ކާބޯތަކެތީގެ ޚިދުމަތް ދޭފަރާތްތަކަށް ދެވިފައިވާ ލުއިތައް މަޖިލީހުން އާއްމުކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކާބޯތަކެތީގެ ޚިދުމަތްދޭފަރާތްތަކަށް، އެކި ޚިދުމަތް ތަކުން ދެވިފައިވާ ލުއިތައް މަޖިލީހުން އާއްމުކުރައްވައިފިއެވެ. މަޖިލީހުން މިކަން އާއްމުކުރައްވައިފައިވަނީ މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް، އެކި އިދާރާތަކުން ދީފައިވާ ލުއިތައް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ހޯއްދަވައިފައިވަނީ އެފަރާތްތަކުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ޕެޓިޝަން ކޮމެޓީން އެކި އިދާރާތަކުން، ލިޔުމުން ސާފުކުރަން އެދުނު ކަންކަމުގެ މަޢުލޫމާތު މަޖިލީހުން އާންމުކުރައްވައިފައި ވަނީ ޚުލާސާ ގޮތެއްގައެވެ. މަޖިލީހުގެ ޕެޓިޝަން ކޮމެޓީން އެދިފައި ވަނީ ޕެޓިޝަންގައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެކި އިދާރާތަކުން ލުޔެއް ދެއްވެން އޮތްނަމަ އެކަމުގެ މަޢުލޫމާތު ހާމަކޮށްދިނުމަށެވެ.

ޕެޓިޝަން ކޮމެޓީން މަޢުލޫމާތު ހޯއްދެވީ ކޯވިޑް -19އާ ގުޅިގެން ޢަމަލުކުރަމުންދާ އައު ގައިޑްލައިންތަކުގެ ސަބަބުން ރެސްޓޯރަންޓް ، ކެފޭ އަދި އެހެނިހެން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާ ކަންބޮޑުވުންތަކަށް ލުޔެއް ހޯދުމަށްޓަކައި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުންނެވެ. މި ޕެޓިޝަން، ޕެޓިޝަން ކޮމިޓީއިންދިރާސާކުރަން ފެށީ މިދިޔަ މަހު ހައެއްގައެވެ. އެގޮތުން ގުޅުން ހުރި އިދާރާތަކުން ޢަމަލުކުރައްވަމުން ގެންދަވާގޮތާއި، އެ މައްސަލައިގައި އެ އިދާރާތަކުން ޕެޓިޝަން ހުށަހެޅުއްވެވި ފަރާތްތަކަށް ލުޔެއް ދެއްވެން އޮތްނަމަ އެކަމުގެ މަޢުލޫމާތު، ހޯއްދެވުމަށް ނިންމެވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވައިފައިވާ ލުއިތަކުގެތެރޭގައި ޑެލިވަރީ އަދިޓޭކްއަވޭއަށް އެކި ތާރީޚްގައި ދެވިފައިވާ ލުއިތައް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މާލޭގައި ބަލި ފެތުރުން އިތުރުވެ ބަލީގެ ޙާލަތު ނުރައްކާތެރި ދަރަޖައަކަށް ދިއުމުން، އިތުރު ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން، އޮގަސްޓް ހަތަރަކުން ފެށިގެން ރެސްޓޯރަންޓް، ކެފޭ އަދި އެހެނިހެން ކާބޯތަކެތީގެ ޚިދުމަތްދޭގަޑި 21:30 އާ ހަމައަށް ކުރު ކުރެވިފައިވުން ފާހަގަ ކޮށްފައިވެއެވެ.  ބަލީގެ ޙާލަތު ރަނގަޅުވަމުން ނުދާތީއާއި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބަލި ފެތުރުން އިތުރުވަމުން ދިއުމާގުޅިގެން، އޮގަސްޓް 23 އިން ފެށިގެން 20:00 އިން ފަތިހު އާ ދެމެދުގެ ވަގުތަކީ މަގުމަތީގައި ދުއްވާ އެއްޗެހި ދުއްވުން މަނާގަޑިތަކެއް ކަމުގައި ނިންމާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. ބަލީގެ ޙާލަތަށް ރިޢާޔަތްކޮށް އަދި ކަނޑައެޅިފައިވާ މޮނިޓަރިންގ މިންގަނޑުތަކަށް ބަދަލު އަންނަގޮތަށް ބަލައި މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް ލުއިދެމުން ގެންދެވޭނެކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފޮނުއްވި މަޢުލޫމާތުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓް ބިލްތައް ދައްކަވަން ދަތިވާ ޢާންމު ފަރުދުންނާއި ވިޔަފާރިތަކަށް، ނުދެއްކިވާ ބިލްތަކުގެ ފައިސާ ބަހާލައިގެން ދެއްކޭނެ އުޞޫލެއް ކަނޑައަޅައި، އެ އުޞޫލަށް ޢަމަލުކުރަމުން އަންނަކަމަށެވެ. އަދި އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް އެ ކަމާގުޅޭ ފޯމު ހުށަހެޅޭނެ އިންތިޒާމު، ޖުލައި ފަހަކުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ.

