އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ސާފުކޮށް އެނގެން އޮތްއިރު އެފަރާތްތަކަށް ދަޢުވާ ނުކުރާތީ ކަމާބެހޭ މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލްގެ ބަހުސްކުރިއަށް ދިޔަ އިރު މެމްބަރުން އެމައްސަލައިގައި ދެއްކެވި ވާހަފުޅުތަކާ ގުޅިގެން، މަޖިލީހުގެ ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ސާފުކޮށް އެނގެން އޮތް އިރު އެފަރާތްތަކަށް ދައުވާ ނުއުފުލުމަކީ އެމަނިކުފާނަށްވެސް ހައިރާންކަން ލިބިވަޑައިގަންނަވާ ކަމެއްކަމަށެވެ.
"އަޅުގަނޑަށްވެސް ވިސްނައިގަންނަންވެސް ނޭނގޭވަރަށް އޮޅިފައި ވަނީ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންވެސް އަދި ފުލުހުންވެސް، ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނޫފުލައި މިތިއްބަވާ ސަބަބެއް. އެއީ ވަރަށް ބޮޑަށް ހުއްޓުން އަރާކަމެއް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ކަންބޮޑުވުންތަކާ ގުޅިގެން އެމައްސަލަ ބަލާ ކޮމިޝަނާއި މަޖިލީހަށްވެސް 70 ހާސް މެސެޖް މަޖިލީހުގެ ރައީސް އެރުއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ހޯއްދެވީ ކިހިނެކަމެއް ވިދާޅެއް ނުވެއެވެ. އޭގައި ހިމެނެނީ ކުރީގެ ނާއިބް ރައީސްގެ ފޯނުން އޭނާގެ ގާތް ބޭފުޅުންނަށް ކުރައްވައިފައިވާ މެސެޖްތައް ކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ނާއިބް ރައީސްގެ އިޢްތިރާފުން އެތައް ވާހަކަތަކެއް ވިދާޅުވެދެއްވައިފައިވާ ކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެވާހަކަތަކާއި ނާއިބް ރައީސްގެ ފޯނުން ލިބިފައިވާ މެސެޖްތަކާ އޮތް ގުޅުން ވެސް ވަރަށްބޮޑަށް ސާފުވާކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
"ތަޙްޤީޤީ މާހިރަކަށްވެސް، ޤާނުނީ މާހިރަކަށްވެސް ވާހަކަށް ނުޖެހޭ. ލޯހުޅުވާފައި ލޯ ލެއްޕީމާ އެނގޭހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި އަޅުގަނޑުވެސް ކަންބޮޑުވޭ ވަކި ކޮޅެއްގައި ނުޖެހިވާތީ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ނުހައްޤު މުއްސަނދިކަން ކުށަކަށް ހެދުމަށް ޤާނޫނުލް އުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުންވެސް ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި އެނޫންވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭކަމަށް ވިދާޅުވެ އޭސީސީއަށް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.