(10 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެކަމަކު އެއިން އެއްވެސް ޙަޤީޤަތަކާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރެއެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަންނަށް މިހެން ވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ގިސްލާން ފަށައިފިއެވެ. އަހަރެން ކުރީ ކޮންކުށެއް ހެއްޔެވެ؟ މި ދިރިއުޅުމަކީ އަހަންނަށް އުޅެވޭވަރުގެ ދިރިއުޅުމެއް ނޫނެވެ. މި ކަމުން ސަލާމަތްވާން އޮތީ އެންމެ ގޮތެކެވެ. އަހަރެން އެހެން ހަދާނަމެވެ.
އޭނާ އެނދުން ތެދުވެގެން ކޮޓަރިތެރެ ހޯދަން ފަށައިފިއެވެ. ތޫނުއެއްޗެއް ފެނޭތޯއެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެ ކޮޓަރިތައް ހަދާފައި ހުންނަނީ ކޮޓަރީގައި އުޅޭ މީހަކަށް އަމިއްލަ ނަފްސަށް އެއްވެސް ކަހަލަ ގެއްލުމެއް ދެވޭ ކަހަލަ ގޮތަކަށް ނޫނެވެ. ތޫނު އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުހުރެއެވެ.
ބަލަމުންބަލަމުން ގޮސް އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރިތެރޭގައި ހުރި ކުރަހާ ކަރުދާހާއި، ފިހީގައެވެ. ފިހީގެ މުށްގަނޑު ހުރީ ލަކުޑިންނެވެ. އޭނާ އެތަނުން ފިއްސެއް ނަގައި މެދުން ބިންދައިލިއެވެ. އޭގެ އެއް ބުރިއަށް ބަލައިލިއިރު ބޭނުންކުރަން ފުދޭވަރަށް ތޫނެވެ. އޭނާ އޭގެ ތޫނުކޮޅު އަތްދަނޑީގައި ޖައްސައިލިއެވެ. އެއަށް ފަހު އަތަށް ގެނައި ކުއްލި ޙަރަކާތަކުން ނާރު ބުރިކޮށްލައިފިއެވެ. އަތުން ހޯސްލައިފައި ލޭފައިބާން ފަށައިފިއެވެ. އޭނާ އަނެއް އަތް ވެސް ހަމަ މި ގޮތަށް ބުރިކޮށްލައިފިއެވެ. އޭނާ ދެ އަތުން ލޭފައިބާ ތަން ބަލަން ހުރީއެވެ. މަޑުމަޑުން ގޮސް ހީކަރުވަން ފަށައިފިއެވެ. ތުރުތުރު އަޅައިގެންފައި ދޫލަ މައްޗަށް ވެއްޓިއްޖެއެވެ. އަދި ކަކޫ އަނގަޔަށް ލައިގެންނޭ ބުނާ ގޮތަށް އޮށޯވެއްޖެއެވެ.
މިހާރަކު އެއްވެސް އެއްޗެއް ނުފެނެއެވެ. މުޅިން އަނދިރިވެއްޖެއެވެ.
ޑޮކްޓަރ ގިލްބަރޓް ކެލަރއަށް މި ޙާދިސާގެ ޚަބަރުވީމާ ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަވަސްވެގަތީ ބަލިމީހުންނަށް ކުއްލި ފަރުވާދޭ ތަނާ ދިމާއަށެވެ.
އޭޝްލީގެ ދެ އަތް އޮތީ ވަރަށް ބޮޑަށް ބެންޑޭޖްކޮށްފައެވެ. އޭނާ އޮތް ޙާލު ފެނިފައި ޑޮކްޓަރ ކެލަރގެ ހިތަށްއެރިއެވެ. އަހަރެން އޭނާއަށް އެއްވެސް ގެއްލުމެއް ލިބުނަކަ ނުދޭނަމެވެ.
"އަހަރެމެންނަށް އޭޝްލީ ނުގެއްލި ތިޔަ އޮތީ ހަމަ ކިރިޔާ-" އޭނާ ބުންޏެވެ. "އެހެން ވީނަމަ އަހަރެން ވަރަށް ދެރަވީސް-"
އޭޝްލީ ގަދަކަމުން ހިނިތުންވެލިއެވެ. "މަޢާފްކުރައްވާ- އަޅުގަނޑުގެ ހުރިހައި އުއްމީދެއް ކުއްލިއަކަށް ގެއްލިގެން ދިޔައީ-"
"ތިޔައީ މުޅިން ކުށްހީއެއް-" ޑޮކްޓަރ ކެލަރ ބުންޏެވެ. "އަހަރެމެން އޭޝްލީއަށް އެހީވުމަކީ އެދޭ ކަމެއްތަ-؟"
"އާދެ-"
"އެހެން ވެއްޖެއްޔާ އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރޭ- އަހަންނާ އެކީ މަސައްކަތްކުރަންވާނެ- އަހަރެން އެކަންޏަކު މާބޮޑު ކަމެއް ނުކުރެވޭނެ- ކީކޭ ބުނަނީ-؟"
އިރުކޮޅަކު ހިމޭނުން އޮވެފައި އޭޝްލީ ބުނެލިއެވެ. "އަޅުގަނޑު ކުރަންވީ ކޮން ކަމެއްތޯ-؟"
"އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް އެއްވެސް ގެއްލުމެއް ނުދޭން ހުވާކުރަންވީ-"
"އެންމެ ރަނގަޅު- އަޅުގަނޑު ހުވާކޮށްފިން-"
"އަހަރެން ޓޮނީއާ އެލެޓާ ދެ މީހުން ލައްވާ ވެސް ހުވާކުރުވާނަން- މިހާރު މި އުޅެނީ އޭޝްލީ ނިންދަވަން-"
އޭގެ ދެތިން މިނިޓެއް ފަހުން ޑޮކްޓަރ ކެލަރ ޓޮނީއާ ވާހަކަދައްކަން ފަށައިފިއެވެ.
