ހުވަފެން - 36

(11 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭގެ އަނެއް ދުވަހު އެލެޓް ކުރަހަން ފަށައިފިއެވެ. ގޯތިތެރޭގައި ކުލައާއި، ފިހި ހިފައިގެން ކުރަހަން ހުރެވޭ ގޮތް ވީމާ އޭނާ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. ކުރަހާއިރު އޭނާގެ ސިކުނޑިއަކު އެހެން އެއްވެސް ޚިޔާލެއް ނުހުރެއެވެ. ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުން އައިސް އޭނާ ކުރަހާތަން ބަލައެވެ. އެ މީހުން ވާހަކަދައްކަނީ އެކިކުލައިގެ އަޑުންނެވެ.

"ތިޔަ ކުރެހުންތައް ކޮންމެވެސް ގެލަރީއަކަށް ލާންވީ-" އެއީ ކަޅުކުލައިގެ އަޑެކެވެ.

"ކަލޭ ވަރަށް މޮޅު-" އެއީ ރީނދޫކުލައެވެ.

"ކަލޭ ކުރަހަން ދަސްކުރީ ކޮންތާނކުން-؟" އެއީ ކަޅުކުލައެވެ.

"ކޮންމެވެސް ވަގުތަކުން އަހަރެންގެ ފޮޓޯއެއް ކުރަހައިދީފާނަންތަ-؟" އެއީ އޮރެންޖްކުލައިގެ އަޑެކެވެ.

"އަހަންނަށްވެސް ތިޔަހައި މޮޅަށް ކުރަހަން އެނގޭނެ ނަމައޭ ހިތަށްއަރާ-" އެއީ ކަޅުކުލައެވެ.

ގަޑިހަމަވެގެން އެނބުރި ކޮޓަރިއަށް އަންނާންޖެހުނީމާ އޭނާ ވަރަށް ދެރަވެއެވެ.

"އޭޝްލީ- އަހަރެން މިއަދު މިއައީ އޭޝްލީ ބައްދަލުކުރުވަން މީހަކު ގޮވައިގެން- މިއީ ލިސާ ގެރެޓް-" އެއީ ފަންސާހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އިސްކޮޅުން ކުރު، ހިކި މީހެކެވެ. "ލިސާ މިއަދު ގެއަށްދަނީ-"

އެ އަންހެންމީހާ ހީނލިއެވެ. "ރަނގަޅެއް ނޫންތަ-؟ އަހަރެން ރަނގަޅުވީ ޑޮކްޓަރ ކެލަރގެ ސަބަބުން-"

ޑޮކްޓަރ ކެލަރ އޭޝްލީއާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "ލިސާއަކީ އެމްޕީޑީގެ ބަލީގައި މި ތަނަށް ގެނެވުނު މީހެއް- އޭނާގެ ހަށިގަނޑުގައި ތަފާތު ތިރީސް ޝަޚްޞިއްޔަތު އުޅުނު-"

"އެއީ ތެދެއް ކޮއިފުޅާ- އެކަމަކު މިހާރު އެ ހުރިހައި އެންމެން ހިނގައްޖެ-"

ޑޮކްޓަރ ކެލަރ ބުނެލިއެވެ. "ލިސާއަކީ މި އަހަރުގެ ތެރޭގައި މުޅިން ރަނގަޅުވެގެން މި ތަނުން ގެއަށް ފޮނުވައިލާ ތިންވަނަ މީހާ-"

އޭޝްލީގެ ހިތުގައި އުންމީދުގެ ބައްތިއެއް ދިއްލުނެވެ.

އެލެޓް ބުންޏެވެ. "ޑޮކްޓަރ ކެލަރއަކީ ވަރަށް ހިތްހެޔޮ މީހެއް- އަހަންނަށް ހީވަނީ އޭނާއަށް އަހަރެމެން ރަނގަޅުހެން-"

