(1 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭގެ ފަހުން ވެސް ހެކިންގެ ގޮތުގައި ހަ މީހަކު ގެނެވުނެވެ. ކޮންމެ މީހަކާވެސް ކުރެވުނީ ދާދި އެއްކަހަލަ ސުވާލުތަކެކެވެ. މިކީ ބްރެނަން ގެނައި މީހުންގެ ތެރޭގައި މުޅި ގައުމުން ހޮވައިލި ނުވަ ސައިކިއޭރިސްޓުން ހިމެނެއެވެ. އެ މީހުންނާ ސުވާލުކޮށްގެން އޭނާ މަސައްކަތްކުރަމުން ދިޔައީ އެމްޕީޑީއަކީ ނެތް އެއްޗަކަށް ހެދޭތޯއެވެ.
ދައުލަތުގެ ވަކީލުގެ ބައި ނިމުމަކަށް އަންނަނީއެވެ.
އެންމެ ފަހުގެ މީހާއާ ސުވާލުކޮށް ނިމުނީމާ ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ސުވާލުކޮށްލިއެވެ. "މިސްޓަރ ބްރެނަން- އިތުރު މީހަކު އެބަހުރިތޯ-؟"
"ނޫން- ނެތް- ދެން އަޅުގަނޑު ބޭނުންވަނީ މީހުން މެރި ހާދިސާ ހިނގި ތަނުގެ ފޮޓޯ ޖޫރީއަށް ދައްކަން- އެއީ..."
ޑޭވިޑް ރުޅިއައިސްފައި ބުނެލިއެވެ. "އެއްގޮތަކަށް ވެސް ދައްކަވައިގެން ނުވާނެ-"
ފަނޑިޔާރު ވިލިއަމްސް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "މިސްޓަރ ސިންގަރ- ތިޔަ ވިދާޅުވީ ކީކޭތޯ-؟"
"އަޅުގަނޑު ދެންނެވީ..." ޑޭވިޑް ރުޅިގަނޑު މައިތިރިކުރެވޭތޯ މަސައްކަތްކުރަމުން ބުނެލިއެވެ. "އަޅުގަނޑު ދެންނެވީ އެ ކަމާ އަޅުގަނޑު ދެކޮޅު ހަދަމޭ- ދައުލަތުގެ ވަކީލު އެ އުޅުއްވަނީ އެ ފޮޓޯތައް ދައްކަވައިގެން ޖޫރީ..."
"ތިޔަ ވާހަކަ އަޅުގަނޑު އަޑުއަހާކަށް ބޭނުމެއް ނޫން-" ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "ފޮޓޯތައް ދެއްކެވިޔަސް އެންމެ ރަނގަޅު- ކުރިއަށް ގެންދަވާ-"
ޑޭވިޑް ރުޅިއައިސްފައި ހުރެގެން އިށީނދެއްޖެއެވެ.
ބްރެނަން މޭޒުމަތީގައި ހުރި ފޮޓޯތަކެއް ނަގައިގެން ގޮސް ޖޫރީއަށް ބަހަން ފަށައިފިއެވެ. "ބޭކަލުންނާއި، ބޭކަނބަލުންނޭ- މިއީ ބައްލަވަން އުނދަގޫފުޅުވާ ޒާތުގެ ފޮޓޯތަކެއް- އެކަމަކު މި ޝަރީޢަތަކީ ގަތުލުގެ ހާދިސާތަކެއްގެ ޝަރީޢަތަކަށް ވާތީ މި ފޮޓޯތައް ބައްލަވައިލެއްވުމުގެ މުހިންމުކަން ވަރަށް ބޮޑު- މި ޝަރީޢަތަކީ ހަމައެކަނި ދައްކާ ވާހަކައާއި، ބަހަނާތަކުގެ މައްޗަށް ބިނާކުރެވޭ އެއްޗެއް ނޫން- މިއީ ގޮތް ނޭނގި ފޮރުވިގެން ތިބެ މީހުން މަރާ ބައެއްގެ މައްޗަށް ބިނާކުރެވޭ ޝަރީއަތެއް ވެސް ނޫން- މިއީ ވަރަށް އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލެވިފައިވާ ތިން އިންސާނުންގެ ގަތުލުގެ ޝަރީޢަތް- ޤާނޫނު ބުނާ ގޮތުގައި މި ތިން މީހުން މަރައިލި މީހަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭނެ- މި ޝަރީޢަތް އިންޞާފުވެރި ގޮތަކަށް ނިންމަވައިދެއްވުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެއް-"
ފޮޓޯތައް ބަލަމުން ދިޔަ އިރު ޖޫރީގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުގެ އަސަރު ބްރެނަންއަށް ރަނގަޅަށް ފާހަގަކުރެވުނެވެ.
