(5 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޓޮނީ ރުޅި އައިސްފައި ހުރެގެން އެ ޗެޓް ރޫމުން ބޭރަށް އަތުވެއްޖެއެވެ.
ޑަކްޓަރެއް!
ހިތި ހަނދާންތަކެއް އޭނާގެ ސިކުނޑިއަށް ވެރިވާން ފަށައިފިއެވެ. އޭނާ ލޯ މަރައިލިއެވެ. ހިތް ތެޅޭ އަޑު ބޭރަށް އިވެއެވެ. ދެ ތިން ހަތަރު މާނޭވާއެއް ލައިފިއެވެ. މި ރެއަށް ނިމުނީއެވެ. އޭނާގެ ހިތަށްއެރިއެވެ. އޭރު މުޅި މީހާ ތުރުތުރުއަޅަނީއެވެ. އޭނާ ތެދުވެގެން ގޮސް އެނދުގައި އޮށޯވެއްޖެއެވެ.
ވިދިގެން އައި ރޭ އަނެއްކާވެސް ޓޮނީ އުޅުނީ އިންޓަރނެޓްގައެވެ. ގުޅައިފައި ހުރީ ޑަބްލިންގެ ސީންއާއެވެ.
"ޓޮނީ... އެއީ ވަރަށް ރީތި ނަމެއް-"
"ޝުކުރިއްޔާ- ސީން-"
"ދުވަހަކުވެސް އަޔަރލެންޑަށް އައިންތަ-؟"
"ނޫން-"
"މިއީ ވަރަށް ރީތި ތަނެއް- މިއީ ޕަރީންގެ ރާއްޖެއެއް- ޓޮނީ- ކަލޭގެ ސިފަ އަހަންނަށް ކިޔައިދީ- ވަރަށް ރީތިވާނެކަން އަހަންނަށް ކަށަވަރު-"
"އާނ- އަހަރެން ވަރަށް ރީތި- އަހަރެން މިހިރީ ހުހަށް- މީހަކާ ނީނދެ- ސީން- ކަލޭ ކުރަނީ ކޮން މަސައްކަތެއް-؟"
"އަހަރެން މަސައްކަތްކުރަނީ ގަހުވަޚާނާއެއްގައި- އަހަރެން..."
ޓޮނީ ބޭރަށް ނުކުމެއްޖެއެވެ.
ކޮންމެ ރެއެއް ތަފާތެވެ. އެއް ރެއަކު ދިމާވީ އާޖެންޓީނާގެ ޕޯލޯ ކުޅުންތެރިއަކާއެވެ. އަނެއް ރެއަކު ޖަޕާނުގެ ފިހާރައެއްގައި މަސައްކަތްކުރާ މީހަކާ ދިމާވިއެވެ. މިހެން ގޮސް ތަފާތު މަސައްކަތްތަކުގައި އުޅޭ ތަފާތު މީހުންނާ އޭނާ ކޮންމެ ރެއަކު ވާހަކަ ދައްކައެވެ. އިންޓަރނެޓަކީ ވަރަށް ފޫހިފިލާ ތަނެކެވެ. ޓޮނީ އެހައި ގަޔާވާ ތަނަކާ އަދި ދިމައެއް ނުވެއެވެ.
އެއް ރެއަކު އޭނާއަށް ރަނގަޅު މީހަކާ ދިމާވެއްޖެއެވެ. އެއީ ޖީން ކްލައުޑީ ޕޭރެންޓްއޭ ނަމަކަށް ކިޔާ މީހެކެވެ.
"ޓޮނީ- ކަލެއާ ބައްދަލުވީތީ އަހަރެން ވަރަށް އުފާކޮށްފިން-"
"އަހަރެން ވެސް ވަރަށް އުފާކޮށްފިން- ޖީން- ކަލޭ ތިޔަ އުޅެނީ ކޮންތަނެއްގައި-؟"
"ކެބެކް ސިޓީގައި-"
"އަހެރެން ދުވަހަކު ވެސް ކެބެކް ސިޓީއަކަށް ނުދަން- ތިޔައީ އަހަންނަށް ކަމުދާނެ ތަނެއްހެން ހީވޭތަ-؟" ޓޮނީ ހީކުރީ ޖަވާބެއްގެ ގޮތުގައި ސްކްރީނަށް އަރާނީ އާނއެކޭ ކަމަށެވެ.
