުންވާ މުދާ ފޯރުކޮށްދޭ ވިޔަފާރިވެރިން، ޤައުމުގެ ބައިތުލްމާލުން ވައްކަންކޮށް، ރައްޔިތުންނަށް އެދޭ ޚިދުމަތަކީ، ޙަލާލު މަސައްކަތެއްކަމަށް ނިންމާނީ ކޮން އުޞޫލަކުންތޯއެވެ؟

ވެރިކަންހިންގަން އިސްވެތިބި މީހުންނާއި، ޤާނޫނު ހަދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަދި ޝަރުޢީ ޙުކުމް އިއްވާ ފަނޑީޔާރުންނާއި، ޙުކުމް ތަންފީޒުކޮށް ރައްޔިތުންގެ ޖާނާއި މާލު އަދި ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމަށް ޒިންމާވެ ތިބޭ ސިފައިންނާއި ފުލުހުންނަކީ، ﷲ ގަންދީ ހުވައެއް ކޮށްގެން ތިބޭ ބަޔެކެވެ. ﷲ ގަންދީ އެމީސްމީހުން ކުރާ ހުވާ "ކިޔާ ހުވާ" އަށް ވެ، ޤައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވީމަ، ރައްޔިތެއްގެ ލޭނުކެކެންވީ ސަބަބެއް ނެތެވެ. އެހެންނަމަވެސް، މިޤައުމުން މިފެންނަނީ، އެބައިމީހުންގެ ޤަދަރު އިހުނަށްވުރެ އުފުލި، "ޝާން ޝައުކަތު" ގައި ވަގުއެއްޗިހިން ވަކިބަޔެއްގެ ދިރިއުޅުން ބިނާކުރަމުންގެންދާ ތަނެވެ. އަދި ރައްޔިތުން، އެބައިމީހުންނަށް ތަޢުރީފުކޮށް، ސަނާކިޔައި އަތްޖަހަމުން ގެންދާ ތަނެވެ. ވަގުން ވެރިންނަށްވެ، ޤައުމަށް ބަސްކިޔަމުންގެންދާ ތަނެވެ. ވަގުންނާއި ޚާއިނުން، އެއްވެސް ޖެހިލުމެއްނެތި، މަގުމަތީގައި ހިނގައި ދުނިޔެ އާބާދުކޮށް، ދިރިއުޅުން ބިނާކުރަމުންދާއިރު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުނުވެ އޮތުމަކީ، ޤައުމަކަށް ދިމާވާނެ އެންމެ ނުރައްކައުތެރި، ނިކަމެތި ޙާލެވެ.

"ވަގުންނާއި ޚާއިނުން، އެއްވެސްޖެހިލުމެއްނެތި، ޤައުމެއްގެ މަގުމަތީ ހިނގާ ބިނގާވެއުޅޭނީ، ދެސަބަބެއް އޮވެގެންނެވެ. އެއްސަބަބަކީ، މުޅި ސިޔާސީ ނިޒާމް ފާސިދުވެ، ވަގުންނާއި ފާސިދުން ވެރިންނަށްވުމެވެ. އަނެއްސަބަބަކީ، މުޅިރައްޔިތުންނަކީ (އެބައިމީހުންގެ އަމިއްލަ ވިސްނުމުން) ވިސްނައި ފިކުރުކުރަން ނޭނގޭ، ގަބު ބަޔަކަށް ވުމެވެ" މިއީ ލީކުއަންޔޫގެ ޙިކުމަތުގެ ބަސްކޮޅެކެވެ.

ޤައުމުގައި ނަޟާޙަތްތެރިކަން ޤާއިމުކޮށް، ވަށްކަމާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކުން ޤައުމު ސަލާމަތްކުރުމަށް އުފައްދާފައިވާ، އޭސީސީން ޢާންމުކޮށްފައިވާ ރިޕޯރޓެއްގައި ބުނެފައިވާގޮތުގައި 155 މީހެއްގެ އެކައުންޓަށް ޚިޔާނާތުގެ ފައިސާ ވަދެފައި ވެއެވެ. އަދި 57 ރަށަކަށް، އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާ، އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. އޭސީސީ ހިންގަން އިސްކޮށްތިބި ދެ ރައީސުންވެސް ވަގުފައިސާގައި ޖެހިފައިވާ ކަމަށް ވެއެވެ. މިރިޕޯރޓް ނެރުނުތާ މިހާރު އެއް އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަދިވެސް، ޖުމްލަ ޢަދަދަށްބަލާއިރު، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިއޮތްކަމަށް ޤަބޫލުކުރެވޭފަދަ ނަތީޖާއެއް ނުފެނެއެވެ.

