ހުވަފެން - 29

(2 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތިޔަ ވިދާޅުވަނީ އެހެން މުވައްޒަފުން ވެސް ކުންފުނީގެ ސައިކޮލޮޖިސްޓަށް ދައްކަން ދެއޭތޯ-؟"

"އާދެ- ވަރަށް ގިނައިން ދޭ-"

ބްރެނަން ހިނިތުންވެލިއެވެ. "އެހެންތޯ-؟"

"އާދެ- އެންމެންގެ ވެސް މައްސަލަ ހުރޭ- އެންމެންނަކީ ވެސް އިންސާނުން-"

"އިތުރު ސުވާލެއް ނެތް-"

ޑޭވިޑް އަނެއްކާވެސް ތެދުވެއްޖެއެވެ. "މިސްޓަރ މިލަރ- އެންމެންގެ ވެސް މައްސަލަ ހުރެއޭ ދެންމެ ވިދާޅު ވެއްޖައީމު- އެއީ ކޮންކަހަލަ މައްސަލަތަކެއްތޯ-؟"

"އެކި މީހުންނަށް ދިމާވަނީ އެކި މައްސަލަ- ބައެއް މީހުން ހިތާވެގެން އުޅޭ މީހާއާ އަރައިރުންވޭ- ނޫނީ ފިރިމީހާއާ އަރައިރުންވޭ...-"

"ދެނޯ-؟"

"ފައިސާގެ މައްސަލަތަކާ ވެސް މީހުން ހާސްވެގެން އުޅޭ-"

"ދެނޯ-؟"

"ދަރިންގެ މައްސަލަތައް ވެސް ހުރޭ-"

"ތިޔަ ވިދާޅުވަނީ އެ މީހުންނަށް ދިމާވާ މައްސަލަތަކަކީ އާދައިގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކޭ- އެހެންނޫންތޯ-؟"

"އާދެ-"

"އެކަމަކު މީހަކު ފަހަތުން އަޅައިގަނެގެން އުޅޭހެން ހީވާތީ ނޫނީ މަރައިލަން އުޅޭހެން ހީވާތީ އެއްވެސް މީހަކު ސައިކޮލޮޖިސްޓަށް ދެއްކިތޯ-؟"

"ނޫން- ނުދައްކާ-"

"ޝުކުރިއްޔާ-"

މެންދުރު ކާގަޑިއަށް ޝަރީޢަތް މެދުކެނޑުނީއެވެ.

ޑޭވިޑް ކޯޓުން ނުކުމެގެން އައިސް ކާރަށް އެރިއިރު ހުރީ ކުޑަކޮށް ހާސްވެފައެވެ. ޝަރީޢަތް ދަނީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ދަނީ މުޅިން ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. އެމްޕީޑީއަކީ އޮންނަ ބައްޔެއް ކަމަކަށް ޑަކްޓަރުންނަކަށް ވެސް އެއްބަހެއް ނުވެވެއެވެ. އެހެންވީމާ ޖޫރީ އެއްބަސް ވާނޭ ގޮތް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޑޭވިޑްގެ ހިތަށްއެރިއެވެ. އެކަމަކު އަހަރެން އޭޝްލީއަކަށް ގެއްލުމެއް ވިޔަކަ ނުދޭނަމެވެ.

ޑޭވިޑް ކާން ދިޔައީ ކޯޓާ ވަރަށް ކައިރީގައި ހުންނަ ހޮޓަލެއް ކަމަށްވާ ހެރަލްޑްސް ކެފޭއަށެވެ. އޭނާ ކާރު ޕާކުކޮށްފައި ހޮޓާތެރެއަށް ވަނުމާއެކު އަންހެންކުއްޖަކު އައިސް ބުނެލިއެވެ. "މިސްޓަރ ސިންގަރ- މިހެން ވަޑައިގަންނަވާ-"

އޭނާއަކީ މަޝްހޫރު މީހެކެވެ. އެހެންވީމާ އޭނާ ނުދަންނަ މީހަކު މިހާރު ވަރަށް މަދެވެ. ޑޭވިޑް މަޑުމަޑުން ހިނގައިފައި ގޮސް މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ. އޭނާ ބަނޑުހައެއް ނުވެއެވެ. އެކަމަކު ސަންޑްރާގެ އަޑު މިހާރުވެސް އޭނާއަށް އިވޭ ކަހަލައެވެ. "ގައިގައި ވަރު ހުންނާނީ ކެއީމަ..."

