ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގާނޫނެއްގެ ބިލް އެކުލަވާލަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގާނޫނެއްގެ ބިލް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހުގެ ޚިޠާބުގައި މިނިސްޓަރ ޒަހާ ވިދާޅުވީ ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގާނޫނެއްގެ ބިލްގެ އިތުރުން ދަނޑުވެރިކަމުގެ އާންމު ޤާނޫނެއްގެ ބިލްވެސް އެކުލަވާލުމުގެ މަސައްކަތް  ކުރައްވަމުން ގެންދަވާ ކަމަށެވެ.

ދަނޑުވެރިކަމަށް ގާނޫނީ ބާރު ހޯދައި ދިނުމަށްޓަކައި ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއީދުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހާގަކުރައްވައި މިނިސްޓަރ ޒަހާ ވިދާޅުވީ، ޕެސްޓިސައިޑާ ބެހޭ ގަނޫނެއް ތަސްދީގު ކުރެވިފައިވާކަމަށެވެ. އެޤާނޫނާއި ގުޅޭ ގަވާއިދުތައް ނިންމުމުގެ މަރުޙަލާގައިވާކަމަށް މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް، ދޫކުރުމުގެ މަގްސަދު ހާސިލްވަމުން ނުދާނަމަ ރަށްތައް ނަންގަވާފައިވާ ފަރާތްތަކާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ޒަހާ ދެއްވިއެވެ. ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ފަޅުރަށްތަކެއް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ރަށްތައް ނަންގަވާފައިވާ ބައެއް ފަރާތްތަކުން ރަށް ނަންގަވާފައިވާ މަގްސަދުތަކާއި އެއްގޮތަށް މަސައްކަތް ނުކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ފަޅުރަށްތައް ނަންގަވައިގެން ހިތްވަރާއެކު މަސައްކަތް ކުރައްވާ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ ފަރާތްތަކެއްވެސް އެބަ ތިބިކަން ފާހަގަ ކުރެއްވިއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.