ހުވަފެން - 31

(5 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޑޭވިޑް ބުންޏެވެ. "ނޭނގޭ- އޭނާ ބޭނުންވީ އަހަރެން މައްސަލަ އަނބުރާ ގެންނަން- އޭނާ ބުނި ގޮތަށް ހެދުނުނަމަ މާރަނގަޅުވީސް ކަންނޭނގެ-"

އެ ދުވަހުގެ ހުރިހައި ޓީވީ ޗެނަލަކުން ފޮނުވަމުން ގެންދިޔައީ އެ ޚަބަރެވެ. ޑޭވިޑް ބަލިވީ ޚަބަރެވެ. ޤާނޫނީ މާހިރުން އެކި ޕްރޮގްރާމްތަކަށް އައިސް ވާހަކަދައްކަމުން ދިޔައެވެ.

"ދިފާޢީ ވަކީލަކު އޭނާ ދިފާޢުކުރަމުންދާ މީހަކާ ދިމާއަށް އެހައި ބާރަށް ހަޅޭއްލެވި އަޑެއް އަޅުގަނޑު ދުވަހަކުވެސް ނާހަން- ކޯޓުގައި ތިބި އެންމެން ތިބީ ޙައިރާންވެފައި- ބުނާނޭ އެއްޗެއް ނޭނގިފައި- އަޅުގަނޑު ދަންނަވާނީ އެއީ ޤާނޫނީ ދާއިރާގައި ހިނގި ވަރަށް ހުތުރު ޢަމަލެކޭ-"

އޭނާ އެހެން ޗެނަލަކަށް ބަދަލުކޮށްލިއެވެ. އޭނާގެ ހިތަށްއެރިއެވެ. މި ވަނީ ކީއްބާވައެވެ؟ އަހަރެން ކުޑައިރު އަޑުއެހި ވާހަކަތަކަކީ ދޮގުވާހަކަތަކެއް ހެއްޔެވެ؟ ވާހަކަތަކުގައި އެ އަންނަ އުފާވެރި ނިމުން ކޮބައިހެއްޔެވެ؟ އެ މީހުން އޭޝްލީ ދަންޖައްސައި މަރައިލާނެއެވެ. އަހަރެންގެ ސަނަދުތަކާއި، ހުއްދަތައް ބާޠިލުކުރާނެއެވެ. އަހަރެންގެ ދަރިފުޅު ދުނިޔެއަށް އަންނާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ހަމަ މި ވަގުތު ވެސް އަތުވެދާނެއެވެ. އަހަރެން ހުންނަން މި ޖެހެނީ ވަޒީފާއެއް ނެތިފައެވެ.

ރޭގަނޑުގެ ފުރަމެންދަމެވެ. އޭނާ އިނީ ހޮޓަލުގެ ކޮޓަރީގައެވެ. ހުރިހައި ބޮތްކެއް ނިއްވައިލައިގެން އަނދިރިކަމުގެ ތެރެއަށް ނަޒަރު ދޫކޮށްލައިގެންނެވެ. މިއީ އޭނާގެ ޙަޔާތުގައި ދިމާވީ އެންމެ ބަދުނަޞީބު ވަގުތުކޮޅެވެ. އެންމެ ސުންޕާ ދުވަސްވަރެވެ. އޭނާގެ ސިކުނޑީގައި ނިއުޅުވެމުން ފެންނަމުން ދަނީ ކޯޓުގައި އެންމެ ފަހުން ހޭދަކުރި ދުވަހެވެ. އިވެމުންދަނީ ފަނޑިޔާރު ވިލިއަމްސްގެ އަޑެވެ. "މި ކޯޓުގައި އޭނާ ހިޕްނޮޓައިޒްކުރުމުގެ ހުއްދައެއް ނުދޭނަން- އެއްގޮތަކަށް ވެސް ކޮށްގެންނުވާނެ-"

ކޯޓުގައި އޭޝްލީ ހިޕްނޮޓައިޒްކުރުމުގެ ހުއްދަ ދިންނަމަ މައްސަލަ މި ގޮތަކަށް ނިމިގެންނެއް ނުދިޔައީހެވެ. އެކަމަކު ދެން ކުރާނޭ ކަމެއް ނެތެވެ. މިހާރު މާލަސްވެއްޖެއެވެ. ހުރިހައި ކަމެއް ނިމިއްޖެއެވެ.

އެކަމަކު އޭނާގެ ސިކުނޑީގެ ކޮންމެވެސް ކަނަކުން މަޑުމަޑު އަޑެއް ނުކުތެވެ. ހުރިހައި ކަމެއް ނިމުނީއޭ ބުނީ ކާކު ހެއްޔެވެ؟ އަދި ޙުކުމެއް ނީއްވައެވެ.