ޑޭވިޑް އިން މޭޒާ ޖެހިގެން ހުރި މޭޒުދޮށުގައި ތިބީ ދެ އަންހެނުންނާއި، ދެ ފިރިހެނުންނެވެ. އެ މީހުން ދައްކަމުން ދިޔައީ އޭޝްލީގެ ޝަރީޢަތުގެ ވާހަކައެވެ. އެ ތަނުން އެއް ފިރިހެނަކު ބުނެލިއެވެ. "އޭނާއަކީ ލިޒީ ބޯރޑެންއަށް ވުރެ ވެސް ނުލަފާ މީހެއް- ލިޒީ މަރައިލީ އެންމެ ދެ މީހުން-"

އަނެއް ފިރިހެންމީހާ ބޯޖަހައިލިއެވެ. "ލިޒީ މަރައިލި މީހުންގެ އެއްވެސް ގުނަވަނަކަށް ކަމެއް ނުކުރޭ-"

"އެ މީހުން އޭނާއަށް ހަދާނީ ކިހިނެއްބާ-؟"

"ހަދާނޭ މާ ގިނަ ގޮތްގޮތެއް ނުހުންނާނެ- މަރަން ނިޔާ އިއްވުން ނޫން ގޮތެއް ނޯންނާނެ-"

"ތިން ފަހަރު އެކަކު މަރައިނުލެވޭކަން ވަރަށް ދެރަ- އެހެން ހެދޭނަމަ އޭނާ ތިން ފަހަރު ދަންޖައްސަންވާނެ-"

ޑޭވިޑްގެ ހިތަށްއެރިއެވެ. އެއީ ޢާންމުން ދެކޭ ގޮތެވެ. ހޮޓަލުގެ ކޮންމެ މޭޒެއްގެ ދޮށަށް ދިޔަޔަސް އެކި ޢިބާރާތުން އިވޭނީ ހަމަ އެ ވާހަކައޭ ޑޭވިޑްގެ ހިތަށްއެރިއެވެ. ބްރެނަން ވަނީ އޭޝްލީ ވަރަށް ނުބައި މީހަކަށް ހަދާފައެވެ. އޭނާއަށް ޖެސީ ކިލަރގެ އަޑުއިވުނު ކަހަލައެވެ. "އޭޝްލީއާ ސުވާލު ނުކުރިއްޔާ ޖޫރީ ޤަބޫލުކުރާނީ ބްރެނަންގެ ވާހަކަ-"

ނުރައްކާތެރި ކަމަކަށް ވިޔަސް އެހެން ނުހަދައެއް ފަރުޖެއްސޭކަށް ނެތެވެ. އޭޝްލީ ދައްކަނީ ތެދުވާހަކަކަން ޖޫރީއަށް ޔަޤީންކޮށްދެވޭނޭ އެހެން ގޮތެއް ނެތެވެ.

"ގެންނާނީ ކޯޗެއްތޯ-؟" ވެއިޓަރުގެ އަޑަށް ޑޭވިޑް ޚިޔާލީ ދުނިޔެއިން ބޭރަށް ނުކުމެއްޖެއެވެ.

"އަހަރެން މިއަދަކު ނުކާނަން- ބަނޑުހައެއް ނުވޭ-"

ޑޭވިޑް ހޮޓަލުން ބޭރަށް ނުކުމެގެން އައި އިރު ހުރިހައި އެންމެން އޭނާއާ ދިމާއަށް ބަލައި ކަމުގައި އިޙްސާސް ކުރެވުނެވެ.

ވިހިވަނަ ބާބު

ޑޭވިޑް ކޯޓަށް އެނބުރި އައިސް ފުރަތަމަ ދިޔައީ އޭޝްލީއާ ބައްދަލުކުރާށެވެ. އޭނާ އިނީ ގޮޅީގެ އެތެރޭގައި ހުރި ތިރި އެނދެއްގައި އިށީނދެގެންނެވެ.

"އޭޝްލީ-"

އޭނާ އިސްއުފުލައި ބަލައިލިއެވެ. ލޮލުން ފެންނަނީ ނާއުންމީދުގެ އަސަރެވެ.

ޑޭވިޑް އެނދުގައި އިށީނދެއްޖެއެވެ. "އަހަރެން މިއައީ ކުޑަކޮށް ވާހަކަދައްކާލަން ވެގެން-"

އޭޝްލީ ބަލައިލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ.

