ކުއްލިދެއްކޭނެ ގޮތެއް ނެތް ބައެއް އާއިލާތައް، ލޮކްޑައުން ޙާލަތުގައި ދިރިއުޅޭތަންތަނުން ނުކުތުމަށް މަޖްބޫރުކުރަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް މައްސަލައެއްހުށަހަޅައިފިއެވެ. މިމައްސަލަ ހިޔުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހުށަހެޅުއްވީ ފެމެލީ ލީގަލް ކްލިނިކްގެ ފަރާތުންނެވެ.
މިއަދު ބޭއްވި ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ފެމެލީ ލީގަލް ކްލިނިކްގެ ފަރާތުން އެކޮމެޓީއަށް ފޮނުއްވި ސިޓީގައިވާ ކަންކަމާ މެދު މަޝްވަރާ ކޮށް އެމައްސަލައިގައި ކުރިއަށްދާނެ ގޮތާމެދު ގޮތް ތަކެއް ކަނޑައަޅައިފައެވެ.
ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލިގެން ނުވަތަ ފައިސާ ލިބުން ދަތިވެގެން ކުއްލި ދެއްކޭނެ ގޮތެއް ނެތިފައިވާ އާއިލާތަކެއް އެބަ ތިބިކަން ފެމެލީ ލީގަލް ކްލިނިކްގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ. އެފަދަ އާއިލާތަކުން ކުއްޔަށް އުޅެމުން ގެންދާ ތަންނުގެ ކުއްލި ނުދެއްކުމުން އެތަންތަނުން ނުކުތުމަށް ވެރިފަރާތްތަކުން މަޖްބޫރުކުރަމުން ގެންދާކަމަށް ވެސް ބުނެފައި ވެއެއެވެ. ގޭގެ ވެރިފަތާތުގެ ބަހުގެ ހަމަލާތަކުން ދުރުހެލި ވުމަށްޓަކައި ދިރިއުޅޭ ކޮޓަރިތަކުން ނުނުކުމެ ބަންދު ޙާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހިފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވާކަމަށް ލީގަލް ކްލިނިކުން ބުނެފައި ވެއެވެ. އެފަދަ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ވެސް ހުށަހެޅިފައިވާ ކަން ވަނީ ފާހަގަ ކުރައްވައިފައެވެ. ލޮކްޑައުންގެ ޙާލަތުގައި އެފަދަ އާއިލާތަކަށް ވަގުތީ ހިޔާވަހިކަމެއް ހޯދުމަކީ ވެސް ދަތިކަމަކަށް ވާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ހާލަތަށް އެއާއިލާތައް ދާންޖެހިއްޖެނަމަ އެއީ ކޮވިޑްގެ ނުރައްކަލަށް އެފަދަ މީހުން ހުށަހެޅޭނެކަމެއްކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިފަދަ މައްސަލަތައް ވަގުތީ ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން އެމެރިކާއާއި އިނގިރޭސި ވިލާތް ފަދަ ޤައުމުތަކުގައި ކޮވިޑްގެ ފުރަ ބަންދު ނުވަތަ ލޮކްޑައުން ޙާލަތުގައި ކުލި ނުދެއްކުނު ކަމުގައި ވިއަސް ކުއްޔަށް އުޅޭ ތަންތަނުން ނުނެރެވޭނެގޮތް އިމަރޖެންސީ ޤާނޫނަކުން ހޯދައިދީފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. ބޯހިޔާވަހި ކަމަކީ ދައުލަތުން ކަށަވަރުކޮށްދެން ޖެހޭ އަސާސީ ޙައްޤެއްކަން ފާހަގަ ކުރައްވައި ލޮކްޑައުންގެ ޙާލަތުގައި ކުއްޔަށް އުޅޭ އެއްވެސް ފަރާތެއް ދިރިއުޅޭ ތަންތަނުން ނުނެރެވޭނެކަން ކަށަވަރުކޮށް ދެއްވުމަށް ފެމެލީ ލީގަލް ކްލިނިކުން ވަނީ އެދިފައެވެ.
