ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޤާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. މާދަމާގެ ޖަލްސާގައި އޮންނާނީ ބިލް މަޖިލީހަށް ތައާރަފްކުރެއްވުމަށް ފުރަތަމަ ކިޔުން އިއްވުމެވެވެ. ފުރަތަމަ ކިޔުން އިއްވުމަށްފަހު ބިލް މަޖިލިހުގެ ވެބްސައިޓްގައި ސާއިއުކުރައްވާނެއެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިބިލާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް އިސްލާހެއް އަންނަޖެހޭ ކަމަށް އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް މެމްބަރު ޖާބިރު ހުށަހަޅުއްވައިފައިވާ އިސްލާހަކީ އެމަނިކުފާނު ތާއީދު ކުރައްވާ މަގަށް އޮތް އިސްލާހެއް ނޫން ކަމަށެވެ. އަދި މި ވަގުތަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބަހުސެއް ހިންގަންވީ ވަގުތު ނޫންކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެބިލް އެޖެންޑާ ކުރައްވައި ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސްކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. ބިލާމެދު ގޮތެއް ނިންމެވުމަކީ މެމްބަރުންގެ އަތްޕުޅުގައި އޮތް ބާރެއްކަމަށް ވިދާޅުވިއެވެ.
ޖުޑިޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވައިފައިވާ ބިލް ވެސް ވަނީ މާދާމާގެ ޖަލްސާއަށް އެޖެންޑާ ކުރައްވައި ފައެވެ. މާދަމާ އޮންނާނީ އެބިލްވެސް މަޖިލީހަށް ތައާރަފް ކުރެއްވުމުގެ ގޮތުން ފުރަތަމަ ކިޔުން އިއްވުމެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުވާންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކާއި ކުރިން ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވައިފައިވާ ފަރާތްތަކުން ވެސް ދަނީ ވިދާޅުވަމުންނެވެ.