ހުވަފެން - 7

(7 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޝުކުރިއްޔާ- އަހަރެންގެ ނަމަކީ ރިޗަރޑް- ރިޗަރޑް މެލްޓަން-"

"އެލެޓް ޕީޓަރސް-"

"ވަރަށް ގިނައިން މި ތަނަށް އަންނަންތަ-؟" ރިޗަރޑް އަހައިލިއެވެ.

"އާނ- ވަގުތެއް ލިބޭ ކޮންމެ ދުވަހަކު އަންނަން- އަހަރެން ދިރިއުޅެނީ ސެން ފްރެންސިސްކޯއަކު ނޫން-"

"ކޮން ތާނކު ދިރިއުޅެނީ-؟"

"ކަޕަޗީނޯގައި-" އެއީ ކަލެއަކާ ބެހޭ ކަމެއް ނޫނޭ ފަދަ ޢިބާރާތެއް އޭނާގެ ހިތަކުން ނުއެއް ނުކުމެއެވެ. މި ވަނީ އަނެއްކާ ކީއްބާވައެވެ؟

"އެއީ ކުޑަޔަސް ވަރަށް ރީތި އަވަށެއް-"

"އާނ- އަހަންނަށް ވެސް ވަރަށް ރީތި-" މި ފަހަރަކު ވެސް އެއްކަލަ އަޑެއް ނީވެއެވެ. އެއީ ރީތި އަވަށެކޭ ބުނަން ކަލޭ ތިޔައީ ކާކުހެއްޔެވެ؟ މިހެން ބުނި އަޑެއް ނީވެއެވެ.

އޭނާ ކުރެހުން ނިންމާލައިފިއެވެ. "އަހަރެން ބަނޑުހައިވެއްޖެ- އަހަންނާ އެކީ ކާންދާންވީއެއްނުން-؟ ކެފޭ ޑީ ޔަންގްގެ ކެއުން ވަރަށް މީރުވާނެ-"

އެލެޓް ކުޑަކޮށް ޖެހިލުންވިއެވެ. "ހިނގާ-" އަހަރެން ބީރައްޓެހިންނާ އެކީ ކާކަށް ނުދަމޭ ނުވަތަ ކަލޭ ބުނާ އިރަށް ކާންދާކަށް ނުޖެހޭނެއޭ ބުނި އަޑެއް ނީވުނެވެ.

މިއީ އެލެޓް އަލަށް ކުރާ ތަޖުރިބާއެކެވެ. އެކަމަކު އުފާވެރި ތަޖުރިބާއެއް ވެސް މެއެވެ.

ކާން ހޭދަކުރި ވަގުތުތަކަކީ އުފާވެރިކަމާއެކު ހޭދަކުރެވުނު ވަގުތުތަކެކެވެ. އެންމެ ފަހަރަކު ވެސް ނުބައި ނުވަތަ ދެކޮޅުވެރި ޚިޔާލެއް ހިތަކަށް ނުވަދެއެވެ. ގިނައިން ވާހަކަދެކެވުނީ ކުރެހުންތެރިންނާ ބެހޭ ގޮތުންނެވެ. ރޯމުގައި އުޅުނު ދުވަސްވަރުގެ ވާހަކަ އެލެޓް ކިޔައިދިނެވެ.

"އަހަރެން ދުވަހަކު ވެސް ރޯމަކަށް ނުދަން-" ރިޗަރޑް ބުންޏެވެ. "ކޮންމެވެސް އެއް ދުވަހަކުން ދާނަމޭ ހިތުގައި އެބައޮތް-"

އެލެޓްގެ ހިތަށްއެރިއެވެ. ރިޗަރޑާ އެކީ ރޯމަށް ގޮސް އުޅުމަކީ ވަރަށް އުފާވެރި ކަމަކަށް ވާނެއެވެ.

ކައި ނިމުނު ތަނާ ރިޗަރޑާ އެއް ކޮޓަރީގައި އުޅޭ ރައްޓެއްސަކު އެ ތަނަށް ވަން ތަން ފެނިގެން ގޮވައި ގެނެސްފިއެވެ. "ގެރީ- ކަލޭ މި ތަނަށް އަންނާނެ ކަމަކަށް އަހަންނެއް ހިއެއްނުކުރަން- މިއީ އެލެޓް ޕީޓަރސް- އެލެޓް- މިއީ އަހަރެންގެ ރައްޓެއްސެއް- ގެރީ ކިންގް-"

ގެރީއަކީ ވެސް ހަމަ ރިޗަރޑާ އެއް ޢުމުރުގެ މީހެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ކޮނޑާ ހަމައަށް ދިގުކޮށްފައެވެ.

