(14 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ސިއްސައިގެން ދިޔައީ ކޮޓަރިތެރެއިން އިވުނު އަޑަށެވެ. އެއީ އޭޝްލީ ރޮއިގަތް އަޑެވެ. އޭނާ އަވަސްއަވަހަށް ފިސްތޯލަ ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. އޭނާ ދުވެފައި ދިޔައީ އޭޝްލީގެ ކޮޓަރިއާ ދިމާއަށެވެ. ދޮރުބުޑުގައި އިރުކޮޅަކު އަޑުއަހަން ހުއްޓެވެ. އެކަމަކު އެއްވެސް އަޑެއް ނީވުނެވެ. އެއީ ހީވި ގޮތެއް ބާވައެވެ؟ އޭނާއަކަށް އެއްގޮތަކަށް ވެސް ޔަގީނެއް ނުކުރެވުނެވެ. އެއީ ކުރެވުނު ހީއެއް ކަމަށް ނިންމައިފައި ހިނގައިގަތްތަނާ އަނެއްކާ ވެސް އެ އަޑު އިވިއްޖެއެވެ. އޭނާ އޭޝްލީގެ ކޮޓަރީގެ ދޮރުހުޅުވައިލައިފައި އެތެރެއަށް ވަދެއްޖެއެވެ. އޭޝްލީ އޮތީ ނިދާފައެވެ. ގަޔަކު އެއްވެސް އެއްޗެއް ނެތެވެ. ކޮޓަރިތެރެއަކު އިތުރު އެއްވެސް މީހަކު ނެތެވެ. އޭޝްލީ ނިދީގައި ރޮނީއެވެ. އޭޝްލީ ވަރަށް ރީއްޗެވެ. އޭނާއަކަށް ބަލާކަށް ނުހުރެވުނެވެ. އޭޝްލީގެ ހިތްހަމަޖައްސައިދޭން އޭނާ ބޭނުންވިއެވެ. އޭނާގެ އަތުތެރެއަށްލައި، ފިރުމައިލުމަށް ފަހު ހިތްވަރުދޭން ބޭނުންވިއެވެ. އޭނާ މަޑުމަޑުން ގޮސް އޭޝްލީގެ މަގަތުން އޮށޯވެއްޖެއެވެ. އަދި އޭޝްލީ ގަޔާ ކައިރިކޮށް ފިއްތައިލިއެވެ.
އޭޝްލީއަށް ހޭލެވުނީ އޭނާގެ އަޑަށެވެ. "ހާސްނުވޭ- ދެރަނުވޭ- އެއްވެސް ގެއްލުމެއް ނުލިބޭނެ-"
އޭނާގެ ޙަރަކާތްތައް ދިޔައީ ކުރިއަށެވެ. އެންމެ ފަހުން އޭޝްލީ ބާރަށް ހަޅޭއްލަވައިގަތެވެ. "ބައްޕާ- ދޫކޮށްލައްވާ-"
އޭނާ ދުލެއް ނުކުރިއެވެ. އޭޝްލީގެ ރުޅިގަނޑު ގަދަވަގެން ގޮސް ހަމައިން ނައްޓައިލައިފިއެވެ. އެނދުގެ ކައިރީގައި ހުރި ތިރިމޭޒެއްގެ މަތީގައި އޮތް ވަޅިއެއް ނަގައިފިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި އެ ވަޅިން އޭނާޔަށް ޙަމަލާދީފިއެވެ.