އޭނާ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅައި ނިމުނީ-"
ފަނޑިޔާރު ވިލިއަމްސް ގަޑިއަށް ބަލައިލިއެވެ. "މިހާރު ހަތަރެއް ޖަހައިފި- މިއަދުގެ ޝަރީޢަތުގެ މަޖްލިސް މި ހިސާބުން ނިމުނީ- ދެން ޝަރީޢަތް އޮންނާނީ ހޯމަދުވަހުގެ ހެނދުނު ދިހައެއް ޖަހާއިރު-"
ނަވާރަވަނަ ބާބު
އޭޝްލީ ޕެޓަރސަން ދަންޖައްސަން ތައްޔާރުވަނީއެވެ. މަޅިގަނޑަށް ބޯމަހައިލިތަނާ ސިފައިންގެ މީހަކު ދުވެފައި އައިސް ބުނެލިއެވެ. "އޭތް- ތިޔައީ ދަންޖައްސަންޖެހޭ މީހެއް ނޫން- ތިޔަ މީހާ މަރައިލަން ޖެހޭނީ ކަރަންޓުގައި ޖައްސައިގެން-"
މަންޒަރު ބަދަލުވެއްޖެއެވެ. މިހާރު އޭނާ އިނީ ގޮނޑިއެއްގައެވެ. ކަރަންޓު ނަރާ ގުޅައިފައެވެ. ސުއިޗް ޖައްސަން ތައްޔާރު ވެލިތަނާ ފަނޑިޔާރު ވިލިއަމްސް ދުވެފައި އައިސް ކިޔައިފިއެވެ. "އޭތް- ތިޔަ މީހާ މަރައިލަން ޖެހެނީ އިންޖެކްޝަން ޖަހައިގެން- ކަރަންޓުގައި ޖައްސައިގެންނެއް ނޫން-"
ޑޭވިޑަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އޭނާ ތެދުވެވޭތޯ އުޅުނެވެ. އެކަމަކު ތެދުވެވޭ ގޮތެއް ނުވިއެވެ. ބޮލުގައި މާ ގަދައަކަށް ރިއްސަނީއެވެ. ހުން ވެސް އަންނަނީއެވެ. އޭނާ ނިތްކުރީގައި އަތްޖައްސައިލިއެވެ. ވަރަށް ހޫނެވެ.
ޑޭވިޑް އެނދުން ފައިބަން މަސައްކަތްކުރި ވަގުތު ހަށިގަނޑު މާ ބަރުކަމުގެ އިހްސާސް ކުރެވުނެވެ. "ނޫން... މިއަދަކު ނޫން..." ޑޭވިޑަށް ބުނެލެވުނެވެ.
މިއަދަކީ އާދައިގެ ދުވަހެއް ނޫނެވެ. މިއަދަކީ އޭނާ މައްސަލައިގެ ދިފާޢީ މަސައްކަތް ފެށޭ ދުވަހެވެ. ޑޭވިޑް ތަންތާނގައި ހިފަހައްޓަމުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އަދި ފިނިފެނުން މޫނުދޮވެލިއެވެ.
ހެނދުނު އޭނާއަށް ކޯޓަށް ދެވުނު އިރު ހުރިހައި އެންމެން އަތުވެއްޖެއެވެ. އެންމެން ތިބީ އޭނާގެ އިންތިޒާރުގައެވެ.
"ލަހުން އާދެވުނީތީ މަޢާފަށް އެދެން-" ޑޭވިޑް ބުނެލިއެވެ. އޭނާގެ އަޑު ހުރީ ކުރެހިފައެވެ. "އަޅުގަނޑު ވާހަކައެއް ދަންނަވައިލަން ބޭނުންވޭ-"
"ވިދާޅުވޭ-"
ޑޭވިޑް ފަނޑިޔާރުގެ މޭޒުގެ ކައިރިއަށް ހިނގައްޖެއެވެ. މިކީ ބްރެނަން އޭނާގެ ފަހަތުން ދިޔައެވެ. "ޢިއްޒަތްތެރި ފަނޑިޔާރު-" ޑޭވިޑް ބުނެލިއެވެ. "މި ޝަރީޢަތް އެއް ދުވަހަށް ލަސްކޮށްލަން އަޅުގަނޑު ބޭނުން-"
"ކޮން ސަބަބަކާ ހުރެތޯ-؟"
"އެއީ... އެއީ އަޅުގަނޑުގެ ބަލިޙާލު ހުރި ގޮތުން- ޑަކްޓަރެއްގެ އެހީ ލިބުނީމާ މާދަމާ އަޅުގަނޑަށް އާދެވޭވަރު ވާނެކަން އަޅުގަނޑަށް ޔަގީން-"
ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ. "އެހެން މީހަކާ މިއަދުގެ ބައި ހަވާލުކުރައްވަންވީނޫންތޯ-؟"
ޑޭވިޑް ހައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑު އެހެން މީހަކު ނުގެންނަން- އޭޝްލީގެ ފަރާތުން އައިސް ހުރީ އަޅުގަނޑު އެކަނި-"
"އެހެން ވަކީލަކު ނުގެންނެވީ ކީއްވެގެންތޯ-؟"
"އެއީ..."
