އިމިގްރޭޝަން ޤާނޫނަށް އަޅުގަނޑު އިޞްލާހެއް ހުށަހަޅައިފައެއް ނުވާނެ: މަޖިލީހުގެ ރައީސް

އިމިގްރޭޝަން ޤާނޫނަށް އިޞްލާހެއް ހުށަހަޅައިފައެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެންވިދާޅުވީ އެމަނިކުފާނު ހުށަހެޅިކަމަށް ވިދާޅުވާ އީޞްލާހު ހުށަހެޅުވުމުގެ ފަހަތުގައި ފޮރުވިފައިވާ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގިންކަންތައްތަކެއް ކުރިކަމަށް ވިދާޅުވެ އެ އިޞްލާޙާ ދެކޮޅަށް، ނޮޅިވަރަމް ދާއިރާގެ މެމްބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ، ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު ވޯޓަށް އެއްސެވުމުގެ ކުރިންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އިދާރީމޭޒުންނާއި އެނޫން ގޮތްގޮތުން ބެއްލެވިނަމަވެސް އެމަނިކުފާނު، އިމިގްރޭޝަން ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލަށް، ހުށަހެޅުއްވި އިޞްލާހެއް ނުވާނެކަމަށެވެ. އެމަނިކުފާނު ހުށަހެޅުއްވި އިޞްލާޙުގައި ވާކަމަށް ވިދާޅުވާ ޢަދަދަކީ ވެސް ކިހިނެއް އައިސްގެން އުޅޭ ޢަދަދުތަކެއް ކަމަށް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީވެސް ކޮންމެވެސް ތަނަކުން ހޯއްދަވައިފައިވާ ޢަދަދެއްކަމަށް މަޖިލީހުހެ ރައީސް ވިދާޅުވިއެވެ.

ބަހުސްގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކުގެ ތެރޭގައި އެއްލަކަ ޑޮލަރާއި އެއްމިލިއަން ޑޮލަރުގެ ޢަދަދުތައް ހިމެނޭކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ކޮމެޓީން ނިންމެވި ރިޕޯޓް އަނބުރާ ކޮމެޓީން ބެއްލެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވީ ބިލްގެ ބަހުސްގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް ކޮމެޓީން ބިލު ދިރާސާކުރެއްވުމުގައި ރިޢާޔަތްކޮށްފައި ނުވާތީކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ބިލް ދިރާސާކޮށް ނިންމި  ގޮތުގެ ރިޕޯރޓް ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން އެކަންކަމަށް ރިޢާޔަތްކުރައްވައިފައި ވޭތޯ އެމަނިކުފާނު ބައްލަވަން ޖެހޭކަމަށް ވެސް މަޖިލިހުގެ ރައީސް ވިދާޅުވިއެވެ.  

"ކޮމެޓީގެ މަސައްކަތެއް ނޫން ޙަޤީޤަތުގައި ބިލަކާ ބެހޭގޮތުން ގޮތެއް ނިންމުމަކީ އެއީ އިބްތިދާއީ ބަހުސްގެ މަސައްކަތެއް. އެ އިބްތިދާއީ ބަހުސްގައި މެމްބަރުން ފާހަގަކުރެއްވި ނުކުތާތައް އަދި އާންމުންގެ ހުރި ނުކުތާތަކެއް ހުރިނަމަ ކޮމެޓީން ބިލުގައި ހިމަނައިދެއްވަން ޖެހެނީ. މެމްބަރުންގެ ވޯޓަށްވެސް އެހޭނެ. އިޞްލާޙު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ" މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ލިޔެކިޔުމެއް ނެތް ބިދޭސީންގެ މައްސަލަ ޙައްލުވާނީ ރަށްވެހިކަން ދީގެން ކަމަށް ދޭހަވާ ލިޔުމެއް ރައީސް ނަޝީދު ޝާއިޢު ކުރެއްވި އިރުވެސް އިމިގްރޭޝަން ޤާނޫނަށް އެމަނުފާނު ހުށަހެޅުއްވި އިޞްލާޙު ދޮގު ކުރައްވައިފައެއް ނުވެއެވެ. އެ ލިޔުއްވުންވެސް ވަނީ އެމަނިކުފާނު ހުށަހެޅުއްވިކަމަށް މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ  އިޞްލާޙުގައި ވާކަންކަމަށް ބާރު ލިބޭ ގޮތަށެވެ.  

މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ، އަދި ރައީސް ނަޝީދު މިއަދު އެމަނިކުފާނު ހުށަނާޅުއްވާ އިޞްލާޙުކަމަށް ވިދާޅުވާ އިޞްލާޙުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާދިނުންކަމަށްވެއެވެ. އަދި އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާ ދިނުންކަމަށް ވެއެވެ.

 މިއިޞްލާޙާ ގުޅިގެން ރައީސް ނަޝީދާ ދެކޮޅަށް ހުށަހެޅުނު މައްސަލަ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލައިފައެވެ. މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ 16 މެމްބަރުންނެވެ. ދެކޮޅަށް 19 މެމްބަރުން ވޯޓް ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.