"އެ އަމިއްލަ އެދުން ބޮޑު އަންހެންމީހާ އުޅުނީ އަހަރެމެން އެންމެން މަރައިލަން- އޭނާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާ މެދު- އަހަރެން މި ކިޔާ އެއްޗެއް ކަލެއަށް އެނގޭތަ-؟"
"ޓޮނީ..."
"އަހަރެން އެހެން ވިޔަކަ ނުދޭނަން- އަހަރެން..."
"ޓޮނީ- އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ-"
"އަހަރެން މިހިރީ އަޑުއަހަން-"
"އަހަރެން ބޭނުންވަނީ އޭޝްލީއަށް އެއްވެސް ގެއްލުމެއް ނުދޭނޭ ކަމަށް ކަލޭ ލައްވައި ހުވާކުރުވަން-"
"އަހަރެން ހުވާކުރަންވީ ކީއްވެގެން-؟"
"ހުވާކުރަންވީ ސަބަބު އަހަރެން ކިޔައިދީފާނަން- ކަލެއަކީ އޭޝްލީގެ ބައެއް- ކަލޭ އުފަންވީ އޭނާގެ ވޭނުން- އޭނާގެ ހިތާމައިން- ކަލޭ ކުރިމަތިލާން ޖެހުނު ހިތާމައަކީ ކޮބައިކަމެއް އަދި އަހަންނަކަށް ނޭނގޭ- ޓޮނީ- އެކަމަކު އެއީ ވަރަށް ބޮޑު ހިތާމައަކަށް ވާނެކަން އަހަންނަށް އެނގޭ- ނިކަން ވިސްނާލަބަލަ- ކަލޭ ކުރިމަތިލީ ހުރިހައި ހިތާމައަކާ އޭނާވެސް ކުރިމަތިލި- އެ ކަން ހަނދާން ނައްތައިނުލާތި- އެލެޓް ވެސް އުފަންވެފައިވަނީ ހަމަ ކަލޭ އުފަންވީ ގޮތަށް، އެ ކަހަލަ ސަބަބަކާ ހުރެ- ކަލޭމެން ތިން މީހުންގެ ކިބައިގައި އެއްކަހަލަ އެތައް ސިފައެއް އެބަހުރި- އެހެންވީމާ ކަލޭމެން ތިން މީހުން ބަލަންވީ އެކަކު އަނެކަކަށް އެހީތެރިވެދެވޭތޯ- އެކަކު އަނެކަކު ދެކެ ރުޅިއައުމަކީ ކޮށްގެންވާނޭ ކަމެއް ނޫން- ކަލޭ ހުވާކޮށްފާނަންތަ-؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
"ޓޮނީ-؟"
"އެންމެ ރަނގަޅު-" ކުޑަކޮށް ނުރުހުންވެފައި ހުރެމެ އޭނާ އެއްބަސްވެއްޖެއެވެ.
"ޝުކުރިއްޔާ- އިނގިރޭސިވިލާތުގެ ވާހަކަ މިހާރު ކިޔައިދީފާނަންތަ-؟"
"ނޫން-"
"އެލެޓް- އެބައުޅެންތަ-؟"
"އާނ-" އަހަރެން ނޫޅެ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ކަލެއަކީ މޮޔައެކެވެ.
"އަހަރެން ބޭނުންވަނީ ދެންމެ ޓޮނީ ކުރި ހުވާ ކަލޭ ލައްވައި ވެސް ކުރުވަން- އޭޝްލީއަށް ދުވަހަކުވެސް އެއްވެސް ގެއްލުމެއް ނުދޭން ހުވާކޮށްފާނަންތަ-؟"
ކަލޭ ފިކުރުކުރަނީ ހަމައެކަނި އޭޝްލީއާ މެދުގައެވެ. އޭޝްލީ... އޭޝްލީ... އޭޝްލީ... އަހަރެމެންނަށް ކޮންމެ ގޮތެއް ވިޔަސް ކަލެއަށް ވަރިހަމައެވެ.
