އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހާއި ދައުލަތާ ދެކޮޅަށް އެމްޓީސީސީން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑު އެހުންތައް ހައި ކޯޓުން ނިންމާލައިފިއެވެ.
އެމްޓީސީސީން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހަދައިފައިވާޤަވާއިދުގެ 69 ވަނަ މާއްދާގެ (ޅ) އުވާލުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެމްޓީސީސީގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޤަވާއިދުގެ އެ މާއްދާ އޮތް ގޮތުން ޤާނޫނު އަސާސީގެ މަފްހޫމާ ވެސް ފުށު އަރާކަމަށެވެ. ޤާނޫނުގައި ނުބުނާ ވާހަކަތަކެއް ޤަވާޢިދެއްގައި ލިޔެ އެޤަވާޢިދު ތަންފީޒު ކުރުމުގެ ބާރެއް އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެން ނުވާކަމަށެވެ. ޤާނޫނުގައި ދައުލަތުގެ އިދާރާތައް ބަޔާންކޮށްފައި އޮންނަ އޮތުން އެއަށްވުރެ ފުޅާކޮށް ޤަވާޢިދެއްގައި ނުހިމެނޭނެކަމަށެވެ. އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏެއްކަމުން އިންފޮމޭޝަން ކޮމިޝަނަރ ހާމަކުރައްވަން އެދިވަޑައި ގަންނަވާ ކޮންމެ މަޢުލޫމާތެއް ހާމަކުރުމުން ކުންފުންޏަށް ފޫ ނުބެއްދޭވަރު ގެއްލުމެއް ވެގެން ހިނގައިދާނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވަކީލާ ފާތުމަތު ސައުޝަން ވިދާޅުވީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަކީ ރައްޔިތުންނަށްޓަކައި ހެދިފައިވާ ޤާނޫނަކަށް ވާއިރު އެޤާނޫނުގެ ދަށުން މަޢުލޫމާތު ނުދީ ޤާނޫނު މުގުރާލުމުގެ ބާރު އެމްޓީސީސީއަށް ލިބިގެން ނުވާކަމަށެވެ. ޕަބްލިކް ކުންފުންޏަކަށްވާއިރު، އެކުންފުނީގެ ބައެއް މަޢުލޫމާތަކީ ރައްޔިތުންނަށް ލިބެންޖެހޭ މަޢުލޫމާތުކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ޤަބޫލުކުރާކަމަށެވެ. މަޢުލޫމާތު ހާމަކުރުމުން ފޫނުބެއްދޭ ވަރު ގެއްލުމެއް ކުންފުންޏަށް ލިބިދާނެ ކަމަށް އެމްޓީސީސީން ވިދާޅުވާއިރު، ހާމަކުރަން ނުޖެހޭ މަޢުލޫމާތެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރ ނޭދޭނެ ކަމަށެވެ. އެކަން ޤާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. ޕަބްލިކް ކުންފުންޏަކަށް ވާއިރު ކުންފުނީގެ ކަންތައްތައް ރައްޔިތުންނަށް އެނގުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަޢުލޫމާތު ހާމަކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަންކަން ހުއްޓުވުމަށް ބާރު އަޅައިދީ ބައެއް އެކަން ހުއްޓުވޭކަންވެސް އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. ޤާނޫނުން ލިބޭ ބާރުގެ ދަށުން ޤަވާއިދު ހަދަނީ ޤާނޫނު ތަންފީޒުކުރުމަށް ފަސޭހައަކަށް ކަމަށް ވިދާޅުވިއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމަކީ ރައްޔިތުންގެ ވިންދާވެސް ގުޅިފައި އޮތްކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވަކީލާ ވިދާޅުވިއެވެ. އެމްޓީސީސީއަކީ ރައްޔިތުން ޙިއްޞާވާ ކުންފުންޏަކަށްވާތީ އެތަނުގެ ބައެއް މަޢުލޫމާތަކީ ރައްޔިތުންނަށް އެނގެންޖެހޭނެ މަޢުލޫމާތު ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.
ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި މާނަކޮށްފައިވާ މާނަކުރުމަކީ ޤާނޫނީ ތަރަހައިގެ ތެރޭގައި ކޮށްފައިވާ ކަމެއްކަން ފާހަގަ ކުރައްވައި އެމާއްދާ އުވާ ނުލެވޭނެ ގޮތަކަށް ޙުކުމް ކޮށްދެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވަކީލާ އެދިވަޑައިގެންނެވިއެވެ.
ބަންޑާރަނާއިބު އޮފީހުގެ ވަކީލުން ވިދާޅުވީ ޤާނޫނުން ބާރު ލިބިގެން ނޫނީ ޤަވާއިދު ނުހެދޭނެކަމަށް އެމްޓީސީސީން ވިދާޅުވާ ވިދާޅުވުމަށް ދެކޮޅު ނޫންކަމަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ މާއްދާ އެމްޓީސީސީން ތަޠްބީޤްކުރައްވާ ގޮތް ރަނގަޅު ނޫންކަމަށެވެ. ޤާނޫނުގައި ބުނަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮމެތަނަކާއި ބަޖެޓުން އެހީ ލިބިގެން ހިންގާ ތަންތަންކަމަށެވެ. ދައުލަތުގެ ކުންފުޏެއްކަމަށްވިއަސް އަދި އެހެން އިންސްޓިޓިއުޝަނެއް ޖަމާޢަތެއް ޖަމްޢިއްޔާއެއް ކަމުގައި ވިއަސް މިތިން ސިފައިގެ ތެރޭގައި އެކުލެވޭކަމަށް ވާނަމަ އެތަނަކަށް ޤާނޫނު އެޕްލައި ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޤަވާޢިދުގައި އޮތް ޢިބާރާތް ބާޠިލްކުރަންޖެހޭ އަސާސެއް ނެތްކަމަށް ދައުލަތުގެ ވަކީލު ތަކުރާރުކޮށް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިމައްސަލައިގެ އަޑު އެހުން ނިންމާލައްވަމުން ފަޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ވިދާޅުވީ އެމައްސަލަ ދިރާސާ ކުރެއްވުމަށްފަހު މައްސަލަ ނިންމާނެ ތާރީޚެއް ކަނޑައަޅުއްވައި މައްސަލައިގެ ހިމެނޭ ފަރާތްތަކަށް އަންގަވާނެކަމަށެވެ.