އެކަމަކު... އަހަންނަކަށް އެއްވެސް އަލިމަގެއް ފެންނާކަށް ނެތެވެ.

އޭޝްލީގެ އެއްވެސް ކުށެއް ނެތެވެ. ކަލޭ ތިޔަ ހުންނަނީ އޭނާ މަރައިލަން އެ މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެން ހެއްޔެވެ؟

އަހަރެންގެ ޙާލުގެ މައްޗަށް އަހަރެން ދޫކޮށްލާށެވެ. އުނދަގޫ ނުކުރާށެވެ.

ފަނޑިޔާރު ވިލިއަމްސްގެ އަޑު އޭނާގެ ސިކުނޑިއަކުން ފިލައިގެންނެއް ނުދިޔައެވެ. "މި ކޯޓުގައި އޭނާ ހިޕްނޮޓައިޒްކުރުމުގެ ހުއްދައެއް ނުދޭނަން-"

އޭނާގެ ސިކުނޑީގައި މެދުނުކެނޑި ގުގުމަމުން ދިޔައީ މި ޖުމްލައިގެ ފެށުމެވެ. "މި ކޯޓުގައި... މި ކޯޓުގައި..."

އޭގެ ކުޑައިރުކޮޅެއް ފަހުން ޑޭވިޑް ގޮސް ވަން ތަން ފެންނަނީ އާސާރީ ތަކެތި ވިއްކާ ފިހާރައަކަށެވެ.

ފިހާރައިގެ ސޭޓު އަހައިލިއެވެ. "މިސްޓަރ ސިންގަރ- ހޯއްދަވަނީ ކޯޗެއްތޯ-؟" އޭނާއަށް ޑޭވިޑް އެނގެއެވެ.

"އަހަރެން މި އުޅެނީ ފަށްޖެހޭ ކަހަލަ ޗައިނީޒް ސްކްރީނެއް ނުލިބިގެން- އެ ކަހަލަ އެއްޗެއް ނެތްތަ-؟"

"އެބަހުރި- އެކަމަކު އެހައި ކުރީގެ އެއްޗެއް އޮތްހެންނެއް ހިއެއްނުވޭ-"

"އޮތް އެއްޗެއް ދައްކާލަފާނަންތަ-؟"

"އާދެ-" އޭނާ ޑޭވިޑް ގޮވައިގެން ގޮސް ވަނީ ޗައިނީޒް ސްކްރީން ބަހައްޓައިފައި ހުރި ކޮޓަރިއަކަށެވެ. އެ ތަނުން އެއް ސްކްރީން ދައްކާފައި އޭނާ ބުނެލިއެވެ. "މިއީ ގާތްގަނޑަކަށް..."

"ތިޔަ އެތި ރަނގަޅު-" ޑޭވިޑް ބުންޏެވެ.

"އާދެ- އަޅުގަނޑު މި ފޮނުވާނީ ކޮން ތަނަކަށްތޯ-؟"

"އަހަރެން ދާނީ ތިޔަ ހިފައިގެން-"

ދެން އޭނާ ދިޔައީ ހާޑްވެއަރ ވިއްކާ ފިހާރަ އަކަށެވެ. އެ ތަނުން ގަތީ ސްވިސް ނައިފޭ މި ކިޔާ ވައްތަރުގެ ފިޔޮއްސެކެވެ. އޭގެ ފަނަރަ ވަރަކަށް މިނިޓް ފަހުން ފެންނަނީ ޑޭވިޑް އެއްކަލަ ސްކްރީން ހިފައިގެން ކޯޓުގެ ޢިމާރާތުގެ ތެރެއަށް ވަންނަ ތަނެވެ. ޢިމާރާތުގެ އެތެރޭގައި ބަލަހައްޓަން ހުރި މީހާޔާ އޭނާ ވާހަކަ ދައްކާލިއެވެ. "އަހަރެން އޮންނާނީ އޭޝްލީ ޕެޓަރސަންއާ ބައްދަލުކުރަން ވަގުތު ހަމަޖައްސާފައި- ފަނޑިޔާރު ގޯލްޑްބާރގްގެ ކޮޓަރި ބޭނުންކުރުމުގެ ހުއްދަ އަހަންނަށް އޮތީ ދީފައި- އޭނާ މިއަދަކު ނާންނާނެ-"

ބަލަހައްޓާ މީހާ ބުނެލިއެވެ. "އާދެ- ހުރިހައި ކަމެއް ހުރީ ތައްޔާރަށް- އަޅުގަނޑު ތިޔަ އެއްޗެތި ގެންދަން މީހަކަށް ގޮވައިލާނަން- ޑޮކްޓަރ ސަލެމްއާއި، އަދިވެސް އެހެން މީހަކު އެ ކޮޓަރީގައި އެބަތިއްބެވި-"

"ޝުކުރިއްޔާ-"

ޑޭވިޑް ލިފްޓާ ދިމާއަށް ދިޔަ ތަން ބަލަން ހުރި އިރު ޢިމާރާތް ބަލަހައްޓާ މީހާގެ ހިތަށްއެރިއެވެ. އެއީ ހަމަ ފައްކާ މޮޔައެކެވެ.