"އޭނާ މަރައިލުމަށް ފަހު ދެން ހެދީ ކިހިނެއް-؟"
"އޭނާގެ ގައިގައި ފޮތިގަނޑެއް އޮޅައިގެން ދަމާފައި ލިފްޓާ ހަމަޔަށް ގެންދިޔައީ- ދެން ތިރިއަށް ފައިބައިގެން ގޭގެ ފުރަގަހުގައި އޮންނަ ގޯޅިއަށް ގެންދިޔައީ-"
"... ދެން...؟" ޑޮކްޓަރ ކެލަރ އޭޝްލީއާ ވަހަކަދެއްކިއެވެ. "ޓޮނީ އޭނާގެ ގައިގައި ފޮތިގަނޑެއް އޮޅައިގެން ދަމާފައި ލިފްޓާ ހަމަޔަށް ގެންދިޔައީ- ދެން ތިރިއަށް ފައިބައިގެން ގޭގެ ފުރަގަހުގައި އޮންނަ ގޯޅިއަށް ގެންދިޔައީ-"
އޭޝްލީ އަޑުއަހަން އިނީއެވެ. މޫނުގެ ކުލަ ހުރީ ހުދުވެފައެވެ. "އޭނާއަކީ... އަޅުގަނޑަކީ ޖަނަވާރަކީން-"
ގިލްބަރޓް ކެލަރ ބުންޏެވެ. "ނޫން- އޭޝްލީ- ހަނދާންކުރާތި- ޓޮނީ އުފަންވީ އޭޝްލީގެ ހިތާމަތަކުން- އޭނާ އުފަންވީ އޭޝްލީ ޙިމާޔަތްކުރަން- އެލެޓާ ބެހޭ ގޮތުން ވެސް ބުނެވެން އޮތީ ހަމަ މިހެން- މިހާރު މި އޮތީ މި މައްސަލަ މުޅިން ނިމުމަކަށް ގެނައުމުގެ ވަގުތު ޖެހިފައި- އަހަރެން ބޭނުންވަނީ ތިން މީހުން އެއްތަންކުރަން- ދެން އަޅަން އޮތް ފިޔަވަޅަކީ އެއީ-"
އޭޝްލީ ލޯމަރައިލިއެވެ. "އެންމެ ރަނގަޅު- އެ ކަން ކުރައްވާނީ ކޮން ދުވަހަކުތޯ-؟"
"މާދަމާ ހެނދުނު-"
އޭޝްލީ މިހާރު އިނީ ހިޕްނޮޓައިޒްކޮށްފައެވެ. ޑޮކްޓަރ ކެލަރ ފުރަތަމަ ވާހަކަދެއްކީ ޓޮނީއާއެވެ.
"ޓޮނީ- އަހަރެން ބޭނުންވަނީ ކަލެޔާ އެލެޓާ ދެ މީހުން އޭޝްލީއާ ވަހަކަ ދައްކަން-"
"އޭނާއަށް އަހަރެމެންނާ ވާހަކަދައްކަން ކެރޭނެހެން ހީވޭތަ-؟"
"އާނ- އަހަންނަށް ހީވަނީ ކެރޭނެހެން-"
"އެންމެ ރަނގަޅު- ވާހަކަދައްކަމާ ހިނގާ-"
"އެލެޓް- އޭޝްލީއާ ބައްދަލުކުރަން ތައްޔާރުތަ-؟"
"ޓޮނީ އެންމެ ރަނގަޅޭ ބުނަންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް-"
ޑޮކްޓަރ ކެލަރ ފުންނޭވާއެއްލިއެވެ. "އޭޝްލީ- ޓޮނީއާ ވާހަކަދައްކާލަބަލަ-"
ކުޑައިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތުމަށްފަހު އޭޝްލީ ބުނެލިއެވެ. "ހަލޯ ޓޮނީ-"
"ހަލޯ-"
"އޭޝްލީ- އެލެޓާ ވެސް ވާހަކަދައްކާ-"
"ހަލޯ އެލެޓް-"
"ހަލޯ އޭޝްލީ-"
ޑޮކްޓަރ ކެލަރ ހަށިފުރާ ނޭވާއެއްލިއެވެ. ސިކުނޑީގައި އޮތް ބުރައެއް ލުއިވެގެން ދިޔައީ ކަހަލައެވެ. "އަހަރެން ބޭނުންވަނީ ތިން މީހުން އެކަކު އަނެކަކާ ވާހަކަދައްކައި ފަރިތަވެލަން- ތިން މީހުން ތިޔަ ވަނީ ވަރަށް ބޮޑެތި މުޞީބާތްތަކާ ކުރިމަތިލައިފައި- ވޭތުވެ ދިޔަތަން ހޭދަކޮށްފައިވަނީ މުޅިން ވަކިން- މިހާރަކު ވަކިން އުޅުމުގެ ބޭނުމެއް ނެތް- ތިން މީހުން އެކުވެ އެކަކަށް ވުމުގެ ވަގުތު ޖެހިއްޖެ- ދަތުރަށް ފަށަންވީ- އެއީ ދިގުދަތުރެއް- އެކަމަކު އުނދަގޫ މަރުޙަލާ މިހާރު ކަޑައްތުކުރެވިއްޖެ-"
އެ ދުވަހުން ފެށިގެން އޭޝްލީގެ ފަރުވާ ދިޔައީ ކުރިއަށެވެ. އަމާންކަމާއި، އޮމާންކަމާ އެކީގައެވެ. އޭޝްލީ އޭނާގެ ހަށިގަނޑުގައި އުޅޭ އަނެއް ދެ މީހުންނާ ކޮންމެ ދުވަހަކު ވާހަކަދައްކައެވެ.