"އެލެޓް-؟"
"އާނ- އަހަރެން ހުވާކޮށްފާނަން-"
ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދަނީއެވެ. އެއްވެސް ކުރިއެރުމެއް ނެތެވެ. ޑޮކްޓަރ ކެލަރ އޭނާގެ މޭޒުދޮށުގައި އިށީނދެގެން އިނދެ މިހައިތަނަށް ކުރި މަސައްކަތްތަކުގެ ރިޕޯޓު ބަލަނީއެވެ. އަދި ކުރިއަށްނުދާ ސަބަބެއް ވިސްނޭތޯ މަސައްކަތް ކުރަނީއެވެ. އޭނާ މިހާރުވެސް އިތުރު ހައެއްކަ މީހުންނަށް ފަރުވާ އެބަދެއެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްސަލައާ މެދު މިހައި ބޮޑަކަށް އޭނާއެއް ނުއެއް ވިސްނައެވެ. އޭޝްލީގެ މައްސަލައާ ޖެހުނީމާ އޭނާގެ ފިކުރު ބޮޑުވެއެވެ. އެއީ ހަމައެކަނި މައްސަލައިގެ ބާވަތުން ދިމާވާ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާ ބޭނުންވަނީ އޭޝްލީ ސަލާމަތްކޮށްދޭށެވެ. ޙިމާޔަތްކޮށްދޭށެވެ. އޭނާގެ ހިތަށްއެރިއެވެ. އެއީ އަހަރެންގެ ދަރިއެކޭ އެއް ފަދަ ކުއްޖެކެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް ހިތަށްއެރިއެވެ. އަހަރެން އަމިއްލަ ނަފްސު މޮޔަހައްދަނީއެވެ. އަހަރެން އޭޝްލީދެކެ ލޯބިވަނީއެވެ.
ޑޮކްޓަރ ކެލަރ ދެން ދިޔައީ އޮޓޯއާ ބައްދަލުކުރާށެވެ. "އޮޓޯ- މި އުޅެނީ ކުޑަ މައްސަލައެއް ކުރިމަތިވެގެން-"
"ބަލަ މައްސަލަ ހުންނަން ޖެހެނީ ބަލިމީހުންގެއެއްނޫންތަ-؟" މިހާރު ޑަކްޓަރުން ވެސް މައްސަލަ ހިފައިގެން އަންނަން ފެށީތަ-؟"
"މި މައްސަލައަކީ ބަލިމީހަކާ ގުޅޭ މައްސަލައެއް- އޭޝްލީ ޕެޓަރސަންއާ ގުޅޭ މައްސަލައެއް-"
"އެހެންތަ-؟"
"އަހަރެން... އަހަންނަށް ހީވަނީ މިހާރު އަހަރެން އޭނާދެކެ ލޯބިވަނީހެން-"
"ތިޔަ ދިމާވީ ދިމާ އިދިކޮޅަކަށް ނޫންތަ-؟"
"އާނ- އިދިކޮޅަށް- އެކަމަކު..."
"ގިލްބަރޓް- ތިޔައީ ވަރަށް ނުރައްކާތެރި ކަމެއް- ނުރައްކާތެރިވާނީ ހަމައެކަނި ކަލެއަކަށް ނޫން- އޭޝްލީއަށް ވެސް ނުރައްކާތެރިވާނެ-"
"އަހަންނަށް ތިޔަކަން އެނގޭ-"
"އެންމެ ރަނގަޅު- އެކަން އެނގެންޏާ އެންމެ ރަނގަޅު- ވިސްނައިގެން އުޅޭތި-"
"އާނ-"
ނޮވެމްބަރ
މިއަދު އަހަރެން އޭޝްލީއަށް ޑައިރީއެއް ދިނީމެވެ.
"އޭޝްލީ- އަހަރެން ބޭނުންވަނީ ތިން މީހުން... މި ބުނީ އޭޝްލީއާއި، ޓޮނީއާއި، އެލެޓާ ތިން މީހުން މީގެ ބޭނުން ހިފަން- ކޮޓަރީގައި މި ބާއްވާ- އަހަރެން ގާތު ބުނަން ބޭނުންނުވާ ވާހަކައެއް ނުވަތަ ޚިޔާލެއް އޮތަސް މި ޑައިރީގައި ލިޔެލާ-"
"އެންމެ ރަނގަޅު-"
އޭގެ އެއް މަސް ދުވަސް ފަހުން ޑޮކްޓަރ ކެލަރ އަނެއްކާވެސް އޭނާގެ ޑައިރީގައި ލިޔުނެވެ.
ޑިސެމްބަރ
ފަރުވާ މިހާރު ވަނީ ހުރި ހިސާބުގައި ހުއްޓިފައެވެ. ޓޮނީއާއި، އެލެޓާ ދެ މީހުން މާޒީގެ އެއްވެސް ވާހަކައެއް ދައްކާކަށް އެއްބަހެއް ނުވެއެވެ. އޭޝްލީ ހިޕްނޮޓައިޒްކުރަން އެއްބަސް ކުރުވުން ވެސް މިހާރު ދަނީ އުނދަގޫވަމުންނެވެ.