ފަނޑިޔާރު ގޯލްޑްބަރގްގެ ކޮޓަރިއަކީ އަރާމު ކޮޓަރިއެކެވެ. ކުޑަދޮރަކާ ދިމާވާ ގޮތަށް މޭޒެއް ހުއްޓެވެ. އެ މޭޒުގެ ކައިރީގައި އެނބުރޭ ގޮނޑިއެއް ހުއްޓެވެ. އެއްފަރާތު ފާރުކައިރީގައި ސޯފާއަކާއި، ހައެއްކަ ގޮނޑި ހުއްޓެވެ. ޑޭވިޑް ވަން އިރު ޑޮކްޓަރ ސަލެމްއާއި، އިތުރު އެހެން މީހަކު ކޮޓަރީގައި ހުއްޓެވެ.

"ލަސްވީތީ މަޢާފަށް އެދެން-" ޑޭވިޑް ބުނެލިއެވެ.

ޑޮކްޓަރ ސަލެމް ބުންޏެވެ. "މިއީ ހޫގް އައިވަރސަން- ޑޭވިޑް ބޭނުންވެގެން އުޅުނު ތަޖުރިބާކާރަކީ މިއީ-"

ދެ މީހުން އަތާއި، އަތްގުޅުވާ ސަލާންކޮށްލިއެވެ. "އަވަހަށް ފަށަމާހިނގާ-" ޑޭވިޑް ބުނެލިއެވެ. "އޭޝްލީ މިހާރު އެބައާދޭ-"

އޭނާ ހޫގް އައިވަރސަންއާ ދިމާއަށް ބަލައިލައިފައި ކޮޓަރީގެ އެއް ކަނަކަށް އިޝާރާތްކޮށްލިއެވެ. "އެ ތަން ކިހިނެއްވާނެ-؟"

"ރަނގަޅުވާނެ-"

އައިވަރސަން މަސައްކަތް ފަށައިފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޯޓުގެ ގާޑަކާއެކީ އޭޝްލީ އަތުވެއްޖެއެވެ.

"އަޅުގަނޑަށް އަންގައިފައި އޮތީ މި ކޮޓަރީގައި ހުންނަން-" ގާޑު ބުނެލިއެވެ.

ޑޭވިޑް ބޯޖަހައިލިއެވެ. "މައްސަލައެއް ނެތް-" އޭނާ ދެން ބަލައިލީ އޭޝްލީއާ ދިމާއަށެވެ. "އިށީނދޭ-"

އޭޝްލީ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "ކަންތައްތައް ހިނގައި ދިޔައީ މުޅިން ރަނގަޅަކަށް ނޫން- އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން- އޭޝްލީއަށް އަހަރެންގެ ސަބަބުން ލިބޭ ގެއްލުމަށް އަހަރެން މަޢާފަށް އެދެން-"

އޭޝްލީ ބޯޖަހައިލިއެވެ.

"އެކަމަކު އަދި ހުރިހައި ކަމެއް ނުއެއް ނިމޭ- އުންމީދެއް ނުގެއްލޭ- އަދިވެސް ކުރިއަތުލެވިދާނެ-"

އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ވާހަކަ ޤަބޫލެއް ނުކުރަމޭ ބުނާ ކަހަލައެވެ.

"އޭޝްލީ- އަހަރެން މި އުޅެނީ ޑޮކްޓަރ ސަލެމް ލައްވާ އަދި އެއްފަހަރު އޭޝްލީ ހިޕްނޮޓައިޒްކުރުވަން-"

"ނޫން- މިހާރަކު ކުރާނޭ ފައިދާ..."

"އަހަންނަށްޓަކައި މި ފަހަރު އެއްބަސްވޭ-"

އޭޝްލީ ބޯޖަހައިލިއެވެ.

ޑޮކްޓަރ ސަލެމް އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "މީގެ ކުރިންވެސް އަހަރެމެން މި ކަންތައް ކޮށްފިން- އެހެންވީމާ ހަދަންވާ ގޮތް އޭޝްލީއަށް މިހާރު އެނގޭނެ- ކުރަންޖެހޭނެހައި ވެސް ކަމަކީ ލޯމަރައިލައިފައި މުޅިން ހަމަޖެހިލުން- މުޅި ހަށިގަނޑުން ވާގިދޫކޮށްލާ- ފިކުރުހުސްކޮށްލާ- ހަމަޖެހިގެން ނިދާލާ- މިހާރު ނިދިއަންނަނީ... ވަރުދެރަވަނީ..."

