ޕަބްޖީއާއެކު ޗައިނާގެ 118 އެޕެއް އިންޑިޔާގައި ބޭނުންކުރުން މަނާކޮށްފި

ޕަބްޖީ ގޭމްގެ މަންޒަރެއް

ދެގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލައިގައި އިންޑިޔާއާއި ޗައިނާއާއި ދެމެދު މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިންޑިޔާއިން އަނެއްކާވެސް ޗައިނާގެ 118 މޯބައިލް އެޕްލިކޭޝަނެއް އެގައުމުގައި ބޭނުންކުރުން މަނާކޮށްފިއެވެ. މަނާކުރި އެޕްތަކުގެ ތެރޭގައި ގިނަ މީހުން އެއްފަހަރާ އޮންލައިންކޮށް ބައިވެރިވެގެން ގޭމް ކުޅޭ މޯބައިލް އެޕް ޕަބްޖީ (ޕްލޭޔާ އަންނޯންސް ބެޓްލް ގްރައުންޑްސް) ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް އިންފޯމޭޝަން އެންޑް ޓެކްނޮލޮޖީން ނެރުނު ބަޔާނެއްގައި ވާގޮތުން ޗައިނާގެ މޯބައިލް އެޕްލިކޭޝަންތައް މަނާކުރީ "އިންފޯމޭޝަން ޓެކްނޮލޮޖީގެ ގާނޫނުގެ 69 ވަނަ މާއްދާގެ ހ. ގެ ދަށުން"ނެވެ.

މިއެފްތަކުން "އިންޑީޔާގެ ސިޔާދަތާއި އެއްބައިވަންތަކަމަށް ނުރަކާވެ.... އިންޑިޔާ ދިފާއަށާއި، ދައުލަތުގެ ސަލާމަތަށާއި، އާއްމު މަސްލަހަތަށް" ބުރޫއަރާކަމަށްވެސް އައިޓީ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ޗައިނާގެ ޓެންސެންޓް ކުންފުނީގެ ޕަބްޖީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މޯބައިލް 5 ގޭމުގެ ތެރޭގައި ހިމެނޭ ގޭމެކެވެ. ދުނިޔޭގައި 734 މިލިއަނަށްވުރެ ގިނަ މީހުން އެ ގޭމް ޑައުންލޯޑްކޮށްފައިވާއިރު، އިންޑިޔާގައިވެސް އެ ގޭމް ކުޅޭ 50 މިލިއަން މީހުން އެބަތިއްބެވެ. ދުވަހު މަދުވެގެން 13 މިލިއަން އިންޑިޔާ މީހުން އެ ގޭމް ކުޅޭ ކަމަށް ވެއެވެ.

ފާއިތުވި ޖޫން މަހުވެސް އިންޑިޔާއިން ވަނީ ޗައިނާގެ 59 މޯބައިލް އެޕެއް މަނާކޮށްފައެވެ. އެ ފަހަރު މަނާކުރި އެޕްތަކުގެ ތެރޭގައި ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މަޝްހޫރު އެފް ޓިކްޓޮކް ވެސް ހިމެނެއެވެ.

އިންޑިޔާ ސަރުކާރުން ޗައިނާއާއި ދެކޮޅަށް އައިޓީގެ ދާއިރާއިން މި ފިޔަވަޅުތައް  އެޅިއިރު ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވެސް ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. ހިމާލަޔާ ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ ދެމެދުގައި އިއްޔެ ހިނގި ކުރިމަތިލުމެއްގައި އިންޑިޔާގެ ސްޕެޝަލް ފޯސަސްގެ އޮފިސަރަކު ވަނީ މަރުވެފައެވެ.

ހިމާލަޔާ ފަރުބަދަތަކުގެ ތެރޭގައި އޮންނަ ލަދާޚް ސަރަހައްދުގައި ގެ ގައުމުގެ ސަރަހައްދީ ރޮނގާ މެދު އުފެދިފައިވާ އަރައިރުމުގައި އިންޑިޔާއާއި ޗައިނާ ވަނީ 1962 ވަނަ އަހަރު ހަނގުރާމައެއްވެސް ކޮށްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.