ދަނޑުވެރި ނަފާ، ލޯން ޕްރޮގްރާމުގެ ތިރީސް ޕަސެންޓު އަންހެނުންނަށް ޚާއްސަ ކޮށްފި

މިހާރު ޤާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ 30 ޕަސެންޓް ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަ ކުރުމަށް ނިންމަވައިފި ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް އަންހެން ދަނޑުވެރިންނަށް ޚާއްސަކުރެއްވީ އެ މަސައްކަތަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެނުން ބައިވެރި ކުރުވުން ކަމަށެވެ. އޭގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި "ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.،" މިނިސްޓްރީގެ އިޢުލާނުގައި ވިދާޅުވެފައެވެ.

މި އަދު މި ހުޅުވާލެވޭ ލޯނު ފުރުސަތުގެ ބޭނުން ކުރައްވައިގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ ދަނޑުވެރިކަން ކުރިއަރައިގެންދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓްރީ ވިދާޅުވެފައިވެއެވެ.

ލޯން ޕްރޮޤްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިނިސްޓްރީން ލިބެން ހުންނާނެއެވެ. ފޯން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ އިން ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ.

މިއީ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނާންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.