މާރޗް
އަދިވެސް ޑައިރީ އޮތީ ހުހަށެވެ. އޭގައި ލިޔަން ބޮޑަށް ދެކޮޅުހަދަނީ އޭޝްލީ ކަމެއް ނުވަތަ ޓޮނީ ކަމެއް އަހަންނަކަށް ޔަގީނެއް ނުވެއެވެ. ހިޕްނޮޓައިޒްކުރީމާ އޭޝްލީއާއި، ޓޮނީއާއި، އެލެޓް މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. މާޒީގެ އެއްވެސް ކަމެއް ހަނދާންކުރާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ.
ޖޫން
އަހަރެން ކޮންމެ ދުވަހަކު އޭޝްލީއާ ބައްދަލުކުރަމެވެ. އެކަމަކު އެއްވެސް ކުރިއެރުމެއް ނުފެނެއެވެ. ޑައިރީ އޮތީ އަދިވެސް އޮތް ގޮތަށެވެ. އެންމެ އަކުރެއް ވެސް އެޔަކު ލިޔެފައެއް ނެތެވެ. އަހަރެން އެލެޓަށް ކުލަޖައްސާ ފިއްސާއި، ކުލަ ހޯދައިދީފީމެވެ. އޭނާ ކުރަހަން ފަށައިފިއްޔާ ކޮންމެވެސް ކަހަލަ ކޮޅެއް ފެނީދާނޭ ކަމަށް އުންމީދުކުރަމެވެ.
ޖުލައި
ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެކަމަކު އެއީ ކުރިއެރުމުގެ ނިޝާނެކޭ ބުނާކަށް އަދިއެއް ނޭނގެއެވެ. އެލެޓް ހޮސްޕިޓަލުގެ ގޯތިތެރެ ވަރަށް ރީތިކޮށް ކުރަހައިފިއެވެ. އެ ކުރެހުން ރީތި ވާހަކަ ބުނެފައި ތަޢުރީފްކުރީމާ އޭނާ އުފާވީހެން ހީވިއެވެ. އެ ދުވަހު ހަވީރު އަހަންނަށް ފެނުނީ އެ ކުރެހުން ވީދައި ކުނޑިކުނޑިކޮށްފައި އޮއްވައެވެ.
ޑޮކްޓަރ ކެލަރ އެ ދުވަހު އޮޓޯ ލުވިސަންއާ ބައްދަލުކުރިއެވެ.
"އަހަރެން މިހާރު މި އުޅެނީ ކޮންމެވެސް ވަރަކަށް ގްރޫޕް ތެރަޕީ ހެދޭތޯ-" ޑޮކްޓަރ ކެލަރ ބުންޏެވެ. "އެހެން އެއްވެސް ކަމަކުން ފައިދާއެއް ކުރާހެންނެއް ހިއެއްނުވޭ-"
"ގްރޫޕް ތެރަޕީ ހަދަން ބޭނުންކުރަން ތިޔަ އުޅެނީ ކިތައް މީހުން-؟"
"ހައެއްކަ މީހުންނަކަށް ވުރެ ގިނައެއް ނުކުރާނަން- އަހަރެން ބޭނުންވަނީ އޭނާޔާ އެހެން މީހުންނާ ގުޅުވަން- މިހާރު އޭނާ އެ އުޅެނީ އޭނާގެ އަމިއްލަ ވަކި ދުނިޔެއެއްގައި- އަހަރެން ބޭނުންވަނީ އޭނާ އެ ދުނިޔެއިން ނެރެން-"
"ރަނގަޅު ބުއްދިއެއް- ތިޔައީ އަޖުމަ ބަލައިލުން ރަނގަޅު ކަމެއް-"
ޑޮކްޓަރ ކެލަރ އޭޝްލީ ގޮވައިގެން ގޮސް ބައްދަލުކުރާ ކުޑަކުޑަ ކޮޓަރިއަކަށް ވައްދައިފިއެވެ. އެ ކޮޓަރީގައި ހަ މީހުން ތިއްބެވެ.
"އޭޝްލީ މި ގެނައީ ރައްޓެހި ބަޔަކާ ބައްދަލުކުރުވަން-" ޑޮކްޓަރ ކެލަރ ބުންޏެވެ.
އޭނާ އޭޝްލީ ގޮވައިގެން އެކި މީހުންގެ ގާތަށް ވަކި ވަކިން ގޮސް ތަޢާރަފްކޮށްދިނެވެ. އޭޝްލީއަކަށް އެ މީހުންގެ ނަމެއް ރަނގަޅަކަށް ނީވެއެވެ. އޭނާގެ ޚިޔާލު އެ ވަގުތު ހުރީ އެ ކަމެއްގައެއް ނޫނެވެ. އެހެންވީމާ އެއް ނަމުގެ މައްޗަށް އަނެއް ނަން އަރައި ފުސްވެގެން ދިއުމުގެ ސަބަބުން އެއް ނަމެއް ވެސް ހަނދާނެއް ނެތެވެ. އެކަމަކު އެ މީހުން ފާހަގަކުރަން އޭނާއަށް އެނގެއެވެ. އޭގެ ތެރޭގައި ފަލަ އަންހެނަކު އިނެވެ. ހިކި ފިރިހެނަކު ހުއްޓެވެ. ތަލައަންހެނަކު އިނެވެ. ނުކުޅެދޭ ފިރިހެނަކު ހުއްޓެވެ. ޗައިނާ އަންހެނަކު އިނެވެ. ރީތި ފިރިހެނަކު ހުއްޓެވެ.