"ކަލެއަކީ މޮޔައެއް-" ޓޮނީ ރުޅިއައިސްފައި ބުންޏެވެ. "ކަންތައްތައް ހިނގަމުންދާ ގޮތެއް ކަލެއަކަށް ނުފެނޭތަ-؟ އަހަރެން އޮންނާނީ ކުރިންވެސް ބުނެފައި- އޭނާ އެ އުޅެނީ އަހަރެމެން ދެކެ ރުޅިނާންނަ ކަމަށް ހެދިގެން- އޭނާ ބުނާހައި ކަމެއް އަހަރެމެން ކުރާނީ އޭރުންނެއްނުން-؟ އޭނާ އެ ކުރަން އުޅޭ ކަމެއް އެނގޭތަ-؟ އޭނާ އުޅެނީ އަހަރެމެން ތިން މީހުން އެއްތަންކުރުވަން- އޭގެ ފަހުން އަހަރެމެންނަކީ ބޭނުމެއްނެތް ބޭކާރު ބައެއް ކަމަށް އޭޝްލީގެ ހިތަށް ވައްދާނީ- އޭރުން ވާނެގޮތެއް އެނގޭތަ-؟ އަހަރެމެން ދެ މީހުން މަރުވާނީ- އެހެން ވާން ކަލޭ ބޭނުންތަ-؟ އަހަރެން ބޭނުމެއް ނޫން-"

އެލެޓް ޖެހިލުންވެ ހުރެ ބުނެލިއެވެ. "އަހަ... އަހަރެންވެސް ބޭނުމެއް ނޫން..."

"އެހެންވެއްޖެއްޔާ އަޑުއަހާ- އަހަރެމެން ދެ މީހުން ޑަކްޓަރާ އެހީވާނީ- އަހަރެމެން މި ތިބީ އޭނާޔާ އެއްކޮޅަށޭ ހީވާ ވަރަށް އޭނާޔާ އެހީތެރިވާނީ- އޭނާ ރަނގަޅަށް މޮޔަހައްދައިލާނީ- އަހަރެމެންނަށް ވަގުތު އެބައޮތް- އަވަސްއަރައިގަނެގެން އުޅޭނެކަމެއް ނެތް- ވަރަށް އަވަހަށް އަހަރެމެން މި ތަނުން ބަޗާނަން-"

"އެންމެ ރަނގަޅު- ޓޮނީ- އަހަރެން ހަދާނީ ކަލޭ ބުނި ގޮތަކަށް-"

"ވަރަށް ރަނގަޅު- ޑަކްޓަރުކަލޭގެ މި ފަހަރު ރަނގަޅަށް ގޯނިފުލަށްލާންވާނެ-"

ޑޭވިޑްގެ ސިޓީއެއް ލިބިއްޖެއެވެ. ސިޓީއާއެކު ކުޑަފިރިހެންކުއްޖެއްގެ ފޮޓޯއެއް ވެސް އޮތެވެ. ސިޓީގައި ލިޔެފައި އޮތެވެ:

އޭޝްލީއަށް،

ފަރުވާގެ ކަންތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ހީކުރަމެވެ. އަދި ފަރުވާގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ނުކުންނަ ކަމަށްވެސް އުންމީދުކުރަމެވެ. މި ކޮޅުގައި ހުރިހައި ކަމެއްވެސް ހުރީ ރަނގަޅަށެވެ. އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހެއެވެ. އެކަމަކު މަސައްކަތަކީ އަހަރެން ކުރާހިތްވާ މަސައްކަތަކަށްވާތީ ފޫއްސެއްނުވެއެވެ. އަހަރެމެންގެ ދަރިފުޅު ޖެފްރީގެ ފޮޓޯއެއް މި ސިޓީއާއެކު ފޮނުވީމެވެ. އޭނާއަށް މިހާރު ދެ އަހަރު ވެއްޖެއެވެ. އޭނާ ބޮޑުވަމުންދާ ވަރަށް ބަލައިއިރު އަދި ހައެއްކަ މިނިޓުގެ ތެރޭގައި އޭނާ މީހަކާ އިންނާނެއެވެ. އިތުރު ޚަބަރެއް ނެތެވެ. އަހަރެމެން އަބަދުވެސް އޭޝްލީގެ މަތިން ހަނދާންކުރާކަން އަންގަންވެގެން ލިޔެލީއެވެ.

ސަންޑްރާ ވަރަށް ގިނައިން ސަލާންބުންޏެވެ.