އެކަމަކު ލިބުނީ ހީކުރި ޖަވާބެއް ނޫނެވެ. "އަހަންނަކަށް ނޭނގޭ- ކަމުދާކަން ނުވަތަ ނޫންކަން އެނގޭނީ ކަލޭ ތިޔައީ ކޮންކަހަލަ މީހެއްކަން އެނގުނީމާ-"
އެ ޖަވާބަކީ ޓޮނީ ޝައުޤުވެރިކަން އިތުރުވެގެން ދިޔަ ޖަވާބެކެވެ. "އެހެންތަ-؟ ކެބެކް ކަމުދާނީ އަހަރެން ކޮންކަހަލަ މީހަކަށް ވެގެން-؟"
"ކެބެކަކީ އިހުޒަމާނުގައި އުތުރު އެމެރިކާގެ އައްސޭރިފަށް އޮންނަ ގޮތަށް އޮންނަ ތަނެއް- ފަރަންސޭސި ގޮތްގަނޑު ވަރަށް ބޮޑުވާނެ- ކެބެކްގެ މީހުންނަކީ މިނިވަނުން- އެއްވެސް މީހެއްގެ އަމުރުގެ ދަށުގައި ތިބޭކަށް މި ތާނގެ މީހުން ބޭނުމެއް ނުވާނެ-"
ޓޮނީ ޓައިޕްކޮށްލިއެވެ. "އެއްވެސް މީހެއްގެ އަމުރުގެ ދަށުގައި ހުންނާކަށް އަހަރެން ވެސް ބޭނުމެއް ނޫން-"
"އެހެން ވެއްޖެއްޔާ ކެބެކަކީ ކަލޭ ވަރަށް ގަޔާވާ ތަނަކަށް ވާނެ- މިއީ ވަރަށް ރީތި ރަށެއް- ވަށައިގެން ހުންނަނީ ފަރުބަދައާއި، ފެންގަނޑުގަނޑު- ޝިކާރަކުރާ މީހުންނަށާއި، މަސްވެރިންނަށް ހުރި ސުވަރުގެއެއް-"
ސްކްރީނަށް އަރަމުން ދިޔަ ޖުމްލަތަކަށް ބަލައިލީމާ ޖީންގެ ޝައުޤުވެރިކަން ހުރި މިންވަރު ޓޮނީއަށް ލަފާކޮށްލެވުނެވެ. "ވަރަށް ރަނގަޅު- ޖީން- ދެން ކަލެއާ ބެހޭ މަޢުލޫމާތު ކޮޅެއް ދީ-"
"މައްސަލައެއް ނެތް- އަހަންނާ ބެހޭ ގޮތުން ދައްކާނޭ މާ ގިނަ ވާހަކަތަކެއް ނުހުންނާނެ- އަހަރެންގެ ޢުމުރަކީ ތިރީސް އަށް އަހަރު- އަދި މީހަކާ ނީންނަން- ރައްޓެހިވެގެން އުޅުނު ކުއްޖާޔާ ރުޅިވީތާ އަދި މާގިނަ ދުވަހެއް ނުވާނެ- އަހަރެން މި ހުންނަނީ ރަނގަޅު އަންހެނަކަށް ބަލަބަލައި- ބޭނުންވަނީ ދިރިއުޅުމެއް ފަށަން- ކަލޭ އުޅެނީ މީހަކާ އިނދެގެންތަ-؟"
ޓޮނީ ޓައިޕްކޮށްލިއެވެ. "ނޫން- އަހަރެން ވެސް މި ހުންނަނީ ރަނގަޅު މީހެއްގެ އިންތިޒާރުގައި- ކަލޭ ކުރަނީ ކޮންމަސައްކަތެއް-؟"
"އަހަންނަކީ ކުޑަކުޑަ ގަހަނާ ފިހާރައެއް ހިންގާ މީހަކީން- މި ރަށަށް ކޮންމެވެސް ދުވަހަކުން އައިސް އަހަންނާ ބައްދަލުކުރާނެ ކަމަށް ހީކުރަން-"
"އާނ-"
ޓޮނީ ޓައިޕްކޮށްލިއެވެ. "ވަރަށް އުފާކޮށްފިން-" އެއީ އޭނާގެ ހިތުގެ އެންމެ ފުނުން ނުކުތް ޖަވާބެކެވެ. އަހަރެން އެ ތަނަށް ދާނޭ ގޮތެއް ފެނޭތޯ މަސައްކަތްކުރާނަމެވެ. ޓޮނީގެ ހިތަށްއެރިއެވެ. އަހަރެން ސަލާމަތްކޮށްދެވޭނޭ މީހަކީ މިއީ ކަމަށް ވެދާނެއެވެ.
