މާލީ އިންޓެލިޖެންސްގެ ބާރުވެސް އިންޑިއާއަށް ދޭން އުޅޭ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ބެހޭގޮތުން ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ ޝިޔާމް ވިދާޅުވީ، ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭއިރު އެއީ ކޮން ގައުމެއްގެ ކޮންބައެއްކަން އެނގެންޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުގައި ކަމަށް ގާބިލު ސްވިޑިޝް ކުންފުންޏެއް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އިންޑިއާގެ ވަކި ކުންފުންޏަކަށް އެކަން ހަވާލުކޮށް ރާއްޖޭގެ މާލީ އިންޓެލިޖެންސް ވެސް އިންޑިއާ ދޭންއުޅޭކަމުގެ ތުހުމަތު ކުރެއްވިއެވެ.
"ދޭދޭ ދެގައުމު ދޭތެރޭގައި ހެދިފައިހުރި އެގްރިމަންޓްގެ ތެރޭގައި އެބައޮތް، އަސްލުގައި ހަމަ މާލީ އިންޓަލިޖެންސް އެހެން ގައުމަކަށް ދެވިފައި މި އޮތީ. އަޅުގަނޑުމެންގެ މާލީ އިންޓެލިޖެންސް އެހެން ގައުމަކަށްދެވިފައި އޮތް އިރު، މުޅި މާލީ ނިޒާމުގެ ތެރޭގައި ހުރި ހުރިހާ ދޮރަކުން މިދަންނަވާހެން ވަދެގެން އަންނަ ކަމަށް ވަންޏާ ދިވެހި ރައްޔިތުންނަށް މިއިން ވާނެ ފައިދާއެއް ނޯންނާނެ." ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނޫނަށް ގެންނަ އިސްލާހު ފަރުމާކޮށްފައިވަނީ ވެސް މީރާގެ ދުވަހުންދުވަހުގެ ހިންގުމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރާނެ ގޮތަށް ކަމަށް ވެސް މެމްބަރ ޝިޔާމް ފާހަގަކުރެއްވިއެވެ.
ޤައުމީ ޕޭމަންޓް ސިސްޓަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ ޓެންޑަރިން ޕޮރޮސެސް ހިނގަމުން ދާތީ އެމަސައްކަތް ހަވާލުކުރާ ފަރާތެއް އަދި ހާމަކުރުން ރަނގަޅު ނޫންކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޖިލީހުގެ ކޮމެޓީއަށް އެމައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ. އަންނަ ހަފްތާގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެކަމަށް ވެސް ގަވަރުނަރ ވިދާޅުވިއެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމުކުރަމަށް ބޭނުންކުރައްވާ ސިސްޓަމަކީ އެހެން ގައުމެއްގައި ތަރައްގީކޮށް ބޭނުންކުރަމުންދާ ސިސްޓަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ސިސްޓަމެއް ކަމެއްވެސް ހާމައެއް ނުކުރައްވައެވެ. އެސިސްޓަމް ބޭނުންކުރައްވާނީ ރާއްޖެއާ ގުޅޭ ގޮތަށް ބަދަލު ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވިއެވެ. އަންނަ އަހަރުގެ އޮކްޓޫބަރު މަސްތެރޭގައި މި ސިސްޓަމް ބޭނުންކުރައްވަން ފަށްޓަވާނެކަމަށް ވެސް ގަވަރުނަރ ޢަލީ ހާޝިމް ވިދާޅުވިއެވެ.