ޑޭވިޑް

އޭޝްލީ އެ ފޮޓޯއަށް ބަލައިލިއެވެ. އެއީ ވަރަށް ރީތިކުއްޖެކެވެ. އޭނާގެ ހިތަށްއެރިއެވެ. ޖެފްރީ ބޮޑުވެގެން އުފާވެރި ދިރިއުޅުމެއް ވޭތުކުރާނޭ ކަމަށް އަހަރެން އުންމީދުކުރަމެވެ.

އޭޝްލީ މެންދުރު ކާން ގޮސްފައި އެނބުރި އައިއިރު ފޮޓޯ އޮތީ ވީދައި ކުދިކުދިކޮށްފައެވެ.

ޖޫން 15، 1:30 މެންދުރު ފަސް

ބަލިމީހާ: އޭޝްލީ ޕެޓަރސަން. ތެރަޕީ ސެޝަން. ސޯޑިއަމް އެމީތަލް ބޭނުންކޮށްގެން. މިހާރު ވާހަކަދައްކަނީ: އެލެޓް ޕީޓަރސް.

"އެލެޓް- ރޯމްގެ ވާހަކަދައްކަމާ-"

"އެއީ ދުނިޔޭގައި އޮތް އެންމެ ރީތި ރަށް- މުޅި ރަށުގައި އޮންނަނީ ބޮޑެތި ދާރުލްއާޘާރު- އަހަރެން އެ ހުރިހައި ތަނަކަށް ދަން-" ދާރުލްއާޘާރަކީ ކޮންކަހަލަ ތަނެއްކަން ކަލެއަކަށް ނޭނގޭނެއެވެ.

"ކަލޭ ބޭނުންވީ ކުރަހާމީހަކަށް ވާން- އެހެންނުން-؟"

"އާނ-"

"ކުރަހަން ދަސްކުރިންތަ-؟"

"ނޫން- ދަހެއްނުކުރަން-"

"ދަސްނުކުރީ ކީއްވެގެން-؟ މަންމަ ކިޔާ އެއްޗެއްގެ ސަބަބުންތަ-؟"

"ނޫނޭ- އެހެން ވެގެންނެއް ނޫން- އަހަންނަށް ރަނގަޅަކަށް ކުރަހާކަށް ނޭނގޭނެއޭ ހިތާ ދަސްނުކުރީ-" ޓޮނީއެވެ. މިކަލޭގެ މި ތަނުން ގެންދާށެވެ.

"އެ ދުވަސްވަރު އެއްވެސް ހިތާމައަކާ ކުރިމަތިވިތަ-؟ ދެރަވާ ކަހަލަ ނުވަތަ ބިރުގަންނަ ކަހަލަ ކަމަކާ ދިމާވި ހަނދާން ވޭތަ-؟"

"އެކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ- އަހަރެން އުޅުނީ ވަރަށް އުފަލުގައި-"

އޯގަސްޓް 15، 09:00 ހެނދުނު

ބަލިމީހާ: އޭޝްލީ ޕެޓަރސަން. ހިޕްނޮޓައިޒްކޮށްގެން ދެވޭ ފަރުވާ. ވާހަކަދައްކަނީ: ޓޮނީ ޕްރެސްކޮޓް.

"ޓޮނީ- ލަންޑަނުގެ ވާހަކަދައްކަން ބޭނުންތަ-؟"

"އާނ- އަހަރެން އެ ތާނގައި އުޅުނު ދުވަސްކޮޅު އުޅުނީ ވަރަށް އުފަލުގައި- ލަންޑަނަކީ ވަރަށް ބޮޑަށް ތަހުޒީބުވެފައިވާ ތަނެއް- އެ ތާނގައި ކުރެވިދާނޭ ވަރަށް ގިނަ ކަންތައްތައް ހުރޭ-"

"އެއްވެސް މައްސަލައެއް ކުރިމަތިވިތަ-؟"

"މައްސަލައޭ-؟ ނޫން- ލަންޑަނުގައި އުޅުނު ދުވަސްކޮޅު އަހަރެން އުޅުނީ ވަރަށް އުފަލުގައި-"

"އެ ތާނގައި އުޅުނު ދުވަސްވަރު ހަނދާނުން ނުފިލާ ކަހަލަ ކަމެއް ދިމައެއްނުވޭތަ-؟"

"އެ ކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ-"

