2023 ގެ ރިޔާސީ އިންތިޚާބާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ނުރައްކާތެރި ވާހަކަތަކެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2023 ރިޔާސީ އިންތިޚާބާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ނުރައްކާތެރި ވާހަކަތަކެއް، މަހިބަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޠާރިޤް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި ފާހަގަ ކުރައްވައިފިއެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސް ގައި ވާހަކަ ދައްކަވަމުން މެމްބަރ ތާރިޤް ތުހުމަތު ކުރެއްވީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ބަދަލު ކުރެވޭ އެމްއޯޔޫއެއްގެ ދަށުން އިލެކްޓްރޯނިކް ވޯޓިން ނިޒާމަކަށް ގެންގޮސް ދިވެހި ރާއްޖޭގެ ވޯޓްލާ މަރުކަޒު އިންޑިއާގެ ވެރިރަށް، ދިއްލީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ތުޙުމަތު ކުރެއްވިއެވެ.

"2023 ވަނަ ސެޕްޓެމްބަރު މަހު، ބާއްވާ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްތައް ނަގަން ޖެހޭނީ އެރަށެއްގެ ބަނދަރުން. ނުކުރޭނެ އެކަން ކުރާކަށް، ނުކުރޭނެ އެކަން ކުރާކަށް. މީއީ ދިވެހިން" ތަކުރާރުކޮށް ޠާރިޤްވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް އަވަށްޓެރި ގައުމެއްގެ އެހީތެރިކަން ހޯއްދެވިކަމަށް މެމްބަރު ޠާރިޤް ވަނީ ތުހުމަތު ކުރައްވައިފައެވެ. އެ ގައުމުގެ އެހީތެރިކަމާއެކު ވެރިކަން ހޯއްދެވުމަށްފަހު ވެރިކަމުގެ ދެވަނަ އަހަރު ތެރޭގައި ދިވެހި ދައުލަތުގެ ނަމުގައި ލޯނު ނަގައި ދިވެހި ރައްޔިތުން ބޭނުން ނުވާ، އެދައުލަތުން ބޭނުންވާ ކަންކަމަށް ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައި ޚަރަދު ކުރަމުންދާކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން އަވަށްޓެރި ގައުމަކާ އެކު ވެވެވޭ ތަފާތު ލޯން އެއްބަސް ވުންތަކާއެކު އަސްކަރީ އެއްބަސްވުންތައް ހެދެމުންދާކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ. އިންޓެލިޖެންސަކީ ވެސް އަސްކަރީގެ އެއް ޔުނިޓްކަމަށްވާއިރު އިންޑިއާގެ ސިފައިންގެ އިންޓެލިޖެންސް ޔުނިޓްތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހުރިކަމަށް ވެސް ވަނީ ތުޙުމަތުކޮށްފައެވެ. މަޖިލީހުން ފާސް ކުރުމަކާ ވެސް ނުލައި، ސަރުކާރުން ވަނީ ބޭރު ގައުމެއްގެ ސިފައިންނަށް އެ ފުރުސަތު ތަނަވަސްކޮށްދެއްވައިފައި ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެކި ސަރަހައްދުތަކުގައި އެގައުމުގެ ސިފައިން ތިބި އަދަދުތައްވެސް މެމްބަރ ޠާރިޤް ވާހަކައި ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މިވާހަކަ ދެއްކީމާ އެމްއެންޑީއެފްގެ ޗީފް މޭޖަރ ޖެނެރަލް ޝަމާލު ނުކުންނަވައި މޮޅެތި ވާހަކަތައް ދައްކަވަން ނުހައްދަވާތި" މެމްބަރު ޠާރިޤް ވިދާޅުވިއެވެ.

ޑިޕްލޮމެޓިކް އިމިޔުނިޓީގެ ބޭނުން ނަހަމަގޮތުގައި ހިފައި ރާއްޖެއަށް އެތެރެކުރި ފިސްތޯލައެއްގެ މައްސަލައެއް، އެއްވެސް ގައުމެއްގެ ސަފީރަކާ ޖެހި، އެގައުމާ ދިވެހި ރާއްޖޭއާ ދެމެދު ނުތަނަވަސްކަން އުފެދި އެސަފީރު އަނބުރާ ނުގެންދެވޭތޯ ރާއްޖޭގައި ރައީސްކަން ކުރައްވައިފައި ތިއްބެވި ބޭފުޅުންނާ ސުވާލުކޮށްލެއްވުމަށް ވެސް މެމްބަރ ތާރިޤްގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއްގެ ވާހަކަކަމެއް، އޭނާ ވިދާޅެއް ނުވެއެވެ.  

ރައީސް ޞާލިޙް ރާއްޖޭގެ މިސްރާބު މިހާރު ގެންދަވާ ގޮތަށް ގެންދަވާނަމަ، ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން މުޑިއަރާނެކަމަށް ވެސް މެމްބަރު ތާރިޤް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ރައީސް ޞާލިޙް ގައުމުގެ މިސްރާބު ގެންދަވާ ގޮތް ބަދަލު ކުރެއްވުމަށް ގޮވާލެއްވިއެވެ.  

މިމޭރުމުން މެމްބަރު ތާރިޤް ވާހަކަ ދެއްކެވުމުން އެމްޑީޕީ ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި މެމްބަރ ޠާރިޤް ދައްކަވަނީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކެއް ކަމަށާއި އަދި ބަޣާވާތެއް އިޢުލާން ކުރީކަމަށް ވިދާޅުވެފައެވެ. ނަމަވެސް މެމްބަރު ޠާރިޤް ވިދާޅުވީ އޭނާ މަޖިލީހުގެ ގޮނޑިއަށް ދާއިރާގެ މެމްބަރުން ހޮއްވެވީ އެވާހަކަތައް ދައްކަވަން ކަމަށެވެ. އަދި ޕީޕީއެމް އަކީ ބަޣާވާތް ކުރާނެ ޕާޓީއެއް ނޫންކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.