"އޭޝްލީ ޙިމާޔަތްކުރުމަކީ އަހަންނަށް ކޮންމެހެން ކުރަން ޖެހުނު ކަމެއް-" ޓޮނީ ކިޔައިދިނެވެ. "އަހަރެން އެއިން ކޮންމެ މީހަކު މަރާލާ ވަގުތު އެ މަރައިލެވެނީ ބައްޕައޭ ހިތަށްއަރާ- އެއީ އޭޝްލީއަށް ބައްޕަ ހެދި ގޮތުގެ ބަދަލުހިފުމުގެ ގޮތުން ކުރެވޭ ކަމެއް-"
"އޭޝްލީ ޙިމާޔަތްކުރެވޭތޯ އަހަރެން ވެސް މަސައްކަތްކުރިން-" އެލެޓް ބުންޏެވެ.
"އަހަރެން... އަހަރެން ތިޔަ ހުރިހާ ކަމަކަށް ޓަކައި ޝުކުރުވެރިވަން- ދެ މީހުންނަށް ވެސް ޝުކުރު އަދާކުރަން-"
އޭޝްލީ ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލިއެވެ. "އެއީވެސް އަޅުގަނޑު- މިއީ ވެސް އަޅުގަނޑު- އެހެންނޫންތޯ-؟ މި ހުރިހައި ވާހަކައެއް މި ދައްކަނީ އަޅުގަނޑު-"
"އޭޝްލީ ތިޔަ ވާހަކަދައްކަނީ އޭޝްލީގެ އަނެއް ދެ ބަޔާ-" އޭނާ ހިތްހެޔޮކަމާއެކު ބުނެލިއެވެ. "ތިން މީހުން އެކުވެގެން މިހާރު އެކަކަށް ވާން ވެއްޖެ-"
އޭޝްލީ ހިނިތުންވެލިއެވެ. "އަޅުގަނޑު މިހިރީ ތައްޔާރަށް-"
އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޑޮކްޓަރ ކެލަރ އޮޓޯ ލުވިސަންއާ ބައްދަލުކުރިއެވެ.
ޑޮކްޓަރ ލުވިސަން ބުންޏެވެ. "ގިލްބަރޓް- އަހަންނަށް ލިބޭ ރިޕޯޓުތައް މި ހުންނަނީ ވަރަށް ރަނގަޅަށް-"
ޑޮކްޓަރ ކެލަރ ބޯޖަހައިލިއެވެ. "މިހާރު ކުރިއަށްދަނީ ވަރަށް ހަލުވިކޮށް- މާ ގިނަދުވަހެއް ނުވެ އޭނާގެއަށް ފޮނުވައިލެވޭވަރު ވާނެ- އޭރުން ޖެހޭނީ ދޭތެރެދޭތެރެއިން މި ތަނަށް ގެންނަން-"
"ވަރަށް ރަނގަޅު-"
ޑޮކްޓަރ ކެލަރގެ ހިތަށްއެރިއެވެ. މި ތަނުން އޭނާ ފޮނުވައިލައިފައި އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
"މިސްޓަރ ސިންގަރ- ލައިން ދޭއްގައި ޑޮކްޓަރ ސަލެމްގެ ފޯނެއް އެބައޮތް-"
"އާނ-" ޑޭވިޑް ފޯނުގެ އަތްގަނޑު ނެގިއެވެ. އޭނާ ހުރީ ޙައިރާންވެފައެވެ. ޑޮކްޓަރ ސަލެމް އޭނާޔާ ގުޅަނީ ކީއްކުރަންބާވައެވެ؟ އެ ދެ މީހުން ވާހަކަ ނުދައްކާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. "ހަލޯ-"
"ޑޭވިޑް- އަހަރެން މި ގުޅައިލީ ވަރަށް ޙައިރާންވާ ކަހަލަ ޚަބަރެއް ދޭންވެގެން- އެއީ އޭޝްލީއާ ބެހޭ ގޮތުން އެނގުނު ކަމެއް-"
ޑޭވިޑް ކުޑަކޮށް ހާސްވިއެވެ. "އޭޝްލީއަށް އަނެއްކާ ކިހިނެއްވީ-؟"