ފަރުވާދޭން ކުރާ ކޮންމެ ކަމަކުން އޭޝްލީގެ ހަނދާނަށް މާޒީގެ ކޮންމެވެސް ކަމެއް އާދެއެވެ. ރޭގަނޑު ނިދާފައި އޮންނައިރު ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގައި އުޅެވޭތީ ފެނެއެވެ. ޝޭން މިލަރ ވެސް އޮފީހުގައި އުޅެއެވެ. ހުވަފެނުގައި ފެންނަނީ ޝޭން މިލަރ އޭނާގެ ކޮންމެވެސް މަސައްކަތެއް ރަނގަޅުވެގެން ތަޢުރީފްކުރާ ތަނެވެ. "އޭޝްލީ މި ތާނގައި ނެތިއްޔާ އަހަރެމެންނަކަށް މި ކުންފުންޏެއް ނުހިންގޭނެ- އަހަރެމެން މި އުޅެނީ އޭޝްލީ މި ތާނގައި ދާއިމީ މުވައްޒަފެއްގެ ގޮތުގައި ބަހައްޓަން-" އެ ހިސާބުން މަންޒަރު ބަދަލުވަނީއެވެ. ދެން ފެންނަނީ ޖަލުގެ އަނދިރި ގޮޅިއެވެ. ޝޭން މިލަރ ބުނަނީއެވެ. "މިއީ އަހަރެން ކުރާހިތުން ކުރާ ކަމެއް ނޫން- އެކަމަކު މިހާރު ކަންތައްތައް އޮތް ގޮތުން އަހަންނަށް ޖެހެނީ އޭޝްލީ ވަޒީފާއިން ވަކިކޮށްފިއޭ ބުނަން- މި ކަހަލަ މައްސަލައެއްގެ ތެރެއަށް ވަނުމަކީ އަހަރެމެންގެ ކުންފުންޏަކަށް ރަނގަޅު ކަމަކަށް ނުވާނެ- އޭޝްލީއަށް ވެސް އެނގޭނެ- އެހެންނުން-؟ މިއީ އަހަރެންގެ ޒާތީ ފައިދާއެއް އޮވެގެން ކުރާކަމެއް ނޫން-"

ހެނދުނު ތެދުވާއިރު އޭނާގެ ބާލީސް އޮންނަނީ ކަރުނައިން ތެމިފޯވެފައެވެ.

ފަރުވާދޭ ކޮންމެ ދުވަހަކު އެލެޓް އެ ކަމާ ހިތާމަކުރެއެވެ. އެއިން ކޮންމެ ދުވަހަކު އޭނާގެ ހަނދާނަށް ރިޗަރޑް މެލްޓަން އާދެއެވެ. ރޯމްގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ މަތިން ހަނދާންވެއެވެ. އޭނާގެ ހިތަށްއަރައެވެ. އަހަރެމެން ދެ މީހުންނަށް ވަރަށް އުފާވެރި ދިރިއުޅުމެއް ވޭތުކުރެވުނީހެވެ. އެކަމަކު މިހާރު މާލަސްވެއްޖެއެވެ. މާ ބޮޑަށް ލަސްވެއްޖެއެވެ.

ޓޮނީއަކަށް އެ ތަނުން ދޭ ފަރުވާއެއް ކަމަކުނުދެއެވެ. އެ ފަރުވާގެ ސަބަބުން ކުރީގެ ހިތާމަވެރި ހަނދާންތައް އާވަނީއެވެ. އޭނާ ކުރިހައި ކަމެއް ކޮށްފައިވަނީ އޭޝްލީއާއި، އެލެޓާ ދެ މީހުން ޙިމާޔަތްކުރާށެވެ. އެކަމަކު އެކަން ވަޒަންކުރީ ކާކުހެއްޔެވެ؟ އެއްވެސް މީހަކު ނުކުރެއެވެ. ކުރިހައި ވެސް ކަމަކީ ކުށްވެރިއެއްހެން އޭނާ ގޮޅިއަކަށްލައި ބަންދުކުރުމެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެން މި ތަނުން ނުކުންނާނަމެވެ.

ކަލަންޑަރުގެ ގަނޑަކަށް ފަހު ގަނޑެއް އުކެމުން ދިޔައެވެ. އެއް އަހަރު އައިސް ފާއިތުވެގެން ހިނގައްޖެއެވެ. ޑޮކްޓަރ ކެލަރގެ މަސައްކަތަކުން ނުކުންނަ އެދެވޭ ނަތީޖާއެއް ނެތެވެ.