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ) އިން ފޮނުއްވި މަޢުލޫމާތުގައި ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ވިޔަފާރީގެ ހީނަރުކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެ ކުންފުނިން ލީނިއަންސީ ޕްލޭނެއް ތަޢާރަފްކޮށް، ފެން ބިލްތައް ހަމަހަށް ބަހަލައިގެން ދެއްކޭނެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަން ރެސްޓޯރަންޓް އެސޯސިއޭޝަނަށް އަންގައި، އެ އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ތަފްޞީލް ހޯދާފައިވާކަމަށެވެ.

ދިރާގުން ފޮނުވި މަޢުލޫމާތުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޚިދުމަތުގެ ބިލްތަކަށް ކަސްޓަމަރުން ގަވާއިދުން ފައިސާ ދައްކަމުން ނުދިޔަކަމުގައިވީނަމަވެސް، މި އަހަރުގެ ޖުލައި މަހާ ހަމައަށް އެ ކަސް ޓަމަރުންގެ ޚިދުމަތް ކެނޑުނަނުދީ ފޯރުކޮށްދެމުން ގެންގޮސްފައިވާކަމަށެވެ.  މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް އެހީވެދިނުމުގެގޮތުން، ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށެވެ.  މީގެއިތުރުން، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިގެން ބިލް ދެއްކުމަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށް އެދ ކަސްޓަމަރުންނަށް އެހީވެދެއްވުމުގެގޮތުން އެފަރާތްތަކަށް އިސްކަމެއްދެއްވައިގެން ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވާފައިވާކަމަށެވެ.  އަދި ލަހުން ބިލަށް ފައިސާ ދެއްކުމުގެ ސަބަބުން ޖޫރިމަނާ ފައިސާއެއް، އަދި ޚިދުމަތް ކަނޑާލައްވާފައިވާނަމަ، އަލުން ޚިދުމަތް ގުޅައިދެއްވުމަށް ކަސްޓަމަރުންގެ އަތުން އިތުރު އަގެއް ނަގާފައިނުވާކަމަށެވެ.  މީގެއިތުރުންވެސް، ރައްޔިތުންގެ މަޖިލީހުން އެދިލައްވާފައިވާ ގޮތުގެމަތިން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

އޫރީދޫން ފޮނުއްވި މަޢުލޫމާތުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން، އެ ކުންފުނީގެ އެއްވެސް ކަސްޓަމަރަކަށް ފޯނު ބިލް އެއްފަހަރާ ދައްކަން ދަތިވާނަމަ މަހުންމަހަށް ބަހަލައިގެން ބިލަށް ފައިސާ ދެއްކުމުގެ އުޞޫލު މިހާރުވެސް ހަމަޖެހިފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޢަމަލުކުރަމުންދާ އައު ގައިޑްލައިންތަކުގެ ސަބަބުން ރެސްޓޯރަންޓް، ކެފޭ އަދި އެހެނިހެން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާ ކަންބޮޑުވުންތަކަށް ލުޔެއް ހޯދުމަށްޓަކައި ހުށަހަޅުއްވާފައިވާ ޕެޓިޝަން ގައި ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ޕެޓިޝަން ކޮމިޓީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ރައްޔިތުން ހުށަހަޅާ މިފަދަ ހުރިހާ ޕެޓިޝަނެއް ވެސް ވީ އެންމެ ފުރިހަމައަށް ދިރާސާކުރުމަށް މި ކޮމިޓީއިން އިސްކަންދޭ ކަން ވަނީ ފާހަގަކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.