އެ ތަނުން ތަލަ އަންހެންމީހާ ބުންޏެވެ. "އޭޝްލީ- އިށީނދޭ- ކޮފީ ބޯނަންތަ-؟"
އޭޝްލީ އިށީނދެއްޖެއެވެ. "ޝުކުރިއްޔާ-"
"އަހަރެމެން އޭޝްލީގެ ވާހަކަ ވަރަށް އަހަން-" ރީތި ފިރިހެންމީހާ ބުންޏެވެ. "ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލައިފައި ވާކަން ވެސް އަހަރެމެންނަށް އެނގޭ-"
އޭޝްލީ ބޯޖަހައިލިއެވެ.
ހިކި ފިރިހެންމީހާ ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެމެން އެންމެންނަކީ ވެސް ވަރަށް ގިނަ އުދަނގޫތަކާ ކުރިމަތިލައިފައި ތިބި މީހުންހެން- މި ތާނގައި މި ކުރާ ކަމަކީ އަހަރެމެންނަށް އެހީތެރިވެދިނުން- މިއީ ވަރަށް ރަނގަޅު ތަނެއް-"
ޗައިނާ އަންހެންމީހާ ބުންޏެވެ. "މި ތާނގައި ތިބެނީ ދުނިޔޭގައި ތިބި އެންމެ މޮޅު ޑަކްޓަރުން-"
އޭޝްލީގެ ހިތަށްއެރިއެވެ. މި ހުރިހައި އެންމެން ވެސް ފެންނަނީ ހަމަ އާދައިގެ މީހުންގެ ގޮތުގައެވެ.
ޑޮކްޓަރ ކެލަރ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން މި ވާހަކަތައް އަޑުއަހަން އިނީއެވެ. ސާޅީސް ފަސް މިނިޓް ފަހުން އޭނާ ތެދުވެ ބުނެލިއެވެ. "އޭޝްލީ- ދެން މި ވަގުތަށް ހުއްޓައިލައިފައި ދަމާ ބަހީ-"
އޭޝްލީ ތެދުވެއްޖެއެވެ. "ތިޔަ ރަޙްމަތްތެރިންނާ ބައްދަލުވެވުނީތީ ވަރަށް ބޮޑަށް އުފާކޮށްފިން-"
ނުކުޅެދޭމީހާ މަޑުމަޑުން ހިނގައިފައި އައިސް އޭނާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. "މި ތަނުން ދޭ ފެންނުބޯތި- މި ތާނގެ ފެނަށް ހުންނަނީ ވިހައެއްޗެއް އަޅައިފައި- އެ މީހުން އުޅެނީ އަހަރެމެން މަރައިލައިފައި ސަރުކާރުން ފައިސާ އަތުލަން-"
އޭޝްލީ ހިންދިރުވައިލިއެވެ. "ޝުކުރިއްޔާ- އަހަރެން... އަހަރެން ހަނދާން ބަހައްޓާނަން-"
ފެންޑާއަށް ނުކުމެ ކޮޓަރިއާ ދިމާއަށް ދަމުން އޭޝްލީ އަހައިލިއެވެ. "އެ މީހުންނަށް ޖެހިފައި ހުރީ ކޮން ބަލިބައްޔެއްތޯ-؟"
"މޮޔަވުން- ފިޓްޖެހުން- އެމްޕީޑީ- މި ކަހަލަ ބަލިބަލި- އެކަމަކު އެ މީހުން މި ތަނަށް ގެނައި ދުވަހާ އަޅައިބަލައިއިރު މިހާރު މީހަކު ޙައިރާންވާހައި ބޮޑަށް ރަނގަޅުވެއްޖެ- އެ މީހުންނާ އަދި ވާހަކަދައްކަން ބޭނުންތަ-؟"
"ނޫން-"
ޑޮކްޓަރ ކެލަރ އެ ދުވަހު އޮޓޯ ލުވިސަންއާ ބައްދަލުކޮށްފިއެވެ.
"އަހަރެންގެ މަސައްކަތަކުން އެއްވެސް ކަހަލަ އެދެވޭ ނަތީޖާއެއް ނުލިބޭ-" އޭނާ ބުންޏެވެ. "ގްރޫޕް ތެރަޕީއަކުން ވެސް ވީކަމެއް ނެތް- ހިޕްނޮޓައިޒްކޮށްގެން މިހާރަކު ހަމަ އެއްވެސް ކަމެއް ނުކުރެވޭ- އަހަރެން މިހާރު ބޭނުންވަނީ މުޅިން ތަފާތު ކަމެއް ކުރަން-"
"އެއީ ކޮންކަމެއް-؟"
"އަހަރެން ބޭނުންވަނީ އޭޝްލީ މި ތަނުން ބޭރަށް ގެންދަން- ކޮންމެވެސް ތަނަކަށް އޭނާ ގޮވައިގެން ކާންދާން-"
"ގިލްބަރޓް- ތިޔައީ އެއްގޮތަކަށް ވެސް ރަނގަޅު ޚިޔާލެއްހެންނެއް ހިއެއްނުވޭ- ތިޔަ ކަހަލަ ކަމެއް ކޮށްފިއްޔާ ވަރަށް ނުރައްކާ ވެސް ވެދާނެ- އޭނާ މިހާރު ވެސް..."
