މަނަދޫން ކޯވިޑަށް ޓެސްޓްކުރި 62 ސާމްޕަލް ނެގެޓިވް

ނ. މަނަދޫން ކޯވިޑަށް ޕޮޒިޓިވްވި ކޭސްއާ ގުޅިގެން، އެރަށުން ނެގި 62 ސާމްޕަލް ވެސް ނެގެޓިވް ކަމަށް ނ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ނ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިސްމާޢީލް ޝަފީޤް ވިދާޅުވީ މަނަދޫން ނެގި 62 ސާޕަލްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 26 މީހެއްގެ ސާމްޕަލާއި ރެންޑަމް ސާމްޕަލްތައްކަމަށެވެ. އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްކަން ފާހަގަ ކުރެއްވިއެވެ.

މަނަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފުރަބަންދު ކަރަންޓީންގައި ހުރި މީހެކެވެ. ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ މީހުންގެ ތެރެއަށް ނުކުމެފައެވެ. ނަތީޖާ ދޭން ބެލި އިރު، އޭނާ ހުރީ ދޯންޏެއްގައި މަހަށް ނިކުމެ ކަމަށްވެއެވެ. އެމީހާގެ ޙާލު ރަނގަޅުކަމަށް ނ އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކުރިންވެސް މަނަދޫން ވަނީ ކޮވިޑަށް 10 މީހަކު ޕޮޒިޓިވްވެފައެވެ. މިއަހަރުގެ މެއި މަސްތެރޭގައި މަނަދޫން ބައްޔާ ޕޮޒިޓިވް ޢުމުރުން 80 އަހަރުގެ، މީހަކު ވަނީ ބަލިން ރަނގަޅު ވި ފަހުން ޞިއްޙީ އެހެން މައްސަލައެއްގައި ނިޔާވެފައެވެ. އެފަހަރު ބައްޔަށް ޕޮޒިޓިވްވި މީހާގެ ފަރާތުން އެރަށުގެ އިތުރު ނުވަމަ މީހަކަށް ބަލި ޖެހުނެވެ. އަދި ގިނަ ޢަދަދެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާން ފެށުމާއެކު ރަށްރަށުން ކޯވިޑަށް ޕޮޒޮޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ އޯގަސްޓް މަސްތެރޭގައި ވެސް 2705 މީހަކު ފުރަބަންދު ކަރަންޓީނަށް އެކި ރަށްރަށަށް ގޮސްފައި ވާއިރު 121 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެމީހުން ފުރަބަންދު ކަރަންޓީންގެ އުޞޫލާ އެއްގޮތަށް ޢަމަލު ކޮށްފައިވާތީ އިތުރު ބަޔަކަށް ބަލި ނުޖެހި އެމީހުން ބަލިން ރަނގަޅުވެގެން ދިޔަ ކަން އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވަނީ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ގައިޑްލައިންތަކާ ޚިލާފުވެގެން މިހާރަކަށް އައިސް ކޮންޓެކްޓުންގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވާކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.