"އޭޝްލީއާ ބެހޭ ގޮތުން އެ މީހުން އެ ދައްކާ ނުބައި ވާހަކަތަކަކީ ތެދުވާހަކަތަކެއް ނޫން- އެކަމަކު ޖޫރީއަކަށް އެ ކަމެއް ނޭނގޭނެ- އެ މީހުންނަކަށް އޭޝްލީއެއް ނޭނގޭ- އެހެންވީމާ އެ މީހުންނަށް އޭޝްލީ އެނގޭ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް-"

އޭޝްލީ އޭނާއާ ދިމާއަށް ބަލައިލައިފައި މަޑުމަޑުން ބުނެލިއެވެ. "އަހަންނަކީ ކޮންކަހަލަ މީހެއް-؟"

"އޭޝްލީއަކީ ރަނގަޅު އިންސާނެއް- ބަލިމީހެއް- އެ މީހުން އޭޝްލީއަށް ހަމްދަރްދީވާނެ-"

"އަހަރެން ހަދަންވީ ކިހިނެއް-؟"

"އަހަރެން ބޭނުންވަނީ އޭޝްލީއާ ސުވާލުކުރަން-"

އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. މޫނުމަތިން ފެންނަނީ ބިރުގެ އަސަރެވެ. "އަ... އަހަންނަކަށް ތިޔަ ކަމެއް ނުކުރެވޭނެ- އަހަންނަކަށް އެއްވެސް ކަމެއް ނޭނގޭ- އެ މީހުން ގާތު ބުނާނޭ އެއްޗެއް އަހަންނަކަށް ނޭނގޭ-"

"އެ ކަން އަހަރެން ބަލަހައްޓާނަން- އޭޝްލީ ކުރަންޖެހޭ ހައިވެސް ކަމަކީ އަހަރެންގެ ސުވާލުތަކަށް ޖަވާބުދިނުން-"

ފޯރިމަރާ މީހަކު އައިސް ބުނެލިއެވެ. "ޝަރީޢަތުގެ މަޖްލިސް ފެށެން ކައިރިވެއްޖެ-"

ޑޭވިޑް ތެދުވެ، އޭޝްލީގެ އަތުގައި ހިފައިލިއެވެ. "ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ- ބަލަން ހުރޭ-"

ޝަރީޢަތުގެ މަޖްލިސް ފެށިއްޖެއެވެ. ފަނޑިޔާރު ވިލިއަމްސް އައިސް އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ.

ޑޭވިޑް ބުންޏެވެ. "އަޅުގަނޑު ވާހަކައެއް ދަންނަވަން ބޭނުން-"

"އެންމެ ރަނގަޅު- އާދޭ-"

މިކީ ބްރެނަންއާއި، ޑޭވިޑާ ދެ މީހުން ފަނޑިޔާރުގެ މޭޒުގެ ކައިރިއަށް ހިނގައްޖެއެވެ.

"ކޮން ވާހަކައެއްތޯ-؟" ފަނޑިޔާރު ވިލިއަމްސް ޑޭވިޑާ ސުވާލުކޮށްލިއެވެ.

"ލިސްޓުގައި ކުރިން ހިމެނިފައި ނެތް މީހަކު ހެކިންގެ ކޮށިގަނޑަށް ގެންނަން އަޅުގަނޑު ބޭނުން-"

ބްރެނަން ބުނެލިއެވެ. "އާ މީހަކު ގެންނަން ހުށަހަޅަން މިހާރު މާ ބޮޑަށް ލަސްވެއްޖެއެއްނޫންތޯ-؟"

"އަޅުގަނޑު ބޭނުންވަނީ އޭޝްލީ ޕެޓަރސަން ކޮށިގަނޑަށް ގެންނަން-"

ފަނޑިޔާރު ވިލިއަމްސް ބުންޏެވެ. "މިހާރު ތިޔަ..."

މިކީ ބްރެނަން އަވަސްއަވަހަށް ބުނެލިއެވެ. "ދައުލަތުގެ ފަރާތުން އެއްވެސް އިޢުތިރާޟެއް ނެތް-"

ފަނޑިޔާރު ވިލިއަމްސް ދެ ވަކީލުންނާ ދިމާއަށް ބަލައިލިއެވެ. "އެންމެ ރަނގަޅު- މިސްޓަރ ސިންގަރ- އޭޝްލީ ޕެޓަރސަން ގެންނެވުމުގެ ހުއްދަ އަރުވައިފިން-"

"ޝުކުރިއްޔާ- ޢިއްޒަތްތެރި ފަނޑިޔާރު-" އޭނާ އޭޝްލީގެ ގާތަށް ހިނގައްޖެއެވެ. "އޭޝްލީ..."