 ސައްބީސްވަނަ ބާބު

ހިޕްނޮތެރަޕީ ސެޝަން ފެށުނީއެވެ. އޭޝްލީ ބާރުގެދަށަށް ގެނެވުނީމާ ޑޮކްޓަރ ކެލަރ ބުނެލިއެވެ. "އޭޝްލީ- ޖިމް ކްލެއަރީގެ ވާހަކަ ކިޔައިދީ-"

"އަހަރެން ޖިމް ދެކެ ވަރަށް ބޮޑަށް ލޯބިވިން- އަހަރެމެން ދެ މީހުން ރާވައިފައި އޮތީ ފިލައިގެން ގޮސް ކާވެނިކުރަން-"

"އާނ. . . ކުރިއަށް ގެންދޭ-"

"ގްރެޖުއޭޝަން އޮތް ދުވަހު އަހަންނާ ޖިމްއާ ބައްދަލުވި- އޭނާ އެދުނީ އެ ރޭ އޭނާގެ ގެއަށް އަހަރެން ދާން- އަހަރެން ނޫނެކޭ ނުދެވޭނެއޭ ބުނިން- އަހަރެން ގެއަށް ލައިދޭން އައީ ޖިމް- އޭރު ބައްޕަ ގޭގައި އުޅުއްވާ- ހުންނެވީ ވަރަށް ބޮޑަށް ރުޅިދުރުވެފައި- ޖިމްއާ ދިމާއަށް ވަރަށް އެއްޗެތިކިޔުއްވި- އަދި ނުކުމެގެން ދާށޭ، ދެން ދުވަހަކުވެސް އެ ހިސާބުން ފެނިގެން ނުވާނެއޭ ބުނުއްވި-"

"ދެން ވީ ކިހިނެއް-؟"

"އަހަރެން ޖިމްއާ ބައްދަލުކުރަން ދާން ނިންމީ- އަހަރެން ހަންފޮށްޓަކަށް އަންނައުނާއި، ބޭނުންވާ އެހެން އެއްޗެތި އަޅައިގެން ގެއިން ނުކުތީ-" އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެގެން ވާހަކަދެއްކިއެވެ. "އެ ގެޔާ ހަމައަށް ނުގޮސް އަހަރެން އެނބުރީ އައީ ގެއަށް- އަހަރެން ..."

އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ. މައިތިރިވާން ފަށައިފިއެވެ. މިހާރު ވާހަކަދައްކަނީ ޓޮނީއެވެ.

"އެއީ ތެދެއް- އޭނާ ދެން ދިޔައީ ގެއަށް-"

އޭނާއަށް ޖިމް ކްލެއަރީގެ ގެއަށް އާދެވުނު އިރު އަނދިރިވެއްޖެއެވެ. "އަހަރެމެންގެ ގޭ މީހުން މި ރެއަކު ގެޔަކު ނޫޅޭނެ-" އޭޝްލީ ދޮރުގެ ރަނގަބީލު ޖަހައިލިއެވެ. ކުޑައިރުކޮޅެއް ފަހުން ޖިމް ކްލެއަރީ ދޮރުހުޅުވައިލިއެވެ. އޭނާ ހުރީ ޕިޖާމާ ލައިގެންނެވެ.

"އޭޝްލީ-" އޭނާ އުފަލުން ފޮޅުނެވެ. "އައީތަ-؟" ޖިމް އޭނާގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ.

"އަހަރެން އައީ..."

"ކަލޭ އައި ސަބަބެއް ބަލާކަށް އަހަރެން ބޭނުމެއް ނޫން- ތިޔަ ހުރީ އައިހެއްނުން-؟" ޖިމް އޭނާގެ ގައިގައި ބައްދާލިއެވެ. "ބޯނީ ކޯނޗެއް-؟"

"ފެން-" ކުއްލިއަކަށް އޭނާގެ ޙަރަކާތަށް ބަދަލު އަތުވެއްޖެއެވެ. މަޑުމައިތިރިކަން އަތުވެއްޖެއެވެ.

