ބިނާވެށި ޕްލޭންކުރުމުގެ ބިލު އޮތް ގޮތަށް ފާސްކޮށްފިނަމަ ރައްޔިތުން އިތުރަށް އަޅުވެތިވާނެ: ބޮންޑާ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު އޮތް ގޮތަށް ފާސްކޮށްފިނަމަ ރައްޔިތުން އިތުރަށް އަޅުވެތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އިޤްތިޞާދީ އިޖްތިމާއީ ކުރިއެރުން އޮތީ ބިނާވެށި ޕްލޭންކުރުމުގެ ބިލްގެ މައްޗަށް ކަމަށް ވިޔަސް މިހާރު ބިލް އޮތްގޮތަށް ފާސްވެއްޖެނަމަ ރައްޔިތުން އިތުރަށް އަޅުވެތިވެގެންދާނެކަމަށް މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.ޤާނޫނު ވުޖޫދުވުމުން ރައްޔިތުން އިތުރަށް އަޅުވެތިވުމުގެ އިތުރުން ލާމާރުކަޒީ ބިލުން ކައުންސިލްތަކަށް ދީފައިވާ ބާރުވެސް ކެނޑިގެންދާނެކަމަށް އެނާ ވިދާޅުވިއެވެ. މެމްބަރ ރަޝީދު ވިދާޅުވީ ބިލް ހުށަހަޅައިފައިވަނީ ކޮންމެ މަޤްޞަދެއްގައި ކަންވެސް ސާފުނުވާކަމަށެވެ. ބިލުގެ ނަމުންވެސް ވަނީ އޮޅުވައިލައިފައިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބިލްގެ ނަން ބަދަލުކުރުމަށް ހުށަޙަޅުއްވާނެކަމަށް ވިދާޅުވިއެވެ. އަދި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. މިހާރު ވެސް ބިނާ ވެށްޓާ ބެހޭ ޤާނޫނެއް އޮންނަކަމާއި އެޤާނޫނުގައި މާ ސާފްކޮށް ކަންކަން ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ބިންހޯދަން އުޅޭ ރައްޔިތު މީހާ، ވަޒީރަށް ސަލާންޖެހުން ފިޔަވައި، ބިލުން އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނޭ. ބިލް އޮތް ގޮތުން އަނެއްކާ ވެސް ސާޅީސް އަހަރު ވަންދެން ރައްޔިތު މިހާޖެހޭނީ މިނިސްޓަރ ކައިރިއަށް ސަލާންޖަހަޖަހައި ހުންނަން"  މެމްބަރ އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.

އެޖެންޑާ 19ގެ ވަޢުދުތަކުގެ ތެރޭގައި ތަފާތު ކުރުމެއްނެތި ޤާނޫނަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދޭނެކަމަށް ބުނެފައިވާއިރު މަޖިލީހަށް ހުށަޙަޅަން ޖެހެނީ އެބިލްކަން ފާހަގަ ކުރެއްވިއެވެ. ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގެ ވާހަކައެއް ބިނާވެށި ޕްލޭން ބިލުގައި ނެތްކަމަށް މެމްބަރ ރަޝީދު ވިދާޅުވިއެވެ.

ބިނާވެށި ޕްލޭންކުރުމުގެ ބިލަކީ ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން އަފީފު ހުށަހެޅުއްވި ބިލެކެވެ. ބިލް ހުށަހަޅުއްވަމުން މެމްބަރ ޢަފީފު ވިދާޅުވީ ރާއްޖޭގައި ބިންބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ނެތްކަމަށެވެ. މަގުތަކާއި ޢިމާރަތްތައްވެސް ކުރެވޭނެ ގޮތުގެ ޕްލޭނެއް ނެތްކަމަށެވެ. މާލެއަކީ އެފަދަ ޕްލޭނެއް ނެތި އޮތް ތަނެއް ކަން ފާހަގަ ކުރެއްވިއވެ. ޕްލޭނެއްނެތި ތަންތަން ޢިމާރާތް ކުރުމުން ނުރައްކާތެރި އަލިފާނުގެ ޙާދިސާތައް ހިންގައިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ބިލް ޤާނޫނަކަށް ވުމުން ރާއްޖޭގެ ބިންތައް ތަރައްޤީކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތުގެ ޕްލޭނެކުރުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ނެޝަން ޕަލޭނިން އޮތޯ ރިޓީ އެއް އުފައްދަން ޖެހެއެވެ. އެސެސް ކުރުމާއި ފަންނީ ލަފާ ދިނުމަށް ޕްލެނިން އެސެސްމެންޓް ކޮމެޓީގެ ނަމުގައި، ޤާނޫނު ތަސްދީޤްކުރާ މަސްދުވަހުގެ ތެރޭގައި ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ، ފަންނީ ކޮމެޓީއެއް ވެސް އުފައްދަން ޖެހެއެވެ. ކޮމެޓީއަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރުބިލުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކޮމެޓީގެ މެމްބަރުންގެ ތެރެއިން ޗެއަރ ޕާސަނެއް ކަނޑައެޅުމުގެ ބާރު ވެސް ދެއްވައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. ބިލުގައި ބޮޑެތި ބާރުތަކެއް މިނިސްޓަރަށް ވަނީ ދީފައެވެ. ނަމަވެސް އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކީ ކާކުކަން ބިލުން ސާފު ނުވާކަމަށް ބައެއް މެމްބަރުން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.