"އަހަރެމެން އޭނާއަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ސަބަބެއް ހޯދަން ކުރި މަސައްކަތް ހަނދާން އެބަހުރިތަ-؟ އަހަރެމެންނަށް އޮތީ އެ ކަން ނޭނގިފައެއްނުން-؟"
ޑޭވިޑް އެއިން އެއްވެސް ކަމެއް ހަނދާން ނައްތައެއް ނުލައެވެ. އޭނާގެ ޤަޟިއްޔާ ބަލިކަށިވެގެން ދިޔައީ އެ ސަބަބެއް ނޭނގިގެންނެވެ. އެހެންވީމާ އެކަން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ "އާނ- ހަނދާން އެބަހުރި-"
"އަހަންނަށް ދާދި ދެންމެއަކު އެ ސަބަބު އެނގިއްޖެ- ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލްގެ ވެރިމީހާ ދެންމެ އަހަންނާ ގުޅި- އޭޝްލީގެ ހުރިހައި މައްސަލައެއްގެ މުގުލަކީ ޑޮކްޓަރ ސްޓީވަން ޕެޓަރސަން- އޭޝްލީ ކުޑައިރު އޭނާޔާ ބެހުނީ އޭނާގެ ބައްޕަ-"
ޑޭވިޑަށް އެ ވާހަކަ ޤަބޫލުކުރާކަށް އެހައި ފަސޭހައެއް ނުވިއެވެ. "ކީކޭ-؟"
"ޑޮކްޓަރ ލުވިސަންއަށް ވެސް އެނގުނީ އިހަށްދުވަހު-"
ޑޮކްޓަރ ސަލެމް މައްސަލައިގެ ތަފްސީލު ކިޔައިދެމުން ދިޔައިރު ޑޭވިޑް އަޑުއަހަން އިނެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ އެހެން ޚިޔާލެކެވެ. އޭނާގެ ހަނދާނަށް އަންނަނީ ޑޮކްޓަރ ޕެޓަރސަންގެ ވާހަކައެވެ.
"އަހަރެން އިތުބާރުކުރާ މީހަކަށް ހުރީ ކަލޭ އެކަންޏޭ މީގެ ކުރިން ވެސް އަހަރެން އޮންނާނީ ބުނެފައި- ޑޭވިޑް- މި ދުނިޔޭގައި އަހަންނަށް ލިބިފައިވާ އެންމެ އަގުބޮޑު މުދަލަކީ އަހަރެންގެ ދަރިފުޅު- އޭނާގެ ފުރާނަ ސަލާމަތްކޮށްދޭނީ ކަލޭ-"
އޭނަ ލައްވާ އޭޝްލީގެ ދިފާޢުކުރުވަން ޑޮކްޓަރ ޕެޓަރސަން އުޅުނީ ކީއްވެގެންކަން މި އެނގުނީއެވެ. އެއީ ޑޭވިޑަށް އޭނާގެ ވަހުޝީ ޢަމަލުތަކުގެ ވާހަކަ އެނގުނަސް ބޭޒާރުކޮށްނުލާނެކަން ޑޮކްޓަރ ޕެޓަރސަންއަށް އެނގޭތީއެވެ. އޭނާއަށް އޭރު އޮތީ ދެ ގޮތުންކުރެ ގޮތެއް ޚިޔާރުކުރުމެވެ. އެއް ގޮތަކީ އޭނާގެ ދަރިފުޅު ދިފާޢުކުރުމެވެ. އަނެއް ގޮތަކީ އޭނާއަށް ލިބިފައި އޮތް ރީތިނަމާއި، ޤަދަރު ދިފާޢުކޮށް ހިފެހެއްޓުމެވެ. އޭނާ ގަސްތުކުރީ ނަން ދިފާޢުކުރާށެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. ކޮންކަހަލަ ނުބައި މީހެއް ހެއްޔެވެ؟
"ޝުކުރިއްޔާ- ސަލެމް-"
އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޭޝްލީ ކުޅިވަރުކުޅެ، މުނިފޫހިފިލުވަން ހަދައިފައި ހުންނަ ކޮޓަރިއަށް ވަންއިރު ވެސްޓްޕޯރޓް ނިވްސްގެ ކޮޕީއެއް އެ ތާނގައި ހުރި މޭޒެއްގެމަތީގައި އޮތެވެ. ނޫހުގެ ބޭރުގަނޑުގައި ހުރީ އޭނާގެ ބައްޕަ ވިކްޓޯރިއާ އެނިސްޓަންއާއި، ކެތަރީނާއާ އެކީ ނަގައިފައި ހުރި ފޮޓޯއެކެވެ. އެ ފޮޓޯއާއެކު ޖަހައިފައިވާ ޚަބަރުގައި އޮތެވެ. "ޑޮކްޓަރ ޕެޓަރސަން ވަރަށް އަވަހަށް ވިކްޓޯރިއާ އެނިސްޓަންއާ ކާވެނިކުރައްވާނެއެވެ. ވިކްޓޯރިއާގެ ތިން އަހަރަށްދާ އަންހެން ދަރިއަކު ހުރެއެވެ. ޑޮކްޓަރ ޕެޓަރސަން މިހާރު ގެންދަވަނީ ސެއިންޓް ޖޯންސް ހޮސްޕިޓަލްގެ ވަޒީފާއަކާ ޙަވާލުވެވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ލޯންގް އައިލެންޑްގައި އޭނާއާއި، އޭނާގެ ކުރިމަގުގެ އަނބިކަނބަލުންގެ ގެއެއް..."
އޭޝްލީގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ. "އަހަރެން އޭނާ މަރައިލާނަން-" ޓޮނީ ހަޅޭއްލަވައިގަތެވެ. "އަހަރެން އޭނާ މަރައިލާނަން-"
އޭނާ މިހާރު ވަނީ ހަމައިން ނެއްޓިފައެވެ. ތަނެއްދޮރެއް ނޭނގޭހައި ބޮޑަށް ރުޅިއަތުވެއްޖެއެވެ. އެ މީހުންނަށް ޖެހުނީ އޭނާ ހަމައަކަށް އެޅެންދެން ހިލިހިލާ ޖަހައިފައި، ބިޑިއަޅުވައިފައި ބާއްވާށެވެ. އެޓެންޑެންޓުން އޭނާއަށް ކާންދޭން އައީމާ އެ މީހުންނާ ޙަމަލާދޭން ވެސް އޭނާ މަސައްކަތްކުރިއެވެ. އެ މީހުން ތިބީ އޭނާގެ އަތްފޯރާ ހިސާބަށް ދާން ބިރުންނެވެ. މިހާރު ޓޮނީ ވަނީ އޭޝްލީގެ މައްޗަށް ފުރިހަމައަށް ބާރުފޯރުވައިފައެވެ.
ޑޮކްޓަރ ކެލަރ ފެނުމާއެކު އޭނާ ހަޅޭއްލަވައިގަތެވެ. "އަހަރެން ދޫކޮށްލާ- މި ހިލިހިލާގަނޑު ނައްޓައިލާ- ހަމަ މިހާރު ނައްޓައިލާ-"
"އަހަރެމެން މިއުޅެނީ އޭޝްލީ މި ތަނުން ފޮނުވައިލަން-" ޑޮކްޓަރ ކެލަރ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "އެކަމަކު އެހެން ހެދޭނީ އޭޝްލީ މުޅިން ހަމައަކަށް އެޅުނީމާ- ތިޔަ ރުޅިގަނޑު މައިތިރިވީމާ-"
"އަހަރެން މިހިރީ ހަމައަކަށް އެޅިފައި-" ޓޮނީ ހަޅޭއްލަވައިގަތެވެ. "އަހަރެން ދޫކޮށްލާ-"
ޑޮކްޓަރ ކެލަރ ބިންމަތީގައި، އޭޝްލީގެ ކައިރީގައި އިށީނދެއްޖެއެވެ. "ޓޮނީ- މިއަދު ބައްޕަގެ ފޮޓޯ ފެނުނީމާ އޭނާއަށް އަނިޔާކުރާނެ ވާހަކަ ބުނީމެއްނުން-؟ އަދި..."