ފަނޑިޔާރު ވިލިއަމްސް ކުރިއަށް ގުދުވެލިއެވެ. "ގަތުލެއްގެ ޝަރީޢަތެއް މި ކަހަލަ ގޮތަކަށް ހިންގި ތަނެއް އަޅުގަނޑެއް ދުވަހަކުވެސް ނުދެކެން- މި ތަނަށް ވަޑައިގެން ތިޔަ އުޅުއްވަނީ ގިނިކަންޏާ- އަމިއްލަފުޅަށް މަޝްހޫރުވެވަޑައިގަތުމުގެ ބޭނުންފުޅުގައި އެހެންނޫންތޯ-؟ އެކަމަކު ވާހަކައެއް ދަންނަވަންތޯ-؟ މި ކޯޓަކުން އެ ފުރުސަތެއް ލިބިވަޑައެއްނުގަންނަވާނެ- މި ޝަރީޢަތުގައި ތިޔަ ދައްކަވާ ވާހަކަފުޅަކީ އަޅުގަނޑު ގަބޫލުނުކުރާ ވާހަކަފުޅުތަކަކަށް ވާތީ މައްސަލަޖައްސަނީއެއް ނޫން- އެކަމަކު އަޅުގަނޑު ބޭނުންވަނީ އޭޝްލީ ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ނިންމެވުން ޖޫރީއަށް ދޫކުރަން- އެއްވެސް ކަމަކާ ނުލާ ބޭކާރު ދުވަސްތަކެއް ހޭދަކުރުމަކީ އަޅުގަނޑު ހުއްދަކުރާނޭ ކަމެއް ނޫން- މިސްޓަރ ސިންގަރ- އެހެން ކަމެއް އެބަ އޮތްތޯ-؟"
ޑޭވިޑް އަނގައިންވެސް ނުބުނެ ބަލަން ހުރީއެވެ. މުޅި ކޮޓަރި އެނބުރޭ ކަމުގައި އޭނާއަށް އިހްސާސް ކުރެވުނެވެ. ފަނޑިޔާރާ ދިމާއަށް ހަޅޭއްލަވައިގަންނަން އޭނާ ބޭނުންވެއެވެ. އާދޭސްކުރަން ވެސް ބޭނުންވެއެވެ. ގެއަށް ގޮސް އަރާމުކުރަން ވެސް އެހާމެ ބޮޑަށް ބޭނުންވެއެވެ. "ނޫން- އެހެން ކަމެއް ނެތް-"
ފަނޑިޔާރު ވިލިއަމްސް ބޯޖަހައިލިއެވެ. "މިސްޓަރ ސިންގަރ- އަވަހަށް ފައްޓަވާ- ކޯޓުގެ ވަގުތު ނަންގަވައިނުލައްވާ-"
ޑޭވިޑް ޖޫރީ އޮތް ތަނަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ބޮލުގައި ރިއްސުމާއި، ހުމުގެ މަތިން ހަނދާން ނައްތައިލެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާ ވާހަކަދެއްކީ ވަރަށް ލަސްލަހުންނެވެ.
"ބޭކަލުންނާއި، ބޭކަނބަލުންނޭ- މި ކޯޓުގައި މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަށް މަލާމާތްކުރެވުނު އަޑު ތިޔަ ބޭފުޅުން ވާނީ އައްސަވައިފައި- ދައުލަތުގެ ވަކީލު މިހައިތަނަށް ކުރެއްވިހައި ވެސް ކަމަކީ އެއީ- އެއީ އޭނާއަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތު މަދުކަމުގެ ސަބަބުން ކުރެއްވުނު ކަމެއް- އެމްޕީޑީއާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަކަށް ލިބިވަޑައިގެންފައެއް ނެތް- އަދި މި ތަނަށް ގެންނެވި ހެކިންނަކަށް ވެސް ލިބިފައެއް ނެތް- އެކަމަކު އަޅުގަނޑު މި ތަނަށް ގެންނާނީ އެމްޕީޑީއަކީ ކޮން އެއްޗެއްކަން ދަންނަ މީހުން- އަޅުގަނޑު ގެންނަ މީހުންނަކީ އެމްޕީޑީގެ ތަޖުރިބާކާރުން- ފެންވަރު ރަނގަޅު ޑަކްޓަރުން- އެ މީހުން މި ތާނގައި ވާހަކަދެއްކީމާ މި ބައްޔާ ބެހޭ ގޮތުން މިސްޓަރ މިކީ ބްރެނަން ދައްކަވައިފައިވާ ވާހަކަފުޅަކީ ތާނކުންތާނކު ނުޖެހޭ ވާހަކަފުޅެއްކަން އެނގިވަޑައިގަންނަވާނެ- މިސްޓަރ ބްރެނަން ވަނީ އޭޝްލީއަކީ ގާތިލެއް ކަމަށް ވިދާޅުވެފައި- ކުށްވެރިވާ ކަމަށް ވިދާޅުވެފައި- އެއީ ވަރަށް މުހިންމު ނުކުތާއެއް- ކުށްވެރިވުން... ގަތުލެއްގެ އިލްޒާމުގައި ޝަރީޢަތަށް ގެނެވޭ މީހަކު ކުށްވެރިވޭތޯ ބަލަން އޭނާގެ ޢަމަލާ އެކީ ގަސްތަށް ނުވަތަ ނިޔަތަށް ވެސް ބަލަން ޖެހޭނެ- އެ ގަތުލުގެ ހާދިސާތައް ހިނގި އިރު ގަތުލުގެ ގަސްތެއް ނުވަތަ ނިޔަތެއް ނެތްކަން އަޅުގަނޑު ސާބިތުކޮށްދޭނަން- އެ ވަގުތު އޭޝްލީ ހުރީއަކީ އަމިއްލަ އިޚްތިޔާރަކު ނޫން- އެ ހާދިސާތައް ހިނގި ކަމެއް އޭޝްލީއަކަށް ނުވެސް އެނގޭ- އޭޝްލީގެ ހަށިގަނޑުގައި އިތުރު ދެ ޝަޚްސިއްޔަތެއް އުޅޭކަން މި ތަނަށް އަޅުގަނޑު ގެންނަ ނަންހުރި ޑަކްޓަރުންގެ ބަހުން ސާބިތުވާނެ-"
ޑޭވިޑް ޖޫރަރއިންގެ މޫނަށް ބަލައިލިއެވެ. އެ މީހުން އޭނާގެ ކުރިމަތީގައި ފަތަމުންދާ ކަމުގައި އޭނާއަށް ހީކުރެވުނެވެ. އޭނާ ލޯފޮހެލިއެވެ. އަދި އިރުކޮޅަކު ލޯމަރައިލައިގެން ހުއްޓެވެ.
"މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަކީ އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަނުން ގަބޫލުކުރާ ބައްޔެއް- ނުވަތަ ޙާލަތެއް- އަދި މި ބަލި، ދުނިޔޭގެ އެ ތަން މިތާނގައި މި ބައްޔަށް ބޭސް ކުރި ނުވަތަ ކުރަމުންދާ ގަދަރުވެރި ޑަކްޓަރުން ވެސް ގަބޫލުކުރޭ- އޭޝްލީގެ ހަށިގަނޑުގައި އުޅޭ ޝަޚްސިއްޔަތަކު މީހުން މެރި- އެކަމަކު އެއީ ޝަޚްސިއްޔަތެއް- އޭޝްލީއެއް ނޫން- އެ ޝަޚްސިއްޔަތަކީ އޭޝްލީގެ ބާރުގެ ދަށުގައި އުޅޭ ޝަޚްސިއްޔަތެއް ނޫން-" އޭނާގެ އަޑު ބާރުވާން ފަށައިފިއެވެ. "ޤާނޫނަކުން އެއްވެސް ކުށެއް ނެތް މީހަކަށް އަދަބެއް ނުދޭނެ- މިސާލަކަށް އެއްމާބަނޑު ދެބެއިން ނަގަމާ ހިންގަވާ- ބައެއް ދެބެއިންނަކީ އެކަކަށް ކުރާ އަސަރު އަނެކަކަށް ކުރާ ގޮތަށް އުފަން ކުރައްވައިފައިވާ ދެ ބެއިން- އެކަކަށް އަނިޔާއެއް ވެއްޖެއްޔާ އަނެކެއްގެ ހަށިގަނޑުގައި ވެސް އެ ވޭން އަޅާނެ- ވުމާއެކު ޤާނޫނު ވަނީ ދެ ބެއިންގެ ތެރެއިން ކުށްވެރިވާ މީހާއަށް އަދަބު ދިނުން މަނާކޮށްފައި- އެއީ އެ އަދަބުގެ ސަބަބުން ކުށްނުކުރާ މީހާއަށް ވެސް އަދަބުދެވޭތީ-" ޖޫރަރއިން ތިބީ ފަރުވާތެރި ކަމާއެކު އަޑުއަހާށެވެ.
ޑޭވިޑް އޭޝްލީއަށް އިޝާރާތްކޮށްލިއެވެ. "މި ތާނގައި އަޅުގަނޑުމެން ވާހަކަދައްކަމުން މި ދަނީ ދެ ޝަޚްސިއްޔަތަކާ ބެހޭ ގޮތުންނެއް ނޫން- ތިން ޝަޚްސިއްޔަތަކާ ބެހޭ ގޮތުން-"
ދެން އޭނާ އެނބުރިލީ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށެވެ. "އަޅުގަނޑުގެ ފުރަތަމަ ހެކި، ޑޮކްޓަރ ޖޯލް އަޝާންތީ ގެނައުމުގެ ހުއްދަ ދެއްވުން އެދެން-"
"ޑޮކްޓަރ އަޝާންތީ- ބޭސްވެރިކަމުގެ މަސައްކަތްކުރައްވަނީ ކޮންތާނކުތޯ-؟"
"ނިވް ޔޯކްގައި ހުންނަ މެޑިސަން ހޮސްޕިޓަލުގައި-"
"މި ތަނަށް ވަޑައިގަތީ އަޅުގަނޑު ދެންނެވީމާތޯ-؟"
"ނޫން- މި ޝަރީޢަތުގެ ވާހަކަ އަޅުގަނޑު ނޫހުން ކިޔަން- އެހެންވީމާ އަޅުގަނޑު ކޯޓަށް އައިސް ހެކިބަސްދޭން ބޭނުންވީ- އަޅުގަނޑަކީ އެމްޕީޑީގެ ބަލިމީހުންނަށް ބޭސްކުރާ މީހަކީން- އެހެންވީމާ އަޅުގަނޑަށް އެއްވެސް އެހީއެއް ފޯރުކޮށްދެވޭ ގޮތް ވެއްޖެއްޔާ އެ އެހީއެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އައީ- އެމްޕީޑީއަކީ މީހުން ހީކުރާ ވަރަށް ވުރެ މާ ޢާންމު ބައްޔެއް- އެ ބައްޔާ ބެހޭ ގޮތުން އަރައިފައިވާ އޮޅުން ފިލުވައިދެވޭތޯ މަސައްކަތްކުރުމަކީ އަޅުގަނޑުގެ އެދުމެއް-"
"ޑޮކްޓަރ- އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން- މި ކަހަލަ މައްސަލަތަކުގައި ބަލިމީހާގެ ހަށިގަނޑުގައި ދެ ޝަޚްސިއްޔަތެއް އުޅުމަކީ ޢާންމު ކަމެއްތޯ-؟"
"އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ދަންނަވާނަމަ ދެންނެވޭނީ އެކެއްގެ ހަށިގަނޑުގައި އުޅުން އެކަށީގެންވަނީ ހަމައެކަނި ދެ ޝަޚްސިއްޔަތެއް ނޫނޭ- ސަތޭކަ ޝަޚްސިއްޔަތު ވެސް އުޅެފާނެއޭ-"
އެލީނަރ ޓަކަރ މިކީ ބްރެނަންގެ ކަންފަތްދޮށުގައި ކޮންމެވެސް ވާހަކައެއް ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ.
