މާލޭން ރަށްރަށަށް މީހުން ބަދަލުކުރުމާމެދު އިޖްތިމާއީ ކޮމެޓީގައި މަޝްވަރާ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދު އެދިވަޑައިގެނެނެވުމުން، އެކޮމެޓީގެ މުޤައްރިރު އަޙްމަދު އީސާ ހިތްހަމަ ޖެހިވަޑައިނުގެންފިއެވެ.
އީސާ ވިދާޅުވީ އެމައްސަލައަކީ ވެސް ކޮމެޓީއަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެކަމަމެދު މަޝްވަރާ ކުރުމަށް ހުޅުވާނުލައި ކުރިއަށް ނުގެންދެވޭނެކަމަށެވެ. އެކަމުގައި ގޮތެއް ނިންމަވާނީ މެމްބަރުންކަމަށް އީސަ ވިދާޅުވި އެވެ. މެމްބަރުން ބޭނުންނަމަ އެއިން އެއްވެސް ކަމަކަށް ކޮމެޓީގެ ރެކެމެންޑޭޝަނެއް ނެތްކަމަށް ވެސް ނިންމިދާނެ ކަމަށް އީސާ ވިދާޅުވިއެވެ.
ކޮމެޓީގައި އެމައްސަލައިގެ ބަހުސަށް ހުޅުވާލުމަށްފަހު ޢީސަ ވަނީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ކޮމެޓީއަށް ހުށަހަޅުއްވައިފައެވެ. އެއީ މާލޭގައި ކުށްޔަށްއުޅޭ މާލެނޫން އެހެން ތަނަށް ބަދަލުވުމަށް ހުށަހަޅާ ފަރާތްތައް ބަދަލުވުމަށް ކުރާޚަރަދު، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން އެމީހުންނަށް އަނބުރާ ދިނުމަށެވެ. އަދި އެގޮތަށް ބަދަލުވާ މީހުން ހުށަހަޅާ ޕްރްޕޯސަލް ތަކަށް އެސްއެމްއީ ބޭންކުން އިސްކަން ދީގެން ފަސްލައްކަ ނުވަތަ އެއްމިލިއަން ރުފިޔާއަށް ވުރެ ބޮޑުނުވާ ޢަދަދެއްގެ ލޯނު ދިނުމުގައި އިސްކަން ދިނުމަށް ހުށަހެޅި ދާނެކަމަށެވެ.
އެމައްސަލައިގައި ކޮމެޓީގައި މަޝްވަރާ ނުކުރެއްވުމަށް މެމްބަރ އިސްމާއީލް އެދި ވަޑައިގެންނެވީ އީސަގެ ހުށަހެޅުއްވުން ކޮމެޓީއަށް ހުށަހެޅުއްވި ފަހުންނެވެ. އިސްލާމާޢީލް ވިދާޅުވީ މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ސީދާ ކޮމެޓީން އިސްނަގައިގެން މީހުން ރައްރަށް ބަދަލުކުރުމާމެދު މަޝަވަރާކޮށްސަރުކާރަށް ރެކޮމެޑޭޝަންތަކެއް ދިނުމަށް އޭނާ އިންކާރު ކުރައްވާކަމަށެވެ. ނަމަވެސް މެމްބަރ ޖީހާން ވިދާޅުވި ގޮތަށް އެފަދަ މީހުންގެ ޙާލަތު ދެނެގަތުމަށް ދިރާސާއެއް ކުރުމަކީ މުހިންމު ކަމެއްކަމަށް މެމްބަރ އިޞްމާޢީލް ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުންއަންނަނީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުންކަން ފާހަގަ ކުރައްވައި، ސަރުކާރަށް އިތުރަށް ބުރަ ބޮޑުކުރުމަށް އިތުރުކަންތައްތަކެއް ރެކޮމެންޑޭޝަން ތަކެއްގެ ގޮތުގައި ހުށަހެޅުމަށް ފެނިޑައި ނުގަންނަވާކަމަށް ވެސް މެމްބަރ އިސްމާޢީލް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމުގައި މައްސަލައެއް ހުރިތޯ ބެއްލެވުމަށްފަހު އެކަންކަމާބެހޭގޮތުން ރެކެމެންޑޭޝަންތަކެއް ދިނުން މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެންމެ ފުރަތަމް ކުރަންޖެހޭނެ ކަމަކީ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ. މެމްބަރ އިސްމާޢީލް ވަނީ ހުށަހެޅުމެއްގެ ގޮތުގައި އެކަން ކޮމެޓީއަށް ހުށަވެސް އަޅުއްވައިފައެވެ.
އިޖްތިމާޢީ ކޮމެޓީގެ މުޤައްރިރު އީސަ ވިދާޅުވީ އެނާ އަށް މެންޑޭޓާ ޚިލާފަށް ކޮމެޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ކޮމެޓީގެ މެންޑޭޓް ރަނގަޅަށް ބައްލަވާލެއްވުމަށް މެމްބަރ އިސްމާޢީލްގެ އަރިހުން އެދި ވަޑައިގެންނެވިއެވެ.