"ކަލެއަކީ ދޮގުހަދާ މީހެއް- އަހަރެން ބުނީ އޭނާ މަރައިލާނަމޭ-"
"މިހާރު ވާވަރަށް މީހުން މެރިއްޖެ- އަނެއްކާ އެހެން މީހެއްގެ ގައިގައި ވަޅިއަޅަންވީތަ-؟"
"އަހަރެން އޭނާގެ ގަޔަކު ވަޅިއެއް ނާޅާނަން- ހައިޑްރޯކްލޯރިކް އެސިޑް ދަންނަންތަ-؟ އެއީ ވަރަށް ބާރުގަދަ އެސިޑެއް- މަސްގަނޑަށް ދާންދެން ވިރުވައިލާނެ- ބަލަން ހުރޭ- އަހަރެން..."
"ތިޔަ ޚިޔާލު ސިކުނޑިން ނެރެ އެއްލައިލާ-"
"އާނ- ރަނގަޅު- އެސިޑް ކަމަކުނުދާނެ- އަހަރެން އޭނާއަށް ވިހައެއް ބޯންދޭނީ- ތެޅިތެޅި މަރުވާން ދޫކޮށްލާނީ- އަހަރެން އެކަން ކުރާނީ އެއްވެސް މީހަކަށް އަހަރެންގެ މައްޗަށް ޝައްކު ވެސް ކުރަން ނޭނގޭހައި މޮޅަށް-"
"ޓޮނީ- ތިޔަ ކަންތައްތައް ހަނދާން ނައްތައިލާ-"
"އެންމެ ރަނގަޅު- އަހަރެން އެހެން ކޮންމެވެސް ގޮތެއް ހޯދާނީ-"
ޑޮކްޓަރ ކެލަރ އިރުކޮޅެއް ވާންދެން އޭނާއާ ދިމާއަށް ބަލަން އިނެވެ. މޫނުމަތީގައި ވަނީ ނާއުއްމީދުގެ އަސަރެވެ. "ތިޔަހައި ބޮޑަށް ރުޅިއައީ ކީއްވެގެން-؟"
"ރުޅިއައީ ކީއްވެގެންހެއްޔޭ- ބަލަ ކަލެއަކަށް ނޭނގޭތަ-؟ އަހަރެން ހީކުރީ ކަލެއަކީ ވަރަށް މޮޅު ޑަކްޓަރެއް ކަމަށް- އޭނާ އެ އުޅެނީ ކުޑަކުޑަ އަންހެންދަރިއެއްގެ މަޔަކާ އިންނަން- އެ ކުޑަކުޑަ ކުއްޖާއަށް ވާނޭ ގޮތް ކަލެއަކަށް ނޭނގޭތަ-؟ ނޭގެންޏާ އަހަރެން ބުނެފާނަން- އެ ކުއްޖާއަށް ވާނީ ހަމަ އަހަންނަށް ވީ ގޮތަށް- އެކަމަކު އަހަރެން އެހެން ވިޔަކަ ނުދޭނަން-"
"ކަލޭގެ ހިތުގައި ތިޔަ އޮތް ނަފްރަތުގެ އަލިފާންގަނޑު ނިއްވައިލެވޭނެ ނަމައޭ އަހަރެންގެ ހިތަށްއަރާ-"
"ނަފްރަތޭ-؟ ނަފްރަތުގެ ވާހަކަ އަޑުއަހަން ބޭނުންތަ-؟"
ވާރޭވެހެނީއެވެ. ވާރޭގެ ތިކިތައް ކާރުގެ މައްޗަށް ތަޅަމުންދާ އަޑުއިވެއެވެ. ކާރުދުއްވަން އިނީ އޭނާގެ މަންމައެވެ. އޭނާ މަންމަޔާ ދިމާއަށް ބަލައިލިއެވެ. އަދި އުފާވެރިކަމާއެކު ހިނިތުންވެލައިފައި ލަވަކިޔަން ފަށައިފިއެވެ.
މަންމަ އޭނާއާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. "އަނގަމަޑުންލައިގެން އިނދޭ- ތިޔަ ލަވައަކީ އަހަރެން ވަރަށް ފޫހިވާ ލަވައެކޭ އެތައް ފަހަރަކު ބުނެފީމެއްނުން-؟ ކަލެއަކީ އަހަންނަށް ޖެހިފައި އޮތް ބޮޑު ނުފޮރުއްޕާނެއް- އުނދަގުލެއް..."
