މިމަހު 19 ގެ ނިޔަލަށް ބަޖެޓު ދިރާސާކޮށް ނިންމުމަށް ސުންގަޑި ކަނޑައަޅައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިމަހު 19 ގެ  ނިޔަލަށް  ބަޖެޓް ދިރާސާކޮށް ނިންމުމަށް ސުންގަޑި ކަނޑައަޅައިފި އެވެ. މިގޮތަށް ނިންމައިފައި ވަނީ މިއަދު ބޭައްވި ބަޖެޓު ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި މެމްބަރުންގެ ޢިއްތިފާގުންނެވެ. 

މިމަހު ނަވާރަ ވާ ބުރާސްފަތި ދުވަހަށް ބަޖެޓު ދިރާސާކޮށް ނިންމެވި ނަމަވެސް އެމުއްދަތަށް ބަޖެޓު ދިރާސާކޮށް ނިންމާ ނުލެވިއްޖެނަމަ ވަގުތު އިތުރުކުރުމަށް ވެސް ކޮމެޓީން ނިންނެވިއެވެ. މި ގޮތަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ  މެމްބަރ މުޙައްމަދު ރަޝީދެވެ. ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފެވެ.

ބަޖެޓު ދިރާސާ ކުރުމުގައި ކޮމެޓީ މެމްބަރުންނަށް ދެ މިނެޓުގެ ވަގުތެއް ދެއްވުމަށް ވެސް، މިއަދުގެ ބައްދަލުވުމުގައި ނިންމެވިއެވެ. އަދި ބަޖެޓު ކޮމެޓީއާ ބައްދަލު ކުރަން އެދޭ މިނިވަން މުއައްސަސާތަކާ ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ. މި ގޮތަށްވެސް ހުށަހެޅުއްވީ އަލިފުިށީ ދާއިރާގެ  މެމްބަރ މުޙައްމަދު ރަޝީދެވެ. ތާއީދުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް އެވެ. މި ގޮތަށްވެސް ފާސްކުރެއްވީ ކޮމެޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. 

މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ  ބަޖެޓު ދިރާސާ ކުރެވިގެން ދާންޖެހޭނީ މަޖިލީހުގައި ކުރެވޭ ބެޖެޓުގެ ބަހުސަށް ރިއާޔަތްކޮށްގެން ކަމަށެވެ. 

އަލިފުށީ ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވީ ބެޖެޓު  ބަހުސް މިމަހު 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު މަޖިލީހުގައި ނިންމާ ލުމަށް ފަހު، 18ވަނަ ދުވަހު ބަހުސްގައި މެމްބަރުން ފާހަގަ ކުރެއްވި ކަންކަމަށް ބަޖެޓު ދިރާސާ ކުރެއްވުމުގައި ރިއާޔަތްކޮށް، ނަވާރަ ވަނަ ދުވަހު މަސައްކަތް ނިންމާލެވިދާނެ ކަމަށެވެ. އަދި 19 ވަނަ ދުވަހަށް މަސައްކަތް ނިންމާ ނުލެވޭނަމަ ވަގުތު އިތުރު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއްކަމަށް މެމްބަރ ރަޝީދު ފާހަގަ ކުރެއްވިއެވެ. 

ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު  ކަނޑައަޅާފައިވަނީ މިމަހުގެ 26ވަނަ ދުވަހަށެވެ. ބަޖެޓުގެ ބަހުސް މިމަހުގެ 16 ދުވަހު ފައްޓެވުމަށް ވަނީ ހަމަޖައްސަވައިފައެވެ.  ބަޖެޓު ބަހުސަށް ޖުމްލަ 21 ގަޑިއިރު ހޭދަވާނެކަމަަށް ވަނީ ލަފާކުރައްވައިފައެވެ. ބަޖެޓު ބަހުސް ތާވަލިުކޮށްފައި ވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހަށެވެ.  ބަޖެޓު ދިރާސާކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ވެސް 10 ވަރަކަށް ގަޑިއިރު ހޭދަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.