ފިޒިއޮތެރަޕީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމުން 200 އިންސައްތައަށް އެ ޚިދުމަތް ފުޅާކުރެވުނު ކަމަށް މޯލްޑިވިއަން ފިޒިއޮތެރެޕިސްޓް އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ފިޒިއެތެރެޕިސްޓް އަދި މޯލްޑިވިއަން ފިޒިއެތެރަޕީ އެސޯސިއޭޝަންގެ ރައީސް ޢާޢިޝަތު ނާޞިޙާ ވިދާޅުވީ މިހާރު ފިޒިއެތެރެޕީގެ ޚިދުމަތް ދުވާލެއްގެ މައްޗަށް 500 މީހުންނަށް ފޯރުކޮށް ދެވޭކަމަށެވެ. އަދި ދެވޭ ޚިދުމަތް މިހާރު މީހުން ބަލައިގަންނަ މީންވަރުވެސް އިތުރުވެފައވާކަން ޚިދުމަތް ހޯދާ މީހުންގެ ފާޅުކުރައްވާ ޝުޢޫރުތަކުން ފާހަގަކުރެވޭކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިހާރު އާއްމުގޮތެއްގައި ފިޒިއޮތެރަޕީގެ ކްލާސް ނުވަތަ ސެޝަންތައް ބާއްވަނީ އޮންލައިންކޮށްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބަލިމީހާގެ ޙާލަތު އެސެސްކުރުމަށްފަހު މެޝިނަރީތައް ބޭނުންކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ހޮސްޕިޓަލަށް ގެންގޮސްގެން ވެސް ފަރުވާ ދެމުންގެންދަވާކަން ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ނާރުތަކަށް ދިމާވާ މައްސަލަތަކާ ގުޅިގެން ފަރުވާ ހޯދާ މީހުންނާއި އެނޫންވެސް އާރޖެންޓްކޮށް އެފަދަ ފަރުވާ ހޯގަންޖެހޭ ބަލި މީހުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ކޮވިޑްގެ ޙާލަތުގައިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންނަށް ބެނުންވާ ފިޒިއޮތަރަޕީގެ ޚިދުމަތްތައް ކޮންމެ އޭރިއާ އަކަށް ވަކި ތެރެޕިސްޓުން ތިއްބަވައިގެން ދެއްވަމުންދާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
އައިޖީއެމްއެޗްގެ ފިޒިއޮތެރަޕިސްޓް ފިޒިތެރެޕިސްޓުންގެ ޖަމްޢިއްޔާ ގެ ނާއިބް ރައީސް ޠާރިޤް މާޖިދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ޚިދުމަތްތައް ބަދަލުވުމުން އިތުރު 31 ޚިދުމަތެއް ތަޢަރަފްކުރެވުނުކަމަށެވެ. ފަރުވާ ދިނުމަށް މިހާރު ބެނުންކުރަމުން ދަނި ވަރަށް މޮޑަން ޒަމާނާ ގުޅޭ މެޝިނަރީތައްކަމަށެވެ. އަލަށް ޤާއިމްކުރި ސެޓަޕްގައިމިހާތަނަށް ބޭނުން ކުރަން ނުފެށި ވަނީ ދެ މެޝިންކަންވެސް ފާހަގަ ކުރެއްވިއެވެ. އެ ދެ މެޝިން ބޭނުން ނުކުރެވި ވަނީ ސޮފްޓްވެއަރއެއްގެ މައްސަލައިގައިކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް އެމެޝިންގެ ޚިދުމަތްވެސް ލަސްތަކެއް ނުވެ ފޯރުކޮށްދެން ފަށާނެކަމަށް ވިދާޅުވިއެވެ.
ފިޒިއޮތެރަޕީގެ ޚިދުމަތަކުގެ ތެރޭގައި އަންހެނުންނަށް ޚާޞަ ތެރަޕީތަކާއި އިސްރަށްވެހިންނަށް ޚާޞަ ތެރަޕީތަކާއި ބުރަކަށީގެ ތަދުތަކަށް ޚާއްޞަ ތެރަޕީތަކާއި ކުޅިވަރުގެ އަނިޔާތަކަށް ޚާއްޞަ ތެރަޕީތަކާއި ސާރޖަރީއަށްފަހުދޭންޖެހޭ ތެރަޕީތަކާއި ކުޑަކުދިންނަށް ޚާއްޞަ ތެރަޕީތަކާއި ހައިޑްރޯ ތެރަޕީ ނުވަތަ ޕޫލްގެ ތެރޭގައި ނައިގައިދޭ ކްލާސްތަކުގެ ޚިދުމަތްތައް ފާހަގަ ކުރެއްވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ބާއްވާ ކްލާސްތަކާއި މާބަނޑު އަންހެނުންގެ ކްލާސްތައް ވެސް ހިމެނެއެވެ.