އޭގެ ފަހުން ހިނގި ކަންތައްތައް ފެންނަނީ ރޯލު ލަސްކޮށް ހިނގި ކަންތައްތަކެއްގެ ގޮތުގައެވެ. ކުރިއަށް އޮތް ގޯޅިއެވެ. ކާރު މަގުން ކައްސައިލި ގޮތެވެ. ކުރިމަތިން ފެންނާން ހުރި ގަހެވެ. ޖެހެނު ޖެހުމާއެކީ އޭނާ އޮތީ ކާރުން ބޭރަށް ވިއްސައިގެން ގޮސްފައެވެ. އޭނާއަކަށް ހާނީއްކައެއް ނުވެއެވެ. އޭނާ ތެދުވެއްޖެއެވެ. މަންމަ ރޯއަޑު އޭނާއަށް އިވެއެވެ. މަންމަ އޮތީ ކާރުގެ އެތެރޭގައި ތާށިވެފައެވެ. ނުނުކުމެވިފައެވެ. މަންމަ ގޮވަނީއެވެ. "އަހަރެން މި ތަނުން ނެރެދީ- އަހަންނަށް އެހީވޭ- އަހަންނަށް އެހީވޭ-"
އޭނާ ބަލަން ހުރީއެވެ. ކާރު ގޮވީ އޭނާ ބަލަން ހުއްޓައެވެ.
"ނަފްރަތޭ-؟ ނަފްރަތުގެ ވާހަކަ އަދި އަޑުއަހަން ބޭނުންތަ-؟"
ވޯލްޓަރ މޭނިންގ ބުންޏެވެ. "މި ނިންމުން ވާންޖެހޭނީ އެންމެން އިއްތިފާޤުވާ ނިންމުމަކަށް- އަޅުގަނޑުގެ ދަރިފުޅަކީ ޕްރޮފެޝަނަލް ކުރެހުންތެރިއެއް- އާދައިގެ ކުރެހުންތެރިއެއް ނޫން- އޭނާގެ ހިތްމަރައިލުމަކީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫން- ... މި ނިންމުން ވާންޖެހޭނީ އެންމެން އިއްތިފާޤުވާ ނިންމުމަކަށް- ދޭންޖެހޭނީ އަޅުގަނޑުގެ ދަރިފުޅުގެ ކުރެހުން- އެހެން ނޫނީ އެއްވެސް ކުރެހުމެއް ނުދޭނީ-"
އޭނާގެ ކާރު އޮތީ ޕާކުކޮށްފައެވެ. އިންޖީނު ނުނިއްވައެވެ. އޭނާ ބަލަން އިނީ ވޯލްޓަރ މޭނިންގއާ ދިމާއަށެވެ. ވޯލްޓަރ އޭރު ހިނގައިފައި ގޮސް މަގުހުރަސްކުރަނީއެވެ. ކާރު އޮތީ މަގުގެ އަނެއް ފަރާތުގައި ހުރި ގަރާޖުގައެވެ. އޭނާ ކާރު ގިއަރަށް ލައިފިއެވެ. އަދި ރޭސް މަތީގައި ފައިއަޅާ އޮބައިލިއެވެ. ވޯލްޓަރއަށް ކާރުގެ އަޑު އިވުނުއިރު މާލަސްވެއްޖެއެވެ. ކާރު އައިސް ވޯލްޓަރގެ ގައިގައި ޖެހުނުއިރު އޭނާ އިނީ ވޯލްޓަރގެ މޫނުމައްޗަށް އައި ބަދަލު ވަރަށް ރަނގަޅަށް ބަލާށެވެ. ވޯލްޓަރ ވިއްސައިގެން ގޮސް ދުރަށް ޖެހުނުތަން އޭނާއަށް ފެނުނެވެ. އޭނާ މަޑުވެސް ކޮށްލުމެއް ނެތި ދުއްވައިފައި ދިޔައީއެވެ. އެއްވެސް މީހަކަށް އެ މަންޒަރެއް ނުފެނެއެވެ. އެހެންވީމާ އެއްވެސް ހެއްކެއް ނެތެވެ.
