ކަރާކޮރަމް ފަރުދަބަދަތަކުގެ ތެރޭގައި އޮންނަ ލަދާޚްގައި އިންޑިޔާާއާއި ޗައިނާއާއި ދެމެދު ދެބަސްވުން އުފެދިފައިވާ ސަރަހައްދީ ރޮނގުގެ ދެ ފަރާތުގައި ތިބި ދެ ގައުމުގެ ސިފައިން އެއްބަޔަކު އަނެއް ބަޔަކާ ދުރުކޮށް، މަސްރަހު ފިނިކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަރައިރުމާމެެދު މަޝްވަރާކުރެއްވުމަށް ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ އާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރް ބައްދަލުކުރެއްވީ މިހާރު މޮސްކޯގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޮގަނަައިޒޭޝަންގެ ޚާރިޖީ ވަޒީރުންގެ ބައްެދަލުވުމުގެ ހަވާސާގައެވެ.
"ސަރަހައްދީ ރޮނގު ކައިރީގައި މިހާރު އޮތް ހާލަތަކީ ދެ ފަރާތުންކުރެ ފަރާތަކަށް ފައިދާހުރި ހާލަތެއް ނޫންކަމުގައި ދެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގަތެވެ. އެހެންކަމުން، ދެ ގައުމުގެ ސަރަހައްދީ ސިފައިން އެބައިމީހުންގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަކަށް އެއްބަޔަކު އަނެއް ބަޔަކާ ދުރަށް ޖެހި، އެކަށީގެންވާ ދުރުމިނެއް ދެ ފަރާތުގެ މެދުގައި ބަހައްޓައި މަސްރަހު ފިނިކުރަން ޖެހޭކަމަށް އެ ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ." ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވެެއެވެ.
"މިއީ ވަރަށް ފާހަގަކުރެވޭ އެއްބަސްވުމެއް. އެހެންނަމަވެސް އަަހަރެން އަދިވެސް އުއްމީދުކުރަނީ ޖެހިލުންވުމާއެކު. ކުރިއަށް އޮތް ހަފުތާތަކާ މައްސަރުތަކުގައި ކަންކަން ވަމުންދާ ގޮތް އަހަރުމެން ބަލަން ތިބެމާ. މިކަން ވާނީ ވަރުގަދަ އިމްތިހާނަކަށް." އިންޑިޔާ-ޗައިނާ އެއްބަސްވުމާ މެދު ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ބްލޫމިންގޓަންގައި ހުންނަ އިންޑިޔާނާ ޔުނިވަސިޓީގެ ޕްރޮފެސަރ އޮފް ޕޮލިޓިކަލް ސައިންސް ސުމިތު ގަންގޫލީ ވިދާޅުވިއެވެ.
ސަރަހައްދީ ރޮނގުގެ މަސްރަހު ފިނިކުރަން ޑިޕްލޮމެޓިމް ރޮނގު އިޚްތިޔާރުކުރަން ދެ ގަައުމުން ނިންމިނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ފޭލްވެއްޖެނަމަ އަސްކަރީ ޚިޔާރަށް ތައްޔާރަށް އޮތްކަމުގެ އިންޒާރުވެސް ޗައިނާއިން ވަނީ ދީފައެވެ.
"ޑިޕްލޮމެޓިކް ގޮތުން ކުރެވޭ މަސައްކަތްތައް ފޭލްވެއްޖެ ހިނދެއްގައި، އަސްކަރީ ފިޔަވަޅުއަޅަން ޗައިނާ އޮންނަން ވާނީ ފުރިހަމައަށް ތައްޔާރަށް. އަދި ގައުމުގެ ސަރަހައްދީ ރޮނގުގެ ކުރީ ސަފުގައި ތިބި ސިފައިންގެ ކިބައިގައި ކުއްލި ހާލަތަށް އިޖާބަދިނުމުގެ ކުޅަދާނަކަމާއި، ކޮންމެ ވަގުތަކު ހަނގުރާމަކުރުމުގެ ގާބިލުކަން ހުންނަންވާނެ." ޗައިނާ ސަރުކާރުގެ ރަސްމީ ނޫހެެެއްގެ ގޮތުގައި ބެލެވޭ ގްލޯބަލް ޓައިމްސްގައި ލިޔެފައި ވެއެވެ.
ޒަމާންވީ ސަރަހައްދީ މި އަަރައިރުމުގައި 1962 ވަނަ އަހަރު ދެ ގައުމުން ހަނގުރާމައެއް ކޮށްފައި ވެއެވެ.