ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުަސަތު ހުޅުވާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދަނޑުވެރިކަމާ ބެހޭ ވުޒާއިން ހުޅުވާލައިފި އެވެ.

މިއަހަރުގެ ދަނަޑުވެރިކަމުގެ ދުވަހާ ގުޅިގެން ދަނޑުވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ދެއްވި ޚިޠާބުގައި  ވެސް ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފެށްޓެވިކަން ވަނީ ހާމަކުރައްވައިފައެވެ. ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް އެވުޒުރާ އިން ވަނީ ފަށްޓަވައިފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދުރު މުސްތަގުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްގީކުރުންކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސްއެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެވުޒާރާއިން ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެކުންފުނިން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ "ޗަވައްކަޑު އޮރެންޖެ" ޑްވާފު މުޑުވައްކަމަށް ވިދާޅުވިއެވެ. މިބާވަތުގެ މުޑުވައްތައް އާއްމުކޮށް ހެދޭނެ ދިގުމިނަކީ 10-15 ފޫޓްކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ރުއް އިންދަން ޝައުގުވެރިވާ ކައުންސިލްތަކުން، އެކަމަށް ކުރިމަތި ލުމަށް ދަނޑުވެރިކަމުގެ ވުރާއިން ވަނީ އެދިވަޑައިގެންފައެވެ. އެފުރުސަތު ހުޅުވާލުމަށް ކޮށްފައިވާ އިއުލާނާ އެކުގައިވާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އަންނަމަހުގެ 12 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް ނުވަތަ އީމެއިލް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރުއް އާލާކުރުމަށް ޝައުގުވެރިވާ ކައުންސިލްތަކުގެ ތެރެއިން ހޮވާލެވޭ 15 ކައުންސިލަކަށް، ކޮންމެ ރަށަކަށް 100 ރުއް ހަދިޔާކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. ރުއްތައް ދެއްވާނެ ރަށްތައް ހޮވުމުގައި ބައްލަވާނެ ކަންކަމުގެތެރޭގައި ރަށުގެ ބޮޑުމިނާއި ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތަކާއި އެމައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތައް ހިމެނެއެވެ. ހަދިޔާކުރެވޭ ރުއްތައް ބޭނުންކުރުމުގެ ޕްލޭން އަދި ދުރުމުސްތަޤްބަލަށް އެރުއްތަކުން ފައިދާހޯދަން ރާވާފައިވާ ގޮތް ތަކަށްވެސް ބައްލަވާނެކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ރުއްގިނަ ބައެއް ރަށްރަށުގައި ރުއްތައް ދިގުވެ މުސްކުޅިވެފައިވާކަން ފާހަގަ ކުރެވެއެވެ. މިފަދަ ރުއްރުކަށް އަރާނެ މީހުންވެސް ނުވާކަމަށް ބައެއް ރަށްރަށުގެ މީހުން ބެނެއެވެ. އަދި ރުއްތަކުން ލިބޭ އެއްޗިހިވެސް މަދުކަން ފާހަގަ ކުރެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.