"މައްސަލައެއް ނެތް- އެތެރެއަށް ވަދޭ-" ޖިމް އޭނާގެ އަތުގައި ހިފައިގެން ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އަދި ތަށްޓަކަށް ފެން އަޅައިފައި އޭނާއަށް ދީފިއެވެ. އޭނާ ފެންތަށި ބޯތަން ބަލަން ހުރެފައި ޖިމް ބުނެލިއެވެ. "ވަރަށް ބޮޑަށް ހާސްވެފައި ހުރިހެން ހީވޭ-"

"އަނ... އާނ..."

"ހާސްވާނެކަމެއްނެތް- މިގޭ މީހުން އަވަހަކަށް ނާންނާނެ- ހިނގާ މައްޗަށް ދާން-"

"ޖިމް- އަހަރެމެން ކުރަން މި އުޅެނީ ރަނގަޅުކަމެއް ހެންނެއް ހިއެއްނުވޭ-"

ޖިމް އޭނާގެ ފުރަގަހުން އައިސް މެޔާ ދިމާއިން ބައްދައިލިއެވެ. "ޖިމް..."

އޭނާ ސަލާމަތްވާން މަސައްކަތްކުރަނީއެވެ. އެކަމަކު ޖިމްގެ އަތްދަށުން ދެމިގަތުމަކީ ފަސޭހަކަމަކަށް ނުވިއެވެ.

"ވަރަށް މަޖާވާނެ-" ޖިމްގެ އަޑާއެކު އޭނާއަށް އިވުނީ ބައްޕަގެ އަޑެވެ. "ވަރަށް މަޖާވާނެ-"

އޭނާގެ ޙަރަކާތް ހުއްޓިއްޖެއެވެ. ޖިމް ކުރާނޭ ކަމެއް ކުރަން އޭނާގެ ހަށިގަނޑު ދޫކޮށްލައިފިއެވެ. އޭނާގެ ހަޅޭކުގެ އަޑު އިވެނީ ހަމައެކަނި އޭނާއަށެވެ. އެ އަޑު ނުކުންނަނީ ހިތުންނެވެ.

އޭނާގެ ހިތަށް ރުޅިވެރިކަން ވެރިވާން ފަށައިފިއެވެ.

އެނބުރި ބަލައިލިއިރު ފެނުނީ ކައުންޓަރުގެ މަތީގައި އޮތް މަސްވަޅިއެކެވެ. އޭނާ ބަލާކަށް ނުހުރެ އެ ވަޅި ނަގައިގެން ޖިމްގެ މެޔަށް ކޮއްޕައިލިއެވެ. ދަމައިގެންފައި ދެވަނަ ފަހަރަށް ވެސް ކޮށްޕައިލީއެވެ. ތިންވަނަ... ހަތަރުވަނަ... ފަސްވަނަ ފަހަރު ވެސް... ވަޅިން ޙަމަލާދެމުން ދިޔައިރު ހަޅޭއްލަވަމުންދިޔައެވެ. ބައްޕާ... ހުއްޓާލާ... ދޫކޮށްލާ... ދޫކޮށްލާ...

އޭނާ ތަޅުންގަނޑުމައްޗަށް ބަލައިލިއެވެ. ޖިމް އޮތީ ވެއްޓިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ޒަޚަމްތަކުން ހޯސްލައިފައި ލޭފައިބަނީއެވެ.

"ޖަނަވާރު-" އޭނާ ހަޅޭއްލަވަނީއެވެ. "ކަލެއަކަށް ދެން ދުވަހަކުވެސް މި ކަހަލަ ކަމެއް ނުކުރެވޭނެ-" އޭނާގެ ކަޅިހުއްޓިފައިވަނީ ޖިމްގެ ފޫޅުން ތިރިއަށެވެ. އޭނާ ވަޅި އުފުލައިލިއެވެ.

ހެނދުނު ހައެއް ޖެހިއިރު އޭޝްލީ ތައްޔާރުވެގެން ރޭލު އިސްޓޭޝަނަށް ހިނގައްޖެއެވެ. ޖިމްއަށް އިންތިޒާރުކުރާށެވެ. އެކަމަކު އޭނާއެއް ނެތެވެ.

