ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ދިގުދައްމާލަން މަޖިލީހުން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރެއްވީ 64 މެމްބަރުންގެ ޢިއްތިފާގުންނެވެ.
މަޖިލީހުގެ ދައުރު ދިގުކުރުމަށް ވޯޓަށް އެއްސެވީ ޓޫރިޒަމް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މަޢުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުން ވަކި ގޮތެއް ނިންމެވުމަށް ފަހު ޗުއްޓީއަށް ވަޑައިގެންނެވުމަށްޓަކައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ވަޒީރަށް ރުހުން ހޯއްދެވުމަށް ފޮނުއްވައިފައި ވަނިކޮށް އެމައްސަލަ ވަކި ގޮތަކަށް ނުނިންމަވާ މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހަށް އެމައްސަލަ ކޮމެޓީން ނިންމެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެން ކަމުން އަންނަ ހަފަތާގެ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މިދައުރު ދައްމާލުމަށް ގަސް ދު ކުރައްވާކަމެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސަގާފަތްވެސް ދަމަހަށްޓަވަން ވާނެކަމަށް ފާހަގަ ކުރައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ވިދާޅުވީ ދުވަހަކުވެސް ޗުއްޓީއަށް ދާންޖެހޭ ދުވަހު 19 ވަނަ މަޖިލީހުން ޗުއްޓީއަށް ނުދާކަމަށެވެ. އަދި ޗުއްޓީއަށް ނުގޮސްވެސް 19 ވަނަ މަޖިލީހުން މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި މިއަހަރުވެސް އަދި މަޖިލިސް ކުރިއަށް ދަނީ ޗުއްޓީއަށް ނުގޮސްކަން ފާހަގަ ކުރެއްވިއެވެ.
ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަނީ ގިނަ މައްސަލަތަކެއް އެޖެންޑާ ކުރައްވައިފައެވެ. އެމަސައްކަތްތައް ނިމެންދެން ޖަލްސާ ކުރިއަށް ގެންދެވުމަށް ފާސްކޮށްގެން މިހާރު ކުރިއަށް ދަނީ މައްސަލަ ތަކަށް ވޯޓަށް އެއްސެވުމެވެ.