ދިހަ ވަރަކަށް މިނިޓް ފަހުން ޑޮކްޓަރ ސަލެމް ޑޭވިޑާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "މިހާރު އެހެރީ މުޅިން ނިމިފައި- ކުރިއަށް ގެންދޭ-"

ޑޭވިޑް އޭޝްލީއާ ކައިރިއަށް ޖެހިލިއެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"އަހަރެން ބޭނުމީ ޓޮނީއާ ވާހަކަދައްކަން-"

އެއްވެސް ޚަބަރެއް ނުވިއެވެ. ޙަރަކާތެއްވެސް ނެތެވެ.

ޑޭވިޑް ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ޓޮނީ- އަހަރެން ކަލެޔާ ވާހަކަދައްކަން ބޭނުން- އަހަރެންގެ އަޑު އެބައިވޭތަ-؟ އެލެޓް- އަހަރެން ކަލެޔާ ވެސް ވާހަކަދައްކަން ބޭނުން-"

ޚަބަރެއް ނުވިއެވެ.

ޑޭވިޑް ހަޅޭއްލަވަންފަށައިފިއެވެ. "ކިހިނެއްވީ-؟ ބިރުގަންނަނީތަ-؟ ކޯޓުގައިވެސް ވީ އެހެންދޯ-؟ ބިރުން ވާހަކަދައްކަން ނުކެރުނީ-؟ ޖޫރީ ދެއްކި ވާހަކަ އަޑުއެހިންތަ-؟ އޭޝްލީއަކީ ކުށްވެރިއެއް- ކަލޭމެންނަށް ކޯޓުގައި ވާހަކަދައްކަން ނުކެރުނީ ބިރުން- ޓޮނީ- ކަލެއަކީ ފިނޑިއެއް-"

ތިން މީހުން ވެސް ބަލަން ތިބީ އޭޝްލީއާ ދިމާއަށެވެ. އޭނާގެ އެއްވެސް ޙަރަކާތެއް ނެތެވެ. ޑޭވިޑް އުންމީދު ގެއްލިފައިވާ ކަހަލަ ގޮތަކަށް ޑޮކްޓަރ ސަލެމްއާ ދިމާއަށް ބަލައިލިއެވެ. މި ފަހަރަކު އެއްވެސް ފައިދާއެއް ނުކުރިއެވެ.

ޝަރީޢަތުގެ މަޖްލިސް ފެށިއްޖެއެވެ.

އޭޝްލީ އިށީނދެގެން އިނީ ޑޭވިޑާ ޖެހިގެން ހުރި ގޮނޑީގައެވެ. ޑޭވިޑްގެ އަތް ހުރީ ބެންޑޭޖްކޮށްފައެވެ.

ޑޭވިޑް ތެދުވެއްޖެއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- އަޅުގަނޑު ވާހަކައެއް ދަންނަވައިލަން ބޭނުން-"

"މި ކޮޅަށް ވަޑައިގަނޭ-"

ޑޭވިޑް ފަނޑިޔާރުގެ މޭޒުދޮށަށް ހިނގައްޖެއެވެ. ބްރެނަން ވެސް އޭނާގެ ފަހަތުން ދިޔައެވެ.

ޑޭވިޑް ބުނެލިއެވެ. "މި މައްސަލައާ ގުޅޭ އިތުރު ހެއްކެއް ހުށަހަޅަން އަޅުގަނޑު ބޭނުން-"

"އެއްގޮތަކަށް ވެސް އެ ކަމަށް ހުއްދަ ދެއްވައިގެން ނުވާނެ-" ބްރެނަން ދެކޮޅު ހެދިއެވެ.

ފަނޑިޔާރު ވިލިއަމްސް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "މިސްޓަރ ބްރެނަން- ހަދަންވާ ގޮތެއް ނިންމާނީ އަޅުގަނޑު- ދެން އޭނާ ބަލައިލީ ޑޭވިޑާ ދިމާއަށެވެ. ޝަރީޢަތް ނިމިއްޖެ- އޭޝްލީގެ މައްސަލަ ސާބި..."