އޭނާ ހާސްވާން ފަށައިފިއެވެ. ކިހިނެއްވީ ބާވައެވެ؟ ރޭލުގެ ބަރުގޮނުގެ އަޑު އޭނާއަށް ދުރުން އިވެއެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. ހަތެއްޖެހީއެވެ. ރޭލު އައިސް މަޑުކޮށްފިއެވެ. އޭޝްލީ ގޮނޑިން ތެދުވެއްޖެއެވެ. އަދި ވަށައިގެން ހޯދައިބަލައިލިއެވެ. ޖިމްއަށް ކޮންމެވެސް ކަމެއް ވީއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހެވެ. މިހާރު އޭޝްލީ އެ އިނީ ރޭލު ފުރައިގެންދާ ތަން ބަލާށެވެ. އެ ރޭލާއެކު އޭނާގެ ހުވަފެންތައް ވެސް އަތުން ބީވެގެން ދިޔައީއެވެ.

އޭނާ ބައިގަޑިއެއް ހައިއިރު މަޑުކޮށްފައި ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. އެ ދުވަހުގެ މެންދުރުވެގެން އައިއިރު އޭނާއާއި، އޭނާގެ ބައްޕަޔާ ދެ މީހުން ތިބީ ލަންޑަނާ ދިމާއަށް އުދުހިފައިދާ މަތިންދާ ބޯޓެއްގައެވެ.

ސެޝަން ނިމެނީއެވެ.

ޑޮކްޓަރ ކެލަރ ގުނަނީއެވެ. "...ހަތަރެއް ... ފަހެއް- މިހާރު ތިޔަ އިނީ ހޭލާ-"

އޭޝްލީ ލޯހުޅުވައިލިއެވެ. "ކިހިނެއްވީތޯ-؟"

"ޖިމް ކްލެއަރީ މަރައިލިކަމަށް ޓޮނީ އެއްބަސްވެއްޖެ- ޖިމް އުޅުނީ އޭޝްލީގެ ގަޔަށްއަރަން-"

އޭޝްލީގެ މޫނުގެ ކުލަ ހުދުވެއްޖެއެވެ. "އަޅުގަނޑު މިހާރު ބޭނުމީ ކޮޓަރިއަށް ދާން-"

* * *

ޑޮކްޓަރ ކެލަރ އޮޓޯ ލުވިސަންއަށް ރިޕޯޓް ހުށަހަޅަނީއެވެ. "އޮޓޯ- މިހާރު އަހަރެމެން މި ދަނީ މަޑުމަޑުން ކުރިއަށް- މިހައިތަނަށް ތިބީ ވަކިހިސާބެއްގައި އަޅައިގެންފައި- އެ ތިން މީހުންކުރެ ކޮންމެ މީހަކުވެސް ހުރީ އަނެއް މީހާ އިސްނަގާތޯ ބަލަން- މިހާރު ތިން މީހުންވެސް ތިބީ ހަމަޖެހިފައި- މިހާރު މި ދެވެނީ ރަނގަޅު މިސްރާބަށް- އެކަމަކު އަދިވެސް އޭޝްލީއަކަށް ޙަޤީޤަތަކާ ކުރިމަތިލާކަށް ނުކެރޭ-"

ޑޮކްޓަރ ލުވިސަން ބުންޏެވެ. "އެއިން އެއްވެސް މީހަކު މަރައިލި ގޮތެއް އޭޝްލީއަކަށް ނޭނގޭތަ-؟"

"އެއްގޮތަކަށް ވެސް ނޭނގޭ- އެ ކަންތައްތައް ހިނގިއިރަކު އޭޝްލީއަކަށް އެއްވެސް ކަމެއްގެ އިހްސާސެއް ނުކުރެވޭ- ހުރިހައި ބާރެއް އޭރު އޮތީ ޓޮނީގެ އަތްމަތީގައި-"

އޭގެ ދެ ދުވަސް ފަހެވެ.

"އޭޝްލީ- ތިޔަ އިނީ ހަމަޖެހިފައިތަ-؟"

"ލައްބަ-" އޭނާގެ އަޑުއިވެނީ ވަރަށް ދުރުން އަންނަ އަޑެއްގެ ގޮތުގައެވެ.

"މިއަދު އަހަރެން ވާހަކަދައްކަން ބޭނުންވަނީ ޑެނިސް ޓިބްލްއާ ބެހޭ ގޮތުން- އެއީ އޭޝްލީގެ ރައްޓެއްސެއްތަ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.