"ގެރީއާ އަހަންނާ ދެ މީހުންނަކީ ހައި ސްކޫލް ދައުރުން ފެށިގެން ދެ ރަޙްމަތްތެރިން-"

"އެއީ ތެދެއް- އަހަރެން ރިޗަރޑްގެ ނަމަށް ހުތުރުއަރުވާތާ ދިހަ އަހަރު ވެއްޖެ- ރީތި ވާހަކައެއް އަޑުއަހަން ބޭނުމިއްޔާ އަހަރެން..."

"ގެރީ- ކަލޭ ދާނެ ތަނެއް ނެތްތަ-؟"

"ނޫނޭ- ވަރަށް ގިނަ ތަންތަން އެބަހުރި-" އޭނާ އެލެޓާ ދިމާއަށް އެނބުރިލިއެވެ. "އެކަމަކު އަހަރެންގެ ވާހަކަ ހަނދާން ނައްތައިނުލާތި- އަހަންނަކީ ވަރަށް ރީތި ވާހަކަ ކިޔައިދޭ މީހަކީން- ކަލޭމެން ދެ މީހުންނާ އަދި ބައްދަލުކުރާނަން-"

ގެރީ ހިނގައްޖެއެވެ.

ރިޗަރޑް އެލެޓާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. "ދެ މީހުންގެ ބައްދަލުވުމުގެ ސިލްސިލާ މެދުކަނޑައިނުލާ ކުރިއަށް ގެންދެވޭނޭ ގޮތެއް ނުވާނެތަ-؟"

"ވެދާނެ- އަހަރެން ވެސް ތިޔަ ގޮތް ބޭނުންވޭ-"

ވަރަށް ބޮޑަށް ބޭނުންވެއެވެ.

ވާހަކަ ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހޫނުވަމުން ގޮސް އެންމެ ފަހުން ބޮޑު ޒުވާބަކަށް ވީއެވެ.

ފައްޅީގައި އުޅޭ ފްރޭންކް ސާޅީސް އަހަރު ވަޒީފާގައި އުޅެފައި ވަކިވަނީއެވެ. އަމިއްލައަށް މުސްކުޅިވެގަންނަނީއެވެ. އެއީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެކެވެ. އޭނާ ވަކިވާތީ ފައްޅިއަށް އަންނަ މީހުން ތިބީ ވަރަށް ދެރަވެފައެވެ. ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި ފްރޭންކަށް ހަދިޔާއެއްގެ ގޮތުގައި ދޭނޭ އެއްޗަކާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ. ގަޑިއެއް... ފައިސާ... ޗުއްޓީ ދަތުރެއް... ކުރެހުމެއް... އޭނާއަކީ ކުރެހުމަށް ވަރަށް ލޯބިކުރާ މީހެކެވެ.

"ފައްޅި އަރާ ގޮތަށް މީހަކު ލައްވާ އޭނާގެ ފޮޓޯއެއް ކުރައްސަން ވީ އެއް ނުން-؟" އެންމެންގެ ނަޒަރު ހުއްޓުނީ އެލެޓާ ދިމާއަށެވެ. "ކަލެއަށް ކުރެހިދާނެތަ-؟"

"އާނ-" އޭނާ އުފާވެލައިފައި ބުނެލިއެވެ.

ވޯލްޓަރ މޭނިންގއަކީ ފައްޅީގެ އިސް މެންބަރެކެވެ. ފައްޅީގެ ކަންތައްތަކަށް އެންމެ ގިނައިން ޚަރަދުކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއް ވެސް މެއެވެ. އޭނާއަކީ އެހެން މީހަކަށް ކާމިޔާބީއެއް ލިބުން އެދޭ މީހެއް ނޫނެވެ. އޭނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅު ވަރަށް ރީތިކޮށް ކުރަހާނެ- އޭނާ ލައްވާ ކުރައްސަމާ ހިނގާ-"

އެހެން މީހަކު ބުނެލިއެވެ. "ދެ މީހުން ލައްވާ ދެ ކުރެހުން ކުރައްސާނީ- ދެ ކުރެހުން ބަލައިފައި ރީތި ކުރެހުމެއް ފްރޭންކަށް ދޭނީ- މި ގޮތް ކިހިނެއް-؟"

ހޯމަދުވަހުގެ ހެނދުނު އެލެޓް، ޓޮނީއާ ވާހަކަދައްކަމުން ގޮސް ކުރީ ދުވަހުގެ ވާހަކަތައް ކިޔައިދީފިއެވެ.