"މިއީ އޭޝްލީގެ ސިކުނޑީގެ ޙާލަތު ހުރި ގޮތް ބެލުމާ ގުޅިފައި އޮތް ކަމެއް-" ޑޭވިޑް ބުނެލިއެވެ. "އަޅުގަނޑު ބޭނުންވަނީ ދިހަ ވަރަކަށް މިނިޓް-"

ފަނޑިޔާރު ވިލިއަމްސް ރުޅިވެރި ކަމާއެކު ބުނެލިއެވެ. "މިސްޓަރ ސިންގަރ- ވަގުތަކީ އެހައި އަގެއް ހުރި އެއްޗަކަށް ނުބައްލަވަނީތޯ-؟ މިހާރުވެސް އަޅުގަނޑުމެން އެންމެންގެ ވަގުތު ވަރަށް ބޮޑަށް ނަންގަވައިލައްވައިފީމު-" މިހެން ބުނެފައި އޭނާ ނިންމި ގޮތް ބުނެލިއެވެ. "އެންމެ ރަނގަޅު- ޝަރީޢަތުގެ މަޖިލީހެއްގައި މިސްޓަރ ސިންގަރއަށް ދެއްކެވޭނޭ އެންމެ ފަހުގެ ވާހަކައަށް މި ވާހަކަ ވުމަކީ އަޅުގަނޑުގެ އެދުމެއް- ދިހަ މިނިޓަށް ޝަރީޢަތުގެ މަޖްލިސް މެދުކެނޑުނީ-"

ޑޭވިޑާއި، ބްރެނަންއާއި، ފަނޑިޔާރު ވިލިއަމްސް ގޮސް ވަނީ ފަނޑިޔާރަށް ޚާއްޞަ ކޮޓަރިއަށެވެ.

ވިލިއަމްސް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑު މި އަރުވަނީ އެންމެ ދިހަ މިނިޓް- އަވަހަށް ވިދާޅުވޭ-"

"އަޅުގަނޑު ބޭނުންވަނީ ޢިއްޒަތްތެރި ފަނޑިޔާރަށް ފިލްމެއް ދައްކަން-"

ބްރެނަން އަވަސްއަވަހަށް ބުނެލިއެވެ. "ތިޔަ ކަމަކާ މި މައްސަލައާ ހުރި ގުޅުމެއް އަޅުގަނޑަކަށް ނުފެނޭ-"

ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ. "އަޅުގަނޑަކަށް ވެސް ނުފެނޭ- މިހާރު ބާކީ އޮތީ ނުވަ މިނިޓް- ނުވަ މިނިޓްގެ ތެރޭގައި ކުރައްވާ ކަމެއް ކުރައްވާ-"

ޑޭވިޑް ދިގުފިޔަވަޅުތަކެއް އަޅަމުން ހިނގައިފައި ގޮސް އެ ކޮޓަރިން ހޯލަށް ނުކުމެވެން ހުންނަ ދޮރުހުޅުވައިލިއެވެ. "ވަދޭ-"

އެ ދޮރުން ވަދެގެން އެހެރަ އަންނަނީ ހޫގް އައިވަރސަންއެވެ. އޭނާގެ އަތުގައި އޮތީ ސޯޅަ މިލިމީޓަރުގެ ޕްރޮޖެކްޓަރަކާއި، އިސްކިރީނެކެވެ. "މި ބަހައްޓާނީ ކޮންތާނކު-؟"

ޑޭވިޑް ކޮޓަރީގެ އެއް ކަނަކަށް އިޝާރާތްކޮށްލިއެވެ. "އެ ތާނގައި-"

އޭނާ ގޮސް އެ ދެއްކި ތާނގައި ޕްރޮޖެކްޓަރު ބަހައްޓައިފައި، ކަރަންޓާ ގުޅައިލިއެވެ. އަދި އިސްކިރީނު ގެންގޮސް ދުރުގައި ބަހައްޓައިލިއެވެ.

"ދޮރުފޮތިތައް ވައްޓައިލިޔަސް އެންމެ ރަނގަޅުތޯ-" ޑޭވިޑް އަހައިލިއެވެ.

ފަނޑިޔާރު ވިލިއަމްސްއަށް އޭނާގެ ރުޅިގަނޑު މައިތިރިކުރެވުނީ ލައްކަ މަސައްކަތުންނެވެ. "އާދެ- ވައްޓަވައިލައްވާ- އޭނާ ގަޑިއަށް ބަލައިލިއެވެ. މިހާރު އޮތީ ހަތް މިނިޓު-"

ޕްރޮޖެކްޓަރު ހިންގައިލައިފިއެވެ. އިސްކިރީނުން ފެންނަނީ ފަނޑިޔާރު ގޯލްޑްބާރގްގެ ކޮޓަރިއެވެ. އޭޝްލީ އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. ޑޭވިޑާއި، ޑޮކްޓަރ ސަލެމްއާ ދެ މީހުން ތިބީ އޭޝްލީއާ ދިމާއަށް ބަލާށެވެ.

ޑޮކްޓަރ ސަލެމް ޑޭވިޑާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "މިހާރު އެހެރީ މުޅިން ނިމިފައި- ކުރިއަށް ގެންދޭ-"

ޑޭވިޑް އޭޝްލީއާ ކައިރިއަށް ޖެހިލިއެވެ.