"މެންޑޭޓެއް ދީފައިއޮއްވާ އެއާ ޚިލާފަށް އަޅުގަޑަށް މިމަޤާމުގައި އިނދެ މަސައްކަތެއް ނުކުރެވޭނެ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. މުޤައްރިރުގެ މަޤާމުގައި އިނދެ ކޮމެޓީގެ މެންޑޭޓާ ޚިލާފަށް އެއްވެސް ކަމެއް ހިނގާކަމަށްވަންޏާ، ކޮމެޓީގެ މެމްބަރުންނަށް އެކަން ހަނދުމަފުޅުކޮށް ދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެކަން ހަނދާން ނައްތާނުލައްވާތި. އަޅުގަނޑުމެންޖެހޭ މެންޑޭޓްގައި ހުރި ހުރިހާ ނުކުތާއަކަށް ސަރުކާރަށް ރެކޮމެންޑޭޝަނެއް ދޭން. ކޮމެޓީގެ މެމްބަރަކު އެދުނަސް މެންޑޭޓްގައި އޮތް ކަމެއް އަޅުގަޑަކަށް ދޫކޮށެއް ނުލެވޭނެ." މެމްބަރ އިސްމާޢީލްގެ ވާހަކަ އަށް ރަށްދު ދެއްވަމުން މެމްބަރ އީސަ ވިދާޅުވިއެވެ.
އިސްލާމާޢީލް ވިދާޅުވީ އޭނާ ކޮމެޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް ނުވަތަ ޚިޔާލަކަށް ރައްދު ދިނުމަކީ ކޮމެޓީގެ މުޤައްރިރަށް ކުރެވޭނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. ކޮމެޓީއަށް އެޖެންޑާ ކުރެވޭ ކޮންމެ ކަމަކީ ކޮމެޓީން ގޮތްތަކެއް ނިންމަންޖެހޭ ކަމެއް ނޫންކަމަށެވެ. އެކަމުގައި މެމްބަރުންނަށް ފެނިވަޑައިގަންނަވާ ޚިޔާލު ފާޅުކުރެއްވުމަށްފަހު ގޮތެއް ނިންމާނީ ކޮމެޓީގައި ނެގޭ ވޯޓަކުން ކަމަށް މެމްބަރ އިސްމާއީލް ވިދާޅުވިއެވެ.
އެމައްސަލައިގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވިދާޅުވީ ފުރަތަމަ ކަމަކަށް، ބަދަލުވާންޖެހިފައިވާ މީހުން ދެނެގަތުމަށް އޮތް ނިޒާމަކީ ކޮބައިތޯއާއި އެފަދަ ބަޔަކު ތިބިތޯ ބަލަން ޖެހޭކަމަށެވެ. އެހެންކަމުން އެކަން ދަނެގަތުމަށް ދިރާސާއެއް ކުރަންޖެހޭކަމަށެވެ. ހުށަހެޅުމެއްގެ ގޮތުގައި މެމްބަރ ޖީހާން ވަނީ އެމައްސަލަ ކޮމެޓީއަށް ހުށަހަޅުއްވައިފައެވެ.
އެންމެ ރަނގަޅު ގޮތަކީ ހިޖުރަކުރަން ނުޖެހޭ ގޮތެއް ހެދުން ކަމަށް މެމްބަރ ޖީހާން ފާހަގަ ކުރެއްވިއެވެ. ނިކަމެތި ކަމެއްގެ ޙާލަތުގައި ހިޖުރަކުރަން ހިތްވަރު ދިނުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ކަންވެސް ކުރައްވަމުން ގެންދަވާ ހިންނަވަރު ދާއިރާގެ މެމްބަރ ޖިހާން ފާހަގަ ކުރެއްވިއެވެ.
މެމްބަރ ޖިހާން ވިދާޅުވީ މީހާލަތަކީ އެއްވެސް ބަޔަކު ތަޞައްވަރުކުރި ޙާލަތެއް ނޫންކަމަށެވެ. މިޙާލަތަކީ ދެރަ ޙާލަތެއްކަމަށާއި މަޖުބޫރުވެގެން ނިކަމެތިވެގެން ހިޖުރަކުރަންޖެހުމަކީ، ޑިސެންޓްރެލައިޒްކުރުމަށް ނުވަތަ ލާމަރުކަޒު ކުރުމަށް ފުރުޞަތެއްގެ ގޮތުގައި ދެކިގެން، ކޮށްގެން ވާނެކަމެއް ނޫންކަމަށް ޤަބޫލުކުރައްވާކަމަށެވެ. ހިޖުރަކުރުމަކީ މިފަދަ ޙާލަތުގައި ދެވޭ ފުރުޞަތެއްގެ ގޮތުގައި، ޚާއްޞަ ގޮތެއްގައި އިޖްތިމާއީ ކޮމެޓީން ނުދެކުމަކީ މުހިންމު ކަމެއްކަމަށް ޖީހާން ފާހަގަ ކުރެއްވިއެވެ.
ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި މެމްބަރ އީސަ ވަނީ ވދާޅުވެފައެވެ. އީސާގެ ވާހަކައަށް ގިނަ ބައެއްގެ ފާޑް ކިޔުންތައް ކުރިމަތިކުރުވިއެވެ. ފާޑްކިޔުންތަކާ ގުޅިގެން އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގައި އީސަ ވިދާޅުވީ އެއީ ހެޔޮ ނިޔަތުގައި ވިދާޅުވި ވާހަކަފުޅެއްކަމަށެވެ.