ޗައިނާއަށް ދޫނުދޭން އިންޑިޔާއިން ވެސް ބްރަހްމަޕުތުރާ ހުރަސްކޮށް ޑޭމެއް ބިނާކުރަނީ

އިންޑިޔާގެ އަވަށެއްގެ ބަޔަކު ބްރަހަމްޕުތުރާ ކޯރުގައި ދަތުރުކުރަނީ

އިންޑިޔާގެ އިރުއުތުރު ސްޓޭޓެއް ކަމުގައިވާ އަރުނަޗަލް ޕްރަދޭޝައި ބްރަހްމަޕުތުރާ ކޯރު ހުރަސްކޮށް ޑޭމެއް ބިނާކުރުމާއެކު 10 ގިގަވޯޓް ހައިޑްރޯޕަވަރ (ފެނުން ހަކަތަ އުފެއްދުން) މަޝްރޫއެއް އިންޑިޔާއިން ފަށައިފިއެވެ. އިންޑިޔާއިން މި މަޝްރޫއު ކުއްލި ގޮތަކަށް ފެށީ، ބްރަހްމަޕުތުރާ ކޯރުގެ ބައެއްގައި ޑޭމެއް ބިނާކުރުމުގެ މަޝްރޫއެއް ޗައިނާއިން އިއުލާން ކޮށްފައިވާތީ ޗައިނާއަށް ދޫނުދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ޗައިނާގައި ޔަރްލުންގެ ޓްސަންގްބޯ، އިންޑިޔާގައި ބްރަހްމަޕުތުރާގެ ނަމުން ނަންދެވިފައިވާ މި ކޯރު ދެމެން ފަށަނީ ޗައިނާގެ ޓިބެޓުންނެވެ. އެއައަށް ފަހު އިންޑިޔާގެ އަރުނަޗަލް ޕްރަދޭޝްއާއި އާސާމް ސްޓޭޓް ހުރަސްކޮށް ކަނޑަށް އެޅެނީ ބަންގްލަދޭޝް އައްސޭރިންނެވެ.

އިންޑިޔާގެ މަސްއޫލުވެރިން ކަންބޮޑުވަނީ ޗައިނާގެ މަޝްރޫއުގެ ސަބަބުން އިންޑިޔާގައި ފެންބޮޑުވުމާއި، ފެންލިބުން ދަތިވުމުމުގެ މައްސަލަތައް ކުރިމަތިވެދާނެތީއެވެ.

"މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ޗައިނާގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަރުނަޗަލް ޕްރަދޭޝްގައި ބޮޑު ޑޭމެއް ބިނާކުރުން." އިންޑިޔާ ވޯޓަރ މިނިސްޓްރީގެ އިސް އޮފިޝަލަކު ކަމުގައިވާ ޓީ.އެސް. މެހެރާ ވިދާޅުވިއެވެ.

"ސަރުކާރުގެ އެންމެ މަތީ ފަންތީގައި އަހަރުމެންގެ ހުށަހެޅުން ދަނީ ދިރާސާކުރަމުން." މެހެރާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިންޑިޔާއިން ބިނާކުރާ ޑޭމުގެ ސަބަބުން އިންޑިޔާ ފަޅީގައި ފެންރައްކާ ކުރުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެއެވެ. އޭރުން ޗައިނާގެ ޑޭމުގެ ސަބަބުން އިންޑިޔާއަށް ކުރާ އަސަރު ކުޑަވާނެއެވެ.

ހުޅަނގު ހިމާލަޔާ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގި ފަހުން ދެ ގައުމުގެ ސިޔާސީ ގުޅުން ވަނީ ގޯސްވެފައެވެ. އަދި އެ ސަރަހައްދުގައި ދެ ފަރާތުންވެސް ބިނާކުރުމުގެ ވާދަވެރިކަމެއް ވަނީ ފެށިފައެވެ.

މުހައްލިލުން ދެކޭ ގޮތުގައި ބްރަހްމަޕުތުރާގައި ޑޭމް ބިނާކުރުމުގެ މަޝްރޫއުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އަނެއްކާވެސް ކުރިމަތިލުމެއް ހިނގުމަކީ ދުރުކަމެއް ނޫނެވެ. ޚާއްސަކޮށް ޗައިނާއިން ޑޭމް ބިނާކުރުމުގެ މަސައްކަތްކުރަނީ އިންޑިޔާގެ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގައި ކަމަށް ވާތީއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ހޯމަ ދުވަހު ޗައިނާއިން ބުނީ ބްރަހްމަޕުތުރާގައި ޗައިނާއިން ހިންގާ މަޝްރޫއުން 60 ގިގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ ކަމަށެވެ.

ޗައިނާއާއި އިންޑިޔާ ބްރަހްމަޕުތުރާ ހުރަސްކޮށް ޑޭމް ބިނާކުރުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމަކީ ބަންގްލަދޭޝްއެވެ.

ބަންގްލާދޭޝްގައި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ 'ރިވަރީން ޕީޕަލް' ގެ ސެކްރެޓަރީ ޖެނެރަލް ޝޭޚް  ރޮކޮން ވިދާޅުވީ ޗައިނާއިން ޑޭމް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން ކަމާ ގުޅުން ހުރި ގައުމުތަކުގެ މެދުގައި މަޝްވަރާކުރަން ޖެހޭ ކަމުގައެވެ.

"ޗައިނާއަށް ވުރެ ދަށުގައި ތިބި ގައުމުތަކަށް ކަންބޮޑުވުމުގެ ހައްގު ލިބިގެންވޭ. ކޯރުގެ ފެން ދެމިގެން އައުމަށް ހުރަސް އެޅޭނެތީ." އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.