މިހާރުވެސް ނުކިރި 712 ޓަނުގެ މަހާއެކު 50 ދޯނި އެބަ އޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ފެށި މަސްވެރިކަމުގެ ފޯރަމް އިފްތިތާހުކުރުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.
މިވަގުތުވެސް އުތުރުގައި ބާނާ މަސް ކިރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ 712 ޓަނު މަހާއެކު 50 ދޯނި ފެލިވަރުގައި ކިޔޫގައި މިހާރުވެސް އެބަ އޮތްކަމަށެވެ. ނަމަވެސް ފެލިވަރުގައި ހުރީ 150 ޓަނު ރައްކާކުރެވޭނެ ކެޕޭސިޓީ ކަމަށެވެ.
މަސްވެރިންނާއި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކާއި އަދި މަސް އެކްސްޕޯޓްކުރާ ފަރާތްތަކުގެ ދުވަސްވީ ޝަކުވާތަކަށް އަދިވެސް ހައްލެއް ނުގެނެވިވާކަން ވެސް ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅުގައިފާހަގަ ކުރެއްވިއެވެ. މިގޮތުން މަސް ނުކިރި ގިނަ ދުވަހު ކިޔޫގައި ހޭދަކުރަން ޖެހުމާއި އައިސް ލިބުމުގައި ހުރި ދަތިތަކާއި އެކްސްޕޯޓު މަރުހަލާގައި ނަގާ ފީތައް ވާދަވެރި އެހެން ޤައުމުތަކާ އަޅާބަލާއިރު އެތައް ގުނައަކުން ބޮޑުވުން ފާހަގަ ކުރެއްވިއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ޙައްގު މަޤާމު ބޭރުގެ ބާޒާރުގައު ގާއިމްކުރެވިފައި ނެތުމަކީ މި ސިނާޢަތުގެ ބައިވެރިންގެ ބޮޑެތި ކަންބޮޑުވުންތައްކަމަށް ފާހަގަ ކުރެއްވިއެވެ.
ކޯވިޑްގެ ސަބަބުން ޔޫރަޕަށް ބޮޑު ކަންނެލި އެކްސްޕޯޓު ކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަންވެސް ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައިވާކަމަށް މިނިސްޓަރު ޒަހާ ފާހަގަ ކުރެއްވިއެވެ. މަސްވެރިނާއި މަސް ގަންނަ ކުންފުނިތަކުގެ އާމްދަނީ ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރިސޯޓު މާކެޓަށާއި އެކްސްޕޯޓަށް ބަރޯސާވެފައިވާ ފާނަ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމަށް ވެސް ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން ކަން ފާހަގަ ކުރެއްވިއެވެ.
"މިއަހަރަކީ އަޅުގަނޑުމެން ވެސް ހީނުކުރާހާ ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހުނު އަހަރެއް. އެކަމަކު ކިތަންމެ ގަދަ ކަނޑެއްގައިވެސް ދިވެހި މަސްވެރިކަން، ހެޔޮވަރަކަށް އަޅުގަނޑުމެންނަށް ދައްކައިދީފި. ނަގާ ރާޅަކަށް ދެމޭ އޮއިވަރަކަށް ނުބަލައި މަސްބާނެކަން ދައްކައިދީފި. މަސްވެރިން ޤައުމުގެ އިޤްތިޞާދު ނަގަހައްޓައި ދިނުމުގައި ހިތްވަރާއެކު ދެމި ތިބޭނެކަން ސާބިތުކޮށްދީފި. އެކަމަށްޓަކައި ދިވެހި މަސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން." މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މަސްވެރިންނާއި ސިނާއަތުގެ ބައިވެރިން އުފުލާ ބުރަ އާއި ކުރާ މަސައްކަތް ހިތުގެ އަޑިން ބަލައިގަންނަކަމަށް ވެސް ފިޝަރީޒް މިނިސްޓްރު ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. މީގެތެރޭގައި މަސް ގަނެވޭނެ މިންވަރު އިތުރުކޮށް މަސްގަތުމަށް ހުރި ހުރަސްތައް ފިލުވާލަދޭކަމުގެ ޔަޤީންކަމެވެ. އިތުރު އައިސް ޕްލާންޓްތައް ގާއިމުކޮށް، ވަތުގައި ފެން ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އެހީތެރިވެދީ އައިސް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދޭނެ ކަމުގެ ޔަގީންކަމެވެ. ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު ނަގަމުންދާ ޑިއުޓީތަކާއި ފީތައް ކުޑަކުރުމަށް ހުއްޓުމެއް ނެތި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަމެވެ. އަދި ރާއްޖޭގެ މަސްވެރިކަން ބޭރުގެ ބާޒާރުތަކުގައި އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް އިތުރު މާކެޓް ތަކަށް ރާއްޖޭގެ މަސް ތައާރަފުކޮށްދޭނެކަމުގެ ޔަގީންކަމެވެ.