މަސްދޯންޏަކަށް ތޫނު އެއްޗިއްސާ އެކު އެރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ލ. އަތޮޅު އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މިޑިއާއިން ވިދާޅުވީ މިމައްސަލައިގެ ތުޙުމަތުގައި ރޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 25 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ފުލުހުން ކުރިން ހާމަކޮށްފައިވަނީ އިއްޔެރޭގެ 11:55 ހާއިރު މިމަސްދޯނި ބަލައި ބަޔަކު ލޯންޗެއްގައި ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މައްސަލައިގައި ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން، އެދޯނި ލ. ގަމު ތުޑިއަށް ކައިރިކުރިކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ ދޯނި ކައިރިކުރީ ބަނދަރަށް ކަމަށެވެ. ދޯނި ބަނދަރަށް ކައިރިކުރިއިރު ފުލުހުން ބަނދަރުގައި ތިބި ކަމަށެވެ. ފުލުހުން ދޯންޏަށްއަރާ ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާކަމަށް އެނގިފައިވާކަމަށެވެ. އެދޯނި ބަލައި ދިޔަ ބަޔަކު ގެންދިޔަ ތޫނު ހަތިޔާރު ދޯނިގައި ހުރި ކަމަށާއި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގައި ފުލުހުން ފުރުތަމަ ވިދާޅުވީ އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށެވެ. 

ފުލުހުން ވިދާޅުވެފައި ވަނީ ހަތިޔާރާއެކު ދޯންޏަށް ދިޔަ މީހުންނަކީ، އެދޯންޏަކީ އެއްބަސް ވުމުގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެއެއްބަސް ވުމަށް އަމަލުނުކުރާތީ އެ ދޯންޏަށް ދިޔަބައެއް ކަމަށެވެ.

މިމަސް ދޯނި ލ. ގަމުން ފުރަން އުޅުމުން އެރަށުގެ ބަޔަކު އެކަމަށް ހުރަސް އެޅި ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުލުހުން ގޮސް ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވުނުކަމަށް ކަމަށް ވިދާޅުވިއެވެ.

މިމަސް ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު، އެއްބަސް ވުމެއްގެ ދަށުން ބައްލަވައިގެންފައިވާ ދޯންޏެއްކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.