ކޮވިޑް- 19: ކޮރޯނާ ވައިރަހުން ހަންގަނޑުގެ ކުލައަށް ބަދަލުއައިސް، ސިކުނޑިއަށް ގެއްލުންވޭ

ޗައިނާގައި ކޮވިޑް- 19 ޖެހުނު ދެ ޑޮކްޓަރެއްގެ ހަންގަނޑުގެ ކުލަ ކަޅުވެފައި

މަތަނުވެ، ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަަހުން ފަތުރާ ކޮވިޑް- 19 ބަލިން ސިކުނޑިއަށާ، ހަންގަނޑަށް ކުރާ އަސަރު ދިރާސާކުރަމުން ދާއިރު، މި ބަލީގެ ސަބަބުން ބަލި ޖެހުނު ބައެއް މީހުންްގެ ހަންގަނޑުގެ ކުލަ ބަދަލުވާކަން ފާހަގަވެއްޖެއެެވެ.

ޗައިނާގައި ކޮވިޑް- 19 ޖެހި ވަރަށް ހާލުބޮޑުވުމަށް ފަހު ރަނގަޅުވި ދެ ޑޮކްޓަރެއްގެ ހަންގަނޑުގެ ކުލަ ކަޅުވެފައި ވެއެވެ. ޑރ. ޔީ ފާން އަދި ޑރ. ހޫ ވެއިފެންގ އަކީ ވޫހާން ސެންޓްރަލް ހޮސްޕިޓަލުގައި ކޮވިޑް- 19 ގެ ބަލި މީހުންނަށް ފަރުވާދެއްވި ދެ ޑޮކްޓަރުންނެވެ. މި ދެ ޑޮކްޓަަރުންނަށް ވެސް ކޮވިޑް- 19 ޖެހި ވަރަށް ބޮޑަށް ހާލު ދެރަވެ، ގިނަ ފަރުވާތަކެއް ދޭން ޖެހުނެެވެ. މި މި ފަރުވާތަކަށް ފަހު ދެ ޑޮކްޓަރުންވެސް ބަލިން ރަނގަޅުވި އިރު ހަންގަނޑުގެ ކުލަ ވަނީ ބަދަލުވެފައެވެ.

ޗައިނާގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން، ތަޖުރިބާކާރުންނާ ހަވާލާދީ، ބުނެފައިވާ ގޮތުުގައި، ހަންގަނޑުގެ ކުލައަށް ބަދަލުއައީ ކޮރޯނާ ވައިރަސްގެ ސަބަބުން ދެ ޑޮކްޓަރުންގެވެސް ފުރަމެއަށް ގެއްލުންވެފައި ވާތީ ހަށިގަނޑުގެ ހޯމޯންތަކަަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ފުރަމޭ ރަނގަޅުވެ، ރަނގަޅަށް މަސައްކަތްކުރަން ފެށުމުން ހަމުގެ ކުލަ އޭގެ އަސްލު ކުލައަަށް ބަދަލުވާނެއެވެ.

ކޮވިޑް- 19 އަށް ދޭ ފަރުވާގެ ސަބަބުން ހަންގަނޑުގެ ކުލަ ބަދަލުވުމުގެ އިތުރަށް، އެ ވައިރަސް ޖެހުމުން ސިކުނޑިއަށް މައްސަލަތަކެއް ދިމާވާކަން ވެސް ފާހަގަކުރެވިފައި ވެއެވެ. އެމެރިކާގެ ނިއުުޔޯކުގައި މި ބަލީގެ މީހުންނަށް ފަރުވާކުރާ ޑޮކްޓަރުން ބުނާ ގޮތުގައި މި ބަލި ޖެހުމުން ހުސްއައިސް، ކެއްސައި، ނޭވާލާން އުނދަގޫވުމުގެ އިތުރަށް، ސިކުޑިއަށް ވެސް މައްސަލަތަކެއް ދިމާވެއެވެ. އެ ގޮތުން ބައެއް މީހުންގެ ހަނދާނަށް މައްސަލަޖެހި އޭނާ ހުރީ ކޮންތަނެއްގައިކަން، ނުވަަތަ މިއީ ކޮން އަހަރެއްކަން ނޭނގޭ ގޮތް ވެފައި ވެސް އެބަހުއްޓެވެ.

ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖާމާ) ގައި ޝާއިއުކުރި ދިރާސާއެއްގައި ވާގޮތުން ޗައިނާގައި ދިރާސާކުރެވުނު ކޮވިޑް- 19 ގެ 214 ބަލި މީހުންގެ %36 މީހުންގެ ފަރާތުން ނާރުގެ ނިޒާމުގެ މައްސަލަތަކާއި، ސިކުނޑީގެ މައްސަލަަތައްް ފެނިފައި ވެއެވެ. އަދި ބައެެއް މީހުންގެ ސިކުނޑި މަސަކައްކަތްކުރުން ހިނދުކޮޅަކަށް ހުއްޓިފައި ވެސް ވެއެވެ.

އަދި ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން ގައި ބުނެފައިވާ ގޮތުގައި ސްޓްރާސްބޯގް ގައި މަސަކަތްކުރާ ޑޮކްޓަރުންނަށް ފާހަަގަކުރެވިފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ފަރާތުން ސިކުނޑީގެ މައްސަލަތައް ފެނިފައި ވެއެވެ.

ކޮވިޑް- 19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު ދުނިޔޭގައި މިހާތަނަށް 2.6 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 1 ލައްކަ 84 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.