"ޑޮކްޓަރ އަޝާންތީ- އެމްޕީޑީގެ މީހުންނަށް ފަރުވާދެއްވާތާ ކިހައި ދުވަހެއް ވެދާނެތޯ-؟"
"ފަނަރަ އަހަރު ވެދާނެ-"
"އެމްޕީޑީގައި ވަކި އެއް ޝަޚްސިއްޔަތެއްގެ ބާރުގަދަވުމަކީ ހިނގާ ކަމެއްތޯ-؟"
"އާދެ-"
ބައެއް ޖޫރަރއިން ނޯޓުފޮތުގައި ލިޔަން ފަށައިފިއެވެ.
"އަސްލު މީހާއަށް އޭނާގެ ހަށިގަނޑުގައި އުޅޭ ޝަޚްސިއްޔަތުގެ ޚަބަރެއް ވާނެތޯ-؟ މި ދެންނެވީ އެނގޭނެތޯއޭ-؟"
"އެކި މީހުންނަށް ދިމާވަނީ އެކި ގޮތް- ބައެއް ފަހަރަށް އަސްލު މީހާއަށް ހުރިހައި ޝަޚުސިއްޔަތެއް އެނގޭނެ- ބައެއް ފަހަރަށް އެނގޭނީ އެންމެ ޝަޚްސިއްޔަތެއް- ނުވަތަ ބައެއް ޝަޚްސިއްޔަތު- ގިނަ ފަހަރަށް ޝަޚްސިއްޔަތުގެ އެއްވެސް ހިލަމެއް އަސްލު މީހާއަކަށް ނުވާނެ- އެ ކަން އެނގޭ ގޮތް ވަނީ ފަރުވާދިނީމާ-"
"އެހެންތޯ-؟ އެމްޕީޑީއަކީ ފަރުވާދީގެން ރަނގަޅު ކުރެވިދާނެ ކަމެއްތޯ-؟"
"އާދެ-"
"ޝުކުރިއްޔާ ޑޮކްޓަރ-"
ޑޭވިޑް ޖޫރީއާ ދިމާއަށް ބަލައިލިއެވެ. އެ މީހުން ތިބީ ޝައުގުވެރި ކަމާއެކު އަޑުއަހާށެވެ. އެކަމަކު އެ މީހުން އޭނާގެ ވާހަކަ ގަބޫލެއް ނުކުރެއޭ ޑޭވިޑްގެ ހިތަށްއެރިއެވެ.
ބްރެނަން ތެދުވެއްޖެއެވެ. "ޑޮކްޓަރ އަޝާންތީ- ނިވް ޔޯކުން މި ތަނަށް ވަޑައިގަތީ މި މައްސަލައިގައި އެހީތެރިވެވަޑައިގެން ދެއްވާށޭ ދެންމެ ވިދާޅުވީމެއްނޫންތޯ-؟"
"އާދެ-"
"މި ތަނަށް ވަޑައިގެންނެވީ މިއީ މިހާރު ވަރަށް މަޝްހޫރުވެފައިވާ މައްސަލައަކަށް ވާތީ، މައްސަލައިގައި ބައިވެރިވެވަޑައިގެން މަޝްހޫރުވެވަޑައިގަތުމުގެ..."
ޑޭވިޑް ފުންމައިގެން ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން- އެއީ..."
"ދައުލަތުގެ ވަކީލު- ކުރިއަށް ގެންދަވާ-"
ޑޮކްޓަރ އަޝާންތީ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. "އަޅުގަނޑު މި ތަނަށް އައި ބޭނުން ވަރަށް ރަނގަޅަށް ދަންނަވައިފިން-"
"އެންމެ ރަނގަޅު- ޑަކްޓަރުކަން ކުރައްވަން ފެށްޓެވި ދުވަހުން ފެށިގެން މިހައިތަނަށް ސިކުނޑީގެ ބަލިޖެހިފައި ތިބި ކިތައް މީހުންނަށް ފަރުވާ ދެއްވައިފިންތޯ-؟"
"ގާތްގަނޑަކަށް ދުއިސައްތައެއްހައި މީހުންނަށް-"
"މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ ތިޔަ ވިދާޅުވާ ބަލިޖެހިފައި ހުރީ އޭގެ ތެރެއިން ކިތައް މީހުންނަށްތޯ-؟"
"ދޮޅަހަކަށް މީހުންނަށް-"
ބްރެނަން ޙައިރާންވެފައި ޑޮކްޓަރ އަޝާންތީއާ ދިމާއަށް ބަލައިލިއެވެ. "ދުއިސައްތަ މީހުންގެ ތެރެއިން އެންމެ ދޮޅަހަކަށް މީހުންތޯ-؟"
"އާދެ- އެއީ..."
"އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ އެހައި މަދު މީސްކޮޅަކަށް ބޭސްކުރައްވައިފައި އެމްޕީޑީގެ ތަޖުރިބާކާރަކަށް ވެވަޑައިގަތީ ކިހިނެއްތޯއޭ-؟ އެމްޕީޑީއަކީ އޮންނަ ބައްޔެއްކަން ނުވަތަ ނޫންކަން ސާބިތުވާނޭ ކަމެއް ދެއްކެވިދާނެތޯ-؟"
"ސާބިތުކުރުމަކީ..."
"ޑޮކްޓަރ- މިހާރު ތިޔަ ހުންނެވީ ޝަރީޢަތުގެ މަޖިލީހެއްގައި- ފޮތްފޮތުގައި ލިޔެފައި ހުންނަ އެއްޗެއްގެ މައްޗަށް ނުވަތަ ހަމައެކަނި ނަޒަރިއްޔާއެއްގެ މައްޗަކަށް ޖޫރީންނެއް މައްސަލައެއް ނުނިންމާނެ- މިސާލަކަށް އޭޝްލީ އެ މީހުން މަރައިލީ އެ މީހުން ދެކެ އައި ގަދަ ރުޅިއެއްގެ ސަބަބުން ކަމަށް ވެދާނެ- ފަހުން އެކަން ވިސްނިގެން ތިޔަ ވިދާޅުވާ އެމްޕީޑީގެ ނިވަލަށް ވަދެ ފިލަން ބޭނުންވީ ކަމަށް ވެދާނެ-"
"އެކަމަކު..."
ޑޭވިޑް އަނެއްކާވެސް ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން- ދައުލަތުގެ ވަކީލު ހެކިން ލަވަމުން ގެންދަވަނީ..."
"ދައުލަތުގެ ވަކީލު ކުރިއަށް ގެންދަވާ-"
"ޢިއްޒަތްތެރި ފަނޑިޔާރު..."
"މިސްޓަރ ސިންގަރ- އިށީންނަވާ-"
ޑޭވިޑް ރުޅިވެރިކަމާއެކު ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލައިފައި އިށީނދެއްޖެއެވެ.
"ޑޮކްޓަރ- ތިޔަ ވިދާޅުވަނީ އެމްޕީޑީ ސާބިތުކުރެވޭނޭ އެއްވެސް ގޮތެއް ނެތޭތޯ-؟"
"އާދެ- އެކަމަކު..."
ބްރެނަން ބޯޖަހައިލިއެވެ. "ޝުކުރިއްޔާ ޑޮކްޓަރ- އަޅުގަނޑުގެ ސުވާލުތައް ނިމުނީ-"
މިހާރު ހެކިންގެ ކޮށިގަނޑުގައި ހުރީ ޑޮކްޓަރ ސަލެމްއެވެ.
ޑޭވިޑް ސުވާލުކުރަން ފެށިއެވެ. "ޑޮކްޓަރ ސަލެމް- އޭޝްލީ ޕެޓަރސަން ބެއްލެވިންތޯ-؟"
"އާދެ- ބެލިން-"
"ނަތީޖާއަކީ ކޮބައިތޯ-؟"
"މިސް ޕެޓަރސަންއަށް ވަނީ އެމްޕީޑީ ޖެހިފައި- އޭނާގެ ހަށިގަނޑުގައި އެހެން ދެ ނަމެއް ކިޔާ ދެ ޝަޚްސިއްޔަތަކު އުޅޭ- އެކަކުގެ ނަމަކީ ޓޮނީ ޕްރެސްކޮޓް- އަނެއް މީހާގެ ނަމަކީ އެލެޓް ޕީޓަރސް-"
"އެ މީހުންގެ މައްޗަށް އޭޝްލީގެ ބާރު ހިނގާތޯ-؟"
"ނޫން- އެއްވެސް ބާރެއް ނުހިނގާ- އެއިން މީހަކު ބާރުހިންގަން ފެށީމާ އޭޝްލީގެ ޙާލަތު މުޅިން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދޭ-"
"ޑޮކްޓަރ ސަލެމް- ތިޔަ ވިދާޅުވި އެއްޗެއް ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެދެއްވަފާނަންތޯ-؟"
"އެއިން މީހަކު ބާރުހިންގަން ފެށީމާ ހުރެވޭ ތަނެއް، ކުރެވޭ ކަމެއް އޭޝްލީއަކަށް ނޭނގޭ- އެ ޙާލަތުގައި ބަލިމީހާ ހުންނަ މުއްދަތަކީ ކަނޑައެޅިގެން އެނގޭ މުއްދަތެއް ނޫން- ދެތިން ގަޑިއިރަށް ނޫނީ، ދެތިން ދުވަހަށް ނޫނީ އެތައް މަސް ދުވަހަކަށް ވެސް ދެމިގެން ހިނގައިދާނެ-"