އޭނާ އަދިވެސް އިނީ ވަރަށް ބިރުންނެވެ. ހަދާނޭ ގޮތް ބޮޑުވެފައެވެ.

"ހިނގާ-"

އޭޝްލީ ތެދުވެއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އޭނާ މަޑުމަޑުން ހިނގައިފައި ގޮސް ހެކިންގެ ކޮށިގަނޑަށް ވަދެއްޖެއެވެ.

މިކީ ބްރެނަން އެލީނަރގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. "އޭނާ މި ފިޔަވަޅު އަޅާތޯ އަހަރެން ހުރީ ދުޢާކޮށްކޮށް-"

އެލީނަރ ބޯޖަހައިލިއެވެ. "މައްސަލަ މި ހިސާބުން މި ނިމުނީ-"

ކޯޓުގެ މީހަކު އައިސް އޭޝްލީ ލައްވައި ހުވައިކުރުވައިފިއެވެ. "މި ތާނގައި ދައްކަވާ ހުރިހައި ވާހަކައެއް ދައްކަވާނީ ތެދުބަހުން ކަމަށާއި، އިތުރުފުޅެއް ނުހައްދަވާނެ ކަމަށް ކަލާނގެ ގަންދީ ހުވައިކުރައްވާ-"

"އަޅުގަނޑު ހުވައިކުރަން-" އޭޝްލީގެ އަޑު ކިރިޔާ ނުކުންނަނީއެވެ.

ޑޭވިޑް ކޮށިގަނޑުގެ ކައިރިއަށް ހިނގައްޖެއެވެ. އަދި މަޑުމަޑުން ބުނެލިއެވެ. "މިއީ އުނދަގޫ ކަމެއްކަން އަޅުގަނޑަށް އެނގޭ- އޭޝްލީގެ މައްޗަށް ވަނީ ނުކުރައްވާ ކުށްތަކެއްގެ މައްޗަށް ދަޢުވާ އުފުލިފައި- އަޅުގަނޑު ބޭނުންވަނީ ޖޫރީއަށް އަޞްލު މައްސަލަ އޮތް ގޮތް އޮޅުންފިލުވައިދޭން- އެއިން އެއްވެސް ކުށެއް ކުރެއްވި ހަނދުމަފުޅު ވޭތޯ-؟"

އޭޝްލީ ބޯހޫރައިލިއެވެ. "ނޫން-"

ޑޭވިޑް ޖޫރީއާ ދިމާއަށް ބަލައިލައިފައި އަނެއްކާވެސް އޭޝްލީއާ ދިމާއަށް އެނބުރިލިއެވެ. "ޑެނިސް ޓިބްލްއަކީ ދެނެވަޑައިގަންނަވާ މީހެއްތޯ-؟"

"އާދެ- އޭނާ މަސައްކަތްކުރީ އަޅުގަނޑު މަސައްކަތްކުރި ކުންފުނީގައި- ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނުގައި-"

"ޑެނިސް ޓިބްލް މަރުއްވަން ހިތްޕުޅަށް އަރާ ކަހަލަ އެއްވެސް ކަމެއް ހިނގައިފައި ވޭތޯ-؟"

"ނޫން-" އޭނާއަށް ވާހަކަދައްކަން އުނދަގޫވާން ފަށައިފިއެވެ. "އަޅު... އަޅުގަނޑު އޭނާގެ ފްލެޓަށް ދިޔައީ އޭނާ ބޭނުން ވެގެން އުޅުނު ކަމަކާ ގުޅޭ ގޮތުން މަޝްވަރާއެއް ދޭން- އޭގެ ފަހުން އަޅުގަނޑު އޭނާއެއް ނުދެކެން-"

"ރިޗަރޑް މެލްޓަން ދެނެވަޑައިގަންނަވަމުތޯ-؟"

"ނޫން..."

