ދަރުމަވަންތަ ހޮސްޕިޓަލަކީ ސައްތައިން ސައްތަ ދިވެހިންގެ ފަޚްރެއްކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ނާއިންސާފެއްކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރަން ނިންމާފައި އޮތީ އައިޖީއެމް ހޮސްޕިޓަލުގެ ބައެއްގެ ގޮތުގައި ކަން މިސަރުކާރުން ކައިޑައަޅައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފައި ވަނިކޮށެވެ. ރައްޖޭގައި މިހާތަނަށް ޤާއިމުކުރި އެންމެ އުސްޢިމާރާތަށް ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ކީ ނަމަވެސް މި ސަރުކާރުން ވަނީ އެތަނުގެ ނަން ދަރުމަވަންތަ ކޮމްޕްލެސް އަށް ބަދަލު ކޮށްފައެވެ. އައިޖީއެމްއެޗުގެ ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ނަމަވެސް ކުރީ ސަރުކާރުން ޢިމާރާތްކުރި 25 ބުރީގެ މިޢިމާރާތް ރަސްމީކޮށް ނުހުޅުވުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ދައްކަން މިސަރުކާރުން މަސައްކަތް ކުރަނީ އަވަށްޓެރި ޤައުމެއްގެ ނުފޫޒުގެ ސަބަބުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުޙުމަތު ކުރައްވައިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ނަން ދަރުމަވަންތަ ކޮމްޕްލެސް އަށް ބަދަލު ކޮށްފައިވަނީ ވެސް އެނުފޫޒާ ހެދިކަމަށް އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރައްވައެވެ.
އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލެކެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރާ އަވަށްޓެރި ޤައުމަކީ އިންޑިއާކަމަށް ބެލެވެއެވެ. ކުރީ ސަރުކާރާއި އިންޑިއާ ދެމެދު މާބޮޑު ގުޅުމެއް ނެތް ކަމުގައި ވިއަސް މިސަރުކާރާއި އިންޑިއާ ދެމެދު ވަނީ ވަރަށް ގުޅުން ބަދަހިވެފައެވެ.