"ތިޔަ ވިދާޅުވާ މުއްދަތުގެ ތެރޭގައި ކުރާ ކަންތައްތަކަށް އަސްލު މީހާ ޒިންމާވާންޖެހޭނެތޯ-؟"
"ނޫން- ނުޖެހޭނެ-"
"ޝުކުރިއްޔާ ޑޮކްޓަރ-" ޑޭވިޑް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"
ބްރެނަން ބުންޏެވެ. "ޑޮކްޓަރ ސަލެމް- އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތައް ހޮސްޕިޓަލަކަށް ވަޑައިގެން މީހުން ބައްލަވައި، ލަފާ ދެއްވައި ހައްދަވަމު- އަދި އެކި ސެމިނަރތަކަށާއި، ބައްދަލުވުންތަކަށް ވަޑައިގެން ވާހަކަފުޅު ވެސް ދައްކަވަމު- އެހެންނޫންތޯ-؟"
"އާދެ- ތިޔައީ ތެދުފުޅެއް-"
"އަޅުގަނޑު ދެކޭ ގޮތުގައި މަނިކުފާނުގެ ދަށުގައި މަސައްކަތްކުރާ ޑަކްޓަރުންނަކީ ފެންވަރު ރަނގަޅު، ޤާބިލް ޑަކްޓަރުން- އެހެންނޫންތޯ-؟"
"އާދެ-"
"އެމްޕީޑީއަކީ އެ ހުރިހައި އެންމެން އެއްބަސްވާ މައްސަލައެއްތޯ-؟"
"ނޫން-"
"ކީކޭތޯ-؟"
"ބައެއް މީހުން އެއްބަހެއްނުވޭ-"
"ތިޔަ ވިދާޅުވަނީ އެމްޕީޑީއަކީ އޮންނަ ބައްޔެއް ކަމަކަށް އެ މީހުން އެއްބަހެއް ނުވެއޭތޯ-؟"
"އާދެ-"
"އެހެން ކަމަށް ވަންޏާ އެ މީހުން ނުބައީތޯ-؟"
"އެމްޕީޑީގެ ބަލިމީހުންނަށް އަޅުގަނޑު ފަރުވާދިނިން- އެހެންވީމާ އެއީ އޮންނަ ބައްޔެއްކަން އަޅުގަނޑަށް އެނގޭ- އެހެން..."
"އަޅުގަނޑު އެހެން ސުވާލެއް ދަންނަވައިލާނަން- އެމްޕީޑީއަކީ އޮންނަ ބައްޔެއް ކަމަށް ވަނީ ނަމަ މީހެއްގެ ހަށިގަނޑުގައި އުޅޭ ދެތިން މީހުންގެ ތެރެއިން އަސްލު މީހާގެ މައްޗަށް ބާރު ހިންގާނީ އެ ތަނުން އެކަކުތޯ-؟ އެ މީހަކު، މީހަކު މަރައިލާށޭ ބުނުމާއެކު އަސްލު މީހާ އެ ގޮތަށް ކަންތައް ކުރާނެތޯ-؟"
"އެކި މީހުންނަށް ވަނީ އެކި ގޮތް- ބާރުވެސް ހިންގޭނީ އެކި މިންވަރަށް-"
"އޭގެ މާނައަކީ އަސްލު މީހާގެ ބާރު ހިނގުމަކީ ވެސް އެކަށީގެންވާ ކަމަކޭތޯ-؟"
"ބައެއް ފަހަރަށް އެހެންވެސްވޭ-"
"ގިނަ ފަހަރަށް ވަނީ އެހެންތޯ-؟"
"ނޫން-"
"ޑޮކްޓަރ- އެމްޕީޑީއަކީ އޮންނަ ބައްޔެއް ކަމުގެ ހެއްކަކީ ކޮބައިތޯ-؟"
"ހިޕްނޮޓައިޒްކޮށްގެން ބަލިމީހުންނަށް އަންނަ ބަދަލު އަޅުގަނޑު އެތައް ފަހަރަކު ބަލައިފިން- އެހެންވީމާ އަޅުގަނޑަށް އެނގޭ..."
"އެއީ އޮންނަ ބައްޔެކޭ ވިދާޅުވަނީ ތިޔަ ވިދާޅުވި ކަންތަކުގެ މައްޗަށް ބިނާކުރައްވައިގެންތޯ-؟"
"އާދެ-"
"ޑޮކްޓަރ ސަލެމް- ހޫނުކޮޓަރިއެއްގެ ތެރޭގައި މީހަކު ހިޕްނޮޓައިޒް ކުރެއްވުމަށް ފަހު ކަލޭ ތިޔަ އިނީ ދުނިޔޭގެ އުތުރު ދަނޑީގައޭ ވިދާޅުވެއްޖެ ނަމަ އެ މީހާ ހީކަރުވާނެތޯ-؟ ހަށިގަނޑުގެ ހޫނުމިނަށް ބަދަލުއަންނާނެތޯ-؟"
"އާދެ- އަންނާނެ- އަދި..."
"އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"
ޑޭވިޑް ތެދުވެއްޖެއެވެ. "ޑޮކްޓަރ ސަލެމް- އޭޝްލީ ޕެޓަރސަންގެ ހަށިގަނޑުގައި އެހެން ދެ ޝަޚްސިއްޔަތަކު އުޅޭ ކަމާ މެދު އެއްވެސް ކަހަލަ ޝައްކެއް އެބައޮތްތޯ-؟"
"ނޫން- އެއްވެސް ޝައްކެއް ނެތް- އެ ޝަޚްސިއްޔަތުތަކަކީ އޭޝްލީގެ މައްޗަށް ފުރިހަމަ ބާރު ހިންގާ ބައެއް-"
"އޭޝްލީއަކަށް އެއިން އެއްވެސް ކަމެއް ހަމަ ނޭނގެނީތޯ-؟"
"އާދެ- އެއްވެސް ކަމެއް ނޭނގޭ-"
"ޝުކުރިއްޔާ-"
"ދެން އަޅުގަނޑު ބޭނުންވަނީ ޝޭން މިލަރ ގެންނަން-" ޑޭވިޑް ބުންޏެވެ. "މިސްޓަރ ޝޭން މިލަރ- ކުރައްވާ މަސައްކަތަކީ ކޮބައިތޯ-؟"
"އަޅުގަނޑަކީ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނުގައި ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރާ މީހަކީން-"
"އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ ކިތައް އަހަރު ވެއްޖެތޯ-؟"
"ގާތްގަނޑަކަށް ހަތް އަހަރު ވެދާނެ-"
"އޭޝްލީ ޕެޓަރސަން ވަޒީފާ އަދާކުރަނީ އެ ތާނގައިތޯ-؟"
"އާދެ-"
"އޭނާ މަސައްކަތްކުރީ ޝޭންގެ ބެލުމުގަ ދަށުގައިތޯ-؟"
"އާދެ-"
"އެހެންވީމާ ވަރަށް ރަނގަޅަށް އޭނާ އެނގިވަޑައިގަންނަވާނެތާ-"
"އާދެ-"
"މިސްޓަރ މިލަރ- އެމްޕީޑީގެ ބަލިމީހުންގެ ކިބައިން ފެންނަ ބައެއް ކަންތައްތަކުގެ ވާހަކަ މި ކޯޓުގައި ދެކެވުނު އަޑުއައްސަވާނެ- އޭގެތެރޭގައި ހާސްވުމާއި، ފިކުރުބޮޑުވުން ފަދަ ކަންތައްތައް ހިމެނޭ- މިއިން އެއްވެސް ކަމެއް މިސް ޕެޓަރސަންގެ ފުށުން ދެކެވަޑައިގަތިންތޯ-؟"
"އަޅުގަނޑު..."
"ކޮންމެވެސް މީހަކު ފަހަތުން އަޅައިގަނެގެން އުޅޭހެން ހީވާ ވާހަކަ މިސް ޕެޓަރސަންއެއް ނުބުނޭތޯ-؟"
"ނޫން- ބުނި-"
"އެއީ ކާކުކަމެއް ނޭނގޭ ވާހަކައާއި، ކީއްކުރަން އުޅޭ މީހަކުކަން ނޭނގޭ ވާހަކަ ވެސް ބުނިތޯ-؟"
"އާދެ-"
"އޭނާގެ ކޮމްޕިއުޓަރު ބޭނުންކޮށްގެން އޭނާ ބިރުގަންނަވަން މީހަކު އުޅޭ ވާހަކަ ބުނިތޯ-؟ ވަޅިއެއް ކުރަހައިފައި ހުރި ވާހަކަ ބުނިތޯ-؟"
"އާދެ-"
"ކަންތައްގަނޑު މާ ބޮޑުވެގެން ދިޔައީމާ ކުންފުނީގެ ސައިކޮލޮޖިސްޓާ މަޝްވަރާކުރަން އޭނާ ފޮނުއްވިންތޯ-؟"
"އާދެ- ފޮނުވިން-"
"އެހެންވީމާ އަޅުގަނޑުމެން މި ތާނގައި މި ކިޔާ ކަންތައްތަކުގެ ނިޝާން އޭނާގެ ފުށުން ފެންނަނީ- އެހެންނޫންތޯ-؟"
"އާދެ-"
"ޝުކުރިއްޔާ މިސްޓަރ މިލަރ-" ޑޭވިޑް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"
"މިސްޓަރ މިލަރ- މަނިކުފާނުގެ ދަށުން މަސައްކަތް ކުރާ ކިތައް މުވައްޒަފުން ތިބޭތޯ-؟"
"ތިރީސް-"
"އެ ތިރީސް މީހުންގެ ތެރެއިން ކަމަކާ ހާސްވެފައި ހުއްޓާ ފެނިވަޑައިގެންފައިވަނީ އޭޝްލީ ޕެޓަރސަން އެކަނިތޯ-؟"
"ނޫން-"
"އެހެންތޯ-؟"
"ކޮންމެ މީހަކުވެސް ހާސްވާނެ- ހާސްވާ ކަހަލަ ކަމަކާ ދިމާނުވާ މީހަކު ނޫޅޭނެ-"
(ނުނިމޭ)
Vv.reethi upkohdhevahchey