"އެއީ ކުރަހާ މީހެއް- އޭނާ މަރައިލައިފައި ވަނީ ސެން ފްރެންސިސްކޯގައި- ފުލުހުން ވަނީ އޭނާ މަރައިލި ތަނުން ޑީއެންއޭ އާއި، އިނގިލީގެ ނިޝާން ވެސް ނަގައިފައި-"

އޭޝްލީ ބޯހޫރައިލިއެވެ. "އަ... އަޅުގަނޑަކަށް ދަންނަވާނޭ އެއްޗެއް ނޭނގޭ- ތިޔަ ވިދާޅުވާ މީހާއަކީ އަޅުގަނޑު ދަންނަ މީހެއް ނޫން-"

"ޑެޕިއުޓީ ސޭމް ބްލޭކް ދެނެވަޑައިގަންނަވަމުތޯ-؟"

"އާދެ- އޭނާ އަޅުގަނޑާ އެހީވި- އަޅުގަނޑު އޭނާ މަރައެއް ނުލަން-"

"އޭޝްލީ- އޭޝްލީގެ ހަށިގަނޑުގައި އެހެން ދެ ޝަޚްސިއްޔަތަކު އުޅޭކަން އެނގިވަޑައިގަނޭތޯ-؟"

"އާދެ-" އޭނާގެ އަޑު ކުރެހިއްޖެއެވެ.

"އެ ކަން އެނގިވަޑައިގަތީ ކޮން ދުވަހަކުތޯ-؟"

"މި ޝަރީޢަތް ފެށުމުގެ ކުރިން- އަޅުގަނޑު ގާތު އެ ވާހަކަ ބުނީ ޑޮކްޓަރ ސަލެމް- އަޅުގަނޑަކަށް އެ ވާހަކަ ޤަބޫލެއް ނުކުރެވޭ- މިހާރަކުވެސް ޤަބޫލެއް ނުކުރަން- އެއީ..."

"އޭގެ ކުރިއަކުން އެ ދެ ޝަޚްސިއްޔަތާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިގެންފައެއް ނެތްތޯ-؟"

"ނެތް-"

"މިހާރުވެސް އެ ދެ ޝަޚްސިއްޔަތު އެބައުޅޭ ކަމަށް ޤަބޫލު ކުރައްވަންތޯ-؟"

"އާދެ... ޤަބޫލުކުރަން އަޅުގަނޑަށް މަޖުބޫރު- އެ މީހުން ވަރަށް ނުބައި ކަންތައްތައް ކޮށްފައި ހުރި ކަމަށް އަޑު އިވޭ..."

"ރިޗަރޑް މެލްޓަންއާ ދުވަހަކުވެސް ބައްދަލުވެވަޑައިގަތް ހަނދުމަފުޅުވޭތޯ-؟ ތިޔަ ވިދާޅުވަނީ ޑެނިސް ޓިބްލްއާއި، ސޭމް ބްލޭކް މަރައިލަން ޖެހޭ ކަހަލަ ސަބަބެއް ނެތޭތޯ-؟"

"އާދެ-" އޭޝްލީގެ ލޮލުން ފެން އަތުވެއްޖެއެވެ.

"އެންމެ ފަހުގެ ސުވާލު-" ޑޭވިޑް ބުނެލިއެވެ. "މީގެ ކުރިން ދުވަހަކުވެސް ޤާނޫނީ ނުވަތަ ޝަރުޢީ އެއްވެސް މައްސަލައަކާ ކުރިމަތިވެވަޑައިގެންފައިވޭތޯ-؟"

"ނޫން- ދުވަހަކުވެސް ކުރިމައްޗެއް ނުވޭ-"

"އެންމެ ރަނގަޅު- އަޅުގަނޑުގެ ސުވާލު މި ވަގުތަށް ނިމުނީ-" ޑޭވިޑް އޭޝްލީގެ އަތުގައި ހިފައިލިއެވެ.

ބްރެނަން ތެދުވެއްޖެއެވެ. އޭނާ ހުރީ ހިނިއައިސްފައެވެ. "މިސް ޕެޓަރސަން- އެންމެ ފަހުން ވާހަކަދައްކައިލާނޭ ފުރުޞަތު ލިބުނީ- އެހެންނޫންތޯ-؟ ޑެނިސް ޓިބްލްއާ އެކީ ދުވަހަކުވެސް ޖިންސީގުޅުމެއް ހިންގެވިންތޯ-؟"

"ނޫން-"

"ރިޗަރޑް މެލްޓަންއާ އެކީ ދުވަހަކުވެސް ޖިންސީގުޅުމެއް ހިންގެވިންތޯ-؟"

"ނޫން-"

"ޑެޕިއުޓީ ސޭމް ބްލޭކާ އެކީ ދުވަހަކުވެސް ޖިންސީގުޅުމެއް ހިންގެވިންތޯ-؟"

"ނޫން-"