"އަހަންނަށް އެނގޭ- އެކަމަކު މިހާރު އަހަރެން މި ފެންނަނީ ދުޝްމަނެއްގެ ގޮތުގައި- އެހެންވީމާ ތިން މީހުންނާ ވެސް ރައްޓެހިވާން އަހަރެން ބޭނުން-"
"ޓޮނީ އެއްފަހަރަކު ގިލްބަރޓް މަރައިލަން ވެސް އުޅުނެއްނުން-؟ އަނެއްކާވެސް އެ ކަހަލަ ހާދިސާއެއް މެދުވެރި ވެއްޖެއްޔާ ހަދާނީ ކިހިނެއް-؟"
"އަހަރެން އެ ކަންތައް ހަމަޖައްސައިލާނަން-"
ޑޮކްޓަރ ލުވިސަން އިރުކޮޅެއް ވާންދެން ވިސްނަން ހުރެފައި ބުނެލިއެވެ. "އެންމެ ރަނގަޅު- އެހެން މީހަކު ގެންދާނަންތަ-؟"
"ނޫން- އިތުރު އެއްވެސް މީހަކު ގެންދާކަށް ބޭނުމެއް ނޫން- އެއްވެސް ނުބައެއް ނުހިނގާނެކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް-"
"ބޭރަށްދާން ގަސްތުކުރަނީ ކޮންދުވަހަކު-؟"
"މިރޭ-"
"އަޅުގަނޑު ގޮވައިގެން ބޭރަށް ދުރުވަނީއޭތޯ-؟"
"އާނ- މި މާޙައުލުން ބޭރަށް ދެވުނީމާ ހިތްހަމަޖެހިދާނެއޭ އަހަންނަށް ހީވީ- ކޮންމެވެސް ތަނަކަށް ގޮސް ކާލައިގެން އަންނާނީ- ކީކޭ ބުނަނީ-؟"
"މައްސަލައެއް ނެތް-"
* * *
ގިލްބަރޓް ކެލަރއާ އެކީ ބޭރަށް ދެވޭތީ އޭޝްލީ ހުރީ ވަރަށް އުފަލުންނެވެ. އެއީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާގެ ހިތަށްއެރިއެވެ. މި ތަނުން ބޭރަށް ނުކުމެވުނީމާ އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބޭނެއެވެ. ވަރަށް މަޖާވާނެއެވެ. އެކަމަކު އޭނާގެ އުފަލުގެ ސިއްރަކީ އެއީ ނޫންކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ގިލްބަރޓް ކެލަރއާ އެކީ ދެވޭކަން އެއީ ކުޑައުފަލެއް ނޫނެވެ.
އެ ދެ މީހުން ކާންދިޔައީ ޖަޕަނީޒް ރެސްޓޯރަންޓަކަށެވެ. އެ ތަނަށް ކިޔާ ނަމަކީ އޮޓާނީ ގާރޑްންއެވެ. އެ ތަން ހުންނަނީ ހޮސްޕިޓަލާ ފަސް މޭލު ދުރުގައެވެ. މި ވަދެވެނީ ބޮޑު ނުރައްކަލެއްގެ ތެރެއަށްކަން ޑޮކްޓަރ ކެލަރއަށް އެނގެއެވެ. ޓޮނީ ނުވަތަ އެލެޓް އޭޝްލީގެ މައްޗަށް ބާރުހިންގަން ފަށާނީ ކޮން ވަގުތަކު ކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. އެކަމަކު އޭޝްލީގެ އިތުބާރު ހޯދުން އޭނާއަށް މާމުހިންމެވެ. އެ ކަމަށްޓަކައި އޭނާ ހުރީ ކޮންމެފަދަ ނުރައްކަލަކާ ކުރިމަތިލާން ވެސް ތައްޔާރަށެވެ. އޭޝްލީއަށް އެހީތެރިވެދެވޭނީ އޭނާގެ އިތުބާރު ހާސިލުކުރެވިގެންނެވެ.
"އަޅުގަނޑު މި ހުންނަނީ ޙައިރާންވެފައި-" އޭޝްލީ ރެސްޓޯރަންޓްގައި ތިބި މީހުންނާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ.