"އަހަރެން ބޭނުމީ ޓޮނީއާ ވާހަކަދައްކަން-"

އެއްވެސް ޚަބަރެއް ނުވިއެވެ. ޙަރަކާތެއް ވެސް ނެތެވެ.

ޑޭވިޑް ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ޓޮނީ- އަހަރެން ކަލެޔާ ވާހަކަދައްކަން ބޭނުން- އަހަރެންގެ އަޑު އެބައިވޭތަ-؟ އެލެޓް- އަހަރެން ކަލެޔާ ވެސް ވާހަކަދައްކަން ބޭނުން-"

ޚަބަރެއް ނުވިއެވެ.

ޑޭވިޑް ހަޅޭއްލަވަން ފަށައިފިއެވެ. "ކިހިނެއްވީ-؟ ބިރުގަންނަނީތަ-؟ ކޯޓުގައި ވެސް ވީ އެހެންދޯ-؟ ބިރުން ވާހަކަދައްކަން ނުކެރުނީ-؟ ޖޫރީ ދެއްކި ވާހަކަ އަޑުއެހިންތަ-؟ އޭޝްލީއަކީ ކުށްވެރިއެއް- ކަލޭމެންނަށް ކޯޓުގައި ވާހަކަދައްކަން ނުކެރުނީ ބިރުން- ޓޮނީ- ކަލެއަކީ ފިނޑިއެއް-"

ފަނޑިޔާރު ވިލިއަމްސް ރުޅިއައިސް ފުފިގެން ހުރެ ގޮނޑިން ތެދުވެއްޖެއެވެ. "ނިއްވައިލާ- ތިޔަ ޗަރުކޭސް އަޅުގަނޑު މީގެ ކުރިންވެސް ދެކެފިން- ގަޑިޖެހިއްޖެ- ވަގުތު ހަމަވީ-"

"މަޑުކުރައްވާ-" ޑޭވިޑް ބުނެލިއެވެ. "އަދި މުޅިން..."

"ނިމިއްޖެ-" ފަނޑިޔާރު ވިލިއަމްސް މިހެން ބުނެފައި ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ތެރެއަށް ވެރިގެން ދިޔައީ ލަވައެއްގެ އަޑެވެ. ޓޮނީ ޢާންމުކޮށް ކިޔާ ލަވައިގެ އަޑެވެ.

ފަނޑިޔާރު ވިލިއަމްސް ޙައިރާންވެފައި އެނބުރި ބަލައިލިއެވެ. އިސްކިރީނުން ފެންނަން ހުރި މަންޒަރަށް އޭނާގެ ކަޅި ހުއްޓިއްޖެއެވެ.

އޭޝްލީގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. މިހާރު އެއީ ޓޮނީއެވެ.

ޓޮނީ ރުޅިވެރިކަމާއެކު ބުނެލިއެވެ. "ބިރުގަތީއޭ-؟ ކޯޓުގައި ވާހަކަދައްކަން އަހަރެން ބިރުގަތީއޭ-؟ ކަލޭ ހަމަ ބުނާއިރަށް ނުކުމެ ވާހަކަދައްކަން އަހަރެން މިއީ ކަލޭގެ އަޅެއްތަ-؟ ނޫނީ ނޯކަރެއްތަ-؟"

ފަނޑިޔާރު ވިލިއަމްސް މަޑުމަޑުން އައިސް ގޮނޑީގައި އިށީނދެއްޖެއެވެ.

"އަހަރެން ހުރީ ކޯޓުގައި ތިބި މޮޔައިން ދެއްކި ތާނކުންތާނކު ނުޖެހޭ ވާހަކަ އަޑުއަހަން- އެ މީހުން ބުނީ މަލްޓިޕްލް ޕަރސަނާލިޓީ ޑިސްއޯޑަރއަކީ ހައްދަވައިފައިވާ އެއްޗެއް ނޫނޭ- އެ މީހުންނަށް އެނގެނީ ކޮންއެއްޗެއް- އެއީ ހުސް މޮޔައިން- އެ ވަރުގެ މޮޔަބަޔަކު އަހަރެން..."

އެ މީހުން ބަލަން ތިއްބާ އޭޝްލީގެ މޫނުމަތީގެ ކުލަވަރު އަނެއްކާވެސް ބަދަލުވެއްޖެއެވެ. މިހާރު މޫނުމަތިން ފެންނަނީ ލަދުވެތިކަމުގެ އަސަރެވެ. އެއީ އެލެޓްގެ މިޒާޖެވެ. މިހާރު ވާހަކަދައްކަނީ އޭނާއެވެ. "މިސްޓަރ ސިންގަރ- ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފިކަމަށް އަހަރެން ޤަބޫލުކުރަން- ކޯޓަށް އައިސް ހެކިބަސްދޭން އަހަރެން ބޭނުންވި- އެކަމަކު ޓޮނީ އަހަރެން ދިޔަ ނުދިނީ-"

ފަނޑިޔާރު ވިލިއަމްސް ބުނާނޭ އެއްޗެއް ނޭނގިފައި ބަލަން އިނީއެވެ.