"ޙައިރާންވާ ވަރުގެ ކަމެއް-" ބްރެނަން ޖޫރީއާ ދިމާއަށް ކަޅިއެއް އެއްލިއެވެ. "އެ ތިން މީހުން ޖިންސީގުޅުން ހިންގައިފައިވަނީ އޭޝްލީއާއެކީކަން އެނގޭ ކަހަލަ ނިޝާންތައް ފެންނާން ހުރި- ޑީއެންއޭ ޓެސްޓުން ވެސް އެ ކަން ސާބިތުވޭ-"

"އަޅު... އަޅުގަނޑަކަށް ތިޔައިން އެއްވެސް ކަމެއް ނޭނގޭ-"

"ފަހަރެއްގައި މީހަކު އޭޝްލީ މަޅިއެއްގައި ޖައްސަން އުޅެނީ ކަމަށް ވެދާނެ- އެ ނިޝާންތައް އެ ތަނަށް..."

"އަޅުގަނޑު ދެކޮޅުހަދަން- އެ ދައްކަވަނީ ބޭނުން ވާހަކައެއް ނޫން-"

"ކުރިއަށް ގެންދަވާ-"

"ކޮންމެވެސް މީހަކު އެ ނިޝާންތައް އެ ތަންތަނަށް ގެންދިޔައީ ކަމަށް ވެދާނެ- އެކަހަލަ ކަމެއް ކުރާ ވަރަށް ރުޅިއަންނަ މީހަކު އެބަހުރިތޯ-؟"

"އަޅު... އަޅުގަނޑަކަށް ނޭނގޭ-"

"މީހުން މަރައިފައިވާ ތަނުން ފެނުނު އިނގިލީގެ ނިޝާން ވަނީ އެފްބީއައި އިން ބަލައިފައި- އޭގެ ނަތީޖާ..."

"އަޅުގަނޑު ދެކޮޅުހަދަން-"

"މިސްޓަރ ބްރެނަން- ވިސްނަވައިގެން ވާހަކަދައްކަވާ- ތިޔަ ވަޑައިގެންނެވެނީ ރަނގަޅު މިޞްރާބަކަށް ނޫން-"

"އާދެ-"

ޑޭވިޑްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

އޭޝްލީ ހާސްވަނީއެވެ. ބުނާނޭ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. "އެއީ އަޅުގަނޑުގެ ހަށިގަނޑުގައި އުޅޭ އެހެން ބަޔަކު..."

"އިނގިލީގެ ނިޝާނަކީ އޭޝްލީގެ އިނގިލީގެ ނިޝާން- އެހެން މީހެއްގެ އިނގިލީގެ ނިޝާނެއް ނޫން-"

އޭޝްލީ އަނގަޔަކުން ނުބުނެއެވެ.

ބްރެނަން އޭނާގެ މޭޒުދޮށަށް ގޮސް، މޭޒުމަތީގައި އޮތް މަސްވަޅިއެއް ނަގައިފިއެވެ. އެ ވަޅި އޮތީ ރަބަރު އުރައެއްގެ ތެރޭގައެވެ. "މި ވަޅިއަކީ ކޮންވަޅިއެއްކަން އެނގިވަޑައިގަނޭތޯ-؟"

"ތިޔަ... ތިޔައީ އަޅުގަނޑުގެ ވަޅިއަކަށް ވެ..."

"މިއީ އޭޝްލީގެ ވަޅިއެއް- މިއީ މަރައިލި މީހުންގެ ތެރެއިން އެކަކު މަރައިލަން ބޭނުންކޮށްފައިވާ ހަތިޔާރު- މި ވަޅީގައި މިހިރަ ލެޔާއި، ސޭމް ބްލޭކްގެ ލެޔާ ގުޅޭ- މުށްގަނޑުގައި ހުރީ އިނގިލީގެ ނިޝާނާއި، އޭޝްލީގެ އިނގިލީގެ ނިޝާނާ ގުޅޭ-"

އޭޝްލީ ބޯހޫރަމުން ދިޔައެވެ.

"މިޔަށް ވުރެ ވަކިން ސާފުކަން ބޮޑު ނުވަތަ މިހައި ރަނގަޅަށް ސާބިތުވާން އޮތް ޤަތުލުގެ މައްސަލައެއް އަޅުގަނޑު ދުވަހަކުވެސް ނުދެކެން- އަދި މިހައި ބަލިކަށި ދިފާޢީ ރޭވުމެއް އޮތް މައްސަލައެއް ވެސް ނުދެކެން- ދިފާޢީ ވަކީލު މަސައްކަތްކުރައްވަނީ ނުވެސް ހައްދަވާ، ޚިޔާލީ ބައްޔެއްގެ ފުރަގަހަށް..."