"ކޮންކަމަކާ-؟"
"މި ތާނގައި މި ތިބަ މީހުންނާއި، ހޮސްޕިޓަލުގައި ތިބި މީހުންނަކާ ހަމަ އެއްވެސް ތަފާތެއް ނެތް-"
"އޭޝްލީ- މި ދެބައި މީހުންނަކީ ހަޤީޤަތުގައި ތަފާތު ބައެއް ނޫން- މިއިން ކޮންމެ މީހެއްގެ ވެސް ކޮންމެވެސް މައްސަލައެއް އޮންނާނެކަން ޔަޤީން- ހޮސްޕިޓަލުގައި އުޅޭ މީހުންނަކަށް އެ މީހުންނާ ކުރިމަތިވާ މައްސަލަތައް ޙައްލުކުރާކަށް ނޭނގޭ- ނުވަތަ އެ މައްސަލަތަކާ ކެރިގެން ކުރިމަތިލާކަށް ނޭނގޭ- ހަމައެކަނި ތަފާތަކީ އެއީ-"
"އަޅުގަނޑުގެ އެއްވެސް މައްސަލައެއް އޮތް ކަމެއް އަޅުގަނޑަކަށް ކުރިއަކުން އެނގިފައެއް ނެތް- އަޅުގަނޑަށް އެނގުނީ..."
"އޭޝްލީ- އެހެން އެވީ ކީއްވެގެންކަން އެނގޭތަ-؟ އެއީ އެ މައްސަލަތައް ފޮރުވީމާ ވީ ގޮތެއް- މައްސަލަތަކާ ކުރިމަތިނުލެވުނީމާ އޭޝްލީ ހެދި ގޮތަކީ އެ މައްސަލަތަކާ އަމިއްލަ ސިކުނޑިއާ ދޭތެރޭގައި ފާރެއް ބިނާކުރީ- ހުރަހެއް އެޅީ- މައްސަލަތައް ފޮރުވީ- ކޮންމެ މީހަކު ވެސް ވަކި ހުދޫދެއްގެ ތެރޭގައި މިހެން ހަދާ- އޭނާ ގަސްތުގައި ވާހަކައިގެ މަވްޡޫޢު ބަދަލުކޮށްލިއެވެ. ކޮބާ- ކާއެއްޗެތި ކިހިނެއް-؟"
"ވަރަށް މީރު-"
* * *
އެ ރޭގެ ފަހުން ކޮންމެ ހަފްތާއަކު އެއް ރޭ ނުވަތަ އެއް ދުވަހު އެ ދެ މީހުން ބޭރަށް ކާންދެއެވެ. އެއިން އެއްވެސް ދުވަހަކު ޓޮނީ ނުވަތަ އެލެޓްގެ ހިލަމެއްނުވެއެވެ.
އެއްރެއަކު ކައިނިމިގެން ޑޮކްޓަރ ކެލަރއާއި، އޭޝްލީއާ ދެ މީހުން ތިބީ ނަށާށެވެ.
"ހިތްހަމަޖެހޭތަ-؟" ޑޮކްޓަރ ކެލަރ އަހައިލިއެވެ.
"ލައްބަ- ވަރަށް ބޮޑަށް ހިތްހަމަޖެހޭ-" އޭޝްލީ އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެހެން ޑަކްޓަރުންނާ ކެލަރއާ ވަރަށް ތަފާތު-"
"އެޔޯ-؟ އެހެން ޑަކްޓަރުންނަށް ނަށަން ނޭނގެނީތަ-؟"
"އަޅުގަނޑު މި ނަންގަތް އެއްޗެއް އެނގިލައްވާނެ-"
އޭނާ ހުރީ އޭޝްލީ ގަޔާ ކައިރިކޮށްގެންނެވެ. އެހެންވީމާ ދެ މީހުން ކެތްތެރިކަން ކުޑަވެފައިވާކަން އެކަކު އަނެކަކަށް އެނގޭކަށް ލަހެއް ނުވާނެއެއް ނޫންތޯއެވެ؟
ޑޮކްޓަރ ކެލަރގެ ކަންފަތްދޮށުގައި ގުގުމައިލީ އޮޓޯ ލުވިސަންގެ ވާހަކައެވެ. "ތިޔަ ކަހަލަ ކަމެއް ކޮށްފިއްޔާ ވަރަށް ނުރައްކާވެސް ވެދާނެ- އޭނާ މިހާރު ވެސް..."
ފަންސަވީސްވަނަ ބާބު
"ކަލޭ ތިޔަ ކުރަން އުޅޭ ކަންތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ- ކަލޭ ތިޔަ އުޅެނީ އޭޝްލީގެ ބޮލަށް އެރިގެން އޭނާގެ ރަޙްމަތްތެރިއަކަށް ވާންވެގެން-"
"އަހަރެން މިއީ އޭނާގެ ރައްޓެއްސެއް- ކަލޭމެންގެ ވެސް ރައްޓެއްސެއް-"
"އެހެން ނުވާނެ- ކަލޭ ތިޔައީ އަހަރެމެންގެ ރައްޓެއްސެއް ނޫން- ކަލެއަށް ހީވަނީ އޭޝްލީއަކީ ވަރަށް ރަނގަޅު، ވަރަށް ރީތިކުއްޖެއްހެން- އަހަންނަކީ ވަރަށް ނުބައި، ހުތުރު މީހެއްހެން-"
"ނޫނޭ- އެއްގޮތަކަށް ވެސް އެހެންނެއް ނޫން- އަހަރެން އޭޝްލީއަށް ޤަދަރުކުރާ ވަރަށް ކަލެއާއި، އެލެޓަށް ވެސް ޤަދަރުކުރަން- ކަލޭމެން ތިން މީހުންނަކީ ވެސް އަހަރެން ހަމަ އެއްވަރަށް ޤަދަރުކުރާ ތިން މީހުން-"
"ތިޔައީ ތެދެއްތަ-؟"
"އާނ- ޓޮނީ- އެއްކަލަ ދުވަހު ކަލޭ އަޑު ރީއްޗޭ އަހަރެން ބުނީ ހައްދާކަށް ނޫން- އެއީ ހަމަ ހެޔޮހިތުން ބުނި ތެދުވާހަކައެއް- ކަލެއަށް އެއްވެސް ކަހަލަ މިއުޒިކީ އެއްޗެއް ކުޅެން އެނގޭތަ-؟"
"އާނ- ޕިއާނާ-"
"ރިކްރިއޭޝަން ހޯލަށް ޕިއާނާ ގެނުވައިފިއްޔާ ކުޅޭނަންތަ-؟"
"ފަހަރެއްގައި-" އޭނާގެ އަޑުން އުފާވެރިކަން ފާޅުވެއެވެ.
