ރައްޔިތުންގެ އިހްސާސް ސަރުކާރަށް ފޯރުކޮށްދީ ޖަވާބުދާރީކުރުން ހުއްޓައެއް ނުލާނަން: މެޖޯރިޓީ ލީޑަރ

ރައްޔިތުންގެ އިހްސާސް ސަރުކާރަށް ފޯރުކޮށްދީ ޖަވާބުދާރީ ކުރުން މިދަނޑިވަޅުގައި ވެސް ހުއްޓާ ނުލައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރ ޢަލީ ޢާޒިމް ދެއްވައިފިއެވެ.

ދިވެހި ރައްޔިތުންނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މިޔަޤީންކަންދެއްވީ ޓީވީއެމްގެ "ފަރުދީ ޒިންމާ" ޕްރޮގަރާމް ވާހަކަ ދައްކަވަމުންނެވެ. މިހާލަތުގައި ވެސް ރައްޔިތުންނަށް ނިކަމެތިވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް 19ވަނަ ރައްޔިތުންގެ މަޖިލީހުން މެދު ކެނޑުމެއް ނެތި ދަނީ ކުރަމުން ކަމަށް މެމްބަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މިހާރު ރާއްޖޭގައި މިއޮތް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މެދުކަނޑާ ލެވެން ނެތް ބައިވަރު ސަބަބުތައް އެބަހުރިކަން މެމްބަރ ޢާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ ސަރުކާރު ޖަވާބުދާރީ ކުރުވުންކަން ފާހަގަ ކުރެއްވިއެވެ. މިފަހަރު މަޖިލީހުން ވަނީ އެކަން ރައްޔިތުނަށް ކަށަވަރުކޮށް ދީފައިކަން ވެސް މެމްބަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

"އަބަދުވެސް  އަޅުގަނޑުމެން ދައްކަމުން އައި ވާހަކައެއް މަޖިލިސް 19 ތަފާތު ވާނޭ. އަޅުގަނޑުމެން ޒިންމާދާރު ނޫންކަމަށް ވާނަމަ ޤާނޫނުއަސީސަށް ގެންނަން އުޅުނު އިސްލާޙު ގެނެސް ނިންމާލީސް . އެގެންނަން އުޅުނު އިޞްލާޙަކީ ރައްޔިތުން އެއާ ދޭތެރޭގައި ވިސްނާ ފިކުރުކުންރަންޖެހޭ ކަމެއް." މެމްބަރ ޢާޒިމް ވިދާޅުވިއެވެ.

މިހާރު މިއޮތީ ޤާނޫނު އަސާސީގައި ބުނާ ކުއްލިނުރައްކަލުގެ ހާލަތު ނޫންކަމަށް ވިއަސް ރައްޔިތުން ބޭނުންވާ ގޮތަށް އާއްމު ހާލަތުގައި ނޫޅެވޭ  ހާލަތެއްގައިކަން މެމްބަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ. ތިން މީހުނަށްވުރެ އިތުރަށް އެއްވެ ނޫޅެވޭ ޙާލަތެއްގައި ރައްޔިތުނަށް ބަސް ބުނަން ފުރުޞަތު ނުލިބި އޮތް ޙާލަތެއްގައި ޤާނޫނު އަސާސިއަށް އިޞްލާހު ގެނައުމަކީ ކޮށްގެން ވާނެކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

މެޖޯރިޓީ ލީޑަރ ޢާޒިމް ވިދާޅުވީ 65 މެމްބަރުންގެ ސްޕަރ މެޖޯރިޓީ ބޭނުންކޮށްގެން މަޖިލީހުގެ ދައުރުވެސް 10 އަހަރަށް ދައްމާ ލެވިދާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިޔާ ދައުރުވެސް ދައްމާ ލެވިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ދާއިރު ރައްޔިތުން ބަހެއް ނުބުނެ ނުތިބޭނެކަމަށެވެ. ރައްޔިތުން އެކަމާ ދެކޮޅަށް ނުކުންނާން ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުނަށް ބަސް ބުނާނެ ފުރުޞަތު ނެތް ހާލަތެއްގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަކީ ކޮށްގެންވާނެ ކަމެއްކަމަށް އަދި ޒިންމާދާރު ގޮތެއްކަމަށް ވެސް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވުމުން އެކައުންސިލްތައް ދެމިއޮންނާނެ ގޮތަށް ޤާނުނު އަސާސީއަށް އިޞްލާހު ގެނައުމަށް ދައުލަތުގެ ބަންޑާރަނާއިބް މަޖިލީހަށް ވަނީ ބިލެއް ފޮނުވައިފައެވެ. ނަމަވެސް އެބިލްގެ ފުރަތަމަ ކިޔުންވެސް ނީއްވައި ޤާނޫނު އަސާސީ އިޞްލާހުކުރެވޭނެތޯ، ދެދުވަސް ވަނެދެން ވަނި ބަހުސް ކުރިއަށް ގެންގޮސްފައެވެ. އެމްޑިޕީގެ ގިނަމެމްބަރުންގެ ޚިޔާލުފުޅަކީ ޤާނޫނުއަސީއަށް އިސްލާޙު ނުކުރުމެވެ. އެމްޑިޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ލަތީފް ވަނީ ޤާނޫނުއަސާސީ އިޞްލާހު ނުކޮށް އެމައްސަލައަށް ހައްލު ހޯދުމަށް ޚާއްޞަ ޤާނޫނެއްގެ ބިލް މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. އަދި މިއަދު ބާއްވަން ތާވަލްކުރުމަށްފަހު އަންނަ ހަފްތާއަށް ފަސްކުރި ޖަލްސާއަށް ބިލްގެ ބަހުސް ވަނީ އެޖެންޑާ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.