"އަޅުގަނޑު ދެކޮޅުހަދަން-" ޑޭވިޑް ފުންމައިގެން ތެދުވެއްޖެއެވެ.

"މިސްޓަރ ބްރެނަން- ތިޔަގޮތަށް ވާހަކަ ނުދައްކަވާށޭ ކުރިންވެސް ދަންނަވައިފިން-"

"މަޢާފްކުރައްވާ- ޢިއްޒަތްތެރި ފަނޑިޔާރު-"

ބްރެނަން ވާހަކަ ކުރިއަށް ގެންދިޔައެވެ. "ތިޔަ ވިދާޅުވާ އަނެއް ދެ މީހުންނާ ބައްދަލުކުރައްވަން ޖޫރީ ބޭނުންފުޅު ވާނެކަން އަޅުގަނޑަށް ކަށަވަރު- ތިޔައީ އޭޝްލީ ޕެޓަރސަންތޯ-؟"

"އާދެ..."

"އެންމެ ރަނގަޅު- ޓޮނީ ޕްރެސްކޮޓާ ވާހަކަދައްކާލަން އަޅުގަނޑު ބޭނުން-"

"އަ... އަޅުގަނޑަކަށް އޭނާއެއް ނުގެނެވޭނެ-"

ބްރެނަން ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "ނުގެނެވޭނެއޭތޯ-؟ އެހެންތޯ-؟ އެންމެ ރަނގަޅު- އެލެޓް ޕީޓަރސް ގެނެސް ދެއްވާ-"

އޭޝްލީ ބޯހޫރައިލިއެވެ. "އަޅުގަނޑަކަށް އެ މީހުން ކޮންޓްރޯލެއް ނުކުރެވޭ-"

"މިސް ޕެޓަރސަން- އަޅުގަނޑު މި މަސައްކަތްކުރަނީ އެހީވާން-" ބްރެނަން ބުނެލިއެވެ. "އެ ކުށެއް ނެތް މީހުން މަރައިލި ނުލަފާ ދެ މީހުން ޖޫރީއަށް ދައްކަން އަޅުގަނޑު ބޭނުން- އެ މީހުން ގެނެސްދެއްވާ-"

"އަ... އަޅުގަނޑަކަށް ނުގެނެވޭނެ-" އޭޝްލީ ރޯންފަށައިފިއެވެ.

"އާދެ- ގެނެހެއް ނުދެއްވޭނެ- އެއީ ކީއްވެގެންތޯ-؟ އެއީ އުޅޭ ބަޔަކަށް ނުވާތީ- ތިޔަ ކުރައްވާ ކަމަކީ ނެތް ބައެއްގެ އެހީގައި ފިއްލަވަނީ- މި ތާނގައި ތިޔަ ހުންނެވީ އޭޝްލީ އެކަނި- އެހެންވީމާ ކުށްވެރިވަނީ ވެސް އޭޝްލީ- އެއީ އުޅޭ ބައެއް ނޫން- އޭޝްލީއަކީ ދިރިހުރި މީހެއް- އެނގެން އޮތް ކަމަކީ އޭޝްލީ އެއްވެސް ކުށެއް ނެތް ތިން މީހަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރައިލިކަން-" އޭނާ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- ދައުލަތުގެ ފަރާތުން ހުށަހަޅާ މައްސަލަ ހުށަހަޅައި ނިމުނީ-"

ޑޭވިޑް ޖޫރީއާ ދިމާއަށް ބަލައިލިއެވެ. އެ މީހުން ތިބީ އޭޝްލީއާ ދިމާއަށް ބަލާށެވެ. މޫނުމަތިން ފެންނަނީ ނަފްރަތުގެ އަސަރެވެ.

ފަނޑިޔާރު ވިލިއަމްސް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "މިސްޓަރ ސިންގަރ-"

ޑޭވިޑް ތެދުވެއްޖެއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- އޭޝްލީ ހިޕްނޮޓައިޒްކުރުމުގެ ހުއްދަ އަޅުގަނޑަށް ދެއްވުން..."