އޭޝްލީގެ މޫނަށް އަނެއްކާވެސް ބަދަލުވެއްޖެއެވެ. "އެއީ ތެދެއް- އަހަރެން އޭނާ ދިޔަނުދިނީ-" ޓޮނީ ބުނެލިއެވެ.

ޑޭވިޑް ބުންޏެވެ. "ޓޮނީ- އޭޝްލީއަށް މަރުގެ ޙުކުމް އިއްވައި އޭނާ މަރައިލައިފިއްޔާ ކަލެއަށް ވާނޭ ގޮތް އެނގޭތަ-؟"

"އޭޝްލީއަކަށް މަރުގެ ޙުކުމެއް ނީއްވާނެ- އޭނާއަށް އޭގެ ތެރެއިން އެކަކު ނުވެސް އެނގޭނެ- ހަނދާނެއް ނެތްތަ-؟"

ޑޭވިޑް ބުނެލިއެވެ. "އެކަމަކު އެލެޓަށް އެ ތިން މީހުންވެސް އެނގޭ- އެލެޓް- އެ މީހުން މަރައިލީ ކަލެއެއްނުން- ދޯ-؟ އެ މީހުންނާ އެކީ ޖިންސީގުޅުން ހިނގައިފައި، ޖިންސީ ގުނަވަން ބުރިކޮށްލައިފައި..."

ޓޮނީ ބުންޏެވެ. "ކަލެއަކީ ބޮޑު މޮޔައެއް- ކަލެއަކަށް އެއްވެސް އެއްޗެއް ނޭނގޭ- އެލެޓަކަށް އެ ކަހަލަ ކަމެއް ކުރާކަށް ނުކެރޭނެ- އެ ތިން މީހުންނަކީ ވެސް ހަމަ މަރައިލަންޖެހޭ ތިން މީހުން- އެ މީހުން ބޭނުންވީ ހަމަ އެންމެ ކަމެއް- އަހަރެންގެ ގަޔަށްއަރަން-" އޭޝްލީގެ ނޭވާ އަވަސްވާން ފަށައިފިއެވެ. "އަހަރެން އެ މީހުންނަށް އެ ކަމުގެ އަދަބުދިނީ- އެހެންނެއް ނޫންތަ-؟ މިހާރަކު އެކަކަށްވެސް އެހެން ހަދާކަށް ނުކެރޭނެ- އަހަރެން ނޫން މީހަކަށް އެކަހަލަ ހިތްވަރުގަދަ ކަމެއް ކުރާކަށް ވެސް ނުކެރޭނެ- އޭޝްލީއަކަށް އަމުދުން ނުކެރޭނެ- އޭނާގެ މައްޗަށް އަންނަ ޙުކުމަކުން އަހަރެމެންނަށް ކުރާނީ ފައިދާއެއް- އަހަރެމެން ތިން މީހުން ގޮސް މޮޔައިން ތިބޭ ތަނެއްގައި އަރާމުކުރާނީ- އަދި..."

ޓޮނީގެ ފުރަގަހުން އަޑެއް އިވިއްޖެއެވެ. އޭނާ އެނބުރި ބަލައިލިއެވެ. "އެއީ ކޯޗެއް-؟"

"އެއްޗެއް ނޫން-" ޑޭވިޑް ބުނެލިއެވެ. "އެއީ..."

ޓޮނީ ތެދުވެގެން ކެމެރާ އާ ދިމާއަށް ދުއްވައިގެންފިއެވެ. އޭނާގެ މޫނުން މުޅި އިސްކިރީނު ފުރިއްޖެއެވެ. އޭނާ ގޮސް ވަރަށް ބާރަށް ކޮންމެވެސް އެއްޗެއްގައި އަޅައިގެންފިއެވެ.

"މި ތާނގައި މިހިރީ ކެމެރާއެއް-" ޓޮނީ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ކަލޭ އަހަންނަށް މަކަރުހެދީ-" ދެން އޭނާ ހުތުރުއެއްޗެތި ކިޔަން ފަށައިފިއެވެ.

