އިންފޮމޭޝަން ކޮމިޝަނަރ ބާއްވާ އާއްމު އަޑުއެހުންތަކާބެހޭ އުޞޫލުތައް އިޞްލާޙުކޮށް އާއްމުކޮށްފި

ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރ ބާއްވާ އާއްމު އަޑުއެހުންތަކާބެހޭ އުޞޫލުތައް އިޞްލާޙުކޮށް އާންމުކޮށްފިއެވެ. އެއޮފީހުން މިހާރު ނިންނައިފައި ވަނީ އާއްމު އަޑުއެހުންތައް ހުޅުވައިލައިގެން ބޭއްވުމަށެވެ.

މައުލޫމާތު ދިނުމާމެދު ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ، އިންފޮމޭޝަން ކޮމިޝަނަރަށް އެކަން ހުށަހެޅުމުގެ ފުރުސަތު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ލިބެއެވެ.

އާންމު އަޑުއެހުންތަކުގައި ބޭނުންކުރާނެ އުޞޫލުގައިވާގޮތުން އަޑުއެހުން ބާއްވާ ތަނާއި ތާރީޚާއި ގަޑި އާންމުކުރަންޖެހޭނެއެވެ. މައްސަލަ ހުށަހަޅާ ފަރާތާއި ރައްދުވާ ފަރާތަށް ލަސްވެގެން 7 ދުވަހުގެ ކުރިން އަޑުއެހުން ބާއްވާ ތަނާއި ތާރީޚާއި ގަޑި އަންގަންޖެހޭނެއެވެ.

އުޞޫލުގައިވާގޮތުން މައްސަލަ ރައްދުވާ ފަރާތުން އަޑުއެހުމަށް ޙާޒިރު ނުވިކަމުގައި ވިއަސް މައްސަލަ ބަލައި ގޮތެއް ނިންމާނެއެވެ. މައްސަލަ ރައްދުވާ ފަރާތުން ވަކީލަކު ނުވަތަ މަންދޫބެއް ހަމަޖެއްސިދާނެއެވެ. އަޑުއެހުމަށް ހާޒިރުވުމާއި ނުވުމުގެ އިޚްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް މި އުސޫލުގައި ބުނާގޮތުން ލިބެއެވެ.

އާއްމު އުޞޫލެއްގެ ގޮތުން ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުން ބޭއްވޭ ދުވަހު އިންފޮމޭޝަން ކޮމިޝަނަރ އެމައްސަލަ ނިންމައި ގޮތެއް ކަނޑައަޅަންޖެހެއެވެ. އެހެންނަމަވެސް ފުރަތަމަ މަރުޙަލާގައި ގޮތެއް ނުނިމޭފަދަ ޙާލަތެއް ދިމާވެއްޖެނަމަ އެހެން ބައްދަލުވުމެއް ބާއްވައި އެމައްސަލައިގައި ގޮތެއް ކަނޑައަޅަންވާނެކަމަށް އާއްމު އުޞޫލުގައި ވަނީ ކަނޑައަޅައިފައެވެ.

މައްސަލަ ނިމޭތާ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި އެމައްސަލަ ނިންމި ގޮތުގެ ރިޕޯރޓް އންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރަން ޖެހެއެވެ. މައްސަލަ ނިމޭތާ ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި އެދިއްޖެނަމަ މައްސަލަ ހުށަހެޅިފަރާތާއި ރައްދުވާ ފަރާތަށް މައްސަލަ ނިންމިގޮތުގެ ރިޕޯރޓް ދޫކުރަންވާނެކަމަށް ވެސް އުޞޫލުގައި ބުނެފައި ވެއެވެ.

އުޞޫލުގައި ބުނާ ގޮތުން އާންމު އަޑުއެހުންތަކުގައި މައްސަލަ އަޑުއެހުމަށް އާންމުންނަށް ފުރުޞަތު ހުޅުވާލަންޖެހެއެވެ. އާންމުންނަށް މައްސަލަ އަޑުއަހަން ވަދެވޭނީ އެކަމަށް ކަނޑައެޅުފައިވާ ދަފްތަރެއްގައި ނަންނޯޓްކުރުމަށް ފަހުއެވެ.

އާންމު އަޑުއެހުންތަކާބެހޭ އުޞޫލުތަކުގައި ބުނާ ގޮތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ޤާނޫނުގެ ހަތްވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 48 ގަޑީއިރު ތެރޭގައި ދޫކުރަންޖެހޭ މަޢުލޫމާތެއްކަމުގައިވާނަމަ، މި އުޞޫލުގައި ބަޔާންކޮށްފައިވާ އެއްވެސް މުއްދަތެއް އެފަދަ މައްސަލައަކަށް ނުހިނގާނެއެވެ. ޤާނޫނޫގައި ބުނާ ގޮތުން 48 ގަޑީއިރުގެ ތެރޭގައި މަޢުލޫމާތު ލިބެންޖެހެނީ މީހެއްގެ މިނިވަންކަމަށް ނުވަތަ ފުރާނަޔަށް ނުރައްކާވެގެން އެކަމުން ސަލާމަތްވުމަށްޓަކައި، ބޭނުންވާ މަޢުލޫމާތެއް ހޯދުމަށް އެދިއްޖެ ހިނދެއްގައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.