ފަނޑިޔާރު ވިލިއަމްސް އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. "މިސްޓަރ ސިންގަރ- މި ޝަރީޢަތް ޗަރުކޭހަކަށް ހަދާކަށް ބޭނުމެއް ނޫނޭ އަޅުގަނޑު ކުރިންވެސް އޮންނާނީ ދަންނަވާފައި- މި ކޯޓުގައި އޭނާ ހިޕްނޮޓައިޒްކުރުމުގެ ހުއްދައެއް އަޅުގަނޑެއް ނާރުވާނަން-"

ޑޭވިޑް ނުރުހިފައި ބުނެލިއެވެ. "އެކަމަކު އެއީ ވަރަށް މުހިންމު..."

"ހުއްޓަވައިލައްވާ- މިސްޓަރ ސިންގަރ- އަޅުގަނޑު މި އިންޒާރުކުރަނީ ދެވަނަ ފަހަރަށް- އޭޝްލީއާ އިތުރު ސުވާލެއް ކުރައްވަން ބޭނުންފުޅުތޯ-؟"

ޑޭވިޑް ރުޅިގަނޑު ހިންދައިލިއެވެ. "އާދެ-" އޭނާ މަޑުމަޑުން ގޮސް އޭޝްލީގެ ގާތަށް ހުއްޓިއްޖެއެވެ. "އޭޝްލީ- ތިޔަ ހުންނެވީ ހުވައެއް ކުރައްވައިގެންކަން އެނގިވަޑައިގަނޭތޯ-؟"

"އާދެ-" އޭޝްލީ ފުންނޭވާއެއްލިއެވެ. އޭނާ އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަނީއެވެ.

"މި ތާނގައި ތިޔަ ދެއްކެވި ހުރިހައި ވާހަކައަކީ ހަމަ ތެދުބަހުން ދެއްކެވި ވާހަކަތޯ-؟"

"އާދެ-"

"ހަށިގަނޑުގެ އެތެރޭގައި އޭޝްލީއަށް އެއްވެސް ބާރެއް ނުފޯރުވޭ ދެ ޝަޚްސިއްޔަތަކު އުޅޭކަން ކަށަވަރުތޯ-؟"

"އާދެ-"

"އެއީ ޓޮނީއާއި، އެލެޓް- އެހެންނޫންތޯ-؟"

"އާދެ-"

"މަރައިލި މީހުން މަރައިލީ އޭޝްލީތޯ-؟"

"ނޫން-"

"އެ މީހުން މަރައިލީ އަނެއް ދެ މީހުން ކުރެ މީހެއް- އޭޝްލީ އެ ކަމަކާ ޒިންމާ ވާކަށް ނުޖެހޭ- އެހެންނޫންތޯ-؟"

އެލީނަރ ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. އޭނާ ބޯހޫރައިލިއެވެ. "އަޅާނުލާ- އޭނާ އަމިއްލައަށް މަޅިގަނދަށް ބޯ މަހާލިޔަދީ-"

ޑޭވިޑް ބުނެލިއެވެ. "އޭޝްލީ- ޓޮނީ ގެނެސްދެއްވާ-"

އޭޝްލީ އޭނާއާ ދިމާއަށް ބަލައިލައިފައި ބޯހޫރައިލިއެވެ. "އަ... އަޅުގަނޑަކަށް ނުގެނެވޭނެ-"

ޑޭވިޑް ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ގެނެވޭނެ- ޓޮނީ މިހާރުވެސް ހުންނާނީ އަޅުގަނޑުމެންގެ ވާހަކަ އަޑުއަހަން- އޭނާ ހުންނާނީ ވަރަށް އުފަލުން- އުފާ ނުވާންވީ ކީއްވެގެންތޯ-؟ ތިން މީހުން މަރައިފައި އެއްވެސް ކަމެއް ނުވެ ސަލާމަތުން ދެމިގަނެވުނީމާ އުފާވާނެއެއްނޫންތޯ-؟" ޑޭވިޑްގެ އަޑު ބާރުވެގެން ހިނގައްޖެއެވެ. "ޓޮނީ- ކަލޭ ވަރަށް ބުއްދިވެރި- ވަރަށް ވިސްނުން ރަނގަޅު- ޓޮނީ- ބޭރަށް ނުކުމޭ- އެއްވެސް މީހަކަށް ކަލޭ ގަޔަކު އަތެއް ނުލެވޭނެ- ކަލެއަކަށް އަދަބެއް ނުދެވޭނެ- ކަލެއަށް ކަމެއް ކުރަންޏާ އެ ކަމެއް ކުރަންޖެހޭނީ އޭޝްލީއަށް-"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.