ޗައިނާ ސިފައިން އިންޑިޔާގެ ސަރަހައްދަށް ވަދެފައި ނުވޭ: މޯދީ

އިންޑިޔާ ބަޔަކު ޗައިނާއާ ދެކޮޅަށް މުޒާހަރާކުރަނީ

ލަދާޚްގެ ގަލްވާން ވާދީގައި ދާދި ފަހުން އިންޑިޔާއާއި ޗައިނާއާއި ދެމެދުގައި ހިނގި އަސްކަރީ ކުރިމަތިލުމުގައި ޗައިނާ ސިފައިން އިންޑިޔާގެ ސަރަހައްދަށް ވަދެފައި ނުވާކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

"އެއްވެސް ބަޔަކު އަހަރުމެންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ވަދެފައި ނުވޭ. މިހާރުވެސް އެއްވެސް ބަޔަކު އެތާނގައި ނެތް. އަދި އަހަރުމެންގެ (ސަރަހައްދު ބަލަހައްޓާ ސިފައިން ތިބި) އެއްވެސް ޕޯސްޓެއް ހިފާފައި ނުވޭ." ޓީވީ މެދުވެރިކޮށް ގައުމާ މުޚާޠަބުކުރައްވަމުން މޯޯދީ ވިދާޅުވިއެވެ.

ބޮޑު ވަޒީރު މޯދީގެ ޚިޠާބު ފޮނުވާފައި ވަނީ، ޗައިނާއާއި ކުރިމަތިލުމުގައި އެންމެންނަށް އެއްބަސްވެވޭ ސިޔާސަތެއް އެކަށައެޅުމަށްްޓަަކައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ.

"އެއްވެސް މީހަކަށް އަހަރުމެެންގެ ބިމުގެ އެންމެ އިންޗިއަކާ ދިމާއަށް ބަލާލަންވެސް ނުކެރޭ ފެންވަަރަށް މިއަދު އަހަރުމެންގެ ގައުމުގައި ބާރު އެބަހުރި." އިދިކޮޅު ލީޑަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މޯދީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިޔާއިން ބޭނުންވަނީ ސުލްހައެވެ. އެހެންނަމަވެސް، ގައުމުގެ ސިޔާދަތަކީ އެންމެ އިސްކަންދޭންޖެެހޭ މައްސަލައެެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިޔާ ގާންދީ ވަނީ އިންޑިޔާގެ ޖާސޫސީ އިދާރާތަކު މަސައްކަތާ މެދު ސުވާލު އުފައްދަވާފައެވެ. އިންޑިޔާ ސަރަހައްދާއި ކައިރިއަށް ޗައިނާއިން ސިފައިންނާއި، ހަތިޔާރު ޖަމާކުރަަމުން ދިޔަކަން ސަރުކާރަށް ނޭނގުނީ ޖާސޫސީ އިދާރާތައް ފޭލްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭނާވަނީ ޗައިނާގެ މައްސަލައިގައި އިންޑިޔާއިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވާފައެވެ.

"މި މައްސަލައިގެ ވަރަށް ގިނަ ކަންކަމާބެހޭގޮތުން އަަހަރުމެންނަށް އަދިވެސް އެއްޗެއް ނޭނގޭ." ސޯނިޔާ ވިދާޅުވިއެވެ.

އަނެއްކޮޅުން ގަލްވާން ވާދީއާމެދު ޗައިނާއިން ދައްކާ ވާހަކަތައް ހުއްޓާލުމަށް ގޮވާލައި، އެ ސަރަަަހައްދަކީ އިންޑިޔާގެ ސަަރަހައްދެއް ކަމަށް އިންޑިޔާއިން ބުނުމުން ޗައިނާއިން ވަނީ އެވާހަކައަށް ރައްދު ދީފައެވެ. އިއްޔެ ބޭޖިންގގައި ނޫސްވެރިންނަށް މައުލޫމާތުގެ ދެއްވަމުން ޗައިނާގެ ތަރުޖަމާނު ޒާއޯ ލީޖިއާން ވިދާޅުވީ ގަލްވާން ވާދީ އޮތީ ޗައިނާގެ ތެރޭގައި ކަމުގައެވެ.

"ގަލްވާން ވާދީ އޮތީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގެ ޗައިނާ ފަޅީގައި، ޗައިނާ-އިންޑިޔާ ސަރަހައްދީ ރޮނގުގެ ހުޅަނގު ފަޅީގައި. ޗައިނާގެ ބޯޑާ ގާޑުން އެސަރަހައްދުގައި ފޯރިމަރައި، ޑިއުޓި އަދާކުރަމުން ދާތާ އެތައް އަހަރެއް ވެއްޖެ." ޒާއޯ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާ ނިމެން ދަނިކޮށް ގަލްވާން ވާދީގައި އިންޑިޔާާއާއި ޗައިނާގެ ސިފައިންގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި އިންޑިޔާ ސިފައިންގެ 20 މީހުން ވަނީ މަރުވެފައެވެ. މިއީ ފާއިތުވި 45 އަހަރުގެ ތެރޭގައި ދެ ގައުުމުގެ ދެމެދުގައި ހިނގި މިފަދަ އެންެެމެ ވަރުގަދަ ކުރިމަތިލުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.