ޑޮކްޓަރ ކެލަރ ހިނިތުންވެލިއެވެ. "އަހަރެން ހަމަޖައްސާނަން- އެ ތަނަށް ހަމަ މިއަދު ޕިއާނާއެއް ގެނުވާނަން-"
"ޝުކުރިއްޔާ-"
ކޮންމެ ދުވަހަކު މެންދުރު ފަހު އެއްގަޑިއިރު ވާންދެން ޓޮނީއަށް ޕިއާނާ ޖެހޭ ގޮތް ޑޮކްޓަރ ކެލަރ ހަމަޖައްސައިދީފިއެވެ. ފުރަތަމަ ހޯލްގެ ދޮރު ހުންނަނީ ލައްޕައިފައެވެ. އެ ތާނގައި ތިބޭ އެހެން މީހުންނަށް ޕިއާނާގެ އަޑުއިވިގެން އައިސް ދޮރުހުޅުވައިގެން އަޑުއަހަން ތިބެއެވެ. ފަހުން އެ މީހުން އަޑުއަހަން ތިބެނީ އެތެރޭގައެވެ. އެންމެ ފަހުން ޓޮނީ ވެގެން ދިޔައީ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުން މުނިފޫހިފިލުވައިދޭން މިއުޒިކްކުޅެ، ލަވަކިޔާ މީހަކަށެވެ.
ޑޮކްޓަރ ކެލަރއާއި، ޑޮކްޓަރ އޮޓޯ ލުވިސަން މަޝްވަރާކުރަނީއެވެ.
ޑޮކްޓަރ ލުވިސަން އަހައިލިއެވެ. "އަނެއް މީހާ... އެލެޓްގެ ކަންތައް އޮތީ ކިހިނެއް-؟"
"ކޮންމެ ދުވަހަކު ހަވީރު އޭނާ ބޭރަށް، ގޯތިތެރެއަށް ނެރެގެން އޭނާ ލައްވައި ކުރައްސަން އަހަރެން އޮންނާނީ ހަމަޖައްސައިފައި- އޭނާ ކުރަހާއިރު ވެސް ފާރަވެރިން ތިބޭނެ- އަހަންނަށް ހީވަނީ އެއީ ރަނގަޅު ފަރުވާއަކަށް ވާނެހެން-"
އެކަމަކު އޭޝްލީ އެއްބަހެއްނުވިއެވެ. އޭނާއާ ވާހަކަދައްކަމުން ޑޮކްޓަރ ކެލަރ ބުންޏެވެ. "އަހަރެން ދިން ކުލައިގެ ބޭނުމެއް ކަލޭ އެއްގޮތަކަށް ވެސް ނުކުރަމެއްނުން-؟ އެ އެއްޗެތި ބޭކާރުކޮށް އެއްލައިލަންޖެހޭކަމީ ވަރަށް ދެރަކަމެއް- ކަލޭގެ ހުނަރުގެ ބޭނުންހިފަންވާނެ-"
ކަލެއަށް އެނގެނީ ކޮންކަމެއްހެއްޔެވެ؟
"ކުރަހާހިތްވޭތަ-؟"
"އާނ-"
"ދެން ނުކުރަހަނީ ކީއްވެގެން-؟"
"އަހަންނަށް ކުރަހަން ނޭނގޭތީ-" އަހަންނަށް އުނދަގޫނުކުރާށެވެ.
"އެހެން ބުނީ ކާކު-؟"
"އަހަރެންގެ... އަހަރެންގެ މަންމަ-"
"މަންމަގެ ވާހަކަ އަދި ކިޔައެއްނުދެމެއްނުން-؟"
"މަންމަގެ ކިޔައިދޭނޭ ވާހަކައެއް ނެތް-"
"މަންމަ މަރުވީ އެކްސިޑެންޓެއްގައި- އެހެންނުން-؟"
ކުޑައިރުކޮޅަކަށް ހިމޭންވެފައި އޮތެވެ. "އާނ- މަންމަ މަރުވީ އެކްސިޑެންޓެއްގައި-"
(ނުނިމޭ)
?varah hiygaimu
Haadha reechey honiruge baikiaayan libeynethoa