ރަށްރަށުގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ ޢަދަދު 100 ގައި

ރަށްރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ  ޢަދަދު 100 އަށް އަރައިފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެއީ 92 ދިވެހިންނާއި 8 ބިދޭސީންނެވެ. މިހާރު ބަލިޖެހިފައިވާ މީހުން ތިބީ 28 ރަށެއްގައެެވެ. 

މިއަދު އިރުުއޮއްސި ހަޔަކާ ހަމައަށް ވޭތުވެ ދިޔަ 24 ގަޑިއިރު ބަލި ޖެހުނު  90 މީހުންގެ ތެރޭގައި ވެސް ރަށްރަށުން އަލަށް 12 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 

މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ގދ. ހޯޑެއްދޫއިންނެވެ. އެރަށުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 37 އަށް އަރާފައެވެ. އެއީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންނާއި އެމީހުނާ ގުޅުމެއްނެތި ޕޮޒިޓިވް ދެމީހުންނާއި އެދެމީހުންނާ ކޮންޓެކްޓް ވެގެން ޕޮޒިޓްވި  31 މީހުންނެވެ. އެރަށުގައި ބަލި ޖެހިފައި ތިބީ ހުސް ދިވެހިންނެވެ. މިއަދުވެސް އިތުރު ދެމީހަކު ހޯޑެއްދޫއިން ވަނީ ޕޮޒިޓިވް ވެފައެވެ. 

ހޯޑެއްދޫ އާއި އެރަށާ ގުޅިފައިވާ މަޑަވެލީގެ އިތުރުން ނ. މަނަދޫވެސް މި ވަގުތު އޮތީ މޮނިޓަރިންގައެވެ. މިހާރު ރަށްރަށުގައި ތިބި ގިނަ ބަލި މީހުންނަކީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންނާއި އެމީހުންނާ ގުޅުން ހުރި މީހުންނެވެ. ނަމަވެސް ހޯޑެއްދޫގައި ބަލިޖެހިފައިވާ 33 މީހުންގެ ތެރެއިން ފުރަތަ ބައްޔަށް ޕޮޒިޓިވް ދެ މީހުންނާ ކޮންޓެކްޓް ވި ބަޔަކު އަދި އެރަށުގެ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުން ފިޔަވައި ދެން ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ބަލި ޖެހުނު ގޮތެއް އަދި ނުހޯދެއެވެ. ހޯމް ކަރަންޓީނުގައި ތިބި މީހުންނާ ގުޅުމެއްނެތި އެރަށަށް ބަލި ދިޔަ ސަބަބު ހޯދުމުގެ ތަޙްޤީޤްތައް އެޗްޕީއޭއިން ވަނީ ފަށްޓަވައިފައެވެ.

މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 8990 އަށް އަރާފައެވެ. ބަލި ޖެހިފައި ތިބީ 2107 މީހުންނެވެ. 6846 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންވަނީ 120 މީހުންނަށެވެ. 

އެޗްޕީއޭ އިން ހާމަ ކުރައްވާ ގޮތުގައި  25  ރިސޯޓެއްގައި  42 މުވައްޒަފުންނާއި  13 ފަތުރުވެރިއަކު މިހާރު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.