"ކުރެހުންތެރިއަކާ ރައްޓެހިވެގެން އުޅޭކަށް ނުވާނެ-" ޓޮނީ ބުންޏެވެ. "އެންމެ ފަހުން ކާން ވެސް ޖެހޭނީ އޭނާ ކުރަހާ ކާއެއްޗެތި- ކަލޭ އަދިވެސް އޭނާއާ ބައްދަލުކުރާނަންތަ-؟"

އެލެޓް ހިނިތުންވެލިއެވެ. "އާނ- އަހަންނަށް ހީވަނީ އޭނާ އަހަންނާ ވަރަށް ގަޔާވޭހެން- އަހަރެން ވެސް ވަރަށް ބޮޑަށް އޭނާޔާ ވާހަކަ ދައްކާ ހިތްވޭ-"

އެލެޓް މަސައްކަތް ފަށައިފިއެވެ. އޭނާއަށް ކުރަހައި ނިންމައިލެވުނީ ފަސް ދުވަހުންނެވެ. އޭނާގެ ކުރެހުން ވަރަށް ރީއްޗެވެ. ވަރަށް މޮޅެވެ.

ވިދިގެން އައި އާދީއްތަދުވަހު އޮތް ބައްދަލުވުމަށް އެލެޓްގެ ކުރެހުން ހުށަހެޅިއްޖެއެވެ. އެ ކުރެހުން ރީތިވެގެން އެންމެން ވެސް ވާހަކަދެއްކިއެވެ.

"ވަރަށް ރީތި- ހީވަނީ ފްރޭންކް ހަމަ ދެންމެދެންމެ ކަރުދާސްގަނޑުން ނުކުމެގެން އަތުވެދާނެހެން..."

"މި ކުރެހުން ދިނީމާ އޭނާ ވަރަށް އުފާވާނެ..."

"މި ފޮޓޯ ފޮނުވަންވީ ގެލަރީއަކަށް- އެލެޓް..."

ވޯލްޓަރ މޭނިންގ އޭނާގެ ދަރިފުޅުގެ ކުރެހުމުގައި ލާފައި ހުރި ކަރުދާސްގަނޑު ނިއުޅުވައިލިއެވެ. އެ ކުރެހުން ވެސް ވަރަށް ރީއްޗެވެ. އެހެން ނަމަވެސް އެލެޓްގެ ކުރެހުމުގައި ހުރި ޤުދުރަތީ އަސަރެއް ނެތެވެ.

"ތިޔަ ކުރެހުން ވެސް ވަރަށް ރީތި-" އެކަކު ބުނެލިއެވެ. "އެކަމަކު އަހަންނަށް ހީވަނީ އެލެޓްގެ..."

"އެއީ ތެދެއް- އެލެޓްގެ..."

"އެލެޓްގެ ކުރެހުން މާ..."

ވޯލްޓަރ މޭނިންގ ވާހަކަދައްކަން ފެށިއެވެ. "ހުރިހާ އެންމެން އިއްތިފާގުވާ ގޮތަކަށް ނޫނީ ނިމިގެން ނުވާނެ- ހުރިހާ އެންމެންނޭ މި ބުނަނީ އަހަރެން ވެސް ހިމަނައިގެން- އަހަރެންގެ ދަރިފުޅަކީ މޮޅުކުރެހުންތެރިއެއް-" އޭނާ އެލެޓާ ދިމާއަށް ބަލައިލިއެވެ. "ކުރަހާށޭ ކިޔާފައި ކުޅިޖަހާ މީހެއް ނޫން- އޭނާ މި ކުރަހައިދިނީ ހިލޭ- ހަދިޔާއަކަށް- އެހެންވީމާ މި ޤަބޫލުނުކޮށް ފަރުޖެއްސޭކަށް ނޯންނާނެ-"

"އެކަމަކު..."

"އެކަމަކު މިކަމަކު ކިއުމުގެ ބޭނުމެއް ނެތް- ނިންމަންވާނީ އެންމެން އިއްތިފާގުވާ ގޮތަށް- ދޭންވާނީ އަހަރެންގެ ދަރިފުޅުގެ ކުރެހުން- އެހެން ނޫނީ ދެ ކުރެހުމުންކުރެ ކުރެހުމެއް ދީގެން ނުވާނެ-"

އެލެޓް ބުނެލިއެވެ. "އެ ކުރެހުން ވަރަށް ރީތި- އަޅުގަނޑަށް ވެސް ފެންނަނީ އެ ކުރެހުން ދެއްވަން-"

ވޯލްޓަރ މޭނިންގ އޭނާއާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. "މި ކުރެހުން ލިބުނީމާ ފްރޭންކް ވަރަށް އުފާވާނެ-"

އެ ދުވަހު ބައްދަލުވުން ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި ވޯލްޓަރ މޭނިންގ މަރުވެއްޖެއެވެ. ބުނެވޭ ގޮތުގައި މީހަކު ގަސްތުގައި ކާރުން ޖައްސައި މަރައިލީއެވެ.

