ސުޕްރީމް ކޯޓްގެ ލަފަޔާއެއްގޮތަށް، ކައުންސިލްތަކުގެ މުއްދަތު ދަންމާލުމަށް ހުށަހެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި 

ސުޕްރީމް ކޯޓްގެ ލަފަޔާއެއްގޮތަށް، ކައުންސިލްތަކުގެ  މުއްދަތު ދަންމާލުމަށް ހުށަހެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރައްވައިފިއެވެ. 

މިއިޞްލާހު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމެވެ. އިޞްލާހު މަޖިލީހުން ފާސްކުރެއްވީ 63 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

މެދު ހެންވޭރު ދާއިރާގެ މެމްބަރު ޤާނޫނޫއަސާސީ އިޞްލާޙު ކުރުމުގެ ބިލަށް ހުށަހެޅުއްވީ ދެ އިޞްލާޙެކެވެ. އެއީ އެބިލްގެ އެއްވަނަ ނަމްބަރު އުނިކުރުމަށާއި ސުޕްރީމް ކޯޓްގެ ލަފަޔާ އެއްގޮތަށް ތިން ވަނަ މާއްދާގެ ފަހަތަށް 3.2 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ. އެއީ ޤާނޫނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރު ކުރުމަށެވެ. އެގޮތުން އިތުރުކުރި (ޅ) ބުނެފައިވަނީ އެމާއްދާގެ (ނ) ގައި އެހެން ގޮތަކަށް އޮތްނަމަވެސް 3 ޖޫންގައި 2017 ގައި އިންތިޚާބުކޮށްފައިވާ ކައުންސިލް ތަކުގެ ޢުމުރު ހަމަވާއިރު އެކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ނުކުރެއްވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި އަލަށް އިންތިޚާބު ކުރެވޭ މެމްބަރުން މަޤާމާ ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ، މަޤާމުގައިތިބި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން، މަޤާމުގައި ދެމި ތިބޭނެކަމަށެވެ. އަދި (ކ) ގެ ގޮތުގައި އެމާއްދާގެ ޅ. ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބި މެމްބަރުން ޢަމަލު ކުރާނޭ އިންތިޤާލީ އުޞޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެކަމަށެވެ. މިއިސްލާޙާއި އެކު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްވެސް މުޅި މަޖިލީހުގެ ކޮމެޓީގެ 63 މެމްބަރުންގެ އަޣްލަބިއްޔަތުން މިރޭ ވަނީ ފާސްކުރައްވައިފައެވެ. 

އިޞްލާޙު ހުށަހަޅުއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ އޭނާ އެ އިޞްލާޙު ހުށަހެޅުއްވީ އޭޖީގެ މަޝްވަރާއާ ވެސް އެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޤާލީ މަރުޙަލާގައި ކައުންސިލްތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތް މެމްބަރު ޙަސަން ހުށަހެޅުއްވި ސަންސެޓް ޤާނޫނުގައި ހިމެނިފައިވާތީ އެކަމަށްވެސް ޙައްލު ހޯދިފައިވާކަމަށެވެ. 

މެމްބަރު ޙަސަންގެ ސަންސެޓް ޤާނޫނޫގެ ރިޕޯޓު ވެސް ވަނީ މިރޭގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ކުރިއަށް ގެންގޮސްފައެވެ. 

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި  މިދެބިލު ފާސްކުރުމަށް ވޯޓަށް އެއްސެވުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.