ކައިރީގައި ހުރި މޭޒުމަތީގައި ސިޓީއުރަ ކަނޑާ އެއްޗެއް އޮތެވެ. ޓޮނީ އެ ނަގައިގެން ޑޭވިޑާ ދިމާއަށް ދުއްވައިގެންފިއެވެ. "އަހަރެން ކަލޭ މަރައިލާނަން- ކަތިލާނީ-"

ޑޭވިޑް އޭނާ މައިތިރި ކުރެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ކުރެވޭ ގޮތެއް ނުވިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި ސިޓީއުރަ ކަނޑާއެތި ޑޭވިޑްގެ އަތްތިލައަށް ވަދެގެން ހިނގައްޖެއެވެ.

ޓޮނީ އަނެއްކާވެސް ޙަމަލާދޭން އަތްއުފުލައިލިއެވެ. އެހެން ނަމަވެސް މި ފަހަރަކު އެ ފުރުޞަތެއް ނުލިބުނެވެ. ފާރައަށް ހުރި މީހާ ދުވެފައި އައިސް ޓޮނީގެ ގައިގައި ފުރަގަހުން ބައްދައިފިއެވެ. ޓޮނީ ޖެހި ކުއްލިއަކާއެކު އޭނާ ފޮޅުވައިލައިފިއެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުން އެތެރެއަށް ވަނީ ޔުނިފޯމުގައި ހުރި މީހެކެވެ. އެތެރޭގެ މަންޒަރު އޮތް ގޮތް އޭނާއަށް ފެނުމާއެކު އޭނާވެސް ދުވެފައި ގޮސް ބެއްދީ ޓޮނީގެ ގައިގައެވެ. ޓޮނީގެ އެތިފަހަރު ގޮސް އެރީ އޭނާގެ ދަށްބަނޑަށެވެ. ދެން ފެނުނީ އޭނާ ގުޅައަކަށް ވެއްޓިފައި އޮއްވައެވެ. ޔުނިފޯމުގައި ތިބި އިތުރު ދެ މީހަކު ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ތިން މީހުން ވެގެން ޓޮނީ މައިތިރިކޮށްފިއެވެ. އޭރުވެސް އަޑުގައި ނެތްތަނަށް ހުތުރު އެއްޗެތި ކިޔަމުން ދިޔައެވެ.

ޑޭވިޑްގެ އަތުން ލޭފައިބަނީއެވެ. އޭނާ ޑޮކްޓަރ ސަލެމްއާ ދިމާއަށް ބަލައިލިއެވެ. "އަވަހަށް އޭނާ ހޭއަރުވާ..."

ޑޮކްޓަރ ސަލެމް އޭޝްލީއަށް ގޮވަން ފަށައިފިއެވެ. "އޭޝްލީ. . . އޭޝްލީ. . . އަޑުއަހާބަލަ- މިހާރު ބޭރަށް އަންނަންވީ- ޓޮނީ ހިނގައްޖެ- މިހާރު އެއްވެސް ނުރައްކަލެއް ނެތް- ބޭރަށް އަޔަސް އެއްވެސް ގެއްލުމެއް ނުލިބޭނެ- އޭޝްލީ- އަހަރެން ތިނަކާ ހަމައަށް ގުނާނަން-"

ކުއްލިއަކަށް އޭޝްލީގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އަރާފައި މައިތިރިވެއްޖެއެވެ. މުޅިން ހިމޭންވެއްޖެއެވެ.

"އަހަރެންގެ އަޑުއިވޭތަ-؟"

"އާނ-" މިހާރު އެ އިވެނީ އޭޝްލީގެ އަޑެވެ. އޭނާގެ އަޑުއިވެނީ ވަރަށް ދުރުންނެވެ.

"ތިނަކާ ހަމައަށް ގުނެންވާ އިރަށް އޭޝްލީ ހޭއަރާނެ- އެކެއް... ދޭއް... ތިނެއް... މިހާރު ކިހިނެއް-؟"

އޭޝްލީ ލޯހުޅުވައިލިއެވެ. "އަހަރެން ވަރުބަލިވެއްޖެ- އަހަރެން އެއްވެސް ވާހަކައެއް ދެއްކިންތަ-؟"

އިސްކިރީނު ހުދުވެއްޖެއެވެ. ފިލްމު ނިމުނީއެވެ. ޑޭވިޑް ކޮޓަރީގެ ބޮކިދިއްލައިލިއެވެ.

ބްރެނަން ބުނެލިއެވެ. "ވަރަށް ރަނގަޅު ފިލްމެއް- ވަރަށް ބޮޑަށް ފޫހިފިލައިފި- ފިލްމުގައި އުޅުނު މީހުންނަށް އޮސްކާ ލިބުން..."

ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ދިމާއަށް ވަރަށް ބާރަށް ބުނެލިއެވެ. "ހިމޭނުން ހުންނަވާ-"

ބްރެނަން ޙައިރާންވެފައި ވިލިއަމްސްއާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.