އެ ޚަބަރު ލިބުނީމާ ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުން އެލެޓްގެ އަނގަހުޅުވުނެވެ.

ހަތަރުވަނަ ބާބު

އޭޝްލީ ޕެޓަރސަން ހުރީ ފާޚާނާގައި ފެންވަރާށެވެ. އޮފީހަށް ދާން މިހާރު ވެސް ލަސްވެއްޖެއެވެ. ކުއްލިއަކަށް އަޑެއް އިވިއްޖެއެވެ. ދޮރެއް ހުޅުވުނު އަޑު ބާވައެވެ؟ ނުވަތަ ލެއްޕުނު އަޑު ބާވައެވެ؟ އޭނާ މާގަނޑު ބަންދުކޮށްލިއެވެ. އެއްވެސް އަޑެއް އިވޭތޯ ކަނުލައި އަހަން ވެގެންނެވެ. ހިތް ތެޅޭ އަޑު އިވެއެވެ. އެހެން އެއްވެސް އަޑެއް ނީވެއެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ އަވަސްއަވަހަށް ގައިހިއްކައިގެން ކޮޓަރިތެރެއަށް ނުކުމެއްޖެއެވެ. އެއްވެސް އެއްޗަކަށް ބަދަލެއް އައިސްފައެއް ނެތެވެ. އޭނާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އެއްކަލަ ފީކަޅާ ވަހުމެވެ. އަވަހަށް ހެދުންލައިގެން އޮފީހަށް ދާންވީއެވެ. އޭނާ މަޑުމަޑުން ގޮސް އަލަމާރި ހުޅުވައިލިއެވެ. އެ ވަގުތު ޙައިރާންވީ ވަރުން އަނގަހުޅުވުނެވެ. ކޮންމެވެސް މީހަކު ހުރީ އޭނާގެ އަލަމާރި ހާވާފައެވެ. އޭނާ ހުންނަނީ ހެދުންތައް ވަކިން، ވަކި ތަރުތީބަކުން ބަހައްޓާފައެވެ. ޖަނގިޔާ ހުންނަ ތާނގައި ޖަނގިޔާއެވެ. ޓޮޕް ހުންނަ ތާނގައި ޓޮޕެވެ. އެކަމަކު މިހާރު އެހެރީ ހުރިހާ އެއްޗެއް މަސްހުނިކޮށްފައެވެ.

ހޮޑުލަވާހެން އޭނާއަށް ހީވާން ފަށައިފިއެވެ. އެ މީހާ އަހަރެންގެ ހެދުންތައް ނަގައިގެން އަތްކާއްތާ، ދޫލައި ހެދީ ހެއްޔެވެ؟ އަހަރެންގެ ޢިއްފަތްތެރިކަން ނަގައިލާނޭ ގޮތަކާ މެދު ވިސްނީ ހެއްޔެވެ؟ ނޫނީ އަހަރެން މަރައިލާނޭ ގޮތެއް ރޭވީ ހެއްޔެވެ؟ ނޭވައިލާން އުނދަގޫވާން ފަށައިފިއެވެ. ފުލުހުންނަށް އަންގަންވީއެވެ. އެކަމަކު އެއީ ރަނގަޅު ފިޔަވަޅަކަށް ވާނެ ބާވައެވެ؟ ފުލުހުން އަހަންނަށް މަލާމާތް ކޮށްފައި ހޭނެއެވެ.

ކަލޭ އަހަރެމެންގެ އެހީ ހޯދަން ތިޔަ އައީ މީހަކު ފަހަތުން އަޅައިގަނެގެން އުޅޭހެން ހީވާތީ ހެއްޔެވެ؟

މީހަކު ހަމަ ޙަޤީޤަތުގައި ވެސް އަހަރެންގެ ފަހަތުން އަޅައިގަނެގެން އެބައުޅެއެވެ.

ކަލެއަށް އެ މީހަކު ފެނުނު ހެއްޔެވެ؟

(ނުނިމޭ)

2 ޚިޔާލު

  1. ސިޑްނީ ޝެލްޑަންގެ މި ވާހަކައަކީ އާފަތިހުން އެހެންޏާ ގެނެސްދޭހާ ހިތްދަމައިގަންނަ ކަހަލަ ވާހަކައެއް ކަމުގައި ނުވިޔަަސް، އޭގައި ރަނގަޅު މެސެޖުތަކެއް ހިމެނޭ ވާހަކައެއް..އިންތިޒާރު ކުރެވެނީ މި ވާހަކަ ނިމި އާފަތިސް ސްޓައިލްގެ ވާހަކައެއް ފެށޭނެ ދުވަހަކަށް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.