"ނަފްރަތަކީ އެއީ- ޑޮކްޓަރ- ނަފްރަތަކީ އެއީ-"
ޑޮކްޓަރ ކެލަރ އިނީ ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހާށެވެ. އެ ވާހަކަތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ވުމާއެކު އެ ދުވަހަށް ކަނޑައެޅިފައި ހުރި ހުރިހައި މަސައްކަތެއް ފަސްކޮށްލައިފިއެވެ. އޭނާ މި ވަގުތު ބޭނުންވަނީ އެކަނި ހުންނާށެވެ.
އަނެއް ދުވަހު ޑޮކްޓަރ ކެލަރ އަނދަގޮނޑިކޮޓަރިއަށް ވަންއިރު އޭޝްލީގެ މައްޗަށް ގަދަވެގެން އުޅެނީ އެލެޓެވެ.
"އަހަންނަށް މިހެން ހަދަނީ ކީއްވެގެން-؟" އެލެޓް އަހައިލިއެވެ. "އަހަރެން މި ތަނުން ނެރެދީ-"
"ނެރެދޭނަން-" ޑޮކްޓަރ ކެލަރ ބުންޏެވެ. "ޓޮނީގެ ވާހަކަ އަހަންނަށް ކިޔައިދީ- އޭނާ ކިޔައިދިން ވާހަކަތައް އަހަންނަށް ކިޔައިދީ-"
"އޭނާ ބުނީ އަހަރެމެން މި ތަނުން ފިލައިގެން ގޮސް ބައްޕަ މަރައިލާނީއޭ-"
ޓޮނީ ގަދަވެގެންފިއެވެ. "ޑޮކްޓަރ- މިހާރު އަހަރެމެން މިތިބީ ރަނގަޅުވެފައި- އެހެންވީމާ މި ތަނުން ނުކުމެވޭނެ ގޮތް ހަދައިދީ-"
ޑޮކްޓަރ ކެލަރ އޭނާގެ ލޮލަށް ބަލައިލިއެވެ. އެ ލޮލުން ފެންނަނީ ރަޙުމްކުޑަކަމާއި، ނުލަފާކަމެވެ. މީހަކު މަރައިލާކަށް ޖެހިލުމެއް ނުވާނެކަން ރަނގަޅަށް އެނގެއެވެ.
* * *
ޑޮކްޓަރ އޮޓޯ ލުވިސަން މާނޭވާއެއްލިއެވެ. "ގިލްބަރޓް- މިހާރު ކަންތައް ގޮސްފައި މިވަނީ އަހަރެމެން ހިތާމަކުރާ ހިސާބަކަށް- ހުރިހައި ކަމެއް މީގެ ކުރިން ދިޔައީ ނުލާހިކު ރަނގަޅަށް-"
"މިހާރު އަހަންނަކަށް އޭޝްލީއަކާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކޭ-"
"އެހެންވެއްޖެއްޔާ ފަރުވާ މި ޖެހެނީ އަލުން ފަށަންތާ-؟"
ޑޮކްޓަރ ކެލަރ ވިސްނައިލިއެވެ. "ނޫނޭ- މުޅިއަކުން އެހެންނެއް ނޫން- މިހާރު އަހަރެމެންނަށް މި ތިބީ ތިން މީހުން އެއްތަންކުރެވިފައި- ތިން މީހުން މިހާރު ވަނީ އެކަކު އަނެކަކަށް ތަޢާރަފްވެ އެނގިފައި- އެއީ ވަރަށް ބޮޑު ކުރި އެރުމެއް- ދެން އޮތް ކަމަކީ ތިން މީހުން އެކަކަށް ހެދުން- އަހަރެން މި އުޅެނީ އެ ކަމަށް މަގެއް ފެނޭތޯ-"
"އެ މަޒްމޫނުގެ ސަބަބުން..."
"ޓޮނީއަށް އެ ނޫސް ފެނުނުކަން އެއީ ބޮޑު ނިޢުމަތެއް-"
އޮޓޯ ލުވިސަން ޙައިރާންވެފައި ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލިއެވެ. "ނިޢުމަތެކޭ-؟"
(ނުނިމޭ)
? Naeem kobaathoa
ibraiyteri vv. reethi vaahakaeh kuriah oiybayah inthizaaru kuranee