ކުއްޔަށްއުޅޭ މީހުންނާއި ތަންތަން ކުއްޔަށް ދީފައިވާ މީހުންނަށް ދިމާވާ މައްސަލަތަކާމެދު ކޮމެޓީގައި މެމްބަރުން މަޝްވަރާކުރެއްވިއެވެ. ބައެއް މެމްބަރުން ވިދާޅުވީ ހުރިހާ ކަމަކީ ސީދާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ހައްލުކޮށްދެވިދާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އިޙްސާން ތެރިކަން އިސްކޮށްގެން ލިބޭ ޙައްލަކީ އެންމެ ރަނގަޅު ހައްލުކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ޤާނޫނެއް ހަދާއިރު އެޤާނޫނަށް ޢަމަލުކުރެވޭނެތޯއާއި ޙާޞިލްކުރަން އުޅޭކަންކަން ޙާޞިލްވޭތޯ ވެސް ބަލަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޤާނޫނެއް އެކުލަވާލުމުގެ ކުރިން ސަރުކާރާއެކު މަޝްވަރާކުރަން ޖެހޭކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ޤާނޫނެއް ހަދާއިރު ދެން ދިމާވާނެ މައްސަލަތަކަށް ވެސް ރިޢާޔަތް ކުރަންޖެހޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބްރ އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ. ޤާނުނަކީ ކުއްލި ނުދެއްކުމަށް ހިތްވަރު ދޭ އެއްޗަކަށް ވެސް ވެގެން ނުވާނެކަމަށް މެމްބަރ އިންތި ފާހަގަ ކުރެއްވިއެވެ. ބައެއް ފަހަރަށް ވެރި ފަރާތައްވުރެ ކުއްޔަށް އުޅޭ ފަރާތްތައް މާ ތަނަވަސް ކޮށްއުޅޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މެމްބަރުން ވިދާޅުވީ ކޮމެޓީން އެމައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުލި ނުދެއްކޭ ޙާލަތުގައި ތިބި މީހުން ކިހާވަރަކަށް ދެނެގަނެވިފައި އޮތްތޯ ބަލަންޖެހޭ ކަމަށެވެ. ގެދޮރުވެރިކަމުގެ މައްސަލައިގައި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން ހަމަޖައްސައިދޭނެ އިންތިޒާމްތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ. ކުލި ނުދެއްކޭ ފަރާތްތައް ތިބިއިރު ތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން އައި މީހުންނަށް ކުއްލި ނުލިބުމުން ދިމާވާ މައްސަލަތަކަށް ވެސް ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ޖެންޑަރ މިނިސްޓްރީން ހަދަމުންދާ ސޯޝަލް އިމްޕެކްޓް އެސެސް މެންޓްގައި މިމައްސަލަ އަށް އަލިއަޅުވާލަންޖެހޭނެކަމަށް ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ފާހަގަ ކުރެއްވިއެވެ. ސަރުކާރުން ހޯދަން ޖެހޭ މަޢުލޫމާތު ތަކުގެ ތެރޭގައި ހައުސިން މައްސަލައަށް ރިލީފް ޕެކޭޖެއް އޮތްތޯއާއި ވަޒީފާ ގެއްލޭ މީހުނާ ހައުސިންނާ ހުރި ގުޅުން ވެސް ސާފުކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ. އެގޮތުން ހައުސިން މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީއާއި އިކޮނިމިކްސް މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލުން މަޢުލޫމާތު ހޯދުމަށް މިއަދުގެ ބައްދަލުވުމުން ނިންމެވިއެވެ. މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ޤާނޫނެއް އެކުލަވާލުމާ ގުޅޭގޮތުން ކައުންސެލަރ ޖެނެރަލް އާއި ބަންޑާރަ ނައިބްގެ ލަފާ ހޯއްދެވުމަށް ވެސް ކޮމެޓީން މިއަދު ނިންމެވިއެވެ.
ކޮމެޓީގެ މުޤައްރިރު ޖީހާން މަޙަމޫދު ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލައަކީ ފަހުން ވަރަށް ބޮޑުތަނުން ދިމާވާނެ ވަރަށް ބޮޑުމައްސަލައަކަށް ވެދާނެކަމެއް ކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ގިނަ މީހުން އާއްމުދަނީ ހޯދުމަށް ކުއްޔަށް ތަންތަންދީފައިވުމާއި ގިނަ ބަޔަކު ދިރިއުޅެނީ ގެދޮރު ކުއްޔަށް ހިފައިގެން ކަމަށްވުމެވެ. ދިމާވެދާނެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ފިޔަވަޅެއް ނާޅައިފިނަމަ ބޮއްސުން ލައިގެން ދާނެ މައްސަލައަކަށް އެމައްސަލަ ވެދާނެކަމަށް ޖީހާން ވިދާޅުވިއެވެ.
ލޮކްޑައުން ޙާލަތުގައި ކުއްޔަށް އުޅޭމީހުން އެމީހުން ކުއްޔަށް އުޅޭ ތަނުން ނުނެރުމަށާއި ކުއްޔަށް އުޅޭ މީހުންނާއި ތަންތަން ކުއްޔަށް ދީފައިވާ މީހުނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ގެނައުމަށް އިންސާނީ ޙައްޤުތަކުގެނަޒަރުން ޚާއްޞަ ބަޔާނެއް ނެރުމަށްވެސް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން މިއަދު ނިންމިއެވެ.