ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭ: ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީީހުގެ ރައީީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެވެސް އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެނގެން ދިވެހިން ބޭނުންވާނެކަމަށް ޤަބޫލުފުޅު ކުރައްވަންތޯ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ މައުލޫމާތެއްވެސް ދިވެހިންނަށް އެނގެން ބޭނުންވާނެކަމަށެވެ. ނަމަވެސް އެއްވެސް ގައުމަކަށް، އެގައުމެއްގައި ތިބެނީ އަނެއް ގައުމުގެ ކިތައް މީހުންކަން އެނގޭތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. ތަފާތު އެއްބަސްވުންތައް ހެދި އިންޑިއާގެ ސިފައިންނާއެކު ތަމްރީނުތައް ހެދުންފަދަ ކަންކަމަކީ އަބަދުވެސް ހިނގަމުންދާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއީ ލާމެހިފައިވާ ދުނިޔެއެއް މިދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރި ކަމާއެކީ ހަމަޖެހޭ ގޮތަށް ޙައްލުކުރުމަށްޓަކައި  އޭގައި ބައިވެރިވާން އެބަޖެހޭ އެތައް ގައުމެއް. ދިވެހި ސަރުކާރުން މިއަދު މިސްރާބު ބަހައްޓާފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް، އިންޑިއާ އާއި، ޖަޕާނާއި، އޮސްޓްރޭލިއާ، އަދި އެމެރިކާއާއި އިނގިރޭސީންނާ ގުޅިގެން މިމަސައްކަތް ހިންގުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބުއްދިވެރި ގޮތެއް އެއީ މަސައްކަތް ހިނގާންވީ ގޮތަކީ ވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ދެގައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމެއްކަމަށް ދާދި ފަހުން ޑިފެންސް މިނިސްޓްރީން ވަނީ ވީދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.