އިލެކްޝަންސް ކޮމިޝަން (އީސީ) ގައިހުރި މަޢުލޫމާތެއް މީހަކު ބޭނުންވެގެން އީސީއަށް ހުށަހެޅުމުން އެމަޢުލޫމާތު ނުދިން މައްސަލާގައި އިންފޮމޭއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ޢާއްމުކޮށް ހުޅުވައިލައިގެން ބޭއްވި ހުރިހާ އަޑުއެހުންތައް މިއަދު ނިންމައި ނިންމިގޮތް ބުދަދުވަހު އިޢުލާން ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަދުގެ އަޑުއެހުމަކީ އާމިނަތު އަޞްފާ ޝާފިޢީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވެގެން ހޯދާން އެދެނު މަޢުލޫމާތު އެތަނުން ނުލިބިގެން އޭނާ އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުއްވުމުން ބޭއްވި އަޑު އެހުމެކެވެ.
އާމިނަތު އަޞްފާ ބޭނުންވި މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ދޫނުކުރެއްވުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ބެއްލެވުމަށްޓަކައި މަޢުލޫމާތަށް އެދުމުން ވެސް އެ މަޢުލޫމާތު ނުދީ އިލެކްޝަންސް ކޮމިޝަނުން ވަނީ ހިފަހައްޓައިފައެވެ. އެ މަޢުލޫމާތު ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވަނީ އެއީ ބައެއްގެ ޒާތީ މަޢުލޫމާތަކަށްވާތީ ކަމަށް އެތަނުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވަނީ އެ މަޢުލޫމާތު އިންފޯމޭޝަން ކޮމިޝަނަރާ ޙިއްސާކުރިނަމަ މިފަދަ އަޑުއެހުންތަކެއް ނުބާއްވައި މައްސަލަ ޙައްލު ކުރެވޭނެ ކަމަށެވެ.
މަޢުލޫމާތު ނުލިބޭ ހާލަތުގައި މި ފަދަ އަޑުއެހުމެއް ބާއްވާން ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލާޒިމުކުރެއެވެ. އަދި މިކަމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުން ހުށަހަޅާން އެންގުމުގެ ބާރު އެ ޤާނޫނުގެ 60 ވަނަ މާއްދާއިން ކޮމިޝަނަރަށް ލިބިދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށްޓަކައި އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށް އެތަނުން އެދުމުން އެފުރުސަތު ވެސް ވަނީ ދީފައި ކަމަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. "ރިޔާސަތުން ދެފާރާތުގެ ހުށަހެޅުންތަށް އަޑުއެއްސެވުމަށްފަހުގައި ރިޔާސަތުން ބޭނުންފުޅުވާ ބައެއް ކަންކަމާ ގުޅިގެން ވަނީ ސުވާލުކުރައްވާފައެވެ. އަދި ދެފަރާތާ ވެސް ކުރެވޭ ސުވާލުތަކާއި ޖަވާބަށް ފަހު، ފަހު ބަސް ބުނުމުގެ ފުރުޞަތު ދެ ފަރާތަށްވެސް ރިޔާސަތުން ވަނީ ދެއްވާފައެވެ. އަދި އެއަށްފަހުގައި މި މައްސަލައިގައި ކޮމިޝަނަރުގެ ނިންމެވުން އިޢުލާންކުރައްވާނީ މާދަމާ 11:00 ގައި ކަމަށް މިއަދު އިޢުލާނުކުރެއްވިއެވެ."