ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދޭވަރަށް އަދި ވެސް ބަލި ކޮންޓްރޯލް ނުވާކަމަށް ހެލްތް އެކްސްޕާރޓެއްކަމަށްވާ ޑޮކްޓަރ ޝީނާ މުސާ ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ) ގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ ޝީނާ ވިދާޅުވީ ޢަދަދުތައް ދަށަށް ދިޔަ ނަމަވެސް އަދިވެސް ބަލި ފެތުރެމުންދަނީ ރެޑް ޒޯންގައި ކަމަށެވެ. ލުއި ދެވޭނީ ގްރީން ޒޯނުގައި ދެހަފްތާއެއްހާ ދުވަސް ބަލާލުމަށްފަހުގައި ކަމަށެވެ.
ގްރީން ޒޯންކަމަށް ކަނޑައަޅައިފައިވަނީ ބަލި ފެތުރޭކަމަށް ބަލާ އިންޑިކޭޓަރސް ތަކުގެ ތެރެއިން ގުޅުމެއް ނެތް ކޭސްތައް 20 އިންސައްތައަށް ދަށްކުރެވުމާއި ޖުމުލަކޮށް ޓެސްޓް ކުރެވޭ ޢަދަދާއި ފްލޫ ކްލިނިކް ތަކުން ޓެސްޓްކުރެވޭ ޢަދަދުގެ ތެރެއިން ޕޮޒިޓިވްވާ ޢަދަދު ފަސް އިންސައްތަ އަށް ދަށްވުމެވެ.
މިރޭގެ ޕްރެސް ކޮންފަރެންސް ގައި ޑޮކްޓަރ ޝިނާ ވަނީ މިހާރު ބަލި ފެތުރެމުންދާ މިންގަނޑުތަކުގެ ތަފްސީލާއި ފިޔަވަޅުތައް އެޅުމުން އައި ބަދަލުތައް ސްލައިޑަތަކުން ދައްކާލާފައެވެ. މިރޭގެ ސްލައިޑްތަކުން ފެންނަ ގޮތުން މިހާރު ގުޅުމެއް ނެތް ކޭސްތައް އުޅެނީ 29 އިންސައްތައިގައެވެ. ގުޅުމެއް ނެތް ކޭސްތައް ފެތުރޭ މިންވަރު ދައްކައިދޭ ގްރާފުން ފެންނަގޮތުން ލޮންޑައުންނަށްފަހު ލުއިދެވުމާއި އެކު ގުޅުމެއް ނެތް ކޭސްތައް 50 އިންސައްތައަށްވުރެ މަށްޗަށް ދިޔައެވެ. މިހާރު ޖުމުލަކޮށް ޓެސްޓް ކުރެވޭ ޢަދަދުން ޕޮޒިޓިވްވާ ނިސްބަތް އުޅެނީ 11 އިންސައްތައިގައެވެ. ފްލޫ ކްލިނިކް ތަކުން ޓެސްޓްކުރެވޭ ޢަދަދުގެ ތެރެއިން ޕޮޒިޓިވްވާ ޢަދަދު ހުރީ ފަސް އިންސައްތައިގައެވެ.
ޑރ. ޝީނާ ވިދާޅުވީ ފިޔަވަޅުތައް އެޅިތާ ކައިރީގައި ބަލި ފެތުރޭ މިންވަރު ދަށަށްދިއުން އަވަސްކޮށް ފެނުނު ނަމަވެސް މިހާރު ބަލި ފެތުރޭ މިންވަރު ދަށަށް ދިއުން ވަނީ ތަންކޮޅެއް ލަސްވަމުން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ދަށަށް ދިއުން އަވަސް ވުމާ ލަސްވުން ވަނީ ފިޔަވަޅުތަކަށް ބޯލެނބުމާ ގުޅިފައިކަން ވެސް ފާހަގަ ކުރެއްވި މިހާރު ތިބި ހިސާބަށްވެސް އާދެވިފައި ވަނީ ފިޔަވަޅުތަކުގެ ސަބަބުން ކަން ފާހަގަ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ކާފިއުގެ ފިޔަވަޅާ ދުއްވުން މަނާކުރުމުގެ ފިޔަވަޅުގެ ސަބަބުން އެކަކު އަނެކަކާ ދިމާވުން ކުޑަކުރެވުން ނަތީޖާ ރަނގަޅުކަން ފާހަގަ ކުރެއްވިއެވެ.
"ގްރީން ޒޯންގައި ބަހަށްޓައިގެން މެނޭޖްކޮށްލެވިއްޖެކަމަށްވަންޏާ ދެން އިތުރަށް ފެތުރޭ މިންވަރު ދަށް ވެގެންދާނެ. އެހެންވީމާ އަދި ހުރިހާ ފިޔަވަޅުތައް ނެގުން ރައްކާތެރިއެއް ނުން. އެހެންކަމުން ދުވަސް ކޮޅެއް ބަލާލަން ޖެހޭ، ދެ އިންޑިކޭޓަރވެސް ގްރީން ޒޯންގައި މެއިންޓެއިން ކުރަން." ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ފާހަގަ ކުރެއްވި ގޮތުގައި ކުރިންވެސް ފިޔަވަޅު ތަކަށް ލުއި ދެވެން ފަށައިފައިވަނީ އެއްކޮށް ގްރީން ޒޯނަށް ނުދެވެނީސް ކަމަށެވެ. ނަމަވެސް ދެވަނަ އަދި ތިންވަނަ ފޭސްގެ ލުއިތަކަށް ދިޔައިރު އޮތީ ގްރީން ޒޯންގައި ކަމަށެވެ. އެހެންނަމަވެސް ފަހުން ފެތުރިގެން ދިޔައީ ވަރަށް ބާރު ސްޕީޑްގައިކަން ފާހަގަ ކުރެއްވިއެވެ. ރައްކާތެރިކުރުމުގެ ފިޔަވަޅުތައްނެގި ކަމުގައިވިއަސް ވެކްސިންނެއް ލިބުމުގެ ކުރިން ކޯވިޑު-19ގެ ކުރިން އުޅުން ގޮތަށް ނުދެވޭނެކަން ވެސް ޑޮކްޓަރ ޝީނާ ފާހަގަ ކުރެއްވިއެވެ.