މިހާރުގެ ޙާލަތަށްބަލާއިރު، އެސެޓް ރިކަވަރީ ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތްކަމަށް ވެއެވެ. މިމީހުންގެ ތެރޭގައި، މިއަދު މިޤައުމުހިންގަން އިސްސަފުގައިތިބި ސިޔާސީ ވެރިންނާއި، ވެރިކަމުގެ ނިޒާމުގައި، ސިޔާސީ ބަސް އިއްވާ ޕާޓީތަކުގެ އިސްސަފުގައިތިބި މީހުން ހިމެނެއެވެ. ފަނޑިޔާރުންނާއި ވިޔަފާރިވެރިން ހިމެނެއެވެ. އަދި 18 އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަހިމެނެއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނޭކަމަށް ވެއެވެ. ޤައުމުގެ ސިޔާސީ ނިޒާމުގައި ހިމެނޭ އެންމެ ބޮޑު މައި ދެޕާޓީގެ މެންބަރުންގެ އިތުރަށް، ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން ހިމެނެއެވެ. ޚިޔާނާތްތެރި ވެފައިވަނީ ބިޔަ ޢަދަދުތަކުން މިލިއަނުންނެވެ. ޤައުމުގެ ތާރީޚުގައި ހިނގި އެންމެ ބޮޑުވަށްކަމުގައި، ދައުލަތުގެ މިނިސްޓަރުން ހިމެނެއެވެ. މިހާބޮޑު ވަގުންގެ ވިއުގައެއް މިޤައުމުގެ ސިޔާސީ މައިދާނުގައި ތިބިކަމަށް ތުހުމަތު ކުރެވޭއިރު، ޢަދްލު އިންސާފު އޮންނާނީ ކިހާ ހިސާބެއްގައި ބާވައެވެ. ބަޔަކަށް، ރައްޔިތަކަށް ޙަރާންކޯރު ވެވޭނީ މިހާވަރަށެވެ.

ޤައުމު ހިންގައި، ޝަރުޢީ ނިޒާމް ދަމަހައްޓައި، ޙުކުމްތައް ތަންފީޒުކޮށް، ރައްޔިތުން ގޮވައިގެން އަމާން އަދި ނަޟާޙަތްތެރި މާޙައުލަކަށް ވާޞިލުވުމަށް، ﷲ ގަންދީ ހުވާކޮށްގެންތިބޭ ބައެއްގެ ކިބައިން، ރައްޔިތުންގެ މައްޗަށް، މިފަދަ ފަސާދައިގެ ބޮޑު މާ ސިންގާ ރާޅެއް ބޯމަތިކޮށް ބިންދައިލާއިރު، ފަނާވެ ނުދާނެ އޮންނާނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ނިޒާމު އެއްކޮށް މުލުން ލުހެވިގެން ނުގޮސް އޮންނާނެތޯއެވެ؟ މި އެންމެންނަށް ޙައްޤު އަދަބުލިބި، ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤު ކަށަވަރުވެ ލިބިގެން، އަމާން މަންޒިލަކަށް ވާޞިލުވުމަކީ، މުސްތަޙައްބު ކަމެއްތޯއެވެ؟ އެންމެފަހުގެ ސުއާލަކީ، މިއެންމެން، ހަމަ ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ނަމުގައި ދައްކާ ދަޅަޔަށް ހެއްލިގެން، " އެތުދަތުން ފުޅަށް އަޅައިގެން މަޑުތަންމަތީ އަރާމުގައި ނިދަން " ދޫކޮށްލައިގެން، ރައްޔިތުން ތިބެންވީތޯއެވެ؟ ރައްޔިތަކަށް ހެވެއް އެދިގެން ވެރިކަންކުރާނެ ބަޔަކު، މިޤައުމުގައި ނެތީތޯއެވެ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.