ޓޮނީއާއި، ޖީންގެ ވާހަކަދެއްކުން ކޮންމެ ރެއަކު އޮވެއެވެ. އެއް ރެއަކު އޭނާއަށް ޖީންގެ ފޮޓޯއެއް ވެސް ލިބުނެވެ. ޖީން ސްކޭންކޮށްފައި ފޮނުވި ފޮޓޯއެކެވެ. އެއީ ވަރަށް ރީތިމީހެކެވެ. ބަލައިލީމާ ތަޢުލީމީ މީހެއްކަން އެނގޭވަރު ވެއެވެ.
ޓޮނީ ވެސް އޭނާގެ ފޮޓޯއެއް ސްކޭންކޮށްފައި ފޮނުވިއެވެ. އެ ފޮޓޯ ލިބުނީމާ ޖީން ލިޔުނެވެ. "ކަލޭ ވަރަށް ރީތި- އަހަންނަށް ކުރިންވެސް އެ ކަން އެނގޭ- އަހަންނާ ބައްދަލުކުރަން އާދޭ-"
"އަހަރެން އަންނާނަން-"
"އަވަހަށް-"
"ޓާ ޓާ-" ޓޮނީ ބޭރަށް އަތުވެއްޖެއެވެ.
* * *
އަނެއް ދުވަހު ޓޮނީ އޮފީހުގައި ހުއްޓާ ޝޭން މިލަރ، އޭޝްލީ ޕެޓަރސަންއާ ވާހަކަދައްކާ އަޑުއިވުނެވެ. ޓޮނީގެ ހިތަށްއެރިއެވެ. ޝޭން އޭޝްލީއާ އަޅައިގަނެގެން އުޅެނީ ކީއްވެގެން ބާވައެވެ؟ އޭނާގެ ކިބައިގައި ކޮން ސިފަތަކެއް ހުރެގެން ހެއްޔެވެ؟ އެއީ މޮޔައެކެވެ. ޓޮނީ ދެކޭގޮތުގައި އޭޝްލީއަކީ އެއްވެސް ކަމެއް ދަންނަ މީހެއް ނޫނެވެ. މަޖާކުރާކަށް އޭނާއަކަށް ނޭނގެއެވެ. އުފާ ލިބިގަންނާކަށް ނޭނގެއެވެ. އޭޝްލީގެ އެއްވެސް ކަމެއް ނުވަތަ އެއްވެސް ސިފައެއް ޓޮނީއަކަށް ކަމަކުނުދެއެވެ. އެއީ ސިކުނޑިހަމަޖެހޭ މީހެއް ނޫނެވެ. އޭނާ ކުރާހައި ވެސް ކަމަކީ އޮފީހުން ނިމިގެން ގެއަށް ގޮސް ފޮތްކިއުމެވެ. ނުވަތަ ސީއެންއެން ނޫނީ ހިސްޓްރީ ޗެނަލް ބެލުމެވެ. ކުޅިވަރެއް ކުޅޭ މީހެއް ނޫނެވެ. ފޫހިމީހެކެވެ. ދުވަހަކު ވެސް ޗެޓް ރޫމަކަށް ނުވަދެއެވެ. އިންޓަރނެޓުން މީހުންނާ ބައްދަލުކުރުމަކީ އޭޝްލީ ދުވަހަކު ވެސް ކުރާނޭ ކަމެއް ނޫނެވެ. މޮޔައެކެވެ. އެ ކަހަލަ ކަމެއް ނުކޮށް ހުރީމާ އޭނާއަށް ލިބޭ ގެއްލުމުގެ އިޙްސާސް ނުކުރެވެނީއެވެ. ޓޮނީގެ ހިތަށްއެރިއެވެ. އޮން-ލައިން ޗެޓް ރޫމަކަށް ނުވަން ނަމަ އަހަންނަކާ ޖީންއަކާ ބައްދަލެއް ނުވީހެވެ.
އޭނާގެ މަންމަ އިންޓަރނެޓް ދެކެ ވަރަށް ބޮޑަށް ރުޅިއައީސްކަން ޓޮނީއަށް އެނގެއެވެ. އޭނާގެ މަންމަ ރުޅިނާންނަ، ފޫހިނުވާ ކަމެއް ނޯވެއެވެ. މަންމައަށް ވާހަކަދައްކަން އެނގެނީ ދެ ގޮތަކަށެވެ. އެއީ ހަޅޭއްލަވައިގެންނާއި، ތަޅައިގެންނެވެ. ޓޮނީއަކަށް ދުވަހަކުވެސް އޭނާގެ މަންމަ ހިތްހަމަޖެހޭ ކަހަލަ ކަމެއް ނުކުރެވެއެވެ. "ކަލެއަކަށް އެއްވެސް ކަމެއް ރަނގަޅަކަށް ކުރާކަށް ނޭނގޭތަ-؟ މޮޔަ ކުއްޖާގަނޑާ-!" މަންމަ އޭނާއާ ދިމާއަށް އެއްޗެހިނުކިޔާ ދުވަހަކަށް އިރެއް އަރައި، އިރެއް ނޯއްސެއެވެ. އޭނާގެ މަންމަ މަރުވާން ދިމާވީ ޙާދިސާ އޭނާގެ ހަނދާނަށް އައެވެ. އެހީއަށް އެދި އޭނާގެ މަންމަ ލެވި ހަޅޭކުގެ އަޑު މިހާރު ވެސް އޭނާގެ ކަންފަތުގައި ހަރުލައިފައި އެބަހުއްޓެވެ. އެ ހަނދާންވީމާ ޓޮނީއަށް ހިނިތުންވެލެވުނެވެ.
ތިން ވަނަ ބާބު
އެހެން ތަނެއްގައި އެހެން ޒަމާނެއްގައި އުޅެވުނު ނަމަ އެލެޓް ޕީޓަރސް ވީހީ ކާމިޔާބު ކުރެހުންތެރިއަކަށެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ޙިއްސުތައް ހުންނަނީ އެކި ކުލަކުލައަށް ހޭނިފައެވެ. އޭނާއަށް ކުލަ ފެނެއެވެ. ކުލައިގެ ވަސް ދުވައެވެ. ކުލައިގެ އަޑުއިވެއެވެ.
އޭނާގެ ބައްޕަގެ އަޑު ހުންނަނީ ނޫކުލައިގައެވެ. ބައެއް ފަހަރަށް ރަތްކުލައަށް ބަދަލުވެއެވެ.
މަންމަގެ އަޑު ހުންނަނީ ގަދަ މުށިކުލައިގައެވެ.
މުދައްރިސުގެ އަޑު ހުންނަނީ ރީނދޫކުލައިގައެވެ.
ތަރުކާރީ ވިއްކާ މީހާގެ އަޑު ހުންނަނީ ދަނބުކުލައިގައެވެ.
ގަސްގަހުގައި އަޅާ ވައިގެ ކުލައަކީ ފެއްސެވެ.
އޮހެމުންދާ ފެނުގެ ކުލައަކީ އަޅިކުލައެވެ.
އެލެޓް ޕީޓަރސްގެ ޢުމުރަކީ ވިހި އަހަރެވެ. އޭނާގެ ބުރުސޫރަ އެކި ފަހަރު ފެންނަނީ އެކި ގޮތަށެވެ. އެއީ މޫޑަށް އަންނަ ބަދަލާ އެކު ފެންނަ ބަދަލެކެވެ. ބައެއް ފަހަރަށް ފެންނަނީ އާދައިގެ ކުއްޖެއްގެ ގޮތުގައެވެ. ބައެއް ފަހަރަށް ފެންނަނީ ވަރަށް ރީތި އަސަރުގަދަ ކުއްޖެއްގެ ގޮތުގައެވެ. ހުރިހާ ވަގުތެއްގައި ރީތި ކުއްޖެކޭ ބުނެވޭ ވަރުގެ ކުއްޖަކަށް އޭނާއެއް ނުވެއެވެ. އޭނާ އަސަރުގަދަ ކުއްޖެއްގެ ގޮތުގައި ފެންނަނީ ބޭރަށް ފެންނަ ސިފަޔާ މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާތީއެވެ. އޭނާއަކީ ލަދުރަކި، މަޑުމައިތިރި ކުއްޖެކެވެ. ވާހަކަދައްކައި އުޅެނީ މަޑުމަޑުން ލަސްލަހުންނެވެ.
އެލެޓް ވިހެއީ ރޯމަށެވެ. ވާހަކަދެއްކުމުގައި އިޓަލީވިލާތުގެ ރާގު ހުރެއެވެ. ރޯމްގެ ހުރިހާ ކަމަކަށާއި، ހުރިހާ އެއްޗަކަށް އޭނާ ލޯބިކުރެއެވެ. ސްޕެނިޝް ބޭގެ ހަރުފަތް މަތީގައި ހުރެގެން ރަށުގެ މަންޒަރުތަކަށް ބަލައިލެވުނީމާ އެއީ އޭނާގެ މިލްކުގެ ދަށުގައި އޮތް ރަށެކޭ ހިތަށްއެރިއެވެ. ޤަދީމީ ފައްޅިތަކާއި، އާސާރީ ބިނާތައް ފެނުނީމާ ތިމަން މިއީ އެ ދުވަސްވަރުގެ މީހަކީމޭ ވަރަށް ގިނަ ފަހަރު ހިތަށް އަރައެވެ. ފާރުފާރާއި، ޢިމާރާތްތަކުގެ ކުރެހުން ހުންނަ ގޮތް ފެނުނީމާ އޭނާއަށް އުނދަގޫވެއެވެ. އޭނާ ބޭނުންވީ ސޯޅަވަނަ ޤަރުނުގައި އުފަންވީ މީހަކަށް ވާށެވެ. މޮޅު ކުރެހުންތެރިއަކަށް ވާށެވެ.
އޭނާއަށް މިހާރުވެސް މަންމަގެ ގަދަ މުށިކުލައިގެ އަޑުއިވެއެވެ. "ކަލޭ ތިޔަ ކުރާހައިވެސް ކަމަކީ ކަރުދާހާއި، ކުލަ އިސްރާފުކުރުން- ކަލޭގެ ކިބަޔަކު ތިޔަކަމުގެ ހުނަރެއް ނެތް-"
ކެލިފޯނިއާއަށް އައިތާ ކުރީކޮޅު ވަރަށް އުނދަގޫވިއެވެ. އެ ތަނަށް ހޭނޭނީ ކިހިނެއް ބާވައޭ ހިތަށްއަރާފައި އެލެޓް ހުރީ ކުޑަކޮށް ހާސްވާ ގޮތް ވެފައެވެ. އެހެން ނަމަވެސް ކަޕަޗީނޯ ވެގެން ދިޔައީ އޭނާ ހީކުރި ގޮތާ ޚިލާފަށް ވަރަށް އުފާވެރި މާޙައުލަކަށެވެ. އެ ކުޑަކުޑަ އަވަށުގައި އުޅުނީމާ އެކަނި ހޭދަކޮށްލާނޭ ވަގުތު ލިބޭތީ އޭނާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނުގައި މަސައްކަތްކުރުމަކީ ވެސް އޭނާ ވަރަށް ގަޔާވާ ކަމަކަށް ވިއެވެ. ކަޕަޗީނޯއަކު މާ ބޮޑު އާރޓް ގެލަރީއެއް ނުހުރެއެވެ. އެހެންވީމާ ހަފްތާ ބަންދުގައި އެލެޓް ދަނީ ސެން ފްރެންސިސްކޯގައި ހުންނަ ގެލަރީތައް ބަލަން އެ ތަނަށެވެ.
"ކަލޭ ތިޔަހައި ބޮޑަށް ކުރެހުމުގެ ތެރެއަށް ވަންނަން ބޭނުންވަނީ ކީއްވެގެން-؟" ޓޮނީ ޕްރެސްކޮޓް އޭނާއާ ސުވާލުކުރެއެވެ. "ތިޔަ ކަންތައް ހުއްޓާލައިފައި އަހަންނާ އެކީ ޕީ.ޖޭ. މުލިގަންސަށް މަޖާކޮށްލަން ހިނގާ-"
(ނުނިމޭ)
Ebaimeehun visnaanee dhuniyeyge u falasheve Aakh.irah dhuvahakee an naane dhuvaheh nooneve